ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤަކަށް ހައްޔަރުކޮށްފައި ހުރި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަލަށް ބަދަލު ކޮށްފިއެވެ. ރައީސް މައުމޫން މިހާތަނަށް ހައްޔަރު ކޮށްފައި ހުރީ ދޫނިދޫގައެވެ.

ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކުރިކަން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވެސް ކަށަވަރު ކޮށްދެއްވައެވެ. ނަމަވެސް ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލު ކުރީ ކީއްވެކަން ވަކީލުންނަށް އަންގާފައި ނުވާ ކަމަށް ވެއެވެ.

ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.