ރާއްޖޭގެ ޝަރުއީ ނިޒާމް ގޯސްވެފައިވާ ހާލަތު މި ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ވެސް ވަޒަންކޮށްލެވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލައި ބޮޑެތި ހުކުމްތައް އިއްވިއެވެ. ހުކުމެއް ނެތި، ބައެއް ލީޑަރުން ޖަލު ބަންދުގައި ވެސް ތިއްބެވިއެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވެ، އިދިކޮޅު ލީޑަރުންގެ ކޯލިޝަން ކާމިޔާބު ކުރުމާއެކު، އިންތިގާލީ މުއްދަތުގައި ވެސް ހުކުމްތައް ރިވިއުކޮށް ފަހަރަކު ލީޑަރަކު މިނިވަންވިއެވެ. މިއީ ބާރުގައި ތިބޭ ސިޔާސީ ވެރިން އެދޭ ދިމާއަށް ޝަރުއީ ނިޒާމު ހިނގަމުންދާ ކަމުގެ ކުޑަކުޑަ މިސާލެކެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނީ ނިޒާމު ރާއްޖޭގައި މިހާރު ބައްޓަން ކޮށްފައި މި އޮންނަ ގޮތުން، ޝަރުއީ ނިޒާމުގައި ސިޔާސީ ނުފޫޒު އޮތުމާއި، ބާރުގައި ތިބި ސިޔާސީ ވެރިން ނުވަތަ ބާރު ގަދަ ކުރާނެ ސިޔާސީ ވެރިންގެ ފަޅިއަށް އަމާޒު ކުރެވިގެން އެ ނިޒާމު ހިނގުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. ސިޔާސީ ވެރިން އެ ނުފޫޒު ފޯރުވަނީ ގާނޫނީ ނިޒާމުގައި އެ ނޫފުޒު ފޯރުވަން އޮތް ހަނި ޖާގައެއްގެ ތެރެއިން ކަން ފާހަގަކުރެއެވެ.

އިޝާރާތް މި ކުރެވޭ ކަމަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުމެވެ. ފަނޑިޔާރުންނަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތާއި ބާރު، ގާނޫނުއަސާސީ އިން ދީފައިވާ މި ކޮމިޝަންގައި ތިއްބަވަނީ ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންނެވެ. މި އުކުޅަކީ ސިޔާސީ ބާރު ހޯދުމުގެ ކޯޅުން ކާމިޔާބު ކުރާ ޓީމަކަށް ޖުޑިޝަރީ ކޮންޓްރޯލް ވެސް ކަމިޔާބުވާ ގޮތަށް އޮތް ބާބެއް ކަން ސާފެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބާއި، ރައީސް އައްޔަން ކުރައްވާ ބޭފުޅަކު އިންނަވައެވެ. އެއީ ވެރިކަން ކުރުމުގެ ބާރާއި ގާނޫނު ހަދާ ބާރު ހިންގަން ތިބި މީހުންނެވެ. ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ޕާޓީއަކަށް ނުވަތަ އެއް ކޯލިޝަނަކަށް ކާމިޔާބު ކުރެވިއްޖެނަމަ، ޖޭއެސްސީގައި އެ ބައެއްގެ މެޖޯރިޓީ އުފެދޭނެއެވެ.

ދެން އެ ކޮމިޝަންގައި ތިބެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ގާނޫނީ ވަކީލެކެވެ.

ކުރީގެ ސަރުކާރުގައި ޖޭއެސްސީގައި ޕީޕީއެމްގެ މެޖޯރިޓީއެއް އޮވެ، ކޯޓުތަކުުން ނެރެފައިވާ ހުކުމްތަކާއި، ޖޭއެސްސީގައި މި ސަރުކާރުގައި އެމްޑީޕީގެ މެޖޯރިޓީއެއް އޮވެ، ބައެއް ފަނޑިޔާރުން ނެރެމުންދާ ހުކުމްތަކާއި ގުޅިގެން، ޖޭއެސްސީއިން ސުލޫކީ މައްސަލަތަކެއްގައި އެ ފަނޑިޔާރަކަށް އަޅާފައިވާ ފިޔަވަޅުތަކުން، ޖޭއެސްސީ އެކުލަވައިލެވޭ ގޮތް ބަދަލު ކުރުމަކީ މިހާރު ނުކޮށް ލަސްވެފައިވާ ކަމެއް ކަމުގައި ގިނަ ބަޔަކު މިއަދު ގަބޫލު ކުރެއެވެ.

ކުރިން އެމްޑީޕީން ގޯސްކުރި، ޕީޕީއެމް އިން ދިފާއުކުރި

ރައީސް ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގައި އޮތީ ޕީޕީއެމްގެ މެޖޯރިޓީއެވެ. ޖޭއެސްސީގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްއާއި، މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި، ބަންޑާރަ ނައިބު މުހައްމަދު އަނިލްއާއި، ރައީސް ޔާމީންގެ މެންބަރެއްގެ ގޮތުގައި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އިންނެވިއެވެ.

ޝަރުއީ ކޯޓުތަކުން އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ނެރެމުން ދިޔަ ހުކުމްތަކަކީ ޖޭއެސްސީ މެދުވެރިއަކަށްވެ، ސިޔާސީ ނުފޫޒު ކޯޓުތަކުގައި އޮވެގެން ނެރެފައިވާ ހުކުމްތަކެއްގެ ގޮތުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ސިފަކުރިއެވެ.

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ޖަލު ހުކުމެއް ނުވަތަ ޖަލު ބަންދެއް ކުރިމަތިކުރުވި އިރު، އެއީވެސް ޖޭއެސްސީ މެދުވެރިކޮށް ސިޔާސީ ނުފޫޒު ފޯރުވިގެން ކުރި ހުކުމްތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށް ވެސް މި ކަން ވެގެން ދިޔައީއެވެ. ރިޔާާސީ އިންތިހާބުގެ ކެމްޕޭންތެރޭގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ޝަރުއީ ނިޒާމު އިސްލާހު ކުރާ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ފަށައި ބަހުސް ކުރަން އޮތް މައުޟޫއަކީ ވެސް ޖޭއެސްސީގެ އެކުލެވުމެވެ. ފަނޑިޔާރުގެއަށް ޖޭއެސްސީ މެދުވެރިކޮށް ސިޔާސީ ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމީ ފެންނަން އޮތް ހަގީގަތެއް ކެމެވެ.

އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" ސިޔާސީ މެނިފެސްޓޯގައި ވެސް މި ވައުދު ހިމަނާފައިވެއެވެ. އެމްޑީޕީގެ ހުށަހެޅުމަކީ ޖޭއެސްސީގައި މަގާމުގެ ހައިސިއްޔަތުން ތިބޭ ފަރާތްތަކާއި ފަނޑިޔާރުން ނުތިބޭ ގޮތަށް އެ ކޮމިޝަންގެ އެކުލެވުން ބަދަލު ކުރުމެވެ. އެ ކޮމިޝަންގައި ތިބޭނީ ކުށުގެ ރެކޯޑް ސާފު، ތައުލީމީ ފެންވަރު މަތި، އާންމުންގެ ތެރެއިން ބަޔަކު ކަމުގައި ހެދުމެވެ.

އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާނެ ބަޔާން ކުރާ ލިޔުން

އެކަމަކު އޭރު ވެރިކަން ކުރާ ޕީޕީއެމްގެ ބޭފުޅުންގެ ވިސްނުމުގައި އޮތީ ޖޭއެސްސީގެ އެކުލެވުން ބަދަލު ނުކުރުމެވެ. މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ އޮވެ ގާނޫނު އަސާސީއަށް ބައެއް އިސްލާހުތައް ގެނައި އިރު ވެސް ޖޭއެސްސީގެ އެކުލެވުން ބަދަލުކޮށްފައެއް ނުވެއެވެ. ޝަރުއީ ކޯޓުތަކުގެ ހުކުމްތަކާއި ޖޭއެސްސީގެ ނިންމުންތައް ދިފާއުކޮށް ޕީޕީއެމްގެ އިސް ބޭފުޅުން އޭރު ވާހަކަދެއްކެވިއެވެ. ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް އޭރުގެ ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

މިހާރު އެމްޑީޕީއަށް ކަމުދޭ، ޕީޕީއެމްއަށް ކަމަކު ނުދިޔަ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ އިން ނުކުމެ، "އެޖެންޑާ 19" ގެ ނަމުގައި ވައުދުނާމާއެއްގެ ގޮތުގައި ލެޖިސްލެޓިވް އެޖެންޑާއެއް ތައްޔާރުކޮށް ރައްޔިތުންނަށް ހުށަހެޅިއެވެ. މި ހިސާބުން ވެސް ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ ހުށަހެޅުން "ގެއްލިއްޖެ" އެވެ. އެ އެޖެންޑާގައި އެ ކަމެއް ހިމަނާފައެއް ނެތެވެ.އެކަމަކު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އެކަނި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓުން ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމުގެ ވައުދާއެކީއެވެ.

މިހާރު ޖޭއެސްސީގައި ވަނީ އެމްޑީޕީގެ މެޖޯރިޓީއެކެވެ. މަޖިލީހުގެ ރައީސް ނަޝީދާއި، މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއާއި، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، ރައީސްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ، ކޮމިޝަންގައި އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ހިސާންއެވެ. ނައިބު ރައީސްއަކީ މަސްތޫރު ހުސްނީއެވެ.

ރައީސް ނަޝީދު ވިދާޅުވަނީ ޖޭއެސްސީގައި އެމަނިކުފާނު އިންނަވަން ޖެހޭ ކަމަށެވެ. ޝަރުއީ ނިޒާމު އިސްލާހު ކުރެވެން އޮތީ ޖޭއެސްސީގައި އެމަނިކުފާނު އިންނަވައިގެން ކަމަށް ވިދާޅުވިއެވެ. ޖޭއެސްސީގައި އެމަނިކުފާނު ނެތުން ވަނީ ގައުމަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ކަމަށާއި ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ ރައީސްއަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ ވިސްނުން ނެތްއިރު، މިހާރު އެއީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެންމެ ބޮޑު އަމާޒެވެ. ޕީޕީއެމްގެ ވެރިކަމެއްގައި އެ އިސްލާހު ގެނެސްދެއްވާނެ ކަމަށް އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ ދާދި ފަހަކުން ވިދާޅުވިއެވެ. މިހާރު ވެސް އެ އިސްލާހު ގެންނަން ޖެހޭ ކަމަށް ބުނެ އެ ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވެއެވެ.

މަޖިލީހުގައި މި ބަހުސް ފަށަނީ، ހެޔޮ ބަދަލެއް ފެންނާނެތަ؟

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހެޅުއްވި ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލްގެ ފުރަތަމަ ކިއުން ވަނީ މިހާރު އިއްވައިފައެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާގެ ޖަލްސާތަކުގައި މި ބިލްގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ފަށާނެއެވެ. މި މަރުހަލާގެ ތެރޭގައި ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރުން ތިއްބެވި ގޮތެއް ވެސް ސާފު ވެގެން ދާނެއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކާ ރޫހަށް ބަލާއިރު، މަޖިލީހުގެ ތަޅުމަށް އެ ބިލް ބަލައިގަންނާނެ ކަމަކަށް ނުބެލެވެއެވެ. އޭނާ ވިދާޅުވީ ބިލް ބަލައިގަތުމުގެ ރޫހެއް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި ނުފެންނަ ކަމަށެވެ. އެމްޑީޕީން ވައުދު ނުފުއްދި ނަމަވެސް ޕީޕީއެމް އަދި ޕީއެންސީ އިން އެ މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަން ހާމަނުކޮށް އެމްޑީޕީގެ މެންބަރަކު ވެސް ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރަން އެމްޑީޕީގެ ގިނަ މެންބަރުން ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ މަސައްކަތަކީ ދައުރުގައި ކުރެވޭ އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި ބޭއްވުމަށް ޕާޓީގެ ލީޑާޝިޕް އިން އެދެއެވެ. އެއީ ސަރުކާރުގެ ފަރާތުން އެ ކަން ދިރާސާކޮށް ބަދަލު ކުރެވޭ އެކުލެވުމަކީ އެންމެ ރަނގަޅު އެކުލެވުމެއްގެ ގޮތުގައި ފާސްކުރަން ލީޑާޝިޕްއިން އެދޭތީއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް މި ވިސްނުން މީގެ ކުރިން ހާމަކުރައްވާފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޖުޑިޝަރީ އިސްލާހު ކުރުމުގެ އެޖެންޑާއެއް އެމްޑީޕީއިން ކުރިއަށް ގެންދާނީ ވަކި ހާއްސަ ތަރުތީބެއްގައެވެ. އެ ތަރުތީބު މާ ބޮޑަށް އޭނާ ތަފްސީލް ނުކުރެއްވި ނަމަވެސް، ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމުގެ ފިޔަވަޅު އޮތީ އެ ތަރުތީބުގައި އެންމެ ފަހަކަށް ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ. ފުރަތަމަ ކަމަކަށް ކަނޑައެޅި މަސައްކަތަކީ، ގޯސްކޮށް އަމަލު ކުރަމުން ދިޔަ ފަނޑިޔާރުން ވަކިކުރުން ކަމަށާއި އެ މަސައްކަތް ގާތްގަނޑަކަށް ކާމިޔާބު ކުރެވިފައިވާ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

އާޒިމް ވިދާޅުވެފައިވާ ގޮތުގައި، ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުން އެންމެ ފަހު ކަމެއްގެ ގޮތުގައި ބާއްވަން ޖެހޭ ސަބަބަކީ، މި ދަނޑިވަޅުގައި އެ ކޮމިޝަންގައި ޖުޑިޝަރީ އިސްލާހު ކުރުމުގެ ނިޔަތް އޮތް ބަޔަކު ތިބެން ޖެހޭތީއެވެ. އަދި މިހާރު އެ ކޮމިޝަންގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންނަކީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވިސްނުމުގައި އެންމެ އިސް ސަފުގައި އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ވާތީ މި ވަގުތަށް ކޮމިޝަން ތިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ފެންނަން އޮތް ހަގީގަތަކީ އެމްޑީޕީއާއި ރައީސް ނަޝީދު ދައްކަވާ ވާހަކަ ބަދަލުވެއްޖެކަމެވެ. ގައިމު ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުތައް މިހާރު އަމާޒު ކުރައްވަނީ މީގެ ކުރިން އެމަނިކުފާނު ވަކާލާތު ކުރެއްވި ސިޔާސަތަށް ފުށު އަރާ ގޮތަށެވެ. ޕީޕީއެމްއާއި ޕީއެންސީގައި އޮތް ވިސްނުން ވެސް ބަދަލުވެ، އަމާޒު ހުރީ މީގެ ކުރިން ދިފާއު ކުރި ވިސްނުމަކާއި ދެކޮޅަށެވެ. ސިޔާސީ މަސްރަހުގައި ސިޔާސީ ވެރިންގެ ރާގު މި ބަދަލު ވަނީ އެ އިރެއްގައި އެ ވެރިން ބޭނުންވާ ދިމާއަކަށް ކަން ސާފުކޮށް އެބަ ފެނެއެވެ.

ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުން އެ ބައެއްގެ ވިސްނުން ހުރި ގޮތް ހާމަވާނެއެވެ.