މިވަގުތުގެ އުފެދިފައިވާ ބޮޑުސުވާލަކީ ދިވެހި ރާއްޖެ އަށް އެންމެ އެކަށިގެންވަނީ ކޮންނިޒާމެއްތޯއެވެ؟ ރިޔާސީ ނިޒާމުތޯއެވެ؟ ނުވަތަ ބަރުލަމާނީ ނިޒާމުތޯއެވެ؟ އެހެންކަމުން އެދެވިގެންވަނީ އެންމެ ފުރަތަމައަށް މިދެނިޒާމުގެ ފަރަޤު ދަނެގަތުމެވެ. ދެން އެއަށް ފަހު އެންމެ މޮޅުއިތުރުވެގެންވަނީ ކޮން ނިޒާމެއްކަން ތިމާ އަމިއްލައަށް ކަނޑައެޅުމެވެ.

ރިޔާސީ ނިޒާމު

ރިޔާސީ ނިޒާމަކީ، Montesquieu (ފުރިހަމަ ނަން: Charles-Louis de Secondat) ކިޔުނު ފުރާންސަށް އުފަން ފިލޯސަފަރެއްގެ ފިކުރުގެ މައްޗަށް ރިޢާޔަތްކޮށްގެން 1787ގައި އެމެރިކާގެ ޤަނޫނު އަސާސީން ތޢާރަފުވި ނިޒާމެކެވެ. މި ނިޒާމު ގެ އަސާސަކީ ތިންބާރު ވަކިވަކިން ރައްޔަތުންނަށް ޚިދުމަތް ދިނުމެވެ. އެއީ ޤާނޫނުހަދާ ބާރާއި، ޤާނޫނުތައް ތަންފީޒުކުރާ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރާ ބާރެވެ. އަދި އެއްބާރު އަނެއްބާރެއްގެ މައްޗަށް އެއްވެސް ނުފޫޒެއްނެތުމެވެ. މިނިޒާމަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި މިނިޒާމުގެ ހަރުދަނާކަމުގައި އެމީހުން ދެކޭ ސިފަތަކުގެ ތެރެއިން ޚާޢްޞަ ގޮތެއްގައި ދެސިފައެއް ފާހަނގަ ވެއެވެ.

ފުރަތަމައީ: ދައުލަތުގެ ތަންފީޒީ ބާރު އެއްބާރެއްގެ ގޮތުގައި އޮތުން.

ރިޔާސީ ނިޒާމުގެ ރަނގަޅު ޚާއްޞަ އެއް ސިފައެއްކަމުގައި އެމީހުން ދެކެނީ އެނިޒާމުގައި ތަންފީޒީބާރުގެ ވެރިކަށް ރައްޔިތުން ސީދާ ހޮވާ ވެރިއަށްގެ އަތްމައްޗަށް އޮތުމެވެ. އަދި އެމީހެއްގެ މަސްއޫލިއްޔަތުގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ވަޒީރުންނާއި އެނިހެން މީހުން އައްޔަންކުރުމެވެ.

ދަންނައެވެ. މިނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ނަމުގައި ތަންފީޒީބާރުން އައްޔަންކުރެވޭ ވަޒީރުންނާއި އެހެނިހެން މީހުން ޖަވަބުދާރީ ކުރުވުމާއި އަދި ހަޤީޤަތް ހޯދާބަލައި ޤާބިލުކަން ކަށަވަރުކުރުމުގެ ނަމުގައި ޤާނޫނު ހަދާބާރަށް ވަނީ ފުރުސަތު ދެވިފައެވެ. ނަމަވެސް މިއީ ރިޔާސީ ނިޒާމުގެ އުސޫލެއްނޫނެވެ. މިއީ އެނިޒާމު ފަސާދަކުރުމަށް ޓަކައި އެނިޒާމުގެ ތެރެއަށް ވައްދާލެވިފައިވާ ފަޏިފަޚުސެކެވެ. ރިޔާސީ ނިޒާމުގެ އަސްލަކީ ތިންބާރު ވަކިން މަސައްކަތްކުރުމެވެ. ތަންފީޒީ ބާރުންކުރާ އެއްވެސްކަމަކަށް، ޤާނޫނު ހަދާ ބާރަކުން ނުފޫޒު ނުހިންގޭނެއެވެ. އަދި ތަދައްޚުލެއް ނުވެވޭނެއެވެ. ތަންފީޒީ ބާރުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުރާކަންކަން ރައްޔަތުންނާ ހަމަޔަށް ފޯރުކޮށްދޭނީ ހަތަރުވަނަ ބާރުންނެވެ. އެއީ މީޑިޔާއެވެ. ރައީސާއި އޭނާ އިޚްތިޔާރުކޮށް ފައިވާ މީހުން ގެ ފަރާތުން އުފެދޭ ކަންބޮޑުވުންތަކަށް ޖަވާބުދާރީކުރުވާނީ ވެސް މިދެންނެވި ހަތަރުވަނަ ބާރުންނެވެ. އެކަމުގައި އަޑުއުފުލާނީ ސިޔާސީޕާޓީތަކުންނެވެ. އެކަމުގެ ހެވާނުބާ ނިންމަނީ އަދުލުއިންސާފުގެ ބާރުންނެވެ.

ދެވަނައީ: ދައުލަތުގެ ބާރުތައް ފުރިހަމައަށް ވަކިވެފައި އޮތުން.

ރިޔާސީ ނިޒާމުގެ ރަނގަޅު ޚާއްޞަ އެއް ސިފައެއްކަމުގައި އެމީހުންދެކެނީ، ދައުލަތުގެ ބާރުތައް ފުރިހަމައަށް ވަކިވެފައި އޮތުމެވެ. އެއީ:

1-ރައްޔަތުންނަށް ޚިދުމަށް ފޯރުކޮށްދިނުމަށް އުފެދިފައިވާ ދައުލަތުގެ ތަންފިޒީ ބާރުގެ ވެރިކަން ރައްޔަތުން ސީދާ ހޮވާވެރިއަކަށް ލިބިގެން އެ ބާރު ވަކި މުސްތަޤިއްލު ބާރެއްގެ ގޮތުގައި އޮތުމެވެ.

2- ރައްޔަތުންނަށް ޚިދުމަށް ފޯރުކޮށްދިނުމަށް ހަދަންޖެހޭ ޤާނޫނު ހެދުމުގެ ބާރު ރައްޔަތުން ސީދާ ހޮވާ މެމްބަރުންތަކަކަށް ލިބިގެން އެ ބާރު ވަކި މުސްތަޤިއްލު ބާރެއްގެ ގޮތުގައި އޮތުމެވެ.

3-ރައްޔަތުންގެ މެދުގައި އިންސާފު ޤާއިމުކުރުމުގެ ބާރު ވަކި މުސްތަޤިއްލު ބާރެއްގެ ގޮތުގައި އޮތުމެވެ.

ރިޔާސީ ނިޒާމުގެ ބައެއް އަސްލު ޙަޤީޤަތްތައް :

1-ރިޔާސީ ނިޒާމުގައި ރައްޔަތުންހޮވާފައިވާ ރައީސާއި، އޭނާ އިޚްތިޔާރުކޮށް ފައިވާ މީހުން (ވަޒީރުން)، ރައްޔަތުން ޤާނޫނުހެދުމަށް ޓަކައި ހޮވާފައިވާ މެންބަރުންނަކަށް (ރައްޔަތުންގެ މަޖިލިސްއަށް) ޖަވާބު ދާރީ ނުކުރެވޭނެއެވެ. (De l'esprit des loix, 1st edn 1748, vol. 1ބައްލަވާ)

2- ރިޔާސީ ނިޒާމުގައި ރައްޔަތުންގެ ރައީސަށް، ޕާރލަމެންޓް (ރައްޔަތުންގެ މަޖިލިސް) އުވާނުލެވޭނެއެވެ.

3- ރިޔާސީ ނިޒާމުގައި ރައްޔަތުންގެ މަޖިލިސްއަކަށް، ތަންފީޒީ އިދަރާތައް ޖަވާބުދާރީ ނުކުރެވޭނެއެވެ. އަކަންކުރަންޖެހޭނީ ދައުލަތުގެ ހަތަރުވަނަ ބާރު މީޑިޔާ އިންނެވެ. އަދި ސިޔަސީ ޕާޓީތަކުންނެވެ.

4- ރިޔާސީ ނިޒާމުގައި ރައްޔަތުންގެ މަޖިލިސްއަކަށް، އެއްވެސް ސިފައަކަށް، ރައްޔަތުން ހޮވާފައިވާ ރައީސަކު މަޤާމުން ދުރުނުކުރެވޭނެއެވެ. އެމަޤާމު ގެއްލޭފަދަ އަމަލެއް އެމީހެއްގެ ފުށުން ފެނިއްޖެނަމަ އެކަމުގެ ފަހަތުގައި އަޑުއުފުލާނީ މީޑިޔާ އެވެ. ދެން ސިޔާސީ ޕާޓީތަކެވެ. އެންމެ ފަހުގެ ނިންމުން ނިއްމަނީ އަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުންނެވެ. އޭނާގެ މަޤާމު ގެއްލޭފަދަ އަމަލެއް ސާބިތުވެއްޖެނަމަ އޭނާގެ މަޤާމު ގެއްލުމަށް ޙުކުމްކޮށް އެމީހަކު މަޤާމުން ޢަޒުލުކުރާނީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުންނެވެ.

ދަންނައެވެ. ދިވެހި ރާއްޖޭގެ ސިޔާސީ ނިޒާމަށް ދިމާވެފައިވާ ބޮޑު އެއްގޮންޖެހުމަކީ ދިވެހިރާއްޖޭގައި އަމަލުކުރާ ރިޔާސީ ނިޒާމުގެ ތެރެއަށް އެނިޒާމުގައި ނުހިމެނޭ ބައެއްކަންތައް ވެއްދުމެވެ. އެގޮތުން ދެކަމެއް ފާހަނގަވެއެވެ.

އެއްކަމަކީ: ރިޔާސި ނިޒާމުގެ އުސޫލާއި ޚިލާފަށް ދައުލަތުގެ ތަންފީޒީ ބާރުތަކަށް، ޤާނޫނުހަދާ ބާރުން ވަދެ ޖަވާބު ދާރީ ކުރުވުމަށް މަސައްކަތްކުރުމެވެ. އޭގެ ނަތީޖައަކަށް ވަނީ މުޅިމުޖުތަމައު ހަލަބޮލިވެ ފިތުނަ ފަސާދަ އުފެދުމެވެ. އެހެންކަމުން ދައުލަތުގެ ތަންފީޒީ ބާރުތައް ޖަވާބުދާރީ ކުރުވުމުގެ ޒިއްމާ މީޑިޔާއި ޙަވާލުކުރުމަށް ފަހު މަޖިލިސް އެކަމުން ބޭރުކުރުމަށް ޤާނޫނު އިޞްލާހު ކުރަންޖެހެއެވެ. ރިޔާސީ ނިޒާމު ގެ އަސާސަކީ ތިންބާރު ވަކިވަކީން ރައްޔަތުންނަށް ޚިދުމަތް ދިނުމެވެ. އަދި އެއްބާރު އަނެއްބާރެއްގެ މައްޗަށް އެއްވެސް ނުފޫޒެއްނެތުމެވެ.

އަނެއްކަމަކީ: ރިޔާސި ނިޒާމުގެ އުސޫލާއި ޚިލާފަށް ދައުލަތުގެ ޢަދުލު އިންޞާފު ޤާއިމުކުމުގެ ބާރުގެ ތެރެއަށް، ތަންފީޒީ ބާރާއި ޤާނޫނު ހަދާ ބާރުން ވަދެފައިވުމެވެ. ކުރުކޮށް ދަންނަވާނަމަ ޖޭ. އެސް. ސީ. ގައި އެއްވެސް ޙައިސިއްޔަތަކުން ފަޑިޔާރުން ފިޔަވައި އެހެންބަޔަކު ތިބެގެންނުވާނެއެވެ. އެހެންކަމުން ޖޭ. އެސް. ސީ. ގައި ފަޑިޔާރުން ފިޔަވައި އެހެންބަޔަކު ނުތިބޭގޮތަށް ޤާނޫނު އިޞްލާހު ކުރަންޖެހެއެވެ.

މިދެކަމުގައި ހުރި ގެއްލުމާއި ހަލާކު ނުފެއްނަ ދައުރެއް، އަހަރެއް، މައްސަރެއް، ހަފުތާއެއް، ދުވަހެއް ވަރަށް މަދެވެ.

ބަރުލަމާނީ ނިޒާމު

ބަރުލަމާނީ ނިޒާމަކީ، 1714 އިން 1873 އަށް އިގިރޭސިވިލާތުގައި ވެރިކަންކުރި ރަސްކަމުގެ ނިޒާމު، ތަފާތު ސަބަބުތަކާހުރެ ފޭލްވެ ދައުލަތް ނުހިންގިގެން، ވަޒީރުންގެ އަތްމައްޗަށް ދައުލަތް ހިންގުމުގެބާރުތައް ދޫކޮށްލުގެ ނަތީޖާއެއްގެ ގޮތުން އިގިރޭސިވިލާތުގައި ތަޢާރަފުވި ނިޒާމެކެވެ. ( އަޙްމަދު ނަބީލު ޞޫޞް، އަލް އިސްތިޖުވާބު ފިއްނިޒާމިލްބަރުލަމާނީ، ސ.6)

މިނިޒާމަކީ ކަނޑައެޅޭ ވަކި ޢިލްމީ މަންހަޖެއް، ނުވަތަ ވަކި ޢިލްމީ ފަލްސަފާއެއްގެ މައްޗަށް ބިނާވެގެން އުފެދުނު ނިޒާމެއްނޫނެނެވެ. މިނިޒާމު ޢިލްމީ މަންހަޖެއް، ނުވަތަ އިލްމީ ފަލްސަފާއެއްގެ މައްޗަށް ބިނާނުވުމުން، ފުށުއެރުންތަކާއި ހަމަ ނުޖެހުން ބޮޑުކަމުން، މިނިޒާމު ބޭނުންކުރާ ޤައުމުތަކުން މިއަދާ ހަމަޔަށްވެސް މިނިޒާމު އިސްލާހުކުރުމުގެ މަސައްކަތްނުހުޓެއެވެ. މިނިޒާމުގެ ރަނގަޅު ސިފައެއްގެ ގޮތެއްގައި އެމީހުން ދެކޭ ޚާއްޞަ ދެސިފައެއް އެމީހުން ފާހަނގަ ކުރެއެވެ. އެއީ:

ބަރލަމާނީ ނިޒާމުގެ ރަނގަޅު ސިފައެއްގެ ގޮތެއްގައި އެމީހުން ދެކޭ ޚާއްޞަ އެއްސިފައަކީ : ތަންފީޒީ ދެބާރެއް އޮތުމެވެ. އެގޮތުން، މަޖިލިސުން އައްޔަންކުރާ ދައުލަތުގެ ރައީސަކާއި މަޖިލުންކަނޑައަޅާ ވަޒީރުތަކެއްގެ މައްޗަށް ތަންފީޒީ ބާރު ދެމިގެންވުމެވެ. މިދެބާރުގެ ބާރުވެރިކަމުގެ ނިސްބަތް ތިރީގައި މިވަނީއެވެ.

ބަރުލަމާނީ ނިޒާމުގައި ރައީސުގެ ބާރުވެރިކަން: ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ ރައީސުގެ މަޤާމަކީ ޝަރަފުވެރި މަޤާމަކެވެ. އެއީ ރަމުޒީ މީހަކެވެ. އޭނައަކީ އެއްވެސްކަމެއްގައި ޖަވާބު ދާރީ ވާންޖެހޭމީހެއްނޫނެވެ. އަދި ސިޔާސި އެއްވެސް ދައުރެއްގެ ޒިއްމާ އުފުލަން ޖެހޭ މީހެއްނޫނެވެ. އެންމެ ބޮޑުވެގެންވެސް އޭނާގެ މަސައްކަތަކީ ބޭރުގެ ރަސްމީ މަތީ ފެންވަރުގެ ވަފުދުން އިސްތިޤުބާލުކުރުމާއި، ބައެއް ޖަލްސާތައް ޝަރަފުވެރިކޮށްދިނުމެވެ. ބަރުލަމަނީ ނިޒާމުގެ ދައުވާ އަކީ މިއީ މުސްތަޤިއްލު ބޮޑު ތަންފީޒީ ބާރެކެވެ.

މި މަޤާމާމެދު ޖަވާބު ނުލިބޭ ސުވާލެއް އުފެދެއެވެ. އެއީ؛ އެއްވެސް ސިޔާސީ ޒިއްމާއެއްނެތް، ޖަވާބުޖާރީ ވުމެއްނެތް، މަސްއޫލިޔަތެއްނެތް މީހަކަށް، ރައީސެއްގެ ލަޤަބާއި، މުސާރައާއި، ސިކިއުރިޓީއާއި، ގެކޮޅަކާއި، ކާރުކޮޅަކާއި، އެނޫނަސް އިތުރު އިނާޔަތްތައް، ރައްޔިތުންގެ ފައިސާއިން ދިނުމުގެ ހައްޤު، މަޖިލިސަށް ލިބިގެންވަނީ ކިހާމިންވަރަކަށްތޯ؟

ބަރުލަމާނީ ނިޒާމުގައި ވަޒީރުންގެ ބާރުވެރިކަން: ބަރުލަމާނީ ނިޒާމުގައި ރައްޔަތުންގެ މަޖިލިސުން އުފައްދާ ވަޒީރުންގެ މަޖިލިސަކީ ދައުލަތުގެ ތަންފީޒީ ބާރެވެ. ޖަވާބުދާރީ ވާންޖެހޭނީ މަޖިލިސަށެވެ. މިދެންނެވި ވަޒީރުންގެ މަޖިލިސަށް ޤާނޫނުހެދުމުގައި ވެސް ބައިވެރިވެވޭނެއެވެ. މަޖިސުން އުފައްދާ މިދެންނެވި ދައުލަތުގެ ތަންފީޒީބާރުކަމުގައިވާ ވަޒީރުންގެ މަޖިސަށް ކަނޑައެޅޭ އުމުރެއް ނުވެއެވެ. މަޖިލިސަށް އިތުބާރުނުކުރެވޭ ކޮންމެ ފަހަރަކު ވަޒީރުންގެ މަޖިލިސްގެއްލި ސަރުކާރު ވެއްޓުނީއެވެ.

ބަރލަމާނީ ނިޒާމުގެ ރަނގަޅު ސިފައެއްގެ ގޮތެއްގައި އެމީހުން ދެކޭ ޚާއްޞަ އަނެއްސިފައަކީ : ޤާނޫނުހަދާ ބާރާއި ތަންފީޒީބާރު އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމެވެ. މިދެބާރު އެއްކޮށް މަސައްކަތް ކުރުން ރަނގަޅު ކަމަށް އެމީހުން ދެކެނީ ގެ ދެފަލްސަފާއެއްގެ މައްޗަށް ބުރަވެއެވެ.

ފުރަތަމަ ފަލްސަފާ އަކީ: ޤާނޫނުހަދާ ބާރާއި ތަންފީޒީބާރު އެއްކޮށް މަސައްކަތް ކުރިކަމުގައިވިޔަސް އެއީ މުސްތަޤިއްލު ދެބާރުކަމުޤައި ޤަބޫލުކުރުމެވެ. ނަމަވެސް މިފަލްސަފާއަށް ހުރަސްއެޅޭ ސުވާލެއް އުފެދެއެވެ. އެއީ، ބަރުލަމާނީ ނިޒާމުގައި ތަންފީޒީ ބާރަކީ، ޤާނޫނޫ ހަދާބާރުން އުފައްދާބާރަކަށްވެފައި، ޤާނޫނީބާރުން ބޭނުންވިކޮންމެ ވަގުތެއްގައި ތަންފީޒީބާރު އުވާލެވޭނަމަ، އެބާރުގެ މުސްތަޤިއްލުކަން ދެމިގެންވަނީ ކިހާމިންވަރަކަށްތޯއެވެ؟ މިސުވާލަކަށް ޖަވާބެއްނެތެވެ.

އަދި މިމުސްތަޤިއްލުކަން އެމީހުން އެހެންގޮތަކަށް ވެސް މާނަކުރެއެވެ. އެއީ، ޕާލަމަންޓަށް ރައީސު އަޒުލު ނުކުރެވޭނެ ވާހަކައާއި އަދި ރައީސަށް ޕާލަމެންޓު އަޒުލު ނުކުރެވޭނެވާހައެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޕާލަމެންޓްރީ ނިޒާމުގައި ހުންނަ ރައީސަކީ އެއްވެސް ސިޔާސީ ޒިއްމާއެއްނެތް، ޖަވާބުޖާރީ ވުމެއްނެތް، މަސްއޫލިޔަތެއްނެތް މީހަކަށްވާތީ، އޭނާ އަޒުކުރުމުގެ ބޭނުމަކީ ފަކޮބާތޯއެވެ؟ އަދި ޤާނޫނީގޮތުން އާރެއްބާރެއްނެތް މީހަކަށް (މިސާލަކަށް ޕާލަމެންޓްރީ ނިޒާމުގައި އައްޔަންކުރެވޭ ރައީސަށް) ރައްޔަތުން ހޮވާފައޮންނަ ޤާނޫނީބާރެއް ( މިސާލަކަށް ރައްޔަތުންގެ މަޖިލިސް) އަޒުލު ކުރެވީ ކޮންހަމައަކުންތޯއެވެ؟

ދެވަނަ ފަލްސަފާ އަކީ: ޤާނޫނުހަދާ ބާރާއި ތަންފީޒީބާރު އެއްކޮށް އޮވެގެން ދެބާރު ގުޅިގެން ޚިދުމަތް ދިނުން ރަނގަޅުކަމަށް ދެކޭ ފަލްސަފާއެކެވެ. މިގޮތުން މިދެބާރު އެކުވުމުން ލިބޭ ފައިދާއެއްގެ ގޮތުގައި އެމީހުން ދެކެނީ މައިގަނޑު ދެކަމެކެވެ. އެއީ:

  • ޤާނޫނު ހަދާ މަޖިލިސް ގައި ބަހުސުކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ތަންފިޒީ އިދާރަކަމުގައިވާ ވަޒީރުންގެ މަޖިލިސަށް ލިބުމެވެ.

ނަމަވެސް މިކަމުގައި އަންނަ ކަންބޮޑުވުމަކީ ވަޒީރުންގެ މަޖިލިސް އަކީ ދައުލަތުގެ ތަންފީޒީ އިދާރާކަމުގައިވާހިނދު ޤާނޫނުތައް ހެދުމުގައި އެމީހުންގެ މަޞްލަތު އިސްނުކޮށްފާނެ ކަމުގެ ޔަޤީންކަން އޮންނާނީ ކިހާމިންވަރަކަށްތޯއެވެ؟ ނުވަތަ ޤާނޫނުހަދާ މަޖިލިސް ބޭނުންވާގޮތާ ޚިލާފާށް، ޙައްޤުބަސް ބުނުމުގެ މުސްތަޤިއްލުކަން ލިބިގެންވާނީ ކިހަމިންވަރަކަށްތޯއެވެ؟ ސަބަކީ މަޖިލިސް ބޭނުންވާކޮންމެ ހިދެއްގައި ތަންފިޒީ އިދާރަކަމުގައިވާ ވަޒީރުންގެ މަޖިލިސްގެ އުއްވާލެވިދާނެތީއެވެ.

  • ދައުލަތުގެ ބަޖެޓް ވަޒީރުންގެ މަޖިލިސުން ތައްޔާރުކޮށް ޕަލަމެންޓުން އެއްށް ރުހުންދިނުމެވެ.

ނަމަވެސް މިކަމުގައި އޮތް ކަންބޮޑުވުމަކީ ބަޖެޓް އެކުލަވަނީ ތަންފިޒީ އިދާރަކަމުގައިވާ ވަޒީރުންގެ މަޖިލިސްކަމަށް ވެފައި އެމީހުންނަކީ އެމީހުންބޭނުންވަ ކޮންމެ ވަޤުތެއްގައި މަޖިލަސަށް ވަދެވޭ އަދި އެމީހުންގެ ޚިޔާލު މަޖިލިސްގައި ޙިއްސާކުރެވޭ ބަޔަކަށްވާތީ މިކަމުގައި އެމީހުންގެ ނުފޫޒު އޮވެދާނެކަމުގެ ކަންބޮޑުވުމެވެ.

ތިންވަނަ ފަލްސަފާއަކީ: ޕާލަމެންޓާއި، ތަންފިޒީ އިދާރަކަމުގައިވާ ވަޒީރުންގެ މަޖިލިސް، އެއްބަޔަކު އަނެއްބަޔަށް މިނިޒާމުގެ ދަށުން ފާރުވެރިވެ ބެލުމުގެ މަގުފަހިވެފައި ވުމެވެ. މިގޮތުން އަންނަނިވި ކަންތައް ހިމެނެއެވެ.

ހ- ތަންފިޒީ އިދާރަކަމުގައިވާ ވަޒީރުންގެ މަޖިލިސަށް، ޕާލަމެންޓްގެ ޖަލްސާބޭއްވުމަށް ކަނޑައެޅިދާނެއެވެ. އަދި އެޙައްޤު ލިބިގެންވުމެވެ.

ނަމަވެސް މިގޮތަށް މިކަންއޮތުމުން ޕާލަމެންޓު ވެރިއަކީ ކާކުކަން އޮޅުންނުފިލައެވެ. އެއްކަމެއްގެ މައްޗަށް ދެވެރިއަކު އިސްކުރުމަކީ މަސްލަޙަތުގެއްލޭކަމެކެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީކުރެއވިއެވެ. " އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ إلهންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ." (ސުރަތުލްއަންބިޔާއި 22)

ށ- ތަންފިޒީ އިދާރަކަމުގައިވާ ވަޒީރުންގެ މަޖިލިސް ބޭނުންވާ ކޮންމެ ވަޤުތެއްގައި، ޕާލަމަންޓަށް ވަނުމާއި، ޚިޔާލު ހުށެހެޅުމާއި، ތިމާމެންގެ ދިފާޢުގައި ވާހަކަދެއްކުމުގެ ޙައްޤު ލިބިގެންވުމެވެ.

ނ- ޤާނޫނު ހަދާބާރާއި، ތަންފީޒީބާރު، އެއްބަޔަކު އަނެއްބަޔަކު ޖަވާބުދާރީ ކުރުވުމެވެ. އެގޮތުން ސުވާލުކުރުން، ޖަވާބު ދިނުން، އަދި ޕާލަމެންޓުން ތަޙުޤީޤުތައް ހިންޤުން ހިމެނެއެވެ.

ނަމަވެސް ބުއްދީގެ ހަމަތަކުން މިއީ ޤަބޫލުކުރަން ދަތި ފަލްސަފާއެކެވެ. އެއް ސަބަބަކީ، މިއީ މުސްތަޤިއްލު ދެބާރެވެ. ދެ ޝަޚްޞިއްޔަތެވެ. ދެ މީހެއްގެ މެދުގައި ޢިޚްތިލާފު އުފެދިއްޖެނަމަ، އެކަމުގެ ގޮތެއް ނިންމާނީ ތިންވަނަ ފަރާތަކުންނެވެ. އަނެއްސަބަބަކީ، ދެމީހަކު އެކަކު އަނެކަކަށް ތަޙުޤީޤުތައް ހިންގާނަމަ އެކަމަށް ދުވަހަކުވެސް ޙައްލެއްނައަންނާނެއެވެ.

މުހިއްމު ވާހަކައެއް ދަންނަވާލާނަމެވެ. އެއްބަޔެއްގެ މެދުގައި ތަޙުޤީޤުތައް ހިންގަން އެއް މުއަށްސަސާއެއްވުރެ ގިނަ މުއައްސަސާތައް ހުރެގެންނުވާނެއެވެ. އެދެވިގެންވަނީ ދައުލަތެއްގައި ތަޙުޤީޤުކުރާ އެއް މުއަށްސަސާހުރުމެވެ. މިސާލަކަށް ޕާލަމެންޓަކީ މައްސަލަތައް ތަހުޤީޤުކުރަން ހުންނަތަނަކަށް ވެގެން ނުވާނެއެވެ. އެތަނުގެ މަސައްކަތަށް ވާންޖެހެނީ ޤާނޫނުހެދުމެވެ. މިސާލަކަށް އެންޓި ކޮރަޕުޝަން ބޯޑަކީ މައްސަލަތައް ތަހުޤީޤުކުރަން ހުންނަތަނަކަށް ވެގެން ނުވާނެއެވެ. އެތަނުގެ މަސައްކަތަށް ވާންޖެހެނީ ދައުލަތުގެ މަލީ މުޢާމަލާތުގެ އަލީގައި ކަރަޕްޝަނަށް މަގުފަހިވާ ކަންކަން ދަނެގަނެ އެކަންތައް ޙައްލުކުރުމަށް ޓަކައި ހަދަންޖެހޭ ޤާނޫނީ ދެލިކޮޕީތައް ތައްޔާރުކޮށް ކަމާބެހޭފަރާތްތަކަށް ހުށެހެޅުމެވެ. އެއްދައުލަތެއްގައި ހުންނަންޖެހޭނީ ތަޙުޤީޤީ އެއް މުއަށްސަސާއެވެ. ތަފާތުވައްތަރުގެ ތަހުޤީޤުތަކަށް އުފައްދަންޖެހޭނީ އެތަނުގެ ތަފާތު ޔުނިޓްތަކެވެ. ނަމަވެސް ދިވެހިރާއްޖޭގައި ތަހުޤީޤީ މުއައްސަސާއަކީ ކޮބައިކަން އޮޅުންފިލުވުން ވަރަށް އުދަގުލެވެ. ރައްޔިތުންގެ މަޖިލިސުން އިރުއިރުކޮޅާ ތަހުޤީޤު ހިންގަން ފަށާފާނެއެވެ. އެންޓި ކޮރޮޕްޝަނުން ތަހުޤީޤެއް ހިންގަންފަށާފާނެއެވެ. އަދި ބައެއް ފަހަރަށް ރައީސުލް ޖުމުހޫރިއްޔާވެސް އިތުރު ދެތިން ތަޙުޤީޤީ ކޮމެޓީތައް އުފައްދަވަ ފާނެއެވެ. މުޅި ޤައުމުގައި އޮންނީ ތަހުޤީޤީ އޮއިވަރެކެވެ. ނަމަވެސް ކަމެއްދިމާވާއިރު ޒިއްމާއުފުލާނެ މީހަކު ނުހުރެއެވެ. ސަބަބީ ތަހުޤީޤީ މުއައްސަސާގެ ހައިސިއްޔަތުގެއްލިފައިވުމެވެ.

ރައްޔަތުންގެ ސީދާ ވޯޓަކުން ހޮވާ ވެރިއެއްގެ މުހިއްމުކަން

އިސްލާމްދީން ދެކޭގޮތުގައި ރައްޔަތުންގެ މުހިއްމު ކަންތައް ނިންމަނީ ސީދާ ރައްޔަތުންނެވެ. އެއީ ހަމަ އެކަނި ރައްޔަތުންގެ ޙައްޤަކެވެ. އިސްލާމީ ޚިލާފަތަށް ނަޒަރު ހިންގާލާއިރު ފެންނަނީވެސް އެމަންޒަރެވެ. އިސްލާމްދީނުގެ ފުރަތަމަ ޚަލީފާ މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުގެ ފާނު، ވެރިކަމަށް ހޮވިވަޑާގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑާގަތް މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު، ވެރިކަމަށް ހޮވިވަޑާގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑާގަތް މާތް ﷲ ރުއްސުންލެއްވި ޢުސްމާނުގެފާނު ވެރިކަމަށް ހޮވިވަޑާގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. އަދި އެއަށްފަހު އިސްލާމީ ޚިލާފަތަށް ވަޑާގަތް މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވެރިކަމަށް ހޮވިވަޑާގަތީ ރައްޔަތުންގެ ސީދާ ނިންމުމަކުންނެވެ. މިދުވަސްވަރުގެ ބަހުންނަމަ ރައްޔަތުންގެ ސީދާ ވޯޓަކުން ކަމުގައި ބުނެވިދާނެއެވެ.

ވީމާ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ހަޤީޤަތް އޮޅުންފިލުވާދިނުމަށްފަހު ދިވެހި ރާއްޖެ އަށް އެންމެ މުނާސަބުވަނީ ކޮންނިޒާމެއްތޯ ކަނޑައެޅުމުގެ ޙައްޤު ދިވެހީންގެ އަތްމައްޗަށް ދޫކޮށްލަމެވެ.

ނޯޓް: ރިޓަޔާޑް މެޖިސްޓްރޭޓް އަބްދުﷲ ފާރޫޤް އިބްރާހިމް އަކީ ގިނަ ދުވަސްތަކެއް ވަންދެން މެޖިސްޓްރޭޓް ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޤާނޫނީ އަދި ޝަރުޢީ ދާއިރާ އިން ރިޓަޔާޑް މެޖިސްޓްރޭޓް އަބްދުﷲ ފާރޫޤް އިބްރާހިމް "ވަގުތު" ގައި ލިޔުއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ތޯތާ

    ރިޔާސީ ނިޒާމު

    19
    1
  2. ޑެރަ

    ޢަހަރެމެން ބަރުލަމާނީ ބޭނުމެއްނޫން. 300 ވޯޓްހޯދައިގެން ބޮޑުވަޒީރުކަން ހޯދަންކުރާ ނުބައި ރޭވުމެއް

    24
    1
  3. ވިސްނާލުމަށް އެދެމޭ

    އަހަރެމެން ދިވެހި ރައްޔިތުންވަނީ އަހަރެމެންނަ ރަގަޅީ ރާއްޖޭގަ ވެރި ކަން ކުރަން ރަގަޅީ ކޮންނިޒާމެއް ކަން...ދެން އިތުރަށް ނިޒާމަށް ބަދަލެއް ގެންނަންބޭނުންނަ އަނެއް ކާވެސް ވޯޓެނަގަންދީ ރައްޔިތުންނަ.. މަޖުލިހުގަ އެއްޕާޓީއެއްގެ މެޖޯރިޓީއެ އޮތަތީ ރައްޔިތުންގެ ބަހެއް ނުހޯދާ ވެރި ކަން ރަސް ކަމަށް ބަދަލު ކުރަންވީތަ ގަދަބާރު އޮތީމަ..އިންޑިއާ އައުޓް...އިންޑިއާ އައުޓް..

    6
    1
  4. ހުސޭނުބޭ

    ބޮޑުއެތި ކާނީ ކުޑައެތި ނިޒާމު!

  5. އެކްޓަރ

    އެމެރިކާގެ ނިޒާމަކީ ފެޑެރަލް ރިޔާސީ ނިޒާމެއް.. އެއީ އަސްލު ރަގަޅު ރިޔާސީ ނިޒާމަކީ. ރާއްޖޭގެ ނިޒާމަކީ ސެންޓްރަލް ރިޔާސީ ނިޒާމެއް . ހުރިހާ ބާރެއް ރައީސަށް. މިއީ ޚޮދު މުޚުތާރު ނިޒާމެއް.
    އެމެރިކާގެ ނިޒާމުގައި ސިޓީ އާއި ސްޓޭޓް ތައް ހިންގާނީ ވަކި ބާރެއްގެ ތެެރެއިން.

  6. ޑައެލޯގް

    މިއުޅެނީ ކެނެރީގޭނަޝީދަށް ވެރިކަން ދެންނުލިބޭނެކަންޔަގީންވާތީ ކުރާކަމެކެވެ. އެކަމު މިއަންނި ބުނީ ރާއްޖޭގެ ވެރިކަމަކީ ރައްޔިތުންގެ ވޯޓަކުން ހޮވަންޖެހޭކަމެކެވެ. މައުމޫނުމެން ވެރިކަމަށް އަންނަނީ ފެންނަ ނުފެންނަ ވޯޓަކީ ހަގީގީ ރައްޔިތުން ހޯވާބައެއްނޫނެވެ. އެކަމު މިވާގޮތުން ރައްޔިތުންނަށް ދެންނުލިބޭނެ ފެންނަ ނުފެންނަ ޖަހަންވެސް ފުރުސަތެއް އެހާމަކަރުވެރި މީހެއްމިއަންނިއަކީ މިވަރުންވެސް ރީދޫކުދިން މީނަޔާހެދި މޮޔަވާތީދެރައީ

  7. އަބްދޫ

    ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު.ބަރުލަމާނީ ނިޒާމެއް ގެނެވޭތޯ މިއުލެނީ ގައުމަށް މަންފާހުރެގެނެއްނޫން. އެއީ 2007 ގަ ގައުމުގަ އޮންނަން ފެންނަނީ ރިޔާސީތޯ ބަރުލަމަނީ ތޯ ވޯޓް ނަގަންޖެހުނީ ނަސީދު ބަރުލަމާނީ ބޭނުންވާވަރުންދޯ . ނަސީދު ރައީސަކަށް އިންތިހާބު ވީމާ ނިޒާމާ ބެހެޭ ވާހަކައެއް ނަސީދު ނުދައްކަވާ އޭރު ރިޔާސީ ނިޒާމް ނަސިދަށް ކަމުގޮއްސި. މިހާރު އެގިއްޖެ ރިޔާސި ނިޒާމެއްގެ ވަރިކަންކުރަން ނަސިދަށް ދިވެހިރައްޔިތުން ވޯޓް ނުދޭނެކަން. އެހެންވެ ބަރުލަމާނި ހަދައިގެން ބޮޑުވަޒީރަކަށް ވެ ސަރުކާރު ހިންގަވެރިޔަކަށް ހުރުމުގެ ހުވަފެން މިދެކެނީ ގައުމަށް ފައިދާއެއް އޮވެގެނެއްނޫން. ތިމާގެ ޖާހާ މަތިވެރިކަން ދެއްކުމަށް ކުރެވެ ކަމެއްގެ ގޮތުގަ. ގާނޫނުއަސާސީގެ 2 ވަނަ މާއްދައަށް ބައްލަވާ އެއޮތީ އަމިއްލަ ވެރިކަން ކުރާ ދިމިގްރާތީ ޖުމްހޫރީ އަދި ޔުނިޓަރީ ދަވްލަތެކެވެ. ޖުމްހޫރީ އަކީ ރިޔާސީ ނިޒާމް ގެ ވާހަކަ. ދެންބަލަމާ މަޖިލީހުގެ އުމްރަ ސަރުކާރުގެ އުމްރާ ރައީސަކު އިންތިހާބު ކުރާގޮތާ ރައްޔިތުންގެ އާއްމު ވޯޓަކުން ނޫނީ ބަދަލު ނުކުރެވޭނެކަމަށް ގާނޫނުއަސަސީގަ ލިޔެވިފާ އޮތް އޮތުން. މިހާތަނަށް ރާއްޖޭގެ ނިޒާމް ބަދަލު ކޮށްފަ ވަނީ އާއްމުންގެ ވޯޓަކުން. މުހަންމަދު އަމީން ރައީސަކަށް ވެ ވަޑައިގަތުން. ރާއްޖޭގަ އޮންނަންފެންނަނީ ރަސްކަމެއްތޯ ޖުމްހޫރިއްޔަތެއްތޯ ބެލުމަށް އޭރުގެ ހާ؛ލަތު ނިޔާކުރާ ގޮތަށް ނެގި އާންމުވޯުޓުން ފާސްވީ ރާއްޖެގަ އޮންނާނި ޖުމަހޫރިއްޔަތެއްކަމަށް . ދެވަނަޔަށް ރަސްކަމެއްތޯ ޖުމްހޫރިއްޔަތެއްތޯ ބެލުމަށް ވީޓްނަގާ ރަސްކަމަކަށް ފާސްވުމުން ރަސްކަލަކަށް އަބްދުލްމަޖީދު ރަންނަބަނޑޭރު ކިލެގެފާނު ހޮއްވެވީ. އޭގެ ފަހުން ރާއްޖެގަ އޮންނަނީ ރަސްކަމެއްތޯ ޖުމްހޫރިއްޔަތެއްތޯ ބެލުމަށް ވޯޓް ނަގާ ޖުމްހޫރިއްޔަތަކަށް ފާސްވުމުން އިބްރާއިމްނާސިރު ރައީސަކަށް ވެ ވަޑައިގަތީ. އޭގެ ފަހުން ރާއްޖޭގަ އޮންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބަލަން ނެގި ވޯޓްގަ ރިޔާސީ ނިޒާމަކަށް ފާސް ވުމުން ގާނޫނުއަސާސީގެ 2 ވަނަ މާއްދާގަ ޖުމްހޫރިއްޔަތެއްކަމަށް ލިޔެވިފާ އެއޮތީ. ރިޔާސީން ބަރުލަމާނީ އަކަށް ދިއުން ގޯހެއްނޫން އެކަމަކު ފުރަތަމަ ޖެހޭނީ ރާއްޖޭގަ އޮންނަންފެންނަނީ ކޮންނިޒާމެއްތޯ ބެލުމަށް އާއްމު ވޯޓެއްނަގާ ބަރުލަމާނި އެއް ފާސް ވެއްޖެ ނަމަ މަޖިލީހުން ގާނޫނުއަސާސި އިސްލަހުކުރަން ފާސް ކުރާ ގާނޫނެއްގެ ދަށުން މިކަން ކުރަންޖެހޭނީ.

  8. ޚެލޮ

    “އިސްލާމްދީން ދެކޭގޮތުގައި ރައްޔަތުންގެ މުހިއްމު ކަންތައް ނިންމަނީ ސީދާ ރައްޔަތުންނެވެ. “ މި އީ ބުހުތާނު ދޮގެއް. ރަނގަޅައްބައްލަވާ ދީނުގަ އެކަން އޮންނަގޮތް.

    6
    2
  9. އައްޑޫ ލެއި

    ކެނެރީގޭ ނަޝީދު މި ދިވެހި ފަސްގަނޑަށް ނޭވާ ލާހާ ހިނދަކު ތިއިން އެއްވެސް ނިޒާމަކުން މިޤައުމަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެ. ދިވެހި ރައްޔިތުންނަށް ޖެހިފަ އޮށް ބޮޑު މުސީބާތެއް ނަޝީދަކީ.

    10
  10. ކެނެރީ

    އިންޑިޔާ އައުޓް ރިޔާސީ ނިޒާމް

    4
    1
  11. ޔޫސުފް

    ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ ޑިމޮކްރަސީގެ ގޮތުގައި ވެރިކަން ކުރެވެމުންދާ ދެ ނިޒާމު ކަމުގައި ވީ ހިނދު ، ޑިމޮކްރަސީ އުފެދިގެން އައީ އީސާއިން ސަނަތުގެ 300 އަހަރު ކުރިން އެތެންޒުންނެވެ. އެލެކްޒެންޑަރ ދަ ގްރޭޓަކީ މިގޮތުން ޑައިރެކްޓް ޑިމޮކްރަސީއަށް ވެރިކަން ކޮށްފައިވާ ވެރިއެކެވެ، ބަރުލަމާނީ ނިޒާމަކީ ޑިމޮކްރަސީ އުފަންވުމުގެ ކުރިން އޮތް "ޓީމޮކްރެސީ" ގެ އަސްލުގެ މައްޗަށް ވިޔާފާރިވެރިންގެ އަތްމަތީ ވެރިކަން އޮންނަ އުޞޫލުން ޕާލަމެންޓަށް ވެރިކަންދީގެން ވެރިކަން ކުރެވޭ ނިޒާމެއްކަމުން ރައްޔިތުމީހާގެ ސީދާ ބައިވެރިވުން ބަރުލަމާނީގައި ފެނިގެންނެއް ނުދާނެއެވެ،.. އަދި ބަރުލަމާނީ ވެރިކަމަށް ފުރޮޅާލައިފި ނަމަ އެނބުރި ރިޔާސީ ނިޒާމަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެނީ ޕާލަމެންޓުން ވެރިކަން ދޫކޮށްލާނެ ބިލެއް އެމީހުން ފާހެއް ނުކުރާނެއެވެ. ނަތީޖާ އަކީ މުޅި ޔޫރަޕް ވަނީ ބަރުލަމާނީގެ އަޅުވެތިކަމުގެ ތެރޭގައި ކަސްތޮޅު އެޅިފައެވެ. އެމެރިކާ މުޅިދުނިޔޭގެ މައްޗަށް ނުފޫޒު ފޯރުމުގެ މައިގަނޑު އަސްލަކީ ރިޔާސީ ނިޒާމާއި ، އެނިޒާމު އެކަށައެޅިފައި އޮތް މުނާސަބަތު ގޮތެވެ.

  12. ޢަހު

    ދިވެހިރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ކުޑަކަމުދާ ނިޒާމް ރާއްޖޭގެ ނިސްބަތުން އެންމެ ގިނަމީހުން ޔޫރިން އިންފެކްޓްވާ ނިޒާމަކީ ކުޑަކަމުދާ ނިޒާމް ރައްޔިތުންގެ ދެބައިކުޅަ އެއްބައިމީހުންނަށް ވަނީ މިނިޒާމުގަ މައްސަލަ ޖެހިފަ އަބަދު އެކަމަށ ބޭސްކުރަން ޖެހެނީ ބައެއްމީހުން ކިޑްނީ ހިލަ އަނެއްބައިމީހުން އެހެން ކޮންމެވެސް ކަމެއް ހަމަ މިނިޒާމުގަ

  13. ދީދީގެސީދީ

    މިރާއްޖެއަށް މިހާރު އެންމެ ބޭނުންވަނީ ހަޖަމުކުރުމުގެ ނިޒާމް (ޑައިޖެސްޓިވްސިސްޓަމް)

  14. ޢަބޫ

    ތޮއްޑޫ ނިޒާމް