އަށާރަ ވަނަ ރައްޔިތުން މަޖިލީހުގައި އެންމެ ނަން ހިނގާ އެންމެ ވަރުގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ހިމެނެއެވެ. އަދުރޭގެ ދުލާއި ގަލަން ހިނގަނީ އެއްވަރަކަށެވެ. އިބާރާތްތަކުގެ ފަށުއިކަން ގަދަވެފައި ސިޔާސީ ވެއްޓަށްވެސް ފަރިތަފުޅެވެ. އަދުރޭ އަކީ ސިޔާސީ މައިދާނުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ ލޯތްބާއި ނަފުރަތުވެސް ދާދި އެއް ހަމަ އެއްގައި ހޯދި ލީޑަރުންގެ ތެރެއިން ލީޑަރެކެވެ.

ފޮނަދޫ ދާއިރާގެ ގޮނޑި ދެ ފަހަރަށް ކާމިޔާބުކުރައްވާ ތިންވަނަ ފަހަރަށް އެ ގޮނޑި "މިލްކް" ކުރަން މިފަހަރުގެ މަޖިލިސް އިންތިހާބުގައި ނުކުތް ނުކުތުން އެ ދާއިރާގެ ރައްޔިތުން މިވަނީ ފެއިލްކޮށްލާފައެވެ. އަދުރޭ ފަދަ ސިޔާސީ މައިދާނަށް ފަރިތަ ބޭފުޅެއްގެ ގޯލަށް ސިޔާސީ މައިދާނުގައި އިސްކޮޅުން ކުރު "ޒުވާން ސޮރަކު" ނުކުމެ މިވަނީ ލަނޑު ގޯންޏެއް އޮއްސާލާފައެވެ. ގާނޫނީ ވަކީލް އަހުމަދު ސިރާޖު އަދުރޭ ބަލިކުރެއްވީ ފޮނަދޫ ދާއިރާގެ ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކުއެވެ.

ދިހަ އަހަރަށް ފަހު މަޖިލީހުގައި އަދުރޭ ފުރުއްވަމުން ގެންދިޔަ ގޮނޑި އަންނަ ދައުރަށް ސިރާޖާއި ހަވާލުކުރައްވާއިރު މިދިޔަ ދިހަ އަހަރު އޭނާއަށް ކުރެވުނު ތަޖުރިބާއާ ކޮށްދެވުނުން ކަންތައްތަކަށް ރިއާޔަތްކޮށް "ޝުކުރުވެރިވަން" ނަމުގައި އިއްޔެ އޭނާވަނީ ދާއިރާގެ ރައްޔިތުންނަށް ޅެމެއް ދޫކުރައްވާފައެވެ. ޅެމުގައި ތަފާތު އިހުސާސްތައް އޭނާ ބަންޑުންކޮށްލާފައިވާއިރު ފާއިތުވެ ދިޔަ ދިހަ އަހަރު އޭނާ ސިފަކުރައްވަނީ އުފާވެރި ދިހަ އަހަރުގެ ގޮތުގައެވެ.

ޅެން ފައްޓަވަމުން އަދުރޭ ވިދާޅުވަނީ ދިހަ އަހަރު ދުވަސް ވަންދެން ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކުރަން ފުރުޞަތު ދިނީތީ ޝުކުރުވެރިވާ ކަމަށެވެ. އަދި އެ ފުރުޞަތަކީ ރައްޔިތުން ދިން މަތިވެރި ފުރުޞަތެއްކަމަށް އޭނާވަނީ ސިފަކޮށްފައެވެ. ޝުކުރަށްފަހު އޭނާގެ ޅެންބައިތުގައި ދެން ވިދާޅުވެފައިވަނީ ފާއިތުވެ ދިޔަ ކޮންމެ ދައުރަކު އޭނާ މަސައްކަތްކޮށްފައިވާނީ ދާއިރާގެ ރޫހާއި އެއްގޮތަަށް ކަމަށެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އަދުރޭ އާންމުނާއި ހިސާބަށް ދޫކޮށްލެއްވި ޅެމުގައި ދެން ވިދާޅުވަނީ އެކިއެކި ދާއިރާތަކުން އޭނާ ކުރެއްވި ހިދުމަތްތަކާއި ގެނެސްދެއްވި ކުރިއެރުންތައް މިއަދުވެސް ދާއިރާގެ ރައްޔިތުންގެ ލޯތަކަށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އޭނާއަށް ރައްދުވާ ބަދުނާމަކީ ނުވަތަ ބޮލުގައި ބަޔަކު އަޅުވާ އިލްޒާމްތަކަކީ ހައްގުބަސް ބުނުމުގައި ފަހަތައް ޖެހެން ޖެހޭ އުޒުރަކަށް ދުވަހަކުވެސް ނުހައްދަވާ ކަމަށެވެ.

ތަފާތު އެކި މައުލޫތަކަށް އާންމުކޮށް ޅެން ހައްދަވަމުން ގެންދަވާ އަދުރޭ އޭނާގެ ދާއިރާގެ ރައްޔިތުންނާއި މުހާތަބު ކުރަމުން އެ ޅެމުގައި އިތުރަށް ވިދާޅުވެފައިވަނީ ފޮނަދޫ ދާއިރާގެ ނަން ތާރީހުގައި ރަން އަކުރުން ލިޔެވިފައި ވުމަކީ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ހަމަ އެއާ އެކު މާމެންދޫއާ ފޮނަދޫ އަށް އަބަދުވެސް ފާގަތިކަމާއި ކުރިއެރުން ލިބެމުން ދިޔުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ.

ދާއިރާގެ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތުގެ ވާހަކައަށް ފަހު އޭނާގެ ޅެމުގައި ދެން ވިދާޅުވަނީ ކޮންމެ ފެޑުމަކަށްވެސް ނިމުމެއް އޮންނަކަމީ ދުނިޔޭގެ އާދަ ކަމަށާއި އެހެން ކަމުން ދާއިރާގެ ރައްޔިތުންނަށް މަޖިލީހުގައި ކުރަމުން އައި ހިދުމަތް އެ ބީދައިން މިހާ ހިސާބުން ނިމުމަކަށް އައީ ކަމަށެވެ.

ޅެން ނިންމާލަމުން އަދުރޭ ދާއިރާގެ ރައްޔިތުންނަށް ވަނީ ޔަގީންކަމެއް އަރުވާފައެވެ. ރައްޔިތުން މަޖިލީހުގައި ދާއިރާގެ ރައްޔިތުން ތަމްސީލުކުރެއްވުމަށް އޭނާ ދެން ނީންނެވި ނަމަވެސް، ރައްޔިތުންނާއި އެކު އަބަދުވެސް ހުންނަވާނެ ކަމަށެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް ދާއިރަގެ ރައްޔިތުންނަށް ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ފަހުގެ ސަލާން ގަލާން ޅެން ބައިތަކުން ފޮނުއްވިއިރު ސިޔާސީ މައިދާނުގައި އޭނާގެ ދެން އޮތް ދައުރަކީ ކޮބައިތޯ މިއީ ސުވާލެކެވެ. ސިޔާސީ ދާއިރާގައި އިތުރަށް މަޑުކުރައްވާނީތޯ ނުވަތަ އެ ދާއިރާއިން އެނާ އަލްވަދާއު ކިޔާނީތޯ މިއީ މިއަދު ރަޔިތުން ޖަވާބު ބޭނުންވާ ސުވާލެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަނީ

    ބޮޑު ވަގެށް

    25
    15
  2. އާދަނު

    އަދުރޭގެ ވޯޓް 100 ބަޔަށް ބަހާފައި ތިބުނާ ސޮރަށް އެމްޑީޕީގެ ހުރިހާ މީހުންގެ ވޯޓް ދިނީމަވެސް ކިރިޔާ އިންތިހާބު ކާމިޔާބު ކުރެވުނީ.

    5
    14
  3. ކޭ ބީ

    ރައްޔިތުންގެ މަޖްލީސް މެންބަރުކަން މިލްކުކުރުން އެއީ އޮންނަކަމެއްތަ ؟ ވަގަކަށް ފަސޭހަކަމާއެކު ވައްކަންކޮށްލަން ފުރުސަތު ލިބުމުން ބުނާނެ އުފާވެރި ދުވަސްކޮޅެކޭ...

    14
    4
  4. ބުރޯ

    މަޖިލީހުގެ މެމްބަރުކަން ކުރައްވަން ބޭނުންފުޅު ވެލައްވާފަރާތްތަކުން ޕާޓީތައް އުފައްދަވާއިރު ޕާޓީގެ މަމްބަރުންގެ ގޮތުގައި އެދާއިރާ އަކަށް ނިސްބަތްވާ ގިނަބަޔަކު ހޯއްދެވުން ރަނގަޅުވާނެ . އަދުރޭގެ ނާކާމިޔާބަކީ ޕީއެންސީ އުފެއްދުން. ޕިއެންސީން ނުކުންނެވުން. ޕިޕީއެމް ފަޅިފަޅި ކޮށްލުމުގާ އެންމެ ބޮޑު އެއް ބައިވެރިޔަކަށް އަދުރޭ ވެ ލެއްވުން . މައުމޫނަށް ގޮންޖަހާ ގިނަގިނައިން ވާހަކަފުޅު ވިދާށޅުވުން. މިއީ ނާކާމިޔާބުގެ އަސްލަކީ

    6
    4