ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަށް އުޅޭ ވާހަކައާއި، ދެ މީހަކު އެއްވެ ޕާޓީ އެއް އުފައްދަން އުޅޭ ވާހަކަ އަކީ މިއަދު އައު ވާހަކަ ތަކެއް ނޫނެވެ. އެއިން ކޮންމެ ބައެއްގެވެސް ބޭނުމަކަށް ވެފައި އޮންނަނީ ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމެވެ. އެކަމާއި ހުރެ އެއްޗެއް ކެވެނީކީއެއް ނޫނެވެ. ހަމަނިދި ނިދާލެވޭ ވަރެއްވެސް ނުވެއެވެ. ހަމަ އެތޯމިތޯ ހީވަނީއެވެ. ވެރިކަމުގެ ލައްޒަތާއި އަރާމު ހުވަފެނުގައިވެސް އިޙުސާޞް ކުރެވެނީއެވެ. ރައްޔިތުމީހާގެ ޙާލާމެދު ވިސްނޭވަރުން އެހެންކަމަކާއި ވިސްނާނެ ވަގުތު ހަމަ އެއްގޮތަކަށްވެސް ނުލިބެނީއެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުމުގެ ކުރިއަށް ޖެހިލާނަމެވެ. އެއީ ކަތީބުންގެ ވެރި ކަމުގެ ދުވަސްވަރެވެ. ކޮންމެ ރަށެއްގައިވެސް ހުންނާނީ ކުޑަ ކަތީބަކާއި ބޮޑު ކަތީބެކެވެ. ބޮޑު ކަތީބަށް ބޮޑެތި ކަންތައްތަކެވެ. ކުޑަ ކަތީބަށް ކުދި ކުދި ކަންތައްތަކެވެ. ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ރައްޔިތުން އެމީހުންނާއި ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެ ރަށަކުންވެސް ފެންނަމުންދާ ރީތި އާދައެކެވެ. ރަށުގައި ބަންގި ގޮވާނެ މީހަކު ނެތްނަމަ އެކަން ކުރާނީ ދެ ކަތީބުންކުރެ ކޮންމެވެސް އެކަކެވެ. މީހަކު މަރުވެއްޖެ ނަމަ ހިނަވަން އެމީހުންނަށް އެނގޭނެއެވެ. ވާހަކަ ނުދެކެވޭ، އަނގައިން ނުބުނެވޭ ރައްޔިތަކު އެ ރަށަކު ދިރިއެއް ނޫޅޭނެއެވެ. ރައްޔިތުންގެ މަސައްކަތަކަށް ގޮވާލައިފި ނަމަ ހޭ ވައްލާ ތައްޔާރެވެ. އެކަމެއް ނުނިމެނީސް ފެންތައްޓެއްވެސް ބޯނުލާނެއެވެ. އެހާވެސް ހީވާގި ވެފަ މުރާލިވާނެއެވެ. ޤައުމުގަ ވެރިކަން ކުރަނީ ކާކުތޯ އެމީހުން ނުބަލާނެއެވެ. ރަށު ފެންވަރުގައި ކުރަންޖެހޭ ކަންކަން ހުންނާނީ ކޮށް ނިންމާފައެވެ.

ދެން، އެބުނާ ސިޔާސީ ޕާޓީތައް އުފެދި ރާއްޖެ މިހާރު މިދާ މިޞްރާބާއި މެދު ފިކުރު ހިންގާލާނަމެވެ. ރާއްޖޭގެ ވެރިއަކަށް ގެންނާނީ ކާކުތޯ ބެލުމަށް، ސިޔާސީ ޕާޓީތައް ބައިވެރިކޮށްގެން އެންމެ ފުރަތަމަ އިންތިހާބެއް ބޭއްވީ 2008 ވަނަ އަހަރުއެވެ. އެ އިންތިޙާބު ކާމިޔާބު ކުރީ ރަން ރީނދޫ ލަޝްކަރެވެ. އެކި ވަޢުދު ތަކާއި އެކު ވެރިކަމަށް އައިސް، ރާއްޖޭގެ ރަށްފުށުގެ ވެރިކަންވެސް ފުރޮޅާލީއެވެ. ކަތީބުން އެކަހެރިކޮށް، ސިޔާސީ ޕާޓީތައް ބައިވެރިވާ އިންތިހާބަކުން ހޮވާ ރަށްރަށުގެ ވެރިކަމަށް ކައުންސިލަރުން ވެސް އިސްކުރީއެވެ.

ދެން ވާންފެށީ މާ ދެރަވަރު ކަމެކެވެ. ރައްޔިތުންގެ މެދުގަ އޮތް އެކުވެރިކަން ގެއްލި ސިޔާސީ ކުލަ ޖެހި މުޅިން ވިއްސި ވިހާލިވީއެވެ. ރައްޔިތުންނަކީ އެ އިރަކު ވެރިކަން ކުރާ ޕާޓީއަކަށް ނިޞްބަތްވާ މަދު މީސް ކޮޅެކެވެ. ރީނދޫ ކުލައިގެ ވެރިކަން އޮންނަ އިރު ފިޔާތޮށި ކުލަ އޮންނަނީ ބަލަހައްޓައިގެންނެވެ. ނޫކުލަގެ ވެރިކަމެއްގައި ރަތް ކުލަ ހޯދުމަކީ ނާދިރު ކަމެކެވެ. ރަށު ތަރައްޤީއަށް ކަމެއް ކުރިއަސް ކުރަންވާނީ އެ ކުލައެއްގެ ބަޔެކެވެ. ފަސް އަހަރު ވަންދެން އެއްބަޔަކު ޗުއްޓީގައެވެ. ފަސް އަހަރު ފަހުން އަނެއްކާވެސް ތޮޅެނީ ވެރިކަމާއެވެ. ރަސްމީކޮށް މަސައްކަތަށް ނިކުންނަން ޖެހޭނީ އެއިރަކު ވެރިކަމުގަ ތިބޭ ބައެކެވެ.

ހިތާމައިގެ ކޮޅެއް ނެތެވެ. ރައްޔިތުންގެ ރޫޙު ފެންނަ އެއްވެސް ރަށެއް މިރާއްޖެ އަކު މިހާރަކު ނެތެވެ. އެމީހަކާ އެމީހެކެވެ. މަށަށް މަގޭ ޕާޓީ މީހުންނެވެ. މަށަށް މަގޭ ކުލައިގެ މީހުންނެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ އިންސާނަކީވެސް ވަކި ފިކުރެއްގެ ވަކި ޚިޔާލެއްގެ މީހެކެވެ. އެ ޚިޔާލުތަކުގައި ސިޔާސީ ކުލަ ޖެހި، އެ ކުލަތައް ، ކަރުދާސް ތަކެއްގެ ސިފައިގައި ފޮށި ފޮއްޓަށް އަޅަންވީމާ، ވާނީވެސް މިހެން ތާއެވެ.

ޤައުމުގެ ވެރިމީހާއާއި ހަމައިންފެށިގެން ރަށްރަށުގެ ވެރިންނާއި ހަމައަށް އޮތީ އެއް ޙާލެކެވެ. ރަށްރަށުގެ ވެރިކަމުގެ ނިޒާމު އަދި މާ ދޯހަޅިއެވެ. މީހަކު ނިޔާވެއްޖެ ނަމަ ހިނަވާނެ މީހަކު ގެންނަން ޖެހެނީ ރަށުން ބޭރުންނެވެ. މީހަކު ނެތް ޙާލަތެއްގައި އިމާމުވެ ނަމާދުކޮށްލާކަށް ނޭނގެއެވެ. އިލްމެއް ލިބިފައިނެތް ތާނގަ ޙިލްމެއްވެސް ނެތީއެވެ. އެކަމަކު އެންމެވެސް ބޭނުންވަނީ ޤައުމު ކުރިއެރުވުމެވެ. މި ތާނގަ ހަމަޖެހިގެން އުޅެވޭނެ ފަސޭހަ ނިޒާމެއް އޮތުމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެކަން ކުރެވޭނީ އެންމެން އެއްރޫޙެއްގައި މަސައްކަތް ކޮށްގެންނެވެ. ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ޤައުމެއްގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ. ރަށަށް އަންނަ ތަރައްޤީ ގެންނަށް ރައްޔިތުންގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ. އެހެންނޫން ނަމަ ދުވަހަކުވެސް ތިޔަ ދެކެން ބޭނުންވާ ދުވަހެއް ނުފެންނާނެއެވެ. ހަމަ ޔަޤީނުންވެސް އެކަނި އެއް ދަރުގަނޑެއް ނާނދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދް

    ދީން މަތީ އެއްބައިވެ، މި ސިޔާސީ ޕާޓީތައް އެއްލާލަންވީ

  2. ރައްޔިތު

    ރާއްޖޭގެ މިހާރުގެ ޙާލަތު ސިފަކޮށްދޭ ވަރަށް ސަޅި ލިޔުމެއް. ހުރިހާ ޝަކުވާއެއް އޮތީ ރައްޔިތުންގެ ބަހެއް ނުހޯދައި ސިޔާސީ ޕާޓީތައް ތަޢާރަފުކުރި މީހާއަށް. ރާއްޖޭގެ ޙާލަތު މިދަރަޖައަށް ދާންޖެހުނީ އެކަމުގެ ސަބަބުން.

  3. ލަ އި ޓަ ރު

    ހައި ޕްރެޝަރ ލައިޓަރެއް ބޭނުން ކޮއްލާ

  4. މަގޭ ވިސްނުން

    ޕާޓީ ނިޒާމަކީ ބަޔަކު ވެރިކަމަށް އައުމަށްޓަކާ ރޭވި ހީލައްތެރި ރޭވުމެއްގެ ދަށުން އުފެދިގެން އައި އެއްޗެކެވެ. އިނގިރޭސިން ބުނާކަމަށްވާނަމަ އެއީ ޑިވައިޑް އެންޑް ރޫލް އެވެ. މި މޭރުމުން މި ދަންނަވާލީ މިހާރުގެ ކުދިންނަށް ދޭހަކޮށްދިނުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް މިބައިމީހުންގެ މި ނުބައި ފިކުރަށް މާރީތި ކޮށްލާފައި ކިޔާ ނަމެއް އޮވެއެވެ. އާދެ އެއީ ޑިމޮކްރީސީއެވެ ކިޔާ އެއްޗެކެވެ. ކޮންމެއަކަސް މީގެން އެއްވެސް ކަމަކީ ހަޤީޤީ މާނައިގައި ކުރިއެރުމާއި ތަރައްޤީއަށް މާކަބޮޑު ފައިދާ ކުރާ ކަންކަމެއް ނޫނެވެ. ދުޢާ އަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށް އުފާ ފާގަތި ކަން އިތުރު ކޮށްދެއްވާ އަޅުގަނޑުގެ ދީނާ ވައްޓަފާޅިއާ ދުރު މިފަދަ ކަންކަމުން އެއްކިބާވެ ސާރާސަރު ސީދާ މަގު އިހުތިޔާރު ކިރުމުގެ ވިސްނުންދެއްވުމެވެ.

  5. ފޯއްބެ

    ކަތީބުންނަކީ ގަބުޅިން.. މިހާރު ތިއްބަވަނީ ބޭފުޅުން

  6. ފުނަދޫ މީހާ

    އިނގިރޭސިވިލާތުން މާމޮޅައްކިޔވާވިދާޅުވެގެން ގާދޫކޮލުން އެރި ރައްނަމާރި މިގައުމު ފިތުނަކޮއް މައިންނާ ދަރިންނާ ޖައްސާ އާއިލާތައް ވަކިވަކިކޮއް މުޅިގައުމުގަ ތަޅާފޮޅުން އިތުރުކޮއްފި މުޅިގައުމު ފަސާދަކޮއްނިއްމައިފި