ޖިލް ބައިޑެން އަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރައްވާ ޖޯ ބައިޑެންގެ އަނބިކަނބަލުންނެވެ. އަދި ޖޯ ބައިޑެން އެމެރިކާގެ ނައިބު ރައީސް އެއްގެ ގޮތުގައި ހުންނެވި އިރު، 2009 ވަނަ އަހަރުން 2017 ވަނަ އަހަރަށް އެމެރިކާގެ ސެކަންޑް ލޭޑީ އެއްގެ ގޮތުގައިވެސް ޖިލް ހުންނެވިއެވެ.

ފަސްޓް ލޭޑީ އަށް ވީ ކަމުގައި ވިޔަސް ކިޔަވައިދިނުމުގައި ދާއިރާ ދޫނުކުރައްވާނެކަން ހާމަކޮށް ޖިލް ބައިޑެން ބުނީ އޭނާ ވިސްނަނީ މިހާރެކޭ އެއްގޮތަށް ފުލް ޓައިމްކޮށް ކޮމިއުނިޓީ ކޮލެޖުގެ ޕްރޮފެސަރެއްގެ ވަޒީފާގައި ހުރުމަށް ކަމަށެވެ. ހަތަރު ޔުނިވަސިޓީ ޑިގްރީ ވެސް އޮންނަ ޖިލް މިގޮތަށް ކަންތައް ކޮށްފިނަމަ އޭނާ ވެގެންދާނީ ވައިޓް ހައުސްގެ ބޭރުން ކެރިޔާ ދަމަހައްޓަވާ ފުރަތަމަ ފަސްޓް ލޭޑީ އަށެވެ.

އުމުރުން 69 އަހަރުގެ ޖިލް ބައިޑެންއަށް މާމަ ކިޔާ ފަސް ދަރިން ތިބިއިރު އޭނާ ބުނީ ކިޔަވައި ދިނުމުގެ ދާއިރާ ދޫނުކުރައްވާނޭ ކަމަށާއި އޭނާ ބޭނުންވަނީ ޓީޗަރުންނަކީ މުޖުތަމައުގެ ގަދަރުލިބިގެންވާ އެފަރާތްތަކުން ކޮށްދެއްވާ ކަންކަމުގެ އަގުވަޒަން ކުރެވޭ ބަޔަކަށް ވުން ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ޖޯ ބައިޑެން ނައިބު ރައީސަކަށް ހުންނެވި އިރުގައިވެސް ޖިލް ގެންދެވީ ނޮދާން ވާޖީނިޔާ ކޮމިއުނިޓީ ކޮލެޖުގައި ކިޔަވައިދެއްވުން ދަމަހައްޓަވަމުންނެވެ. އަދި އޭރު އޭނާ ކިޔަވައިދެމުން ގެންދިޔަ ކުލާހުގައި އެމެރިކާގެ ސީކްރެޓް ސާވިސްގެ މީހުން ދަރިވަރުންގެ ގޮތުގައި ވެސް އުޅުނެވެ.

ފޮޓޯ: ގޫގުލް

އޮބާމާގެ ވެރިކަމުގައި ޖޯ ބައިޑެން އެމެރިކާގެ ނައިބު ރައީސްކަމުގެ ހުވާ ކުރެއްވީ 2009 ވަނަ އަހަރުގައެވެ.

ފޮޓޯ: ގޫގުލް

ޖިލް ބައިޑެން އަކީ އެތައް ބަޔަކު ބަލައިގަންނަ މޮޅު ލެކްޗަރާއެކެވެ. ކިޔަވައި ދިނުމުގައި އުޅުނު އިރު ޖިލްގެ އަސްލު ނަން ބޭނުންކޮށްފައި ނުވާ އިރު، އޭރު އޭނާ ނަމުގެ ގޮތުގައި ބޭނުން ކުރީ ޖާކޮބް ގެ ނަމެވެ.

އުމުރުން 28 އަހަރުވަންދެން ޖިލް ބައިޑެން ކިޔަވައި ދިނުމުގެ ދާއިރާގައި އުޅުނު އިރު އޭނާ 2009 ވަނަ އަހަރު ބޭއްވި ގައުމީ ޓީޗާސް ފޯރަމުގައިވެސް ބައިވެރިވިއެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާގެ އިތުރުން މުޖްތަމައުގެ އެކިއެކި ހަރަކާތްތަކުގައިވެސް އޭނާ އިސް ނަގައި މަސައްކަތް ކުރާކަން ފާހަގަ ވެއެވެ. އެގޮތުން ގައުމީ ފެންވަރެއްގައި އުރަމަތީގެ ކެންސަރާ ބެހޭ މައުލޫމާތު އަންހެނުންނަށް ދިނުމުގައި އިސް ނެގިއެވެ.

ޖިލް ބައިޑެން ފުރަތަމަ ކައިވެނި ކުރީ ބިލް ސްޓީވެންސަން އާއެވެ. އުމުރުން 18 އަހަރުގައި ކުރެއްވި އެ ކައިވެނި ފަސް އަހަރު ފަހުން ވަނީ ރޫޅިފަ އެވެ. އަދި 1975 ވަނަ އަހަރުގެ މާރިޗް މަހު ޖޯ ބައިޑެން އާއި ޖިލް ޑޭޓް ކުރަން ފެށިއެވެ. އަދި 1977 ގައި ބައިޑަން ވަނީ ޖިލް އާއި ކައިވެނިކޮށްފަ އެވެ. އެ ކައިވެނި ވެގެންދިޔައީ ދެމީހުންނަށްވެސް ދެމީހުންގެ ކެރީޔަރު ފުރިހަމަ ކުރުމަށް ލިބިގެންދިޔަ ފުރުސަތަކަށެވެ. ޖިލް އަކީ ސިޔާސީ މީހަކަށް ނުވި ކަމުގައި ވިޔަސް ބައިޑެން އަށް ކަންކަމުގައި ހިޔާލުދީ ހިތްވަރު ދިނުމުގައި ޖިލް ނަމޫނާ މީހެއްގެ ގޮތުގައި ފާހަކަ ކުރެވެއެވެ.

ޖިލް އާއި ޖޯ ބައިޑެންގެ އަންހެން ކުއްޖެއް (އެޝްލީ ބައިޑެން) ހުންނައިރު ބައިޑެން ކުރިން ކޮށްފައިވާ ކައިވެންޏެއްގައި ލިބިފައިވާ ދެ ކުދީން(ބިއު ބައިޑެން، ހަންޓާ ބައިޑެން) ވެސް ތިބެއެވެ. ޖޯ ބައިޑެން ފުރަތަމަ ކައިވެނީގައި ލިބުނު ދެ ފިރިހެން ކުދީންގެ މަންމަ(ނެއިލިޔާ ހަންޓާ) ވަނީ 1972 ގައި ދިމާވި ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ.

ކުޑައިރުގައި ވަރަށް ތަފާތު ދިރިއުޅުމެއް އުޅެން ޖެހުނު ކަމުގައި ވިޔަސް އެއްބަޑު ކުޑަ އަންހެން ކޮއްކޮމެންނާއި އެކު ކުޑައިރުގައިވެސް ހިތްވަރުގަދަކޮށް ދިމާވި ހުރިހާ ދަތިތަކާއި ކުރިމަތިލައި އުޅުއްވިކަން ފާހަގަ ކުރެވެއެވެ. އަދި ވަރަށް ކުޑައިރުގައި ކައިވެނިކުރިކަމުގައި ވިޔަސް ރަނގަޅު ކެރިއަރެއް ބިނާކުރުމުގައި ހިތްވަރާއެކު ޖިލް މަސައްކަތް ކުރިއެވެ. ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖިލް ބުނީ އޭނާ އަށް ފަސްޓް ލޭޑީ ކަން ލިބިއްޖެނަމަ އެންމެ އިސްކަމެއް ދޭނީ ކިޔަވައިދިނުމުގެ ދާއިރާ އަށާއި އަސްކަރިއްޔާގެ އާއިލާތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލައިބުރަރީ

    ނަސީބެއް މަސްޖިދުލްއަޤްޞާ އާ ދިމާާކޮއް ކަންތައް ގަނޑެއްނުހިންގިއޮއްވާ އެކަލޭގެ އެޤައުމުގެ ރައްޔިތުން ދުރައްލިކަންވެސްﷲއަށް ޝުކުރުދަންނަވަން.

    23
    1
  2. ޭއިނާ

    ޖިލް ތަ އޭނައަށް ކިޔަނީ؟