ވަކީލަކާއެކު މާދަމާ ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަށް އަންގައިފިއެވެ.

މިއަދު ހަވީރު ވެސް ޔުމްނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައިވެއެވެ. އޭނާ މިއަދު ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށްފަހު ޔުމްނާ ވިދާޅުވީ ވަކީލަކާއެކު މާދަމާ ފުލުހަށް ހާޒިރުވާން ޗިޓު ހަވާލުކޮށްފައިވާ ކަމަށާއި ވަކީލަކު ހަމަޖެއްސުމަށް ދީފައިވަނީ ކުރު މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަކީލަކު ހަމަޖެއްސުމަކީ އުނދަގޫ ކަމެއް ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ފުލުހުންގެ އިދާރާ އަށް މިއަދު ހާޒިރުވިއިރު ގުޅިފައިވާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަށް އެ ސަރަހައްދުގައި ތިއްބެވެ.

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލައިގައި ހައްޔަރުކޮށްފައެވެ. އެބޭފުޅުންގެ ޝަރީޢަތްތައް މިހާރު ވަނީ ފަށާފައެވެ.