މުޅި ރާއްޖެ އޭގެ ނަފާ ހޯދާ ޓޫރިޒަމް ހދ.އަތޮޅުގައި ނެތުމަކީ ވައިކަރަދޫއަށް އުފަން ހުސެއިން ޘަގީފަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ. އެހާހިސާބުން އޭނާ މަސައްކަތް ފެށި އެވެ. ގިނަ ބަޔަކަށް ޘަގީފު އެނގިގެން ދިޔައީ ތިލަދުންމައްޗަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން އޭނާ އިސްވެ މަސައްކަތް ފެށި ހިސާބުންނެވެ. އިތުރު ކަންކަން ހައްލު ކުރުމަށް މިއަދު އޭނާ ކުރިމަތި ލަށްވާފައިވަނީ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށެވެ. އޭނާ އަކީ ސަރުކާރާ ގުޅިގެން ދާއިރާ ތަރައްގީ ކުރުމަށް އަދާލަތު ޕާޓީން އެ ދާއިރާއަށް ވާދަ ކުރައްވާ ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓެވެ.

އަތޮޅަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އަތޮޅު ކައުންސިލްގެ މެމްބަރުގެ އިތުރުން އެ ކައުންސިލްގެ ރައީސްކަން އޭނާ ވަނީ ކުރައްވާފަ އެވެ. އެތައް ތަޖުރިބާއަކާއެކު ޘަގީފު ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ކުރިންވެސް އެއީ ދާއިރާއަށް ފަރިތަ މޫނެކެވެ. ދާއިރާގެ އިތުރުން އަތޮޅުގެ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގައި ހަރަކާތެރިވާ ޘަގީފު ރައްޔިތުންގެ މަޖިލީހަށް ނުކުންނަވަނީ "ތިލަދުންމަތީ ފިކުރު" މި ޝިޔާރުގެ ދަށުންނެވެ.

ޘަގީފް ޖަލްސާއެއްގައި
ޘަގީފް ޖަލްސާއެއްގައި

ޘަގީފަކީ ވައިކަރަދޫ ނައިބު ދޮންހުސޭނާއި ކުމުންދޫ ކަތްދަގެ ދަރި، އިހްސާން ހުސެއިން އަދި ވައިކަރަދޫ ކަނބުރު ކުޑަ އަލީއާއި، ފާތުމަގެ ދަރި ވައިކަރަދޫ ޝަފީގާ އަލީގެ ހަތް ކުދިންގެ ތެރެއިން ހަތަރު ވަނަ ދަރިއެވެ. ވައިކަރަދޫ މަރިޔަމް ނަޒީމާ އާ ކައިވެނި ކުރައްވައިގެން އުޅުއްވާ ޘަގީފަކީ ދެ ކުދިންގެ ބައްޕައެކެވެ.

ތަޢުލީމީ ޙަޔާތް

ޘަގީފުގެ ތައުލީމީ ހަޔާތުގެ ފެށުމަކީ ހދ އަތޮޅު މަދަރުސާ އެވެ. މަދަރުސީ ދައުރުގައިވެސް ޘަގީފު ފާހަގަވެގެން ދިޔައީ ހީވާގި ހަރަކާތްތެރި ދަރިވަރެއްގެ ގޮތުގައެވެ. ދަރިވަރުންގެ ތެރޭގައި ނަގާކިޔާ ކުއްޖެއްގެ ގޮތުގަ އެވެ. ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތްތަކުގައިވެސް އޭނާއަކީ ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ހދ އަތޮޅު މަދަރުސާއިން ގްރޭޑް 10 ނިންމާލުމަށްފަހު، އިތުރަށް ކިޔެވުމަށް ޘަޤީފު މާލެއަށް ހިޖުރަކުރިއެވެ. ކުޑައިރުން ސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި "އައިޓީ" ދާއިރާއިން ކުރިއަށް ދިއުމަށް އޭނާ ވަނީ ސައިރިކްސް ކޮލެޖުން އެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފަ އެވެ.

މަސައްކަތުގެ ތަޖުރިބާ

ނަމޫނާ ހީވާގި ބޭފުޅެކެވެ. އެންމެ ކުޑައިރުން ސުރެ އެކަން ގޭތެރެއިންވެސް ފާހަގަވެފައިވެ އެވެ. ދޮންނަ މެޝިން ހަލާކުވެއްޖެނަމަ އޭނަ އޮންނާނީ އެޔަށް އެރިގެން މެޝިން ހަދާށެވެ. ޓީވީ ހަލާކުވެއްޖެނަމަ އަވެދިނެތި އުޅޭނީ އެ ޓީވީ ހަދާށެވެ. އެކަން ކާމިޔާބުކޮށްފައި ނޫނީ ހުއްޓާ ނުލަ އެވެ.

ވަޒީފާއަށް ފުރަތަމަވެސް އޭނާ ގުޅުނީ މާލޭގައި ހުންނަ ވައިކަރަދޫ މީހެއްގެ ކޮމްޕިއުޓަރު ފިހާރައަކާ އެވެ. އެތަނުގައި އަހަރެއްހާ ދުވަހު މަސައްކަތްކުރުމަށްފަހު ދެން ގުޅުނީ "ކްލިކް ކޮމްޕިއުޓާރސް"ގެ އައިޓީ ޓެކްނީޝަނެއްގެ ވަޒީފާއާ އެވެ. އަދި އޭގެ ފަހުގައި "ޒިއޯން ކޮމްޕިއުޓާރސް" ގެ ސީނިއާ ޓެކްނީޝަނަކަށް ބަދަލުވިއެވެ.

ދެން އޭނާ ހޮސްޕިޓާލިޓީ ދާއިރާއަށް ބަދަލުވިއެވެ. ފުރަތަމަ ފުރީ މައިނާ އިންޓަނޭޝަނަލްއިން ހިންގާ "އަނަންތަރ ދިގު" ރަށުގެ އައިޓީ އެސިސްޓެންޓްގެ މަގާމެވެ. އެރިސޯޓްގައި ދެ އަހަރު މަސައްކަތް ކުރެއްވިއިރު، "އަނަންތަރަ ކިހާވަށް" ރިޒޯޓްގެ ޕްރީ އޯޕަނިންގގެ މަސައްކަތަށް ދާން ފުރުސަތު ލިބުނެވެ. އެއަށްފަހު ދުސިތް އިންޓަނޭޝަނަލްއިން ހިންގާ "ދުސިތު ތާނީ މޯލްޑިވްސް" ރިޒޯޓުގެ އައިޓީ އޮފިސަރެއްގެ މަގާމަށް ބަދަލުވީވެސް އެރިސޯޓްގެ ޕްރީ އޯޕަނިން އަށެވެ. އެތަނުގައި ދެ އަހަރު މަސައްކަތްކުރުމަށްފަހު އެރިޒޯޓުގެ އައިޓީ މެނޭޖަރެއްގެ މަގާމަށް ޕްރޮމޯޓްވިއެވެ.

ޓީސްމިކް އިންޓަނޭޝަނަލްއިން ހިންގާ "ފިނޮޅު މޯލްޑިވްސް" ރިސޯޓުގެ ޕްރީ އޯޕަނިން ޓީމުގެ އައިޓީ ސުޕަވައިޒަރެއްގެ މަގާމަށް ގުޅުނެވެ. އޭގެ ފަހުން މަސައްކަތް ކުރީ "ސޮނޭވާ ގިލި" ރިޒޯޓްގައެވެ. އަދި އެންމެފަހުން ވަޒީފާ އަދާކުރީ ރަޝިޔާގެ އިންޓަނޭޝަނަލް ކުންފުންޏެއްކަމުގައިވާ "އެޗްއާރުއެސް އިންޓަނޭޝަނަލް"ގެ އޮޕެރާ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.

ތަފާތު އެތައް ހުނަރެއްގެ ވެރި، ޘަގީފު އަކީ ނޫސްވެރިއެކެވެ. ނޫސްވެރިކަމުގެ ހަޔާތުގެ ފެށުމަކީވެސް ރަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމެވެ. އޭނާ ނޫސްވެރިކަން ފެށީ "ވައިކަރަދޫ ލައިވް" ވެބްސައިޓުންނެވެ. ފަހުން އުފެއްދި "ބީފަނަރަ.އެމްވީ" ނޫހުގެ ކޯ ފައުންޑަރަކީ ވެސް ޘަގީފުއެވެ. އަދި މީގެ އިތުރުން ސަންދާނު މަޖައްލާ އާއި ދިއިސްލާމް މަޖައްލާގެ އައިޓީ ކޮލަމިސްޓެއްގެ ގޮތުގައިވެސް ލިޔުންތައް ލިޔުއްވާފައިވެއެވެ.

ލިޔުއްވުމުގެ އިތުރުން މައްސަލަތައް ހައްލު ކުރުމުގައިވެސް ޘަގީފުގެ ނަމަކީ ނޫސްތަކަށްވެސް އާ ނަމެއް ނޫނެވެ. އެއީ ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދާ ނަމެކެވެ. އަތޮޅު ކައުންސިލުގައި ޘަގީފު މަސައްކަތްކުރިއިރުވެސް ނޫސްތަކުގެ ސުރުހީތަކަށް ޘަގީފުގެ ވާހަކަތައް އަރާފައިވެއެވެ.

އަތޮޅަށް ބޭނުންވާ ކަންކަން ނުވާތީ އިހުތިޖާޖު ކުރުމުގެ ގޮތުން "އިސްތިއުފާ ދިން" ޚަބަރުވެސް ބޮޑެތި ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދިއެވެ. އަދި އަތޮޅު ކައުންސިލުން ވަކިވުމަށްފަހުގައިވެސް ހދ އަތޮޅުގެ ފަތުރުވެރިކަން ނާންނަ މައްސަލާގައި ވަކާލާތުކުރުމުގެ ސަބަބުން އެވާހަކަތައް ނޫސްތަކުގައި ޖެހިއެވެ. އެހެންކަމުން ޘަގީފަކީ މީޑިއާ އާއި ވަރަށް ގާތް ބޭފުޅެކެވެ.

ތާރީހީ ކަންކަމަށް ހުންނަ ޝައުގެއްގެ ސަބަބުން ވައިކަރަދޫގެ ޒުވާނުންތަކާއި އެކު ޘަގީފްމެން ވަނީ "ތުންތުންމަތިން ވައކަރަދޫގެ ތާރީޚް"ގެ ނަމުގައި ޑޮކިއުމެންޓްރީއެއް ހަދާފައެވެ. އެކުގައި އުޅުން ރަހުމަތްތެރިންނާއި އެކު ކުރި މިމަސައްކަތް ވަނީ ސީޑީއެއްގެ ސިފައިގައި ނެރެ ޢާންމުކޮށްފައެވެ. އަދި ހެރިޓޭޖް ޑިޕާރޓްމަންޓަށްވެސް މިސީޑީ ވަނީ ހަދިޔާކޮށްފައެވެ.

ޡަގީފްގެ ކެމްޕެއިންގެ ތެރެއިން
ޡަގީފްގެ ކެމްޕެއިންގެ ތެރެއިން

ސިޔާސީ ކުރިމަގު

ޕީޕީއެމް ޓިކެޓުގައި އަތޮޅު ކައުންސިލް އިންތިޚާބު ކާމިޔާބު ކުރައްވައި ސިޔާސީ ދާއިރާއަށް ރަސްމީކޮށް ޘަގީފު ނުކުންނެވީ ބޮޑެތި ގޮންޖެހުންތަކާ އެކުއެވެ. ހދ އަތޮޅު ކައުންސިލަށް އިންތިހާބު ވުމަށްފަހު، އަތޮޅަށް ޚިދުމަތް ކުރުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. ޕީޕީއެމްގެ އަތޮޅު ކައުންސިލަރެއްގެ ގޮތުގައި ހުރެ ސަރުކާރުގެ ތެރެއިން އެއްބާރުލުން ނުލިބި ކުރިމަތިވި އެތައް ދަތިތަކެއް ހައްލުކުރަން ކުރި މަސައްކަތްތައް ކާމިޔާބު ނުވުމުގެ ސަބަބުން އެކަމާއި އިހުތިޖާޖު ކުރުމުގެ ގޮތުން ޘަގީފު އަތޮޅު ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާދިނެވެ. އެދުވަހުސް މަގާމަށް ވުރެ އޭނާ އިސްކުރެއްވީ ރައްޔިތުންގެ މަސްލަހަތެވެ.

އަތޮޅު ކައުންސިލް މެމްބަރުކަމަށްފަހުވެސް ޘަގީފު ވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގައި މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކެމްޕޭން ކުރުމުގައި ޢަމަލީގޮތުން އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. ޢަދާލަތު ޕާޓީއިން ކުރިއަށްގެންދިޔަ ކެމްޕޭންތަކުގައި ޘަގީފު ބައިވެރިވެފައިވާއިރު ހދ އަތޮޅަށް ކުރި ކެމްޕޭން ދަތުރުގައިވެސް އޭނާ ބައިވެރިވެފައިވެއެވެ. ޘަގީފު ގިނަ ބަޔަކަށް ފާހަގަ ވެފައިވަނީ ސޯޝަލް މީޑިއާގައި ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ބަސްބުނާ ކެރޭ މީހެއްގެ ގޮތުގައެވެ.

ޡަގީފަށް ޓިކެޓް ހަވާލުކޮށްދެއްވަނީ
ޡަގީފަށް ޓިކެޓް ހަވާލުކޮށްދެއްވަނީ

ހޯއްދަވާފައިވާ ކާމިޔާބީތަކާއި ޤައުމީ ޚިދުމަތް

އިޖުތިމާއީ ހިދުމަތުގައިވެސް އޭނާ އަންނަނީ ނަމޫނާ ދައްކަވަމުންނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެންނެވެ. ހދ އަތޮޅު ޤުރުއާން މުބާރާތް ޑިޖިޓަލްކޮށް، ފެންވަރު ރަނގަޅު ކުރުމަކީ އޭނާގެ އިޖުތިމާއީ ހިދުމަތްތަކުގެ ތެރެއިން ފާހަގަ ކުރެވޭ އެއް ކަމެވެ. ތިލަދުންމަތި ބާރުވެރިކުރުމަށް އަޑުއުފުލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އޭގެތެރޭގައި ހދ އަތޮޅުން ޕާސްޕޯޓު ލިބޭނެގޮތް ހެދުމާއި އަތޮޅުގެ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ތިލަދެކުނު ސަރަފްވެރިކަމުގެ އެވޯޑް ބާއްވާން ފެށުމާއި ލޭ ހަދިޔާ ކުރާ ދަފްތަރެއް އެކުލަވާލެވުމާއި ވައިކަރަމުރައިދޫގެ އެއްފަޅި ޕިކްނިޕްއަށް ބޭނުން ކުރެވޭނެ ގޮތް ހަދަން ކުރެވުނު ބުރަ މަސައްކަތުގައި އޭނާގެ ހިއްސާ ބޮޑެވެ.

މުޅި ރާއްޖޭގެ ސަމާލުކަން ގެނައުމަށް "ޓޫރިޒަމް ނެތް ހދ" ކެންޕޭނުގައި މުހިންމު ރޯލެއް އަދާކުރުމާއި އަތޮޅު ޓޫރިޒަމް މާކެޓް ކުރުމަށް ޑޮކިއުމެންޓްރީއެއްގެ މަސައްކަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އަދި މީގެ އިތުރުން ހދ އަތޮޅުގައި މިނިވަން50 ގެ ހަރަކާތްތައް ހިންގުމާއި ހދ އަތޮޅު ޕުޓްބޯޅަ މުބާރާތުގެ ކޯޑިނޭޓަރުކަން ޘަގީފު ކުރައްވާފައިވެ އެވެ.

ޘަގީފު އަތޮޅު ކައުންސިލަށް ކުރިމަތިލީ ވަރަށް ބޮޑު އުންމީދު ތަކާއި އެކުގައެވެ. ޓޫރިޒަމް ގެންނަން ކުރެވުނު ހުރިހާކަމެއް ފެނަށް ދުއްވާލާ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުން، އެކަމާއި ދެކޮޅަށް ޘަގީފު އަޑު އުފުލިއެވެ. މިކަންކަން މިހެން ހުރުމުން "ކޮންމެ ދުވަހަކު އޮފީހަށް ނިކުމެ އިނގިލިޖަހާލައިގެން ކަމެއް ނުކުރެވި މުސާރަ ނަގައިގެން ހުންނަން ޒަމީރު ގަބޫލު ނުކުރެއޭ" ބުނެ އިސްތިއުފާ ދެއްވީ އެވެ. ކައުންސިލުން އިސްތިއުފާ ދެއްވީ ކައުންސިލް ދައުރުގައި ބާކީއޮތް 6 މަސްދުވަހު ދައުލަތައް 90000 ރުފިޔާ ސަލާމަތްވުމީ އެވަގުތަށް ކުރެވޭނެ އެންމެ މުހިންމުކަން ކަމުގައިދެކޭތީއެވެ. ކައުންސިލްގެ ފަހު ދައުރުގައިވެސް 80 އިންސައްތަ ހާޒިރީ އަކާއެކު އޭނާ ނަމޫނާ ދެއްކިއެވެ.

ޡަގީފްގެ ކެމްޕެއިންގެ ތެރެއިން
ޡަގީފްގެ ކެމްޕެއިންގެ ތެރެއިން

އިސްތިއުފާ ދެއްވުމަށްފަހުގައިވެސް ދާއިރާގެ ހާލަތު ސަމާލުކަން ގެނައުމަށް ހުއްޓުމެއް ނެތި ވަކާލާތުކޮށް މަސައްކަތް ކުރެއްވި އެވެ. މިއަދުވެސް ޘަގީފު ގަބޫލު ކުރާ ހަގީގަތަކީ އެބައެއްގެ ހާލަތު އެބަޔަކު ނޫޅުނު ވަރަކުން ބަދަލު ނުވާނެކަމެވެ. މިއަދުގެ ހާލަތު ބަދަލުކުރެވޭ ފަދަ ބަދަލުތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކަށް އަންނަން ޖެހޭކަންވެސް އޭނާ ގަބޫލުކުރެއެވެ. ޝަގީފް މިއަދު ނިކުމެ އެހުރީ ތިޔަ ރައްޔިތުންނާ އެކު އެ ހާލަތު ބަދަލުކުރުމަށެވެ.

ތިލަދުންމަތީ ހުސެއިން ޘަގީފު ވައިކަރަދޫ ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާފައިވަނީ ޢަދާލަތު ޕާޓީގެ ޓިކެޓްގައެވެ. ޘަގީފަކީ އެދާއިރާއަށް ކުރިމަތިލައިގެން ތިބި ބޭފުޅުންގެ ތެރެއިން އެންމެ ޒުވާން އަދި އެންމެ ތަޖުރިބާހުރި ކެނޑިޑޭޓެވެ. ޘަގީގުގެ ކެނޑިޑޭޓް ނަންބަރަކީ 2 އެކެވެ.