ނިމިގެންމިދާ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރިހާ ގޮތަކުންވެސް އެންމެ ފާހަގަކޮށްލެވޭ މެމްބަރަކީ ޖަމީލު އުޘްމާން ކަމާއި މެދު އެ ދާއިރާގެ އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ޖަމީލް ވުމުގެ ކުރިން، ގެމަނަފުށީ ދާއިރާގެ އަޑަކީ މަޖިލިސް ތެރޭގައި އިވޭ އަޑެއް ނޫނެވެ. ނަމަވެސް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ޖަމީލް އިންތިޚާބުވެ، މަޖިލިސް ތެރޭގައި އެ ދާއިރާގެ އަޑު ވަނީ ގުގުމާލާފައެވެ. ރައްޔިތުންނާއި ގުޅޭ ބިލްތައް މަޖިލީހަށް ހުށަހެޅި، އެ ބިލްތަކަށް ބަހުސް ކުރުމަށް ހުޅުވާލާ ފުރުޞަތުތަކުގައިވެސް ޖަމީލް ވަނީ ޢިލްމީ ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

ހާޟިރީއަށް ބެލިކަމުގައި ވިޔަސް، ޖަމީލް އަކީ ފާހަގަކޮށްލެވޭ މެމްބަރެކެވެ. ގާތްގަނޑަކަށް ހުރިހާ ޖަލްސާ އަކަށްވެސް ޖަމީލް ވަނީ ހާޟިރުވެވަޑައިގެންފައެވެ. ރަސްމީ މަސައްކަތެއް އޮންނަ މަދު ދުވަހެއް ފިޔަވާ ހުރިހާ ދުވަހަކުވެސް މަޖިލީހަށް ވަޑައިގެން ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ޖަމީލް ވަނީ ވަކާލާތު ކުރައްވާފައެވެ.

ގެމަނަފުށީގައި ޒަމާނީ ބޮޑު ބަނދަރެއް ހައްދަވައި، ދެއްވަދޫ ބަނދަރާއި ކޮނޑޭ ބަނދަރުވެސް ވަނީ ނިންމަވައިދެއްވާފައެވެ. ހަމައެހެންމެ، ކަނޑުހުޅުދޫ ބަނދަރުގެ ބޭރު ތޮށި ނިމި، އެއްގަމު ތޮށީގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ.

މަޖިލީހަށް ހުށަހެޅޭ އެކި ބިލްތަކަށް ވަކާލާތު ކުރެއްވުމާއި، އެކި ކަހަލަ އިލްމީ ބަހުސް ތަކުގައި ޖަމީލް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން، ބަޖެޓް ކޮމެޓީގައިވެސް އެންމެ ގިނަ ދުވަސް ވަންދެން މެދުނުކެނޑި މަސައްކަތްކުރެއްވި މެމްބަރުންގެ ތެރޭގައި ޖަމީލް ހިމެނިވަޑައިގަންނަވައެވެ.

ހަމައެހެންމެ، ޕާޓީ ބަދަލުކުރުމާއި، ރިޝްވަތުގެ އެކި އެކި ތުޙުމަތުތައް އެކި މެމްބަރުންނަށް ކުރެވެމުންދާއިރިވެސް، ޖަމީލް އަކީ އެއިން އެއްވެސް ކަހަލަ ތުޙުމަތުތަކެއް ކުރެވުނު މެމްބަރެއް ނޫނެވެ. ފަސްބައި ސާފު މެމްބަރެއްގެ ގޮތުގައި ދަޢުރު ނިމެން ގާތްވެފައިވާއިރު، ދާއިރާއަށް ވަޑައިގެން، ޖުމްލަ ފަނަރަ ފަހަރު ދާއިރާގެ ހުރިހާ ގޭގެއަށް ޒިޔާރަތްކުރެއްވި ކުރެއްވުންވެސް އަންގައިދެނީ، ދާއިރާގެ ރައްޔިތުންނާއި މެދު ޖަމީލްގެ ހިތްޕުޅުގައިވާ ގާތްކަމެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގެމަނަފުށި ދާއިރާއަށް ޖަމީލް ކުރިމަތިލައްވަނީ އަމިއްލަ ގޮތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.