ރާއްޖޭގެ ހަ ވަނަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރު، އަދި "ޖަޒީރާ ރާއްޖެ" އަށް ކުރާ މި ދަތުރަށް ކަނޑައެޅި މުއްދަތު ދެ ބައިވަނީއެވެ. ދަތުރު މިހާ ހިސާބަށް އައި އިރު އެއް ބަޔަކަށް ސަރުކާރު ކަމުދިޔަ އިރު، އެއް ބަޔަކު އަދިވެސް ތިބީ އުންމީދުގައެވެ. އަނެއް ބަޔަކު މާޔޫސްވެއްޖެއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ ވެސް ބޮޑެތި ވައުދުތަކެއް ރައްޔިތުންނަށް ހުށަހަޅައިގެންނެވެ. ހެޔޮ ވެރިކަމެއް ކޮށްދިނުމަށެވެ. ސިޔާސީ ހަމަޖެހުން ގެނެސްދިނުމަށެވެ. އަދުލުވެރި ޝަރުއީ ނިޒާމެއް ގާއިމްކޮށްދިނުމަށެވެ. ޖަވާބުދާރީ ކުރަނިވި ދައުލަތެއް ބިނާ ކުރުމަށެވެ. ފުދުންތެރި އިގްތިސާދެއް އުފެއްދުމަށެވެ. ހަމަހަމަ ހާރިޖީ ގުޅުންތައް ގާއިމްކޮށް ސިޔާދަތު ދެމެހެއްޓުމަށެވެ. އެތައް ވައުދުތަކަކާ އެކުގައެވެ.

އިދިކޮޅު ފަރާތްތައް ދެކޭ ގޮތުގައި ސަރުކާރުގެ ވައުދުތައް ނުފުއްދައެވެ. ފުއްދުމުގެ ނިޔަތެއް ވެސް ނެތެވެ. ފުއްދާނެ ގާބިލް ކަމެއް ވެސް ސަރުކާރުގައި ނެތެވެ. އިދިކޮޅުން އެ ވައުދުތައް ސިފަކުރަނީ ބިލާހެއްގެ ގޮތުގައެވެ. ވާދަވެރި އިދިކޮޅު ފަރާތްތަކަކީ ވެސް އާންމު ގޮތެއްގައި ސަރުކާރަށް ފާރަވެރިވެ ފާޑުކިޔާ ބައެކެވެ. އެހެންވުމާއެކު އިދިކޮޅު ކޯލިޝަނަށް މި ސަރުކާރުގައި ފެނުނީ ހައްތަހާ ވެސް ގޯހެވެ.

"އިސްލާހުގެ ނަމުގައި ޖުޑިޝަރީ ހައިޖެކް ކޮށްލީ"

ރައީސް ސޯލިހްގެ އެންމެ މުހިއްމު ވައުދުފުޅަކަށް ވާނީ ޝަރުއީ ނިޒާމު އިސްލާހު ކުރުމެވެ. ރިޔާސީ ކެމްޕޭންގައި އެންމެ ގިނައިން އެމަނިކުފާނު ވިދާޅުވި ވައުދުފުޅެވެ. ރަށްރަށަށް ވަޑައިގެން ރައްޔިތުން އެންމެ ބޭނުންވަނީ ވެސް އެ ކަން ކަމަށް ވިދާޅުވެއެވެ. "ބައްދަލުވާ ކޮންމެ ރައްޔިތަކު ވެސް އެންމެ ބޮޑަށް އެދެނީ އިންސާފު ގާއިމް ކޮށްދިނުމަށް" ކަމަށް ވިދާޅުވިއެވެ.

އެކަމަކު މިދިޔަ ދެ އަހަރު ދުވަހު، ޝަރުއީ ނިޒާމު އިސްލާހު ކުރަން އުޅުނު ކަމަކަަށް ޕީޕީއެމްއާއި ޕީއެންސީ އިން ނުދެކެއެވެ. އޭގެ ބަދަލުގައި ސަރުކާރުން ޖުޑިޝަރީ ހައިޖެކް ކުރި ކަމަށް އެ ފަރާތުން ގަބޫލުކުރެއެވެ. އިދިކޮޅު ހަމައެކަނި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންސާފުން ބޭރުން" ޖަލުގެ ތޭރިތަކަށް ގެންދިޔައީ ކަމަށް ދެކެއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަށްފަހު އެނބުރި މާފުށި ޖަލަށް ގެންދަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި، ޖުޑިޝަރީ އިސްލާހު ކުރުމުގެ ނިޔަތް އޮތް ނަމަ، ވައުދާ އެއް ގޮތަށް އެންމެ ފުރަތަމަ ވެސް ގެންނާނެ އިސްލާހަކީ، ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތް ބަދަލު ކުރުމެވެ.

އެކަމަކު ޖޭއެސްސީގައި އެމްޑީޕީ "ޖަގަހަ އަޅައިގެން" އެ ޕާޓީގެ ލީޑާޝިޕްގެ އަތްދަށަށް ޖުޑިޝަރީ ގެނައީ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ ކޮމިޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ގޮތުގައި އުޅުއްވި ބޭފުޅުން ތިއްބަވައެވެ. ޖޭއެސްސީ މެދުވެރިކޮށް ޖުޑިޝަރީ އެ ޕާޓީގެ ލީޑާޝިޕްގެ އަތް ދަށަށް ގެންދިޔައީއެވެ.

ޖޭއެސްސީ އިސްލާހު ކުރުން އޮތީ އެމްޑީޕީގެ އިސްލާހީ އެޖެންޑާގެ އެންމެ ފަހަތުގައި ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ވިދާޅުވި އިރު، އެއީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމެއް ކަމަށް ރިޔާސީ އިންތިހާބުގައި ރައީސް ވިދާޅުވި ކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ކަމުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދު އާއި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން -- ފޮޓޯ: ޕީޕީއެމް ޕީއެންސީ

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ އިހްލާސްތެރިކަން އޮތް ނަމަ، އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި ބިލް ތަޅުމަށް ބަލައިގަންނާނެއެވެ. ކޮމިޓީ މަރުހަލާއަށް ގެންގޮސް ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ދިރާސާކޮށް، އެއަށް ވުރެ ކަމުދާ އެކުލެވުމެއް ގެންނަން އުޅުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ގޯހީ ހާރިޖީ ސިޔާސަތު، ސިޔާދަތެއް ނެތް"

ރިޔާސީ ކެމްޕޭންގައި ރައީސް ސޯލިހްގެ ކޯލިޝަނުން އެންމެ ބޮޑަށް އޭރުގެ ސަރުކާރަށް އަމާޒުކޮށް ފާޑު ވިދާޅުވި އެއް ކަމަކީ މިއީއެވެ. އެންމެ ގައުމަކަށް އޭރުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމެވެ. ބައިނަލްއަގްވާމީ މުޖުތަމައާއި ރާއްޖެ އެކަހެރިވަނީއެވެ. ޑިމޮކްރަސީ ނެތި ގުޅުންތައް ގޯސްވީއެވެ.

އެހެންވިޔަސް ރައީސް ސޯލިހްގެ ސަރުކާރުގައި އޮތީ ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ގޯސް ހާރިޖީ ސިޔާސަތު ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ވިދާޅުވެއެވެ. މިނިވަން ހަމަހަމަ ހާރިޖީ ސިޔާސަތެއް ގާއިމް ކުރުމާއި ސިޔާދަތު ހިމާޔަތް ކުރުމުގެ ވައުދަށް ހިޔާނާތްތެރިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ވަރަށް ސާފުކޮށް އޮތީ، "އެއް ފަޅިއަށް ބަރުވެފައިވާ" ހާރިޖީ ސިޔާސަތެކެވެ. އިންޑިއާ އަދި އިންޑިއާއިން ގާތް ގުޅުން ބާއްވާ ގައުމަކާއި މެނުވީ ސަރުކާރަށް ގުޅުން ބަދަހި ނުކުރެވޭ ކަމަށާއި، ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ވަމުންދާ ޗައިނާއާއި ދެމެދު ގުޅުން ވަރަށް ގޯސް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމީ ގައުމުތަކާއި އިތުރަށް ގުޅުން ބަދަހި ކުރުމުގެ ރައީސް ސޯލިހްގެ ވައުދުފުޅު ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުގައި އިސްލާމީ ގައުމުތަކާއި އެކު އޮތް ގުޅުން ދަނީ އިތުރަށް ގޯސްވަމުންނެވެ. ސައުދީ އިން ލިބޭ އެހީ މަދުވެ، ޕާކިސްތާނު ފަދަ ގައުމުތަކާ ވެސް ގުޅުން ގޯސްވާ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެ ގޮތަށް މެދުވެރިވަނީ ހަމަހަމަ ހާރިޖީ ސިޔާސަތެއް ނެތުމުންނެވެ. ސަރުކާރުން ބޭނުންވިޔަސް ގުޅުން ބަދަހި ކުރެވެން އަންނަނީ ވަކި ގައުމަކުން އެދޭ ގައުމުތަކާ ކަމަށާއި، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތު ބައްޓަން ވަނީ އެ ގައުމުން އެދޭ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އިންޑިއާއާއި އެކު އޮންނަ ގުޅުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ރާއްޖޭގައި އޮތީ ވަރަށް ހަރުދަނާ، ހިފެހެއްޓިފައިވާ ހާރިޖީ ގުޅުންތަކެވެ. އެކަމަކު މި ސަރުކާރާ އެކީގައި ހާރިޖީ ސިޔާސަތު ފާލުން ނައްޓައިގެން ގޮސް، ގައުމުގެ ސިޔާދަތަށް އަސަރު ކުރާނެ ގޮތަކަށް، ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވެ ނިމެމުންދާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވާ ގޮތުގައި، އާންމުންގެ ތެރޭގައި، މި ސަރުކާރުން ހާރިޖީ ގުޅުން ބާއްވައި ވަކި ގައުމަކާ މެދު މާ ބޮޑަށް ނަފުރަތު އުފެދެނީ ވެސް ސަރުކާރުގައި ހަމަހަމަ ހާރިޖީ ސިޔާސަތެއް ނެތުމުންނެވެ. ހަމަހަމަ ހާރިޖީ ސިޔާސަތެއް ނެތްއިރު، ހަރުދަނާ ސިޔާސަތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޖަމީލް އިޝާރާތް ކުރައްވާ އެއް ކަމަކީ "އިންޑިއާ އައުޓް" ގެ ނަމުގައި ބަޔަކު މިހާރު ހިނގާ ހަރަކާތެވެ.

"މަސައްކަތްތެރިންނާއި މަސްވެރިންނަށް ދެއްކީ ހުވަފެން"

ރައީސް ސޯލިހްގެ ވައުދުނާމާގެ ސަފްހާތައް އުކާލާއިރު ދެން އެންމެ ފާހަގަކުރެވުނީ ފުދުންތެރި އިގްތިސާދެއް ބިނާ ކުރުމަށް އޮތް ވައުދުތަކެވެ. މަސައްކަތްތެރިންނަށް ވެފައިވާ ވައުދުތަކެވެ. މަސްވެރިންނާއި ދަނޑުވެރިންނާއި ރިސޯޓް ކުދިންނާއި ފަންނުވެރިންނަށް ހުށަހެޅި ވައުދުތަކެވެ.

އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި މި ވައުދުތައް ފުއްދުމުގެ އިހްލާސްތެރިކަމެއް ވެސް ނެތެވެ. މިއީ މަސައްކަތްތެރިންނަށް އިންތިހާބުގައި ދެއްކި ހުވަފެންތަކެކެވެ. މިހާރު ވެސް އިތުރަށް ހުވަފެން ދައްކަނީއެވެ. މަޖިލީހަށް ހުށަހަޅާ ގަރާރަކުން ހުވަފެން ދައްކަނީއެވެ. ފާސްކޮށްލާ ގާނޫނީ އޮނިގަނޑަކުން ދައްކަނީއެވެ. އެކަމަކު އެއިން ކަމެއް ކޮށްދިނުމުގެ ގާބިލް ކަމެއް ނެތެވެ. ވިސްނުމެއް ނެތެވެ. ނިޔަތެއް ވެސް ނެތެވެ.

މެންބަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މަސްވެރިންނަށް ހުށަހަޅާ ކަންކަމުގެ ގޮތުގައި މަޖިލީހަށް ފަސްވަރަކަށް ގަރާރު، މަޖިލީހުގެ މެންބަރުން ވެއްދިއެވެ. އޭގައި މަސްވެރިންނަށް ކަންނެލި ޖަގަހަތަކާއި އޮފްޝޯ ޕްލެޓްފޯމްތަކާއި ގޭދޮށު މަސްޕްލާންޓްތައް އަޅާ ވާހަކަ އޮތެވެ. ގަރާރުތައް ފެނިފައި ހީވަނީ ހިޔާލީ ވާހަކައެއްގެ ގޮތުގައި ކަމަށާއި، މިހާތަނަށް އައިއިރު އެއިން ކަމަކަށް އަމަލެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު މުޒާހަރާ ކަނޑުމަތީގައި ކުރިއަށް ދަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

މަސްވެރި އާއިލާއަކަށް ނިސްބަތްވާ ޝިޔާމް ދެކެވަޑައިގަންނަވާ ގޮތުގައި އެ ހިޔާލީ ކަންކަމަށް ވުރެ މަސްވެރިންނަށް އެންމެ މުހިއްމުވި ވައުދަކީ ހަމަ އަގު ލިބުމެވެ. އެ ކަން ވެއްޖެތޯ އޭނާ ސުވާލުކުރައްވައެވެ.

ޔޫރަޕްގެ ބާޒާރަށް އެކްސްޕޯޓް ކުރަން އޮންނަ ޑިއުޓީ ކަނޑާނުލެވެއެވެ. އާ، ބޮޑު ބާޒާރަކަށް ދިވެހި މަސް ތައާރަފެއް ނުކުރެވެއެވެ. މަސް ރައްކާ ކުރާ ސްޓޯރެޖް ވެސް އިތުރު ނުކުރެވުނެވެ. ހަމަ އަގު ހޯދަން ކަމެއް ނުކުރެވުނުއިރު، ކުރީ ސަރުކާރުގެ ނިންމުންތައް ތަންފީޒުވެސް ނުވެއެވެ.

މިނިމަމް ވޭޖްއާއި ޑިއުޓީ ނިންމާފައި ރަށަށް ދިއުމާއި ދިވެހިންނަށް ސީނިއާ މެނޭޖްމަންޓްގެ ވަޒީފާތައް ކަށަވަރު ކުރުމުގެ ވައުދު ވެސް ނުފުއްދޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވަޒީފާއަށް އިސްލާހު ގެނައުމުގެ ބިލުގައި އެ ކަންކަން އޮތީ ނަމެއްގައި ކުރެވޭ ގޮތަށް ކަމަށާއި، މިނިމަމް ވޭޖްއަށް އަމަލު ކުރާނީ ދެ އަހަރު ފަހުން ކަމާއި، ދިވެހިންނަށް ސީނިއާ މެނޭޖްމަންޓް ވަޒީފާ ދިނުން ލާޒިމް ވާނީ ފަސް އަހަރު ފަހުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް ދިނީ އެފް ރިޕޯޓްއެއް!

އިދިކޮޅު ކޯލިޝަން އިން ދެކޭ ގޮތުގައި ރާއްޖޭގެ ސިޔާސަތު މި ވަނީ ގެއްލިފައެވެ. އިސްލާމީ ވަހުދަތަށް ސަރުކާރުން ދަނީ އިހުމާލުވަމުންނެވެ. ކޮރަޕްޝަނަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައި، ދުރާލާ ރާވައިގެން ކޮރަޕްޝަން ހިންގަނީއެވެ. ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ނަމުގައި ނިޒާމު ހައިޖެކްކޮށް، އަދުލު އިންސާފު މުގުރާލީއެވެ. މުއައްސަސާތައް ސިޔާސީ ކޮށްލީއެވެ. މަސައްކަތްތެރިންނަށް "ހައްގު މިންވަރު" ނުހޯދި، އިގްތިސާދު ހަލާކުކޮށްލީއެވެ. ދިވެހި ދައުލަތް އިތުރަށް ދަރަނިވެރިކޮށްލީއެވެ.

އިދިކޮޅުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ސައިކަލު ބުރު:- ވަގުތު އިމޭޖެސް: އަހްމަދް އަލީ

މިއީ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ވައުދު ފުއްދާ ގޮތާ މެދު ދެކޭ ގޮތެވެ. ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމެވެ. އިސް ކުރަނީ އަމިއްލަ މަސްލަހަތު ކަމެވެ. ގައުމުގެ މަސްލަހަތަށް ނުވިސްނާ ކަމެވެ. ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް އިދިކޮޅު ފަރާތްތަކުން ދެނީ "އެފް ރިޕޯޓް" އެކެވެ. ސަރުކާރުގެ ވައުދުތައް ފުއްދޭ މިންވަރު އޮތް ހަގީގީ ރިޕޯޓް ދިވެހި ރައްޔިތުންނަށް ދޫކޮށްލާނަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސާމިޔާ އަހުމަދު

    އަދިމަޑުކޮށްލާ !! އަދިމިވީއެންމެދެއަހަ ރު. އަޅާނުލާތިބޭ!! ފަސްއަހަ ރުވީމާ އިތު ރު ފަސްއަހަ ރުވެސްދީ!! ގަޅިހެދިގެންތިބޭ!!
    ދަ ރަނިގުނަންތިބުންނޫންގޮތެއްއެބައޮތްބާ؟؟

    7
    4
  2. އ . ޖ . އ

    އިދިކޮޅުން ބޭނުންވީ އެންމެ ކަމެއް.. އެއީ ވަގު(ރައީސް ޔާމީން އިން އެންޑް އޭޒް) މިނިވަން ކުރުން.. އެކަން ނުވީމަ ބުނާނީ ތިހެންނު.. އެހެންވެ މިހާރު ބަގާވާތަކަށް އެ ރާވަނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން...

    5
    21
  3. ތޮރާ

    އިންސާފުގެއްލިއްޖެ މިސާލަކީ ވަލުޖަނަވާރުން ކަނޑު ގައި ލެއްވި އަސް ނަންގަވަންދެންތިބުން ނޫންގޮތެއްނެތް

    9
    3
  4. ޢުނބުޝޭމް

    ތިހެން ނުކިޔޭނެ އަދި 3 އަހަރު އެބޮތް. ޑަރަނި ނަގާ ދައްކާލާނަން. ކަމެއް ނުވާކަން

    4
    3
  5. އަލްޖިބްރާ

    ޔާމީނު ޖަލުން ނެރޭނަމޭ ބުނިމީހުނަށް އެކަން ނުވަންޏާ ގޯސްވާނީ ސަރުކާރު ! ކަލޭމެން ކޮންމެ ރިޕޯރޓެއް ނެރުނަސް ޔާމީނު ޖަލުން ނުނެރެވޭނެ ! ޖަލުގެ މުއްދަތު ހަމަކުރީމަ ނުކުމެވޭނެ !( އެހެން ކުށަކަށް ހުކުމް ނުކުރާނަމަ ) ! މީ ވަރަށް ވާހަކަ !

    1
    2