ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދުވަސްވަރު، އެ ހަލަބޮލިކަން އިތުރު ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ތާޢީދުކުރާ ފަރާތްތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ކައުންސިލް ބައެއް މެމްބަރުންތައް އިދިކޮޅު ފަރާތްތަކަށް ދޭ އެއްބާރުލުމުގެ ތެރެއިން މަޤާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން އެތައް ރައްޔިތުންނަށް ކެހި ދިނުމަށް މަސައްކަތްކުރަމުންދާކަމީ ފެންނާން އޮތް ހަޤީޤަތްވެސް މެއެވެ.

ސިޔާސީ އޮއިވަރުގައި ބަޔަކު މީހުން ކަނޑުއޮޅިން ބޭރުވަމުން ދަނިކޮށް، ދާދިފަހުން އިވިގެންދިޔަ އަޑަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން ބައެއް ކައުންސިލްތަކުން ނޫސްބަޔާން ނެރެ ގަދަކަން ދައްކައި ކައުންސިލްތަކުގެ ތެރޭގައި ވަކި ފިކުރެއްގެ ސިޔާސީ ކުޅިބައެއް ހިފައިގެން ގޮސް ގަދަ ހިފުމަކަށް ދާން އުޅުނު ވާހަކައެވެ. މީގެ ތެރެއިންވެސް އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުން ތިބީ އެންމެ ކުރީ ސަފުގައިއޭ ދަންނަވާލެވިދާނެއެވެ.

ކޮންމެއަކަސް ލިބިފައިވާ މަޤާމެއްގެ ބޭނުން ހިފައިގެން، ލިބިނުދޭ ބާރެއްގެ ބޭރުން ނޫސް ބަޔާނެއް ނެރެގެން މޮޅު ވާހަކަ ދައްކާން ތިއްބައި އަޑުއިވިގެންދިޔައީ، ކައުންސިލްތައް ބަލަދުވެރިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެބޭފުޅުންގެ ހައިސިއްޔަތު އެބޭފުޅުންނަށް ހަނދާންކޮށްދެެއްވި ވާހަކައެވެ.

ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން، އައްޑޫ ސިޓީ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލަ އާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ސަސްޕެންޑުކޮށްފައިވަނީ، އައްޑޫގައި އިދިކޮޅު މުޒާހަރާތައް ލީޑުކުރުމުން ފެށިގެން، ހަމަނުޖެހުން ބޮޑު އެ މުޒާހަރާތަކުގެ އެންމެ އިސް ސަފުން ޢާންމުކޮށްވެސް ފެންނަ އައްޑޫ މޭޔަރ އަބްދުﷲ ސޯދިގު އާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އާއި ކައުންސިލަރ ޖަމްޝީދާ މުޙައްމަދުގެ އިތުރުން ކައުންސިލަރ އަލީ ފަހުމީއެވެ.

އިދިކޮޅުގެ ބޮޑު މެޖޯރިޓީއެއް އޮންނަ ކަމަށް ބުނާ އައްޑޫ ސިޓީގައި އިދިކޮޅު ފަރާތްތަކުން ސަނާކިޔަމުންދިޔަ މި މެމްބަރުންނަކީ، އައްޑޫގެ ސިޔާސީ ވެށީގައި އެންމެ އިސް ފޯވާޑުން ކަމުގައި އެއްބަޔަކު ޤަބޫލުކުރާއިރު، އަނެއް ބަޔަކު ތިބީ ބޮޑު ސުވާލުމާކެއްގެ ތެރޭގައެވެ. ސިޓީ ކައުންސިލުން ފޯރުވައިދޭން ޖެހޭ ޚިދުމަތްތަކަށް ހުރަސް އަޅައި، އެކަންކަން ސަރުކާރުގެ ބޮލުގައި އަޅުވައިގެން ތިބެ ސަރުކާރުގެ އަގުވައްޓާލައި ސިޔާސީ މަންފާއެއް ލިބިގަތުމަށް ކެހިވެރި ރޭވުމެއްގެ ތެރެއިން ބަޔަކު ކުރަމުންދާ އެފަދަ މަސައްކަތް ސިޔާސީ ވިސްނުމުން އެއްކިބާވެފައިވާ ތަންދޮރު ދަންނަ މީހުން އަބަދުވެސް ދަނެއެވެ. އެންމެ ފަހުން ބޭއްވި ލޯކަލް އިންތިޚާބުން އައްޑޫގެ އިދިކޮޅު ބައެއް ކައުންސިލަރުން ވަނީ އެކަން ސާބިތުކޮށްދީފައެވެ.

ގަދަ ނިދީގައި އޮތް ކައުންސިލެއް އިންތިޚާބު އައިސް ބޯމަތިވުމާއި އެކު ކުއްލި ގޮތަކަށް ހޭލެވި ތަރައްޤީގެ މަޝްރޫޢުތަކާއިގެން "މެކުހަށް" ޖަހާލި އެދުވަސްވަރު ސަރުކާރުން އެއްބާރުލުން ނުދީގެން ނުކުރެވުނު ހަމަ އެއްކަމެއްވެސް ނެތީއެވެ. ކައުންސިލް ލެވެލުން ހިނގާ ކުދި މަޝްރޫޢުތަކާއި ބޮޑެތި މަޝްރޫޢުތައް އައްޑޫގެ އެތަންމިތަނުގައި ހަމަ ކުއްލި ގޮތަކަށް ހިންގާން ފަށައި، ނިދާ ގޮނޑިން ތެދުވެ، އެ ގޮނޑީގެ ބޭނުމުގައި އެވެރިން ޖަހާލީ މެކުހަށެވެ.

ގޮނޑި ހާސިލްވުމާއި އެކު އަނެއްކާވެސް ފެންނާން ފެށީ ކުރީގެ މަންޒަރެވެ. މަޝްވަރާތަކުންނާއި ޕްރޮގްރާމްތަކުން އަރައިގަންނަ ގޮތެއް ނުވިއެވެ. އަމަލީ ސިފައެއްގައި ކަންކަން ނުވަނީ ސަރުކާރުން އެއްބާރުލުން ނުދޭތީކަމަށް ބުނަމުންދިޔައެވެ. މަގެއްގައި ކުނިކޮޅެއް އޮތަސް އެއީ ސަރުކާރުން އެއްބާރުލުން ނުލިބުނުގެ ސަބަބުންވީ ކަމެއް ކަމަށް ބުނެ ނުވިސްނޭ ބައެއްގެ ސިކުނޑިއަށް ސަވާރުވަމުންދިޔައެވެ. އެހެނަސް ދާދި އެހަކަށް ދުވަހު އެލްޖީއޭގެ ނިންމުމާއި އެކު ސިޔާސީ ވަކި ކުލައެއް ސިޓީ ކައުންސިލުން ފޮހެވިގެން ގޮސް އެބައި މީހުން ފައްކާކުރަމުންދިޔަ ބުހުތާނު ދޮގުތައް ފަޅައި އެރީއެވެ.

އެލްޖީއޭއިން ފިޔަވަޅު އަޅައި އައްޑޫ ހަތަރު ކައުންސިލަރަކު ސަސްޕެންޑު ކުރުމާއި އެކު، އެ ކައުންސިލަރުންނާއި ނުލައި ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ކައުންސިލްގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް، ކައުންސިލް އިންތިޚާބުގެ ކުރީން ފެންނާން ފެށިގޮތަށް އެއްވެސް ހުރަހެއް އަދި ޝަކުވާއެއް ނެތި އަނެއްކާވެސް މިއަދު "މެކުހަށް" ޖެހިފައިވާތަން ފެންނާން ފެށުމުން، މިވީ ކިހިނެތްތޯ ހަމަ އަހައިލާ ހިތްވީއެވެ..

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސމނ

    ކަލެޔަށް ކީއް

  2. ދައްތަ

    ވަރައް ސަޅި ވާނެ މާލެ އައް ވުރެން ރޭގަނޑު މަތިން ބަލާ އިރު އައްޑޫ،

  3. މައުމޫނު ސިޓީ

    ސަރުކާރުން ކިތަންމެ ފިއްތިޔަސް ސިޔާސީ ކަކަން ކުރެވޭ ގޮތަށް ކައުންސިލަރުން ގެ ޒިންމާވެސް އަދާ ކުރަން ޖެހޭނެ/

  4. މައުމޫނު ސިޓީ

    ކޯޓުން ކިތަންމެ ހުކުމެއް ކުރިޔަސް ދަރިން ނަށް ހަރަދު ނުދޭ މީހުން ތިބޭ

  5. މައުމޫނު ސިޓީ

    ސިޔާސީ ޕާޓީ އުފެދުނީއްސުރެ އިދިކޮޅު މެޖޯރިޓީގަ އޮތީ! ކައުންސިލަށް ސިޔާސީ ހަރކާތް ބަރާބަރަށް ހިންގޭ! ޢަސާސީ ހިދުމަތެއް ނުދެވޭ!މީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް؟

  6. ގ

    ހައްދުފަހަނައަޅާފައިވާކައުންސިލަރުން މަގާމުން
    ވަކިކުރުމަށް ގޮވާލަމެވެ ހަމައެކަނި
    ސަސްޕެންޑު ކުރުމަކުން ނުފުދެއެވެ.

  7. އައްޑެ

    ކައުންސިލަރުކަން ލިބުމުން ރައްޔިތުން މަތިން ހަނދާނެއް ނުހުރޭ.
    އައްޑޫ އަތޮޅަށް މިސަރުކާރުގެ ޅަފަތުގަވެސް ދިޔައީ އެހީވާން އެދެމުން. އެކަމަކު އައްޑޫ ގައުޅޭ ތި ކައުންސިލަރުންގެ ނޮފޮރޮއްޕާނާ ހުރެ ސަރުކާރުން ކޮށްދޭން އުޅުނު އެއްވެސްކަމެއް ނުކޮށްދެވުނު. ގެއްލުން މިވަނީ ހަމަ ނިކަމެތިރައްޔިތުންނަށް. މި ފަސްއަހަރު މިދިޔައީ ބޮޑު ގެއްލުމާއެކު. ކަތީބުން މާ ފައްކާ.