1981 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އުފަންވެވަޑައިގެންނެވި މުޙައްމަދު ރަޝީދު ނުވަތަ އާއްމު ނަމުން ނަމަ، މެޓްރިކްސް މޯޑު އަކީ، ސ.ހިތަދޫ ކޯލިން ހައުސް، އިބްރާޙިމް ރަޝީދާއި، ސ.ހިތަދޫ ވެލްކަމް، އާމިނަތު ލަޠީފާ އާއި ދެބޭފުޅުންގެ ކައިވެންޏަށް ލިބިވަޑައިގެންފައިވާ 8 ކުދިންގެ ތެރެއިން، އެންމެ ދޮށީ ބޭފުޅާއެވެ. މުޙައްމަދުގެ އިތުރުން، ދެން ތިއްބެވި ހަތް ބޭފުޅުން، މުޙައްމަދު އާއި މުޚާތަބު ކުރަނީ، ބޭބެ ގެ ނަމުންނެވެ. ވަރަށް ދޭސީ އާއިލާއަކަށް އުފަން، މުޙައްމަދަކީ މިއަދު ތިން ކުދިންގެ ބައްޕައެކެވެ. ޒިންމާދާރު ފިރިއެކެވެ. އާއިލާއެއް ބަލަހައްޓަވަމުން ގެންދަވާ، ނަމޫނާ ޝަޙްޞިއްޔަތެކެވެ.

ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި، އެކި ގޮތްގޮތުން މުޙައްމަދަށް ލިބިލައްވާފައިވާ، ތަޢުލީމާއި ތަޖުރިބާގެ ޢަލީގައި މިއަދު ނިކުމެވަޑައިގެން އެ ހުންނެވީ، އުޅެ ބޮޑުވި ފަސްގަނޑަށް، ލޯބިވާ ވަޒަނަށް، އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގެ ފުރިހަމަ އުންމީދުގައެވެ. ތަރައްޤީވެފައިވާ ތަޙުޒީބު ވެއްޓެއް، ޤާއިމުކުރުމުގެ ފޮނި އުންމީދުގައެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވައިގެން އެ ހުންނެވީ، ދިވެހި ޤައުމާއި، މި ފަސްގަނޑަށް އަދާކޮށްދެއްވަންޖެހޭ މުޙިއްމު ޙައްޤުތަކެއް އަދާކޮށްދެއްވުމަށެވެ. ހިތަދޫގެ ކުރިއެރުމާއި، ކުރިމަގަށް މަސައްކަތް ކުރުމުގެ ނުގުޑާފަދަ ވަރުގަދަ ޢަޒުމާއި އެކުވެސް މެއެވެ.

މޯޑް ރަސްމިއްޔާތެއްގައި ބައިވެރިވަނީ
މޯޑް ރަސްމިއްޔާތެއްގައި ބައިވެރިވަނީ

ތަޢުލީމީ ޙަޔާތް

ތަޢުލީމީ ޙަޔާތުގެ، މުޙައްމަދުގެ ފުރަތަމަ ބިންގަލަކީ ސ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ގުރޭޑް ހަތަކާއި ހަމައަށް ކިޔަވާ ވިދާޅުވުމަށްފަހު، ސާނަވީ މަރުޙަލާ ފެއްޓެވުމުގެ ގޮތުން، ގުޅިވަޑައިގެންނެވީ، އޭރުގެ ސަދަން ސެކަންޑަރީ ސުކޫލު، މިހާރުގެ ޝަރަފުއްދީން ސުކޫލާއެވެ. ގުރޭޑް އަށެއް އަދި ނުވައެއް، އެ ސުކޫލުން ފުރިހަމަ ކުރެއްވުމަށްފަހު، ގުރޭޑް ދިހައަކަށް ދިޔަ އަހަރު އަނެއްކާވެސް އެ ސުކޫލުގެ ނަން މުޙިއްބުއްދީން ސުކޫލުގެ ނަމަށް ބަދަލުކުރިއެވެ. އެހެންކަމުން، އޯ ލެވެލް ފުރިހަމަ ކުރެއްވީ، ހިތަދޫ މުޙިއްބުއްދީން ސުކޫލުންނެވެ. ތަޢުލީމު ޙާޞިލްކުރައްވަން އުޅުއްވި ދުވަސްވަރު މުޙައްމަދު ފާހަގަކުރެވިފައިވަނީ، ކަންކަމުގައި އިސްނަގާ، ކެރޭ ދަރިވަރެއްގެ ގޮތުގައެވެ. ސުކޫލުން ރާވާ އިންތިޒާމު ކުރާ އެކި އެކި ކުޅިވަރުގެ ހަރަކާތް ތަކުގައްޔާއި، އަދަބީ ހަރަކާތްތަކުގައި މުޙައްމަދުގެ ބައިވެރިވެލެއްވުން ނުހަނު ބޮޑެވެ.

ސުކޫލުގެ ގުރޭޑް 6 ން ފެށިގެން މުޙައްމަދަކީ ޕްރިފެކްޓް އެކެވެ. އަދި ސ.އަތޮޅު ތަޢުލީމީ މަރުކަޒުގައި، ގުރޭޑް ހަތެއްގައި އުޅުއްވި އަހަރު، އޭނާ އަކީ އެ ސުކޫލުގެ ކެޕްޓަން ވެސް މެއެވެ. މީގެ އިތުރުން، ފުރަތަމަ ފަހަރަށް އައްޑޫގައި ބޭއްވި، ޓެނިސް އަދި ބާސްކެޓް ކޯޗިން ކޭމްޕްގައި މުޙައްމަދު ވަނީ ބައިވެރިވެލައްވާފައެވެ. ހަމައެހެންމެ، ގުރޭޑް އަށަކުން ފެށިގެން މުޙައްމަދަކީ، ސުކޫލު ބޭންޑްގެވެސް މެމްބަރެކެވެ.

މޯޑް ރަސްމިއްޔާތެއްގައި ބައިވެރިވަނީ
މޯޑް ރަސްމިއްޔާތެއްގައި ބައިވެރިވަނީ

މަސައްކަތްތެރިކަމާއި ހޯއްދެވި ކާމިޔާބީތައް

ތަޢުލީމީ ޙަޔާތުގައި އުޅުއްވި ދުވަސްވަރު ހޯއްދެވި ކާމިޔާބީ ތަކުގެ އިތުރުން، މަސައްކަތުގެ މައިދާނުގައިވެސް މުޙައްމަދަކީ ކާމިޔާބު ބޭފުޅެކެވެ. އެގޮތުން 2000 ވަނަ އަހަރު، އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރަން ފެއްޓެވި ކަމަކީ، އައްޑޫގައި ޓެކްސީގެ ޚިދުމަތް ދިނުމުގެ މަސައްކަތެވެ. އަމިއްލަ ވިޔަފާރިއަކަށް ވުރެ ބޮޑަށް މިކަން ކުރައްވާފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތެއްގެ ގޮތުގައެވެ. ޓެކްސީގައި މަސައްކަތް ކުރައްވަމުން، އިތުރަށް މުޙައްމަދުގެ ވިސްނުން ގެންގުޅުއްވީ، އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ އެހެން ކޮންމެވެސް ޚިދުމަތެއް، ފަސޭހައިން ލިބޭނެ އިންތިޒާމެއް ޤާއިމުކޮށްދެއްވުމަށެވެ. އެގޮތުން، "ރިއަލިންގްސް ޓްރެވަލްސް" ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، ޓްރާންސް މޯލްޑިވްސް އެއާރވޭސްގެ ޓިކެޓް، ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވިއެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން، ޓީ.އެމް.އޭ ގެ ޚިދުމަތްދިނުން ހުއްޓާލުމާއި ގުޅިގެން، މޯލްޑިވިއަން ގެ ޓިކެޓް ފަސޭހައިން ލިބޭނެ އިންތިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދެއްވަން ފެއްޓެވިއެވެ.

މީގެއިތުރުން، އައްޑޫގައި ފުރަތަމަ ފަހަރަށް، ސްޓޭޝަނަރީ ފިހާރައެއްގެ ޚިދުމަތް ދޭން ފެށީވެސް މުޙައްމަދު އިސްކޮށް ހުންނަވައެވެ. "މެޓްރިކްސް" ގެ ނަމުގައި ފެށި މި އާއިލީ ވިޔަފާރި އަކީވެސް، އައްޑޫގައި ހިންގި ކާމިޔާބު ވިޔަފާރި އެކެވެ. މެޓްރިކްސް މޯޑު ގެ ނަމުން، މުޙައްމަދު މަޝްޙޫރު ވީ ވެސް، މި ވިޔަފާރި އާއި ގުޅިގެންނެވެ.

ހަމައެހެންމެ، 2015 ވަނަ އަހަރުގެ ޖެނުއަރީ 27 ން ފެށިގެން، 2018 ޖެނުއަރީ 17 ގެ ނިޔަލަށް، ހިތަދޫ ޕޯޓު ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުވެސް ފުރުއްވާފައި ވެއެވެ. އަދި އެ މަސައްކަތުގެ ތެރެއިން، އައްޑޫގެ ދަތުރު ފަތުރު ތަކަށް ބޮޑު އިންޤިލާބެއް ގެނުވިއެވެ. އަދި ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ޚިދުމަތް ލިބޭނެ ވަޞީލަތްތައް ޤާއިމުކޮށްދެއްވިއެވެ.

މޯޑް އޮފީސް މަސައްކަތެއްގައި
މޯޑް އޮފީސް މަސައްކަތެއްގައި

އިޖްތިމާޢީ ޙިދުމަތް

އައްޑޫގެ ރައްޔިތުންގެ މެދުގައި، އަދި ޚާއްޞަކޮށް، ހިތަދޫގެ ޒުވާނުންގެ މެދުގައި މުޙައްމަދަކީ ވަރަށް މަޤުބޫލު ޝަޙުޞިއްޔަތެކެވެ. މީހުންނަށް ދިމާވާ އެކި އެކި ދަތިތައް ފިލުވައިދެއްވުމާއި، މީހުންނަށް އަޅާލާ އޯގާތެރިކަމާއި އެކު ކަންކަން ކޮށްދެއްވުމާއި، އެކި އެކި ބަލިތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުންނަށް އެކަމުން އަރައިގަތުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ މުޙައްމަދު އަބަދުވެސް ކުރައްވާ ކަންތައްތަކެވެ. މީގެ އިތުރުން، އިޖްތިމާޢީ ގޮތުން، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި، ވަޒީފާގެ އެކި އެކި ފުރުޞަތުތައް ހޯއްދަވައިދެއްވުމާއި، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް ވަނީ މަސައްކަތް ތަކެއް ކުރައްވާފައެވެ. އަދި ފެއްޓެވި ވިޔަފާރި ތަކުގެ ތެރެއިން، އައްޑޫއަށް ނިޞްބަތްވާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމާއި، އެމީހުންނަށް ކުރިއަށްދެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުމުގެ މަސައްކަތްވެސް ގެންދެވީ ކުރައްވަމުންނެވެ.

ސިޔާސީ ކުރިމަގު

މުޙައްމަދު ވަނީ ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ކުރައްވާފައެވެ. ހިތަދޫ މެދު ދާއިރާ ތަމްޞީލްކުރެއްވުމަށް، އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމް.ޑީ.ޕީ ޓިކެޓުގައި ނިކުމެވަޑައިގެންނެވެ. މުޙައްމަދުގެ އިތުރުން އެ އިންތިޙާބަށް ކުރިމަތިލެއްވި އަށް ބޭފުޅުންނާއި ވާދަކޮށް، އެ އިންތިޚާބު ކާމިޔާބު ކުރުން ވެގެން ދިޔައީ މުޙައްމަދުގެ ސިޔާސީ ޙަޔާތުގެ ފެށުން ކަމުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު، މުޙައްމަދަކީ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ގެ ރައީސް ވެސް މެއެވެ. 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމާއި އެކު ޖެހިގެން އައި 2013 ގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރެއްވިއެވެ. އަދި ކެމްޕެއިންގެ އެކި އެކި ޓީމު ތަކާއި އެކު، ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރު ކުރެއްވިއެވެ. ނަމަވެސް އެ އަހަރުގެ އިންތިޚާބުން އެމްޑީޕީ ނާކާނިޔާބު ވުމާއި ގުޅިގެން، ކުރިއަށް އޮތް ތަނުގައިވެސް އައްޑޫއަށް ގެނެސްދެން ބޭނުންފުޅުވެލައްވާ ތަރައްޤީއާއި ކުރިއެރުމަށްޓަކައި، 2013 ވަނަ އުފެދުނު، ރައީސް ޔާމީންގެ ސަރުކާރާއި އެކު މަސައްކަތް ކުރަން ފެއްޓެވިއެވެ.

މޯޑް މުބާރާތެއް ކާމިޔާބު ކުރުމަށް ފަހު އޭނާގެ ޓީމާއި އެކު ފޮޓޯއަކަށް ހުއްޓިގެން
މޯޑް މުބާރާތެއް ކާމިޔާބު ކުރުމަށް ފަހު އޭނާގެ ޓީމާއި އެކު ފޮޓޯއަކަށް ހުއްޓިގެން

ތަރައްޤީއާއި ކުރިއެރުން ގެނެވޭނީ އެ އިރެއްގަ އޮންނަ ސަރުކާރަކަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވައިގެން ކަމަށް، މުޙައްމަދު ދެކެވަޑައިގަންނަވައެވެ. އަދި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ފަރާތަކީވެސް، އެ ދާއިރާގެ މަޖިލިސް މެމްބަރު ކަމުގެ މަޤާމުގައި ހުންނަ ފަރާތްކަންވެސް ޤަބޫލުފުޅު ކުރައްވައެވެ. އައްޑޫ އަށް އުފަން އައްޑޫގެ ދަރިން، އެބޭފުޅުން ނިޞްވަތްވެވަޑައިގަންނަވާ ދާއިރާތަކަށް ތަކަށް މިހާތަނަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައްވެސް މުޙައްމަދު ފާހަގަކުރައްވައެވެ.

ނަމަވެސް، ސިޔާސީ އެކި އެކި ސަބަބުތަކާއި ހުރެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުޙައްމަދު ވާދަކުރައްވަނީ އަމިއްލަ ޙައިޞިއްޔަތުންނެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެ، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ. ރައްޔިތުން އެދޭ ގޮތަށް، އެއްވެސް މަޖުބޫރުކަމެއް ނެތި، ރައްޔިތުންނާއި ގުޅޭ ޤާނޫނުތަކަށް ފުރިހަމަ އަށް ވަކާލާތުކޮށް، ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމަށެވެ. މުޙައްމަދު އުޅެ ބޮޑުވީ ހިތަދޫގައެވެ. މިހާރުވެސް ދިރިއުޅުންވަމުން ގެންދަވަނީ، ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނާއި އެކުގައެވެ. އެހެންކަމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ވެއްޖެނަމަ، މުޙައްމަދު ވެގެންވާނީ، ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ ފަރާތުން އިންތިޚާބުވި، ރައްޔިތުންގެ އަޑު އުފުލާނެ، ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށްދޭނެ، ރައްޔިތުންގެ މެމްބަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަސްލަމް

  މިފަރުވެސްސޮރީއޭދެންނެވޭނީވ.ސަލާމް

  8
  1
 2. އަހުސަން

  މި މޯޑަކީ ފިތުނަ ހަދާ އަމިއްލަ އެދުމުން ފޯވެފަ ވާމީހެއް. ހުޅުޖެހި މައްސަލަ ގައި ހުކުމެއް އައިސްދާނެކަމުގެ ބިރަށް މާ ޕީޕީ އެމް ވެގެން އުޅުނު. އެކަމަކުވެސް މިދިޔަ އިންތިޚާބުގަ ރައީސް ޔާމީނަށް ދިނީ ދޯކަ

  9
  2
 3. މަ

  ވަރަށް މަސައްކަތް ކޮއްދިންވިޔާ ކުރިންވެސް... މޮޅެތި ވާހަކަ ދައްކާތި !!

  8
  2
 4. އަޙްމަދު

  ނުހޮވޭނެ. ކޮންމެވެސް އެހެން ކަމާކާ އުޅެންވީ!

  3
  1