ހުސްނުއް ސުއޫދު ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނިންމާނެއެވެ. ޔަގީނާއި ގާތައް ކަށަވަރުވާ ކަމަކީ މިއަދު އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދޭނެއެވެ. އެއާއި އެކު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި "ފުރިހަމަ ސިޔާސީ އެކްޓިވިސްޓަކު" މަގާމު ކަށަވަރު ކުރައްވާނެއެވެ.

ސުއޫދު އޭނާގެ ޤާނޫނީ މަސައްކަތް ފެއްޓެވީ 1994 ގައެވެ. އޭގެ ހައެއްކަ އަހަރު ފަހުން 2000 ގެ ކުރީ ކޮޅުގައި ސުއޫދު ސިޔާސީ މަސައްކަތް ފައްޓަވައިފިއެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑުއުފުއްލަވަން ފައްޓަވައިފިއެވެ. ސިޔާސީ މީހުންގެ ހުންނަ ސިފައެއް ކަމަށްވާ ގޮތެއް ފޮތެއް ނެތި ހިތައް އެރި އެއްޗެއް ހިތައް އެރި ގޮތަކަށް ކިޔުމުގައި ސުއޫދު އަހަރުތަކެއް ހޭދަކޮށްފިއެވެ.

ސުއޫދުގެ ސިޔާސީ މަސައްކަތް ފެއްޓެވީ މިއަދު ވެސް އެމްޑީޕީގެ އިސް ސަފުން ފެންނަން ތިއްބެވި ބައެއް ބޭފުޅުންނާއި އެކުގައެވެ. ސުއޫދުގެ ފިކުރަނީ އެމްޑީޕީގެ ސިޔާސީ ފިކުރެވެ. އެކަން އެއޮތީ ވަރަށް ސާފުކޮށް އޭނާ މިހާތަނަށް ދައްކަވާފައި ހުރި ވާހަކަފުޅުތަކުން ފެންނާށެވެ.

2007 ވަނަ އަހަރު އއ.ހިމަންދޫ ގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް، އެންމެފަހުން ސަލާމަތީ ބާރުތަކުގެ މީހުން ރަހީނުކޮށްގެން ޤާނޫނާއި ހިލާފު އެތައް އަމަލެއް ހިންގިއެވެ. އެމީހުން ހައްޔަރު ކުރުމުން އޭގެތެރެއިން ގިނަ މީހުންގެ ވަކީލަކަށްވީ ސުއޫދެވެ.

ސުއޫދު ވަނީ އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރުން ފެށިގެން އަހަރެއްހާ ދުވަހު ބަންޑާރަނައިބު ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އޭނާ ބަންޑާރަނައިބު ކަމުގައި ހުންނަވަނިކޮށް އޭރުގެ ސަރުކާރުން ސީދާ ޤާނޫނު އަސާސީ އާއި ހިލާފަށް ކުރި ކަމަށް ޤާނޫނީ ދާއިރާގެ އެތައް ބަޔަކު އިއްތިފާގުވި ކަންތައްތައް ވެސް ސުއޫދަށް ގޯހެއް ނުވިއެވެ.

ހިމަންދޫ މައްސަލައިގައި ޖަލު ޙުކުމް އައިސްފައި ތިބި ގިނަ މީހުން ސުއޫދު ބަންޑާރަނައިބު ކަމުގައި ހުންނަވައިގެން މިނިވަން ކުރިއެވެ. ނަތީޖާއަކަށްވީ ހަރުކަށި ފިކުރު އެމީހުންގެ ފަރާތުން އިތުރު އެތައް ބަޔަކަށް ފެތުރިގެން ދިއުމެވެ. އެންމެ ފަހުން މިހާރު ފެންމަތިވެގެން އުޅޭ 13 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ ވެސް ގުޅިފައި އޮތީ ހިމަންދޫ މައްސަލަ އާއި އެވެ. އެ ކުއްޖާ އަށް އެ ހާލަތު ދިމާވުމުގައި ހިމަންދޫ މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ ބައިވެރިވުން އެބައޮތެވެ. ސުއޫދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެމީހުން މިނިވަން ނުކުރިނަމަ މިފަދަ އެތައް މައްސަލައެއް ކުރިމަތިނުވެ، ކިތަންމެ އާއިލާ އަކަށް މިއަދު ދިމާވެފައި މިއޮތް ހާލަތު ދިމާނުވީހެވެ.

ހަނދާންތައް އާކުރަން އިތުރު ވާހަކަ ދައްކާނަމަ ސުއޫދު ބަންޑާރަނައިބަކަށް ހުރެގެން ސުޕްރީމް ކޯޓުގެ ތަޅުދަނޑި ސަރުކާރުން ފޮރުވާ، ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ހާދިސާ ހަނދާނަށް ގެންނަވާށެވެ. ދައުލަތުގެ އެއްބާރުގެ ބާރު ކަނޑުވާލާ، ޕެރަލައިޒް ކޮށްލިއިރު ސުއޫދު ހުންނެވީ ބަންޑާރަނައިބަކަށެވެ. އޭނާ އަށް އެކަން ގޯހެއް ނުވިއެވެ. ސަބަބަކީ އެއީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި އެއްގޮތައް ހިންގި އަމަލަކަށް ވާތީއެވެ.

އަދާކުރަން ޖެހުނު ޒިންމާތައް އަދާކުރުމުގައި ފެއިލްވި ކަން އަމިއްލައަށް ގަބޫލުކޮށް ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް ޤާނޫނާއި ހިލާފު އެއްވެސް ކަމެއްގެ ޒިންމާ އޭނާ ނުއުފުއްލެވިއެވެ. މުޅި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ކުރަން ޖެހުނު ކަންކަމަށް ސިޔާސީ ވިސްނުން އިސްކުރިކަން ފާޅުގައި ފެނުނު ނަމަވެސް އެކަން އަމިއްލައަށް ސުއޫދު ގަބޫލެއް ނުކުރެއެވެ.

ބަންޑާރަނައިބު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރ މަހާއި ހަމައަށް ފާއިތުވެގެން ދިޔަ އަށް އަހަރު ސުއޫދު ކުރި މަސައްކަތަކީ ސިޔާސީ އެކްޓިވިސްޓަކު ކުރާނެ މަސައްކަތެވެ. އެމްޑީޕީގެ ވިސްނުމާއި ފިކުރާއި އެއްގޮތައް ސަރުކާރަށް ފާޑުކިޔުމުގައި އޭނާ ދެމިހުއްޓެވެ. ސަރުކާރާއި ޝަރުޢީ ދާއިރާ ސުއޫދުގެ ލޮލުން ބެލުމުން ފެންނަނީ މަގުމަތީގައި މުޒާހަރާތަކުގައި އުޅޭ އެމްޑީޕީގެ އެކްޓިސްޓަކަށް މަންޒަރު ފެންނާނެ ގޮތަށެވެ.

ރައީސް ޞާލިހް ވެރިކަމަށް ގެންނަން ސުއޫދު އަމަލީ ގޮތުން ކެމްޕޭންގައި ބައިވެރިވިއެވެ. ފޮޓޯތަކުންނާއި ވީޑިއޯތަކުންނާއި ޓްވީޓްތަކުން އެމަންޒަރު އެހުރީ ފެންނާށެވެ.

ނޮވެމްބަރ މަހު ސުއޫދު ހަވާލުވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް ކަމާއި އެވެ. ކޮމިޝަނަށް ސަރުކާރުން ދޭން ހިތައް އެރިއްޔާ އެރި ބާރެއް ދެއްވައިގެން މައްސަލަތައް ތަޙްޤީޤުކޮށް ފުރަތަމަ ނެރުނު ރިޕޯޓަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ރިޕޯޓެވެ.

ބައެއް މީހުން ކޮފީ މޭޒުތަކާއި މީސް މީޑިއާގައި ދައްކާ ވާހަކަތައް ފިޔަވައި ތަޙްޤީޤަށް ހޯދުނު އާ ހޯދުމެއް އެ ރިޕޯޓްގައި ނެތެވެ. ބަޔާން ދިން ބަޔަކު ކިޔައިދިން ހިޔާލީ ވާހަކައެއްގެ ގޮތައް ރިޕޯޓް ތައްޔާރުކޮށް ނިމުނުއިރު މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ ފަދަ ހެއްކެތް ވެސް ހޯދިފައެއް ނެތެވެ. ފުރަތަމަ ޓެސްޓުން ވެސް ސުއޫދަކީ މިކަމަށް ގާބިލް ބޭފުޅެއް ނޫންކަން އެނގިގެން ދިޔައީ އެވެ.

ދެން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރީ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓެވެ. އެ ރިޕޯޓްގައި ވެސް ހާދިސާ ހިނގި ގޮތް ކަމަށް ކޮމިޝަނަށް ފެންނަ ގޮތްކަމަށް ބަޔާންކޮށްފައި އޮތް ސަބަބު ފިޔަވައި އާ މައުލޫމާތެއް ނެތެވެ. ބައެއްގެ މައްޗަށް ތުހުމަތުތަކެއް ކުރިއިރު އެކަންކަން ޝަރުޢީ ކޯޓެއްގައި ސާބިތު ކުރެވޭ ވަރުގެ ހެއްކެތް ވެސް ނެތެވެ.

އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ކޮމިޝަނަށް ކަށަވަރު ކުރެވުނު އަލީ ޝާން (ސަޓޯ) އާއި ސަޓޯ އެކަމުގައި ބައިވެރި ނުވާކަމަށް ބުނެ ދޮގު މައުލޫމާތު ކޮނިޝަނަށާއި، އަދި ކުރިން ފުލުހުންނަށް ވެސް ދިން އަލީ ހާޝިމް (ސްމިތު) ގެ މައްޗަށް ދައުވާ ކުރަން މައްސަލަ ޕީޖީ އަށް ފޮނުވާލުމުގެ ހިތްވަރު ވެސް ސުއޫދާއި، ރިޔާސީ ކޮމިޝަންގައި ނެތެވެ. ސަބަބަކީ އެއީ އެމްޑީޕީގެ ދެ އެކްޓިވިސްޓުން ކަމަށްވުމެވެ.

ފެނިގެން މިދަނީ އަފްރާޝީމްގެ މަރާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ކޮމިޝަނަށް ވެސް އެއްބަސް ވެވޭ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާއެއް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން މަސައްކަތް ކުރާ މަންޒަރެވެ. ސަބަބު ވަރަށް ސާފެވެ. ޝަހީމަކީ މިއަދު މިއޮތް ހާލަތުގައި އެމްޑީޕީ އަށް ސިޔާސީ ގޮތުން ރަނގަޅު ރައްދެއް ދެވިދާނެ ހަމައެކަނި ބޭފުޅާއެވެ. ފަހަރުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަވެސް ކޮށްފާނެ ބޭފުޅެކެވެ. އެހެންކަމުން އޭގެ ކުރިން އޭނާގެ އަބުރު ކަތިލުން ފިޔަވައި އިތުރު އެއްވެސް ސަބަބެއް މިކަމުގައި ނެތެވެ.

ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނަން ފޮނުވި ފަހުން ޝަހީމްގެ މައްޗަށް ދައުވާ ކުރަން މައްސަލަ ޕީޖީ އަށް ފޮނުވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ ތާއީދާއި ލޯބި ސުއޫދަށް ހޯދުމަށް ކަން ވަރަށް ސާފުކޮށް އެނގެއެވެ.

ސުއޫދު ބާ ކައުންސިލްގެ ރައީސް ކަމަށް މި އަހަރު ވާދަކުރިއެވެ. ޤާނޫނީ ވަކީލުންގެ ވޯޓަކުން ރާއްޖޭގެ ގިނަ އަދަދެއްގެ ވަކީލުން ބުނީ ސުއޫދަކީ އެމަގާމަށް ގެންނަން އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށެވެ. ޤާނޫނީ ދާއިރާ އިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ވަކީލުން ބާ ކައުންސިލްގެ ރައީސް ކަމަށް ގެންނަން ބެނުން ނުވި ބޭފުޅަކު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވުމަކީ ރައީސް ޞާލިހް ހެއްދެވި ބޮޑު ގޯހެކެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެސް އެމްޑީޕީގެ ކެމްޕޭންގައި ސުއޫދު އަމަލީ ގޮތުން ބައިވެރިވިއެވެ. ޖޭއެސްސީގައި މިހާރު އިންނަވާ މެންބަރު ހިސާން ހުސައިންގެ ކެމްޕޭންގައި ސުއޫދު ބައިވެރިވީ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމު ވެސް ފުރުއްވަވަމުންނެވެ. ހިސާން ޖޭއެސްސީގެ ރައީސް ކަމުގައި އިންނަވައިގެން ސުއޫދަކީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން "ހައިލީ ރެކޮމެންޑް" ބޭފުޅެއް ކަމަށް ނިންމެވުމުން ހަމައާއި، އިންސާފާއި މެދު ދެން އިތުރަށް ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟

ސުއޫދު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރާއިރު އޭނާގެ މައްޗަށް ކުރެވޭ އެހެން ތުހުމަތުތައް ވެސް ތަޙްޤީޤު ކުރަން ޖެހެއެވެ. މާލެ އިން ސުއޫދު "އަމިއްލަ ކުރައްވައިގެން" އުޅުއްވާ ކަމަށް ބުނާ ގެއަކީ ސުއޫދު ކޮން ގޮތަކުން ހޯދި ގެއެއްތޯ އާއްމުން ސުވާލު އުފައްދައެވެ. ދަށު ކޯޓުގައި އެއް ހަސްމުގެ ދިފާޢުގައި ވާހަކަ ދައްކާފައި އިސްތިއުނާފު މަރުހަލާގައި އެ ހަސްމާއި ދެކޮޅު ހަސްމުގެ ވަކީލަކަށް ވެހެން ކުރީގެ ހަސްމުގެ ދުވަސް ދުއްވާލަން ސުއޫދު އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށް މީހުން ބުނެއެވެ. ޤާނޫނީ ވަކީލެއްގެ ސުލޫކާއި ހިލާފު މިފަދަ އަމަލުތައް ކުރައްވާފައިވާ ބޭފުޅަކު ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑު ތެރޭގައި ހުންނަވާނީ ކިހިނެއްތޯއެވެ؟

ސިޔާސީ ބޭފުޅަކު ފަނޑިޔާރުގެ އަށް އައްޔަން ކުރައްވައިގެން ބޭނުންވާ ޙުކުމްތަކެއް މިއަދު ނެރެވިދާނެއެވެ. ނަމަވެސް މިއަދު ރައީސް ޞާލިހް އާއި އެމްޑީޕީ އިން ރާއްޖޭގެ ޝަރުޢީ ދާއިރާ ހަލާކު ކޮށްލުމަށް ކުރަމުން އެގެންދާ މަސައްކަތުގެ ސަބަބުން ދިވެހި ގައުމުގެ އަރުތެރެގައި ލާނެ ހިތިރަހަ ދިގު ޒަމާންތަކެއް ވާއިރު ވެސް ފިލައިގެން ނުދާނެ ކަން ޔަގީނެވެ. ޝަރުއީ ދާއިރާ އަށް ސިޔާސީ އެކްޓިވިސްޓުން އައްޔަން ކޮށްގެން އެގަންނަ ގަނޑުގެ އަގު ދިވެހި ރައްޔިތުންގެ ޖާނާއި، މާލާއި، ލެއިން ދައްކަން ޖެހޭނެ ދުވަސް އައުން އޮތީ ދުރަކު ނޫނެވެ. ދުނިޔޭގެ ތާރީޚް ދައްކާ ހަޤީޤަތަކީ މިއީއެވެ.

ދުނިޔެ ހިނގަމުންދާ ނަމަ ހާލަތު ބަދަލުވާނެއެވެ. އެހެންކަމުން މިއަދު މި އޮތް ހާލަތު ވެސް ބަދަލު ވާނެއެވެ. ސުވާލަކީ އެހާލަތު ބަދަލުވާއިރު މިއަދު ބާރުގައި ތިބި މީހުންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ސިވިލް ކޯޓަށް ޙަސަން ކާރިގެ މީހުން

    29
  2. ނާނު

    ރިޔާސީކޮމިސަނުގައި މަސައްކަތްކުރީ އަންނިއާއި އިބޫ ބުނިގޮތަށް ދެން އޭނައަށް ތިމަގާމު ނުލިބެންވީ ސަބަބެއްނެތް .

    48
  3. މަސީހު

    ހާލަތުބަދަލުވާދުވަހަކުން މިއެންމެން އުނުއައުރަނިވާނުވިޔަސް ރާއްޖެދޫކޮއްފިލޭތޯ މަސަތްކަތްކުރާނެކަމީ ކަށަވރުކަމެއް.

    52
    1
  4. އަފް

    ވަރައް ފުރިހަމަ ލިއުމެއް! ????

    59
    1
  5. ބޮޑުގޮހޮޑާ

    މިއަދު މައްސަލައަކަށް ވާކަމަކަށްއޮތީ އިދިކޮޅުގެ މީހެއް ނޭވާލިޔަސް އެއީ މައްސަލައެއް..މީޑިޔާގެ ބާރުތައް މުށަށްލައި ނޫސްވެރިންލައްވާ ހަންފަތުރާ މީޑިޔާތަކުން ޖަވާބު ހޯދާބަލަ މިއަދު ވެރިކަންކުރަނީ ކިތައް ބާރު ވަކިވެގެންތޯ ކިތައްބާރު އެކުވެގެންތޯ؟އިއްޔެ ކޯޓަކުން ދެމީހެއްގެ ކައިވެނި ރުޖޫއަކޮއްދިނަސް ރޔާމީންގެ ދިގުއަތް ކޯޓަށްވައްދައިގެން ރުޖޫއަކޮއްދިނީ ގަވާއިދާ ޙިލާފަށްކަމަށް މީޑިޔާތަކުން ގެނެސްދިނީ....މިއަދު ސޯލިހުކިޔާ ޖާހިލަކުހުރެ މިގައުމު ސުންނާފަތިކޮށް އަޅުވެތިކޮށް ބިކަކުރާއިރުވެސް ކުރީ ސަރުކާރު ކުރީ ސަރުކާރު ލިޔެލިޔެތިބެނީ.،

    52
    1
  6. ބޭބެ

    ވަރަށް ބަރާބަރު ހަޤީގީ ރިޕޯޓެއް. ވެރިކަމުގަ ދާއިމަށް ތިބެވޭނެ ކަމަށް ނުބަލާތި!

    63
    1
  7. ހެހެހެ

    މިސަރުކާރު ނަހަދާނެ ގޯހެއް. އެމިިހެއްގެ ރަހކާތެރިކަން އެމީހަކު ހޯދާނީ . ގިޔާމަތް ވުމުގެ އަލާމަތްތައް ފާލުވުން ގިނަވެއްޖެ. ގިނަމީހުންނައް ލޯބިކުރެވެމުން ދަނީ އިސްލާމްދީނާއި ޚިލާފު ފަރާތްތަކައް. ސަބަބަކީ ދޮގު ވަރައްފަސޭހައިން މީހުން ޤަބޫލްކުރާނެއެއވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

    44
  8. އުތުރުން

    ސުޢޫދަކީ ކެނެރީގެ ނަސީދުގެ ޕަޕެޓެކެވެ އެހެންވީމާ ސްޕްރީމް ކޯޓަށް އަދި އުއްތަމަ ފަނޑިޔާރުކަން އޭނާއަށް
    ވަނީ ކަށަވަރު ވެފައެވެ ނަސީދުގެ މަސްލަހުތަގައި ކުރިއްސުރެ ފައިވިއްދާފައިވާ ސުޢޫދުގެ ސަބަބުބުން ރާއްޖޭގެ
    އަދުލުގެ ނިޒާމް ބަނަވެގެނދާނެއެވެ.

    38
  9. ގލ

    ހާލަތު ބަދަލުވެއްޖެނަމަ ފުރަމަ ސުޢޫދު ހިންގާފައިވާ ޖަރީމާ
    ތައް ތަހްގީގުކުރުމަށްޓާކައި އޭނާ ޖަލަންލާންޖެހެހެވެ އެއަށް
    ފަހު ދެވެން އޮތް އެންމެ ހަރުކަށި އަދަބު އޭނާއަށް ދޭން
    ޖެހެއެވެ.

    32
    1
  10. ރޮނޑާ

    ވަގުންގެ މަޅީގައި ނުޖެހި ހުރި ތާހިރު ބޭފުޅެއް. ގައުމައް ވަފާތެރި އިހްލާސްތެރި ކަމާއި އެކު މަސައްކަތް ކުރައްވާނެ ބޭފުޅެއް. ވަގުން ބިރުން ހަލާކުވާވަރުގެ އިހްލާސްތެރި ބޭފުޅެއް.

    10
    26
  11. އަޙްމަދް

    ޝަހީމަކީ މިއަދު މިއޮތް ހާލަތުގައި އެމްޑީޕީ އަށް ސިޔާސީ ގޮތުން ރަނގަޅު ރައްދެއް ދެވިދާނެ ހަމައެކަނި ބޭފުޅާއެވެ. ފަހަރުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަވެސް ކޮށްފާނެ ބޭފުޅެކެވެ. އެހެންކަމުން އޭގެ ކުރިން އޭނާގެ އަބުރު ކަތިލުން ފިޔަވައި އިތުރު އެއްވެސް ސަބަބެއް މިކަމުގައި ނެތެވެ.
    ———————————————
    މިތާގައި ޑރ. ޝަހީމް ނުވަތަ ޝޭޚް ޝަހީމް އާއި ޙުސްނުސުޢޫދާއި އަޅާ ކިޔާއިރު ތިދެމީހުންކުރެ އެކަކީވެސް ހެޔޮލަފާ ދެމީހުންކަމުގައި ދެއްނެވޭކަށް ނެތެވެ.
    ސަބަބަކީ ތި ދެމީހުންނަކީވެސް ސީޔާސީ ދެ އެކްޓިވިސްޓުންނެވެ.
    ހެއްނަމަވެސް ދީންކިޔަވައިގެން މޮޅުފާސްތަށް ނަންގަވައިގެން މީސްތަކުންނަށް ދީން އުނގައްނަވާދެއްވުމުގެ މައްސްއޫލިއަތު އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ޝޭޚް އެ ބޮޑު މަސްއޫލިއަތު އަދާކުރުން ދުކޮއްލާ އެކަމަށް އިހްމާލުވެ އޭގެބަދަލުގައި ދީން ހަތިޔާރަކަށް ހައްދަވައިގެން މަކަރާއި ހީލަތުން ވެރިކަމަށް އަށްނަންވެގެން (މިދިޔަ ހުކުރުދުވަހު ޙުޠުބާގައި ކީރިތީ قرأن އާއި
    ނަބިއްޔާ صلى الله عليه وسلم ގެ ޠާހިރު ސުއްނަތުގެ އަލީގައި ކިޔާދެއްވި މަގުމަތީގެ ޙައްގުތަކާއި އަދަބުތަކުގެ) މަތީން ހަނދާން ނައްތާލާ ސިޔާސީ ޙަރަކާތްތަކުގެ ނަމުގައި މަގުތަކަށް ނުކުމެ މަގުތަކުގެ އަމަން އަމާންކަން ނަގާލާ ހަޅެއްފަޅެއްލަވާ ހިލޭއަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން މުޒާހަރާ ކަޮށް ހެދީމާ ސިޔާސީ އެކްޓިވިސްޓަށްވުރެ މާނުރައްކާނޫންތޯ ދީން ކޔަވައިގެން މަތީ ފާސްތަށް ނަންގައވައިގެން ހުއްނެވި ޝޭޚް ނުވަތަ ޑޮކްޓަރު!؟

    4
    23
  12. ކަލޯ

    ކޮބައިތަ ސިޔާސީ ނޫންމީހެއް މިޤައުމުގައި! އެހެންނޫނަސް ސިޔާސީމީހުންގެ ވޯޓަކުން ހޮވާފަ ގޮނޑިދައްކާފަ އިއްތާލަންބުނާ މީހަކީ ސިޔާސީމީހުން ބޭނުންވީމަ ބޭނުންވާގޮތަކައް ފުއްގަޑު މޮޑެން ތިމޭނެބައެއް!

    13
  13. އަލިފުތު

    އަބްދުއްﷲ ދީދީ އަކަށް ވުރެ ސުއޫދު ސިޔާސީއެއް ނުވާނެ. އެއީ ޔާމީނު ހޮވަން ކެމްޕޭން ކުރި މީހެއް.

    8
    23
  14. ފިލާވާޅު

    މީނަޔާ ހަަމަޔައް މައްސަލަ ދިޔާމަ ބުނާނީ ހެދޭނެގޮތެއްނެތޭ

    11
  15. ކުޑަބަޖަރާ

    މިހާރުގެ ރައްޔިތުންގެމަޖިލީހަކީ އެމްޑީޕީން ކުރިއްސުރެވެސް ބުނަމުން އައި ސަރުކާރުގެ ރަބަރު ތައްގަނޑު. މިސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ އެއްޗަކަށް އާަނއެކެވެ.

    11
  16. އަހްމަދު

    ގާނޫނީ ވަކީލުންގެ ތެރޭން އެންމެގިނަ ސަސްޕެންޝަން ހޯދުމުގެ ރިކޯޑް އޮތީ ސޫދުއަތުގައި.

  17. ފިލާވާޅު

    މީހެއްގެ ކަށިގަ ހިފާފަ ހުރިކަމެއް ފިލުވޭނެބާ

  18. ހިތާމަ

    ތި ސޫދަކީ، ސިވިލް ކޯޓުގެ އިސްގާޒީއަކަށް ހުރިއިރު މާފަންނުގެއިން ތުއްތުއަލިދީދީއަށް ތަރިކައިން ލިބުނުބައިން 1000 އަކަފޫޓު ދަމައިގެންފައިވާ ހުނަރުވެރި ފަނޑިޔާރެއް. އޭނަޔާ އެހެންމީހަކާ ދެމީހުންވެގެން އެތަނުން ދެމީހުްނަށްވެސް ދެބައި ދަމައިގަތް ހުށިޔާރު ފަނޑިޔާރެއް. ނަމުގައި އޮންނަނީ އަންހެނުންގެ ނަމުގައި ގަތީކަމަށް. އެކަމަކު ތުއްތުއަލިދީދީގެ ވަހީދުގެ ބޮލަށް ސަވާރުވެގެން ހޯދައިދޭނަމޭ ކިޔައިގެން ދަމައިގަތީ. އަސްލަކީ އެއްކަމެއް ނުކުރިޔަސް އެބައި ތުއްތުއަލިދީދީގެ ވާރިސުންނަށް ލިބޭނެ. އެމަކު މިފަނޑިޔާރުގެ މޮޅުކަމުން ހޯދައިދިންކަމަށް ދެއްކީ. މިކަހަލަ ފަނޑިޔާރުން ލައިގެން ގައުމުދާނީ އޮޔާ