ރާއްޖޭގައި މިހާރު އަމަލު ކުރަމުން މިއަންނަ ޤާނޫނު އަސާސީ އެކުލަވާލިއިރު އާއްމު ރައްޔިތުންގެ ސިއްރު ވޯޓަކުން ނިންމި އެންމެ މުހިއްމު އެއް ނިންމުމަކީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ނިންމި ނިންމުމެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް އޮތީ 2007 އޮގަސްޓް 18 ވަނަ ދުވަހު އެވެ.

ޤާނޫނު އަސާސީ އެކުލަވާލިއިރު ރިޔާސީ ނިޒާމެއްގެ މައްޗަށް ކަންކަން ތަރުތީބު ކުރެވިފައި އޮތް ނަމަވެސް މިއަދު މިވަނީ ބަރުލަމާނީ ނިޒާމެއްގައި ކަންތައްތައް ހިނގާ ގޮތާއި ދިމާއަށް ރާއްޖޭގެ މިސްރާުބު ޖަހާފާއެވެ. މިހެންބުނަން ޖެހޭ އެއް ސަބަބަކީ ޤާނޫނުތައް ޑްރާފްޓް ކުރުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލީހުން ނެގުމުންނެވެ. ޤާނޫނުތައް ޑްރާފްޓް ކުރުމުގެ މައިގަނޑުގެ މަސައްކަތްތައް މިހާތަނަށް ކުރަމުން އައި ބަންޑާރަނައިބު އޮފީސް، ނުވަތަ ވެރިކަން ހިނގުމުގެ ބާރުގެ ދައުރެއް ދެން ނޯންނާނެ ގޮތައް މަޖިލީހުން މިވަނީ ނިންމާފައެވެ.

ދުނިޔޭގެ ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި ކަން ހިނގަމުން އަންނަ އުސޫލަށް ބަލާއިރު މިއީ ބަރުލަމާނީ ނިޒާމްތައް ހިންގަމުން އަންނަ ގައުމުތަކުގައި ކަން ކުރަމުން އަންނަ، ބަރުލަމާނީ ވެރިކަމެއްގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވަރަށް ސާފެވެ.

މިކަން އެންމެ ރަނގަޅަށް ފެންނަން އޮތީ "އެންމެ ފުރިހަމަ" ބަރުލާމާނީ ނިޒާމެއް އޮތް ކަމަށް ބުނާ އިނގިރޭސިވިލާތުގައެވެ. އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް ނުވަތަ ހައުސް އޮފް ލޯޑްސް އިން ވެސް ގިނަ ބިލްތަކެއް ޑްރާފްޓް ކުރަނީ ހާއްސަ ކޮމެޓީތަކުންނެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ވެސް ސަރުކާރުން ބޭނުންވާ ބިލްތައް ޑްރާފްޓްކޮށް، މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ސަރުކާރަށް އޮވެއެވެ.

ރާއްޖޭގައި އަމަލު ކުރަން ޖެހޭ މުހިއްމު ޤާނޫނުތަކެއް ރައްޔިތުން މަޖިލީހުގެ މެންބަރުން ޑްރާފްޓް ކުރަން ފެށުމަކީ ޤާނޫނީ އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ ކަމެކެވެ. އެއީ މަޖިލީހުގެ ގިނަ މެންބަރުންނަކީ ޤާނޫނީ ދާއިރާގެ މާގިނަ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ، ޤާނޫނީ ދާއިރާ އިން ތައުލީމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅުން ކަމަށް ނުވާތީ ޤާނޫނީ ފުށުންއެރުންތަކެއްގެ މައްސަލަ ކުރިމަތިވެދާނެތީއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އެމްޑީޕީގެ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުން ޤާނޫނުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ފެއްޓެވުމުން ސަރުކާރާއި މަޖިލީހަކީ ވަކި ދެމިސްރާބަކަށް ދަތުރުކުރާ ބަޔަކަށްވެ އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

"އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކޮންމެހެން ބޭނުންވާ ކަންތައްތައް ފުރިހަމަ ނުވެ، މަޖިލީހުން ބޭނުންވާ ގޮތައް ސަރުކާރުން ހިންގަން މަޖުބޫރުވުމުގެ ފުރުސަތު އޮތުން. މިއީ ވެރިކަމުގެ ނިޒާމް އޮތް ގޮތެއް ނޫން. މިއީ ވެރިކަމުގެ ނިޒާމު ބަދަލުވެގެންދާ މަރުހަލާއެއްގެ ގޮތުގައި ދެން ފެނިގެން ހިނގައިދާނެ. ނަމަވެސް މިއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން." އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ބިލްތައް ޑްރާފްޓް ކުރުމުގެ ގާބިލްކަން ނެތް ކަމުގެ އެއް ހެއްކަކީ މިހާތަނަށް ވެސް ބިލްތައް ހުށަހެޅުމުގެ ބާރު މަޖިލީހުގެ މެންބަރުންނަށް އޮތް އިރުވެސް އެކަމަށް މެންބަރުން އިސް ނަގާފައި ނެތުމެވެ.

ބަންޑާރަނައިބު އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޤާނޫނީ ވަކީލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޤާނޫނުތައް ޑްރާފްޓް ކުރުމަކީ ވަރަށް ޓެކްނިކަލް މަސައްކަތެއް ކަމަށާއި އެމަސައްކަތް ހަމައެކަނި ސިޔާސީ ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ އިތުރު އެތައް މައްސަލައެއް އުފަންވެދާނެ ކަމެއް ކަމަށެވެ.

"ސިޔާސީ ބަޔަކު ކަމެއް ކުރާނަމަ އެކަމަކުން ނެރެން ބޭނުން ވާނީ ސިޔާސީ މަޤުޞަދުތައް. ފަހަކަށް އައިސް ރާއްޖޭގައި އަމަލު ކުރަން ފަށާފައިވާ ވަރަށް މުހިއްމު ދެ ޤާނޫނެއް ކަމަށްވާ ޤާނޫނުލް އުޤޫބާތާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު އެހައި ފުރިހަމަ ދެ ޤާނޫނަށް ވެފައި ވަނީ ޓެކްނިކަލް ބޭފުޅުން ކުރި މަސައްކަތުން. އެއީ ސިޔާސީ ބޭފުޅުންތަކެއް އެކުލަވާލި ދެ ޤާނޫނަށްވިނަމަ މިހާރު މިފެންނަ މަންޒަރެއް ރާއްޖެއަކުން ނުފެންނާނެ." އޭނާ ވިދާޅުވިއެވެ.

ޤާނޫނުތައް ޑްރާފްޓް ކުރުމުގެ ބާރު ރައްޔިތުން މަޖިލީހުގެ ދަށަށް ބަދަލު ކުރުމުން ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން ހުށަހަޅަން ބޭނުންވާ ބިލްތައް މަޖިލީހުން ޑްރާފްޓް ކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވެސް ވަނީ ފާޅުގައި ވިދާޅުވެފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ނަޝީދު އަބަދުވެސް ވިދާޅުވަނީ ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. ބޮޑުވަޒީރުކަން މިއަދު ކުރެވެން ނެތުމުން، ބޮޑުވަޒީރެއްގެ ބާރާއި އިހްތިޔާރުތައް ހޯއްދެވުމުގެ ނުސީދާ މަސައްކަތެއް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ މަންޒަރު އެބަފެނެއެވެ.

ނަމަވެސް މިހާރު މަޖިލީހުން ތަރުތީބު ކުރަމުން އެގެންދާ ކަންތައްތަކަކީ ދިވެހި ރައްޔިތުން 2007 ވަނަ އަހަރު ނިންމި ނިންމުމާއި އެއްގޮތައް ތަރުތީބު ކުރަމުން ގެންދާ ކަންތައްތަކެއް ނޫނެވެ. އަދި ޤާނޫނު އަސާސީގެ ރޫހާއި އެއްގޮތައް ތަރުތީބު ކުރަމުން ގެންދާ ކަންތައްތަކެއް ވެސް ނޫނެވެ.

އެހެންކަމުން ސުވާލީ ބާރުގަދަ ރައްޔިތުންގެ މަޖިލިސް ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ދެން ވެއްދޭނީ ކިހިނެއް ހެއްޔެވެ؟ އެކަން ކުރަން ވެސް އެންމެ ފަސޭހަ މަގެއް އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. އެމްޑީޕީގެ މެންބަރުން ވެސް ޕާޓީގެ ރައީސްގެ ކޮންމެ ނިންމުމަކަށް ރަބަރު ސްޓޭމްޕް ޖެހުމުގެ ބަދަލުގައި ޤާނޫނު އަސާސީ ހިމާޔަތް ކުރަން ބަސް ބުނަން އެބަޖެހެއެވެ. މެންބަރުންގެ ބޮލުގައި އެޅިފައި އޮތީ ޕާޓީގެ ރައީސްގެ ސިޔާސީ ހުވަފެންތަކުގައި ކުލަޖެއްސުމެއް ނޫނެވެ. މެންބަރުންގެ ބޮލުގައި އެޅިފައި އޮތީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޒިންމާއެވެ.

ރައްޔިތުން ނިންމާފައި ވަނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ބަރުލަމާނީ ނިޒާމަކާއި ދެކޮޅު ގަމެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުން ބަދަލުކޮށް އެހެން ގޮތެއް ނުނިންމާހާ ހިނދަކު ކުރީގެ ނިންމުމަށް އަމަލު ކުރުމަކީ ކޮންމެ ބަޔަކު ވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަފިނެސް

    ކީރިތި ޤުރުއާނަކީ އުޅެންވީ ހުރިހާގޮތެއްލިޔެވިފަިވާ ޤާނޫން އެހެގޮތެއްހޯދަން އުޅުމަކީ ނުވަތަ އެހެންބަޔަކު އުޅޭގޮތަށް އުޅުމަކީ ދީނާފުށުއަރާކަމެއް ............. އެހެންމީހުން އުޅޭގޮތަށް އުޅެން ގޮވާލާމީހުންގެ ގޮވާލުން ބަލައި ނުގަތުމަށް ދިވެހި ލޮބުވެތި ރައްޔަތުންނަށް މިދަޑިވަޅުގައި ދަންނަވަން (.)

    50
    2
  2. ލަބީބު

    މައުމޫނު ، ޤާސިމު ، ޢިމްރާނު ، އިލްޔާސް ދިވެހިން ވަލަށްވައްދާފަ ތިބެބަލަ! ޖަވަބުދާރީ ކުރުވާނޭދުވަސް އިރާދަކުރެއްވިއްޔާ އަދި އަންނާނެ!

    56
    • ބޭބެ

      ރަގަނޅު ވާހަކައެއް! މިގައުމު ހަލާކު ކުރުމުގެ ބާނީން މިއީ! މިގައުމު ރައިސް ޔާމީން ނިކަން ރަގަނޅަށް ކުރިއަރުވަމުން ކަންކަން ކުރަމުން ދަނިކޮށް މައުމޫނު އަޑީގައި ހުރެގެން ރައިސް ޔާމީން ސަރުކާރު ވަައްޓާލަން މަޖްލިސް ތެރެއިންނާ ކޯޓުތަކުގެ ތެރެއަށް ފައިސާގެ ނުފޫޒު ވައްދައިގެން މަސައްކަތްކުރީ! މިމަސައްކަތުގަައި މިގައުމުގައި އޮތް ދީނާއި ދެކޮޅު މުއްލާއަކާއި އެންމެފަހުން ބައިއަތު ހިފީ! މީގެ ތެރޭ ދެން ބައިވެރިވި ތިބުނި މީހުން އިސްކޮށް ތިބެގެން! މިގައުމު މިއޮތީ އަނެއްކާވެސް ޚަރާބުވެފަ! 2008 ގެ ފަހުން ވީގޮތްވެފަ! މިހާރު ވަރަށް ވިސްނުންތެތިކަމާއެކު މިދެންނެވި މީހުން އަތްދަށުލައިގެން ތިބެ ބޭރުގައުމެއްގެ ފުލް މަދަދާއެކު މިގެންދަނީ ގައުމު ހަލާކުކުރަމުން! އަވަށްޓެރި ގައުމުން ބޭނުންވަނީ މިގައުމުގެ މުއްސަނދިކަން! މިގައުމުގައި އެމީހުންގެ ޕަޕެޓް ވެރިކަމެއް ބޭއްވުމަށް! އަދި މިގައުމު އަމިއްލަ ފައިމައްޗަށަ ހިންދެމިޔަ ނުދޭން! މިއީ ވަރަށް ނުރައްކާތެރި ރޭވުމެއް! ގައުމުގެ އެންމެހާ ރައްޔިތުން ހޭލަންވެއްޖެ! ގައުމާ އިސްލާމްދީނާ ގައުމުގެ ޚާރިޖީ މިނިވަންކަމާ އަމިއްލަ ބަސްބުނުމުގެ ޙައްގު ހޯދަން އެކައްޗެއް ކިޔާފަ ނިކުންނަންޖެހޭ! އެއްގޮތަކަށްވެސް މަޑުން ތިބެން ހެޔޮނުވާނެ! އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމުގައި ހުއްޓަސް ގައުމު ހިންގަނީ މަޖްލިސްތެތެއިން! އެދަނީ ހުރިހާ ބާރެއް ނަގަމުން ބަރުލަމާނީ ސިފަ ޖަައްސަމުން ގަދަކަމުން ބާތުތައް މުށުތެރެއަށް ލަމުން! މިއީ ކުރިންވެސް މިގައުމުގައި ބުދު ބެހެއްޓި މީހާ! މީނާ އެބަޖެހޭ ގާނޫނީ އިމުގެތެރެއަށް ވައްދަން! ގާނޫނުގައި އޮތީ މިރާއްޖޭގައި އޮންނާނީ ރިޔާސީ ވެރިކަމެއްކަމަށް!

      21
  3. ނަސްލީ

    މިސަރުކާރު މިހާރުމިވަނީ މެކުހައްޖަހާފައި އެހެންވެ ބައެއް ފަހަރު ތިޔަގޮތަށް ތިޔަހީވަނީ، ވަރަށް އަވަހަށް މުޅިސަރުކާރުގެ ހިންގުން ބަރުލަމާނީއަށް ބަދަލްކުރެވި ރައްޔިތުންނަށް ލާދީނީ ކަންކަން ކުރުމުގެ ފުރުސަތު ދެވިގެންދާނެ. މީތަ އަޅެ މިގެންނަންއުޅުނު ސަރުކާރަކީ.

    49
  4. އަލީ

    ބަޔަކު ޤަބޫލު ކުރިއަސް ނުކުރިއަސް މިޤައުމުގެ ހަލާކަކީ ކެނެރީގޭ ފުރޭތަ... މި ކޮމެންޓް ޖަހަން ކެރޭނެބާ....

    30
  5. علي وحيد

    2020ގެ މެއި މަހާއި. އަރާހަމަކުރަންވާއިރަށް ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް މަޖިލީހުގެ ރައީސް ކެނެރީގެ ނަސީދު ވަރަށް ރަނގަޅަށް އެހުރީ ތައްޔާރުވެގެން ރަށްޔިތުން ވަރަށްބޮޑަށްނޭ ވިސްނައިގެން ތިއްބަވާ ރަށްޔިތުންގެ ވޯޓް އަކައް ނުގޮސް ތިކަން ނުކުރެވޭނެ އެއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ މިކަން މިގޮތައް ކޮށްފިނަމަ އެދަނީ ڨانون أساسي އާއި ޚިލާފަށް

    19
  6. ޥާލުސޮރު

    ތިޔައީ އައްނި އާއި އިބޫގެ ހިޔަޅު ބުއްދީގެ ތެރެއިން ހިގާ ކަމެއް! ޜައްޔިތުން މިވަނީ ވާވައްދާ ވަލުތެރޭގައި ހައްޔަރު ކޮށްފާ!

    25
  7. މިއަދު

    ސާބަސް ނަޝީދު ތިއޮތީ ރާއްޖޭގެ ވެރިކަން ރަގަޅަށްފޭރިގަނެވިފައި ތިއައް ހުދުމުޚުތާރެ ނުކިޔާ ދެންކިޔާނީ ކަޅު ނުވަތަ އަދިރި މުޚުރާރޭތަ؟

    12
  8. ނަވާރަ

    މިޤައުމު މިފަހަރު ހަލާކުކުރީ ޝޭޔްޚު ޢިމްރާންއާއި ޤާސިމް އިބްރާހިމްއާއި ރައީސް މައުމޫންއާއި ޝޭޔްޚް އިލްޔާސްއާއި ޑރ އިޔާޒް