ސިޔާސީ ޕާޓީއެއް އުފެއްދި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމް އިންނެވެ. ވެރިކަމަށް އައިސް އެންމެ އުމުރުން ހަގު ސިޔާސީ ޕާޓީ އަކީ ޕީޕީއެމް އެވެ. މިއީ ޕީޕީއެމްގެ ވެރިން ވަރަށް ފަހުރުވެރިކަމާއި އެކު ދައްކާ ވާހަކައެކެވެ. ނަމަވެސް ހުރިހާ އާރަކާއި ބާރެއް އޮވެ، ވެރިކަން ދިފާޢު ނުކުރެވި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލަދުވެތި ނަތީޖާ އަކާއި ކުރިމަތިވުން އެއީ މިއަދު ޕީޕީއެމް ސިފަކޮށްދޭން ބުނަން އޮތް ވާހަކައެވެ.

ކޮންމެއަކަސް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ޕީޕީއެމްއަށް ނާކާމިޔާބުވެ، ޕީޕީއެމްގެ ސިޔާސީ މުސްތަގުބަލްގެ ޗާޓް އަލުން ކުރަން ޖެހިފައިވާ މިދަނޑިވަޅުގައި އެންމެ ގިނައިން ޕީޕީއެމް އާއި ބެހޭ ގޮތުން ވާހަކަ މިދައްކަވަނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.

ސިޔާސީ ޕޯޑިއަމްތަކުގައި ވަރަށް ވަރުގަދައަށް ވާހަކަދައްކާ ބޭފުޅަކަށް ވުމުން ނިހާން ހުންނެވީ ޕީޕީއެމް އުފެދުނު އިރުވެސް އެޕާޓީގެ ސީނިއާ މެންބަރަކަށް ވެފައެވެ. 2014 ވަނަ އަހަރު ޕީޕީއެމްގެ ޕީޖީ ލީޑަރު ކަން ނިހާނަށް ލިބިވަޑައިގެންނެވިއެވެ. ބޮޑު މެޖޯރިޓީ އަކާއި އެކު ބޭނުން ކޮންމެ ކަމެއް ޕީޕީއެމްގެ މެންބަރުން ރައްޔިތުން މަޖިލިސް މެދުވެރިކޮށް ކުރަމުން ގެންދިޔައީ ނިހާންގެ މާލިމީ ކަމުގެ ދަށުންނެވެ.

ދުވަސްތައް ވޭތުވަމުން ގޮސް ޔާމީންގެ ސަރުކާރު ގުޑުވާލަން ހަމަލާއަކަށް ފަހު ހަމަލާއެއް އަމާޒުވަމުން ދެއެވެ. ކަމަކަށް ވުރެ ކަމެއް ބޮޑުވަމުން ގޮސް ޕީޕީއެމްގެ ޕީޖީ ގްރޫޕް ފޮތިފޮތި ވެގެން ދިޔައެވެ. ފުރަތަމަ ކަމަކަށް ދިމާވީ ރައްޔިތުން މަޖިލީހުގެ ރައީސް އަހްމަދު މަސީހް މުހައްމަދު މަގާމުން ދުރުކުރުމުގެ ވޯޓެވެ. އޭރު ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތެވެ. މަސީހް ދުރުކުރުމަށް ފަހު ޕީޕީއެމްގެ އެހެން ބޭފުޅަކު އެމަގާމަށް ގެނައުމުގެ ބާރު ވެސް އޮތެވެ. ނަމަވެސް ޕީޕީއެމް އިން ބޭނުންވީ އާރާއި ބާރު ދައްކާލާށެވެ. ޤަވައިދަށް ބަދަލު ގެނެސްްގެން މަސީހްގެ ގޮނޑި ދިފާޢު ކުރާށެވެ. ޑިމޮކްރަސީ އާއި ބީރައްޓެހި މިއަމަލު ތަންފީޒު ކުރުމުގައި ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނެވީ ނިހާނެވެ.

މަސީހް ހިމާޔަތް ކުރަން ޕީޕީއެމް އާއި ސަރުކާރު ފިދާވަމުން ދަނިކޮށް ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ 14 ވަރަކަށް މެންބަރުން ޕީޕީއެމް ދޫކޮށް ވަޑައިގެންނެވީ އެވެ. އެއީ ނިހާނަށް އޭނާގެ ލީޑާޝިޕް ނުދެއްކިގެން ވީކަމެކެވެ. އެމެންބަރުން ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުމަށް ނިހާން އެކަށީގެންވާ މަސައްކަތެއް ކުރެއްވި ނަމަ ޔަގީނުން ވެސް އޭގެ ތެރެއިން ބައެއް މެންބަރުން ޕީޕީއެމްގައި މަޑުކުރެވޭނެ ފޯމިއުލާއެއް ހޯދުނީހެވެ.

ނަމަވެސް ޕީޖީ ލީޑަރުގެ ޒިންމާ ނިހާނަށް އަދާނުކުރެވިގެން ސަރުކާރު ދަންމަޅިއެއްގައި ބެހި މުޅި ސަރުކާރު ނޭވާ ހާސްވާން ފެށީއެވެ. ނިހާން ޕީޖީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވަން ވީކީ މިއަދަކު ނޫނެވެ. ލީޑާޝިޕް ނުދެއްކުނު ކަމަށް ގަބޫލުކޮށް ހަޤީޤަތުގައި ނިހާން އިސްތިއުފާ ދެއްވަން ޖެހޭނީ އެ 14 މެންބަރުން ޕީޕީއެމް އިން ވަކިވެގެން ދިޔަ ދުވަހު އެވެ. ފެއިލް ވެއްޖެ ކަމަށް ގަބޫލުކޮށް އެދުވަހު ނިހާން އެފަރާތައް ޖެހިވަޑައިގެން ރަނގަޅު ލީޑަރަކާއި ޕީޕީއެމްގެ ޕީޖީ ގްރޫޕް ހަވާލު ކުރެއްވި ނަމަ މިއަދު މިހާލަތައް ކަންތައްތައް ނުދިޔައީސް ކަން ޔަގީނެވެ.

ސިޔާސީ މަަސައްކަތުގައި އޮންނާނީ މައްސަލަތަކަށް ސިޔާސީ ހައްލެއް ހޯދުމެވެ. ނަމަވެސް ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލައަށް ވެސް، އަދި ޕާޓީން ވަކިވި މެންބަރުންނާއި މެދު އުފެދުނު މައްސަލައަށް ވެސް ސިޔާސީ ހައްލެއް ހޯދުމުގައި ޕީޕީއެމްއަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ސިޔާސީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރުމުގައި އިސްކޮށް ހުންނަވަން ޖެހޭނީ ޕީޖީ ލީޑަރު ކަމަށްވާއިރު އެމަސައްކަތް ނިހާނަކަށް ނުކުރެވުނެވެ.

މި މަހުގެ 06 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނިހާން ވާދަކުރެއްވީ އުފަންރަށް ތިނަދޫގެ ނިހާން ނިސްބަތްވާ އަވަށަށެވެ. އާދޭހެވެ. ނިހާންގެ ގޭދޮށަށެވެ. ތިނަދުއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގި އެއްރަށެވެ. ނަމަވެސް ނިހާނަށް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ.

އިންތިޚާބުގެ ނާކާމިޔާބަށް ފަހު ނިހާން މިހާތަނަށް ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން އެއް ވާހަކައަކަށް ވިދާޅުވީ ޕީޕީއެމްގެ ނައިބު ލީޑަރު ކަމަށް ޣައްސާން މައުމޫން ކަމަކު ނުދާނެއެވެ. ދެވަނަ ވާހަކައަކަށް ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރަނގަޅު ވާހަކައެވެ.

ޕީޕީއެމް މިއަދު އޮތް ހާލަތައް ވެއްޓުމުގެ އެއް ސަބަބަކީ ވެސް އާއްމު މެންބަރުންގެ ބަހެއް ނެތި ޕީޕީއެމް ހިންގާނެ ގޮތް ވަކި ބަޔަކު ކަނޑައެޅުމެވެ. ނިހާން އަމިއްލަފުޅަށް ވެސް އޭނާ އަކީ ފެއިލް ވެފައި ހުރި ބޭފުޅެއްކަން ގަބޫލު ކުރައްވާފައި ވާއިރު މިއަދު އަދި ނިހާން ވިދާޅުވާ ގޮތައް ޕީޕީއެމްގެ މެންބަރުން އަތުރާން ފަށައިފިނަމަ މިހާރަށް ވުރެ ބޮޑު ދަންތުރައެއްގައި ޕީޕީއެމް ޖެހި، ޕީޕީއެމް ފަނާވެގެން ދާނެކަމާއި މެދު ދެން އިތުރަށް ސުވާލު އުފައްދާނެ ފުރުސަތެއް ވެސް ނެތެވެ.

"ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނު" ހެން ނިހާނަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ހިންގަންށާއި، ބޭނުން ކޮންމެ ކަމެއް ސަރުކާރުގެ ތެރެއިން ކުރުމުގެ އިހްތިޔާރު ލިބުމުން ވެސް ނުކުރެވުނު ކަމެއް މިއަދަކު ދެން ނިހާނަކަށް ނުކުރެވޭނެއެވެ.

ފާއިތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ވެސް ޕީޕީއެމް އާއި އާއްމު ރައްޔިތުންނާއި މެދު ނިހާން ކަންބޮޑު ނުވާ މިންވަރަށް މިއަދު ކަންބޮޑުވެގެން އުޅޭ މަންޒަރު އެބަފެނެއެވެ. އޭގެ ސަބަބަކީ މިއަދު ނިހާނަކީ "ހަތާނެތި އުޅޭ ވައި ކުޅަނދުރަކަށް" ނިހާން ވުން ކަމަށް ގަބޫލު ކުރެވެއެވެ.

ނަމަވެސް މިއަދު ވަގުތު ފާއިތުވެއްޖެއެވެ. މިއަދު އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމްގެ އާއްމު މެންބަރުން ނިންމާ ގޮތަކަށް ޕީޕީއެމް ކުރިއަށް ގެންދަން ފުރުސަތު ދީފައި ނިހާން ވެސް ވިދާޅުވެފައިވާ ގޮތައް ފެއަށް ޖެހިވަޑައިގެން ހުންނެވުމެވެ.

ނުބެހޭކަމަކާއި ކާޅުކެއަސް ސޮއްނުގޮވާށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދިސްވޭ

    ނިހާން މެންނަށް ޕީޕީއެމްގެ ވެރިކަމުގައި ޕީޕީއެމްގެ އާންމު މެމްބަރުންނާއި ގުޅިގެން އެމެންގެ ކަންބޮޑުވުން ތައް ހައްލު ކޮށްދޭން ކުރެވުނު ކަމެއް ނެތް ބްރޯ އަތުން ކަޓް ކާލައިގެން ޑރ. ޖަމީލް ނަގާ ބޭރުކޮށްލަން އެންމެ ބޮޑަށް ފައިވިއްދީ އެއީ ނިހާން އޭ ދެން ރައީސް މައުމޫނު އަތުން ޕީޕީއެމް ދަމައިގަންނަން އެންމެ ބޮޑަށް މަސައްކަތް ކުރީ ވެސް ނިހާންއޭ ނިހާން ޕީޕީއެމް އިން ވަކިވެ އެމްޑީޕީ އާއި ގުޅުން މާ ރަނގަޅުވާނެއޭ ތިނަދޫ މީހުންނަކީ އެއީ ޕީޕީއެމް އަށް ހެޔޮ އެދޭ ބަޔެއް ކަމަށް މަމެން ނުދެކެމޭ...

    8
    13
  2. އަހަންމާ

    ނިހާންމެންގެ ކުރިމަތީ އާންމު މެންބަރުންނަކީ އެއވެސް ބައެއްނޫބް ހުރިހާވެސް މައްސަލައަކީ ފޮނިކަމާއި ބޮޑާވެރިކަން

    29
    4
  3. ޙައްގާނިއްޔާ

    ނިހާނު ރަނގަޅުވާނީ ދެން ތިތަނުން ދުރަށް ޖެހިލީމަ. ކުރީގެ ބާޒާރީ ފިކުރުގެ މީހުންނެއް ދެން ބޭނުމެއް ނުވާނެ. ޢިންތިޚާބުން ވެސް ވީ ފޭލް ދޮއްތޯ؟

    17
    8
  4. ބަރުގޮނު

    ޕީ.ޕީ.އެމް ގެ ނާކާމިޔާބުތައް ނިހާނު މިއަދު ކިޔާއިރު ހިނިއާދޭ. ބަލަގަ އެކަންކަން އެހެންވީ ނިހާން އިސްކޮށް ހުރެ ހިންގި ގިނަ ކަންތައްތަކާހެދިކަން ގަބޫލު ކުރަންޖެހޭ. މިސާލަކަށް:
    * މުޅި މަޖްލިސް ފިތުނަވެރިވެގެން ދިޔަ އިރުވެސް މަސީޙު ދިފާޢު ކުރަން އުޅުން.
    * ޕާޓީ ގެ މޮޅަށް ޓަކައި ވަކި ބަޔަކު މަޤާމު ތަކުގައި ބައިތިއްބުމަށްޓަކައި ބޮޑު ޤަވްމެއްގެ ޤާނޫނު ބަދަލުކޮށް ރައީސާ ނައިބުރައީސް ގެ މަޤާމުގެ ޢުމުރު 36 އަހަރުން 65 އަހަރަށް ބަދަލު ކުރުން.
    * ނިޔާޒު އިބްރާހިމާ މަރިޔަމް ޝަކީލާ މަޤާމުން ފޮޅިއްސާލުމަށް ހެދި މަކަރު.
    * ނައިބުރައީސް ޖަމީލް ދުއްވާލުމަށް ކުރި މަސައްކަތް.
    * 12 މެމްބަރުން ގެ ގޮޑި ގެއްލުވާލުމަށް ކުރި މަސައްކަތާ ކުޅުނު ކުޅިގަޑު.
    ... އަދިވެސް އަދިވެސް އެތައްކަންތައްތަކެއް އެބަހުރި. މިކަންކަމުގެ ހުރިހާ އަޑިއެއް ނިހާނަށް ހަމަރަގަޅަށް އެގޭނެ. " ކުކުޅަކު ހުރީ އެއްފަޔޭ " ކިޔާ މިއަދު ނިހާނު ވާހަކަ ދައްކަން ލަދު ގަންނަންޖެހޭ..؟؟؟

    9
    1
  5. އިބުރާހިމް

    ރިސްވަތުގެ ފައިސާއިން 14 މެންބަރަކުވެސް ހފުސްވީމާ ސަރުކާރުން އެމީހުންނަށް އިތުރަށް ރިސްވަތުގެ ކަޅު ފައިސާ ދީގެން ނުހިފޭއްޓީތީ ނިހާނަށް ޝުކުރު އަދާކުރަންޖެހޭ...

    5
    3
  6. ސަރީފް

    ތިނަދޫ މީހުންގެ ގަޔަށް ބަޑިޖަހާ ތިނަދޫގެ ތަރައްޤީއަށް އެއްވެސް ކަމެއް ނުކޮށްދިނަސް ތިނަދޫ މީހުން އެން ޑީ ޕީ ދުލެއް ނުކުރާނެއެވެ. މިއީ ޔަގީންކަމެކެވެ.

    9
    2
  7. އަބޯ

    ދިވެހިރާއްޖޭ ގެ ގާނޫނުހަދާ މަޖިލީހުގެ ޕީޖީ ލީޑަރުކަން ލިބޭ މީހާ އަކީ އޭނަގެ ސަޕޯޓް އެގްރޫޕްގާ އޮވެގެން މަގާމް ލިބޭ މީހެއްނޫން. ނިހާނަށް އެމަގާމް ލިބުނީ މައުމޫނު ހަމަޖެއްސިމަ . އިބޫއަށް އެމަގާމ ލިބުނީ ނަސީދު ހަމަޖެއްސިމަ. މިހާރު ނަސިދުގެ ތާއީދު އޮތް މީހަކަށް ނޫނީ އެމްޑީޕީ ޕިޖީ ލީޑަރު ވެސް ނުލިބޭނެ ޕާޓި ފެއިލް ކޮށްލީ ހަމަ ޔާމީނު އެާ މެޑަމް .3000 ހަމަނުވި ޕީއޭ އިން ޕީޕީއެމްގެ 35000 ހިތަކަށް ލިބުމުން ސަޔާސި ގޮތުން ބާރު ހޯދަންވެގެން މައުމޫނު ޕާޓީން ބޭރު ކުރުމުގެ ނަތީޖާ މިހާރު މިފެނިގެން ދިޔައީ ޕިޖީ ގްރޫޕް ހިފަހައްޓަން ނިހަނަށްވެސް ޔާމީނަށް ވެސް ކަމެއްނުކުރެވޭނެ. ޕިޖީ ގްރޫޕް ހަމަޔަކަށް އެޅުވޭނީވެސް މައުމޫނަށް އެއީ ހުރިހާޕީޖީ މެމްބަރުން ހޮވުމުގަ އެންމެ ގިނަ ސަޕޯޓް ހޯދާ ދިނީވެސް މައުމޫނަށް ވުމުން. މައުމޫން ނެރެ ހޫރާލުމުގެ ނަތީޖާ މިފެނުނީ

    6
    4
  8. އަބޯ

    ޕީޕީއެމް ހަމަޔަކަށް އެޅުވޭނީ މައުމޫނަށް ޕީޕިއެމް މައުމޫނަށް ލިބިގެން މެނުވީރައްޖެއަށް ހަމަޖެހުމެއްނެތް މިހާރު ޕިޕީއެމުންތިގެނައިބަދަލާއެކު އޮވެއްޖެނަމަ ދެން އޮންނަ އިންތިހާބެއްގާ 85 ގޮނޑި ވެސް ދާނީ އެމްޑީޕީ އަށް.

  9. Anonymous

    ނިހާނެއް ކާސިމެއް ކިޔާނެކަމެއްނެތް. ޕީޕީއެމްގެ މަތިފަޑިޔަށް އެރުނު ކޮންމެ މީހަކު ތެޅިބޭލީ އެމީހަކަށް ސިދުރަތުލް މުންތަހާއަށް އެރިގެން އުޅޭހެން.މާލޭގައި ޕާޓީފަރާތުން ހިންގި ހުރިހާހަރަކާތެއްގަ އަޅުގަނޑު ހުންނާނީ ބައިވެރިވެފަ އެހެންނަމަވެސް ބޮޗޭ ފިޔަވާ ހިންހެޔޮކަމާއެކު ވާހަކަދައްކާލި އެލެވެލްގެ އިންސާނެއް ޕީޕީއެމްއަކުން އަޅުގަނޑު ނުދެކެން. ދެން އޮތީ މެޑަމް ގެންގުޅުއްވާ ގުރޫޕެއް މި މީހުންނަކީ ދައުލަތުގެ މިނިސްޓަރުން މަޖުލީހުގެ މެންބަރުންނަށްވުރެ ބާރާ ނުފޫޒު ގަދަބައެއް.ފޮނިކަމާ ބޮޑާކަމުގަ ހައްދުފަހަނަ އަޅާފައިވާބައެއް.ދެންތިބި އަނެއްބަޔަކީ ކުންފުނިތަކުގެ ވެރިން މިމީހުންބެލީ މެޑަމްއަށްސަނާކިޔައިގެން އަމިއްލަ އަންބޮޑި ބޮޑުވޭތޯ.ސަނާކީލެއް ފުރިހަމަކަމުން މެޑަމްއަށް މެޑަމްގެ ހައިސިއްޔަތުއޮޅި ސަރުކާރުގެ ހުރިހާދިމާލަކަށް އަތްބާނާ އަގަޑަ ބަގަޑަ ކޮށްލިއިރު މެޑަމް ހުންނެވީ ވާނުވާގަ ފެލާމީހުން ފެލަމުން ބައިއަޅަމުން ދިޔައިރު ރައީސްއަށް ހުރެވުނީ ނާޖާއިޒް ފައިދާނަގަމުން ސަނާކިޔަމުން ދިޔަ މީހުންގެ މަޅީގާޖެހި ހަފުސްވެފަ.މިވަރުވީމަ ވެރިކަންވެސް ގެއްލޭނެ ލައިގެންހުރި ބޮކްސާވެސް ގެއްލޭނެ.

  10. ޕީޕީ މެންބަރު

    އެ އުޅެނީ އިސްލާހް ކުރާކަށްނޫން. އިލެކްޝަނުން ބުނެފަ އެބައޮތް ޕާޓީގެ ދަރަނިއޮތްވާ ޕާޓީ އުވާނުލެވޭނެކަމަށް. އެހެންވެ އުމަރާ ޖަމީލް އާއި ދެމީހުންގެ ބޮލަށް ޕީޕީއެމް ކަނޑާލާފަ މިމީހުން އެއުޅެނީ އަދުރޭ ޕާޓީއަށް ބަދަލުވާން.