ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުން ތިއްބެވުން އެއީ ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ވުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. އެއީ އިތުރު ބަހުސެއް އޮތް މައްސަލައެއް ނޫނެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި ސަރުކާރުން ވެސް ބޭނުމެއް ނުވެއެވެ. އެއީ ޝަރުއީ ދާއިރާ އަށް ސިޔާސީ ގޮތުން ފޯރުވޭ ނުފޫޒު ނުފޯރުވޭ ގޮތައް ކަންކަން ރާވައި އިންތިޒާމް ކުރަން ސިޔާސީ ޕާޓީތަކުން ބޭނުން ނުވާތީއެވެ. މިއީ ވެސް އިތުރު ބަހުސެއް އޮތް މައްސަލައެއް ނޫނެވެ.

ސިޔާސީ ބޭފުޅުން ޖޭއެސްސީ އާއި ގުޅޭ ގޮތުން ވާހަކަދައްކަވަން ޖެހޭ ކޮންމެ ފަހަރަކު ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެއީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހޭ ވާހަކައެވެ. ނަމަވެސް އަމަލީ ގޮތުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވަން މަސައްކަތް ކުރައްވާ މަންޒަރެއް ނުފެނެއެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު. ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު، ބަންޑާރަނައިބު އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީ ވަކީލެކެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު މިހާރު އޮންނަ ގޮތުން ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުން ހަތަރު މެންބަރުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުން ދެމެންބަރުން ޖޭއެސްސީ އަށް އައްޔަން ކުރެވެއެވެ. އެހެންކަމުން މިހާރު އެމްޑީޕީގެ ފިކުރަށް ތާއިދުކުރާ ހަމެންބަރުން ޖޭއެސްސީގައި ތިއްބަވައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް ޞާލިހް ވެސް ވަނީ ޖޭއެސްސީ އަށް ބަދަލުތައް ގެންނާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. 2018 ވަނަ އަހަރު ޖުލައި މަހު ކެމްޕޭން އެއްވުމެއްގައި ބ.އަތޮޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ އިންސާފު ނުލިބެނީ ޖޭއެސްސީ އިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާތީ ކަމަށެވެ.

"ޖޭއެސްސީ އަށް ޒިންމާރުދާރުކަމާއެކު މަސައްކަތް ނުކުރެވިގެން އުޅެނީ ޖޭއެސްސީ އެކުލަވާލާފައިވާ އޮތް ގޮތުން ކަމަށްވެދާނެ. އެހެންވީމާ އެކަން ބަދަލުކުރަން އެބަޖެހޭ. ޤާނޫނުން ވާނީ ކޯޓުތަކަށް މިނިވަންކަން ދީފައު. ނަމަވެސް މިހާރު ހުރިހާ ކޯޓުަތަަކަށް ސްޕްރީމް ކޯޓުން އަމުރުކުރަމުން ގެންދަނީ. އެކަން ނުކުރެވޭނެ ގޮތް ހަދަން އެބަޖެހޭ." އެދުވަހު ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ވެރިކަމަށް އިއްޔެ ދެއަހަރު ވެގެން ދިޔައިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ޖޭއެސްސީ ބަދަލު ކުރުން އެއީ ވަރަށް ރަނގަޅަށް ކުރަން ޖެހިފައި އޮތް ކަމެކެވެ. އެހެންކަމުން ޖޭއެސްސީ ދެން އެކުލެވިގެން ވާނެ ގޮތާއި މެދު ބަހުސްކޮށް ޚިޔާލު ބަދަލު ކުރުން އެއީ ކުރަން ޖެހިފައި އޮތް ކަމެކެވެ.

ޖޭއެސްސީ އަށް ބަދަލުތައް ގެންނަން ދާދިފަހުން ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ މިހާރު ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރު އަދި ބަންޑާރަ ނައިބު އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެ ކޮމިޝަނުން އުނި ކުރުމަށް ހިމަނާފައެވެ.

ރައީސް އައްޔަން ކުރައްވާ މެންބަރާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރުގެ ބަދަލުގައި ބިލުގައި އޮތީ ގާނޫނީ ފަންނުގެ ދާއިރާ ފިޔަވައި އެހެން ފަންނުގެ ތެރެއިން ރައީސް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދޭ ބޭފުޅަކު ކޮމިޝަންގައި ހިމެނުމަށެވެ. މިހާރު ވެސް ޖޭއެސްސީގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު އިންނަން މި ބިލުގައިވެސް އޮތެވެ. މިހާރު ކޮމިޝަންގައި އިންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުގެ މެންބަރު ކަމުގައި އުއްތަމަ ފަނޑިޔާރު އިންނަވަން ބިލުގައިވެއެވެ.

މިހާރު ވެސް ޖޭއެސްސީގައި އިންނަވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލު މެންބަރު ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރަށް ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކު ވެސް އިންނަވަން ބިލުގައިވެއެވެ. ބިލުގައިވާ ގޮތުން ފަނޑިޔާރުންގެ ތެރެއިން ރިޓަޔާ ވެފައިވާ ފަނޑިޔާރަކު ވެސް އިންނަވަން ޖެހެއެވެ. ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބު ކުރާ މުދައްރިސަކު ވެސް ޖޭއެސްސީގައި އިންނަވަން ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް ބިލަށް އެމްޑީޕީގެ މެންބަރުން ބަހުސްއެއް ވެސް ނުކުރިއެވެ. އެހެންކަމުން އެމްޑީޕީ އިން ޖޭއެސްސީ އަށް ގެންނަން ބޭނުންވާ ބަދަލުތަކެއް ނޭނގެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތައް ބަދަލު ގެނައުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރިން ލިޔުއްވުމެއް ލިޔުއްވާފައި ވެއެވެ. އެލިޔުއްވުމުގައި ފަނޑިޔާރު ސުއޫދު ވިދާޅުވެފައި ވަނީ ޖޭއެސްސީ އަށް އައްޔަން ކުރައްވަން ވާނީ އުމުރުން 60 އަހަރުވެފައިވާ މީހުން ކަމަށެވެ. އަދި އެއީ އަމާނާތްތެރި އަދި އަބުރުވެރިއަކު ކަމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބުލުކުރާ މީހަކު ކަމަށްވާން ވާނެ ކަމަށް ވެސް ފަނޑިޔާރު ސުއޫދު ވިދާޅުވެފައި ވެއެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވެފައި ވަނީ ޖޭއެސްސީ އަށް އައްޔަން ކުރައްވަން ވާނީ ކުރިން އުއްތަމަ ފަނޑިޔާރުކަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައިސްކަން، ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަން ނުވަތަ ޔުނިވަރސިޓީއެއްގެ ޗާންސެލަރުކަން، ނުވަތަ ވައިސް ޗާންސެލަރުކަން، ނުވަތަ ރެކްޓަރުކަން ކޮށްފައިވާ މީހަކު ކަމަށެވެ. ނުވަތަ މެދުކެނޑުމެއްނެތި ޔުނިވަރސިޓީއެއްގެ ދާއިމީ ވަޒީފާގައި 20 އަހަރު ދުވަހު ކިޔަވައިދިނުމުގައި ހޭދަކޮށްފައިވާ މީހަކު ކަމަށެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވެފައި ވަނީ ޖޭއެސްސީގެ މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އެޅެނީ ސިޔާސީ ފަރާތްތަކުން ބޭނުންވާ މީހުން ފަނޑިޔާރުކަމަށް ހޮވުމަށާއި ވަކިކުރުމަށް ނުވަތަ އެހެން ކޯޓަކަށް ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ސަބަބުންނާއި އެކަމުގެ ސަބަބުން ފެންވަރުނެތް އަދި އަހްލާގީގޮތުން އެކަށީގެންނުވާމީހުން ފަނޑިޔާރުކަމަށް އައްޔަންކުރުމަށް މަޖުބޫރު ވުމުގެ ސަބަބުންނާއި ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ސަބަބުންނެވެ.

"އަދި ވަކި ގޮތަކަށް މައްސަލައެއް ނިންމައިފިނަމަ ސަރުކާރުން އެމީހަކު ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ނުވަތަ އެހެން ކޯޓަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުންނެވެ. ސަރުކާރުން ފަނޑިޔާރުންނަށް އާންމުކޮށް ސީދާ ބިރުދައްކަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅާ މެންބަރާއި، ރައްޔިތުންގެ މަޖިލީހުން ހޮވާ މެންބަރުންނާއި އެޓާރނީޖެނެރަލްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށެވެ. މިކަމުގެ އެންމެ އިސްދައުރެއް އަބަދުވެސް ކުޅެމުން އަންނަނީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަ މެންބަރު މެދުވެރިކޮށެވެ. ވީމާ އެ މީސްމީހުން ޖޭއެސްސީގައި ހިމެނިގެންނުވާނެއެވެ." ފަނޑިޔާރު ސުއޫދުގެ ލިޔުއްވުމުގައި ވިދާޅުވެފައި ވެއެވެ.

ހަޤީޤަތަކީ ޖޭއެސްސީ މިނިވަން ކުރުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ޖެހެއެވެ. ހާއްސަކޮށް ސިޔާސީ ބޭފުޅުން އައްޔަން ކުރާ މެންބަރުންނާއި ސިޔާސީ ބޭފުޅުން އެކޮމިޝަނުން ދުރުކުރަން ޖެހެއެވެ. އެނޫން ގޮތަކަށް ޖޭއެސްސީ އިސްލާހެއް ނުވާނެއެވެ. އަދި ޖޭއެސްސީ މިނިވަނެއް ވެސް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙެހދ

    އުވާލަންވީ

    15
  2. ރިހާކުރުކުޑޭ

    އުވާލަންފެންނަނީ

    14
  3. އަޙްމަދު

    ކޮންމެ ޕާޓީއަކުން މީހަކު، އާންމު މީހަކު އަދި ފަޑިޔާރުންގެ އެކަކު! މިގޮތަށް ނުވާކަމަށް ވަންޏާ ތީ ބޭނުން ތަނެއްނުން!

    10
  4. ވ

    ވަރަށް ރަނގަޅު ލިޔުމެއް އިންސާފުގެ ދަތުރު ކުރަން އައި މީހުން މިހާރު ވަނީ ދުވަހަކު ފަނޑިޔާރުގޭގެ ފަނޑީޔާރުންނަށް ނުފޫޒު ނުފޯރުވާ ވަރަށް ފާޅުގައި ފޯރުވާފައި ބަލަން ތިބޭ މިމީހުން މިމަޅީގައި އަދި ޖެހި ފިތި ހަފުސްވާނެ މާތް ﷲ އެކަން މިދިވެހި ރައްޔިތުންނަށް ދައްކަވާނެ

    14
  5. އަރީ

    ޖޭއެސްސީ އުވާލަންވީ.

    12
  6. ރޯޒް

    ޖޭސީގައި ތިބެންވީ ސަރުކާރު ހިންގާ ފަރާތްތަކުގެ އަބިން

    8
    1
  7. ގޮށްރާޅު

    ޖޭއެސްސީއަށް އައްޔަންކުރަންވީ، ދާއިމީ މެންބަރުންނެވެ. އަދި ހުސްނު ސޫދު ވިދާޅުވިހެން، ނަޒާޙަތްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމުގެ މަތީދަރަޖަ ލިބިފައިވާ، ދައުލަތުގެ ޢިއްޒަތްތެރިންނެވެ. ވަކިން ޚާއްޞަކަށް ވަކި ސިޔާސީ ފިކުރެއްގައި މާޒީގައިވެސް ޖެހި ބަނދެވިފައި ނެތް، ޤަދަރުވެރި އަބުރުވެރިންނެވެ.

  8. ފޗދވދވ

    ޕާޓީ ތަކަށް ނިސްބަތްވާ އެކަކުވެސް ޖޭއެސްސީއަށް ނުލާންވީ

  9. ފޗދވދވ

    އުވާލަންފެންނަނީ

  10. Anonymous

    ކީހާ ޅެމެއެއް ފަރިއްސަވެ ނިމިއްޖެ. ބާރު ނުލިބޭއިރު އުޑުންތަރި ބާލާވާހަކަވެސް ދައްކާނެ ލިބުމުން އެއީ ދެއްކި ވާހަކައެއްކަންވެސް ހަނދާން ނުހުރެ. ެ އެވަރ7 ބަަޔަކަށް ގެނެވޭނެ އިޞްލާޙެއް އެބައޮތްތޯ. އިޞްލާޙުވެފަ އޮތް މިންވަރު ފެނޭނޫންތޯ. މިވެރިކަން އައިފަހުން ފަނޑިޔާރުކަމަށް ޢައްޔަންކުރި ގިނަ މީހުންނަކީ ޚާއްޞަކޮށް މަތީ ކޯޓުތަކަށް. ކޮންމެވެސް ސިފައެއްގައި އެމްޑީޕީގެ ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެފައވާ ނުވަތަ ޕާޓީގެ ފިކުރުގެ ބޮޑެއްގެ ގުޅުމުގެ މީހެއް.
    ބާރުެޮތީމާ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވަނީ

  11. ސްނޭޕް

    މިފަދަ ތަންތަނަށް ފާޑުކިޔާ ބަދަލުގެންނަށް ވާހަކަ ދައްކަންވާނީ ކަމުވޮށިގެންވާ މީހުން.. އިލްމުވެރިއަކާ ދިމާލަށް ކަލެއަކަށް ނޭނގޭނޭ ބުނުމަކީ ވަރަށް ނުބައި އާދައެއް

  12. Anonymous

    އަދުރޭ އާއި ބޮޗޭ ޖާބިރު، ރައީސް ޔާމީން، އަދީބު

    1
    3
  13. ކޭ

    ފަޑިޔާރުން

  14. ކަޓީ ޗާއެވާލާ

    ޢުވާލާ .ޖަނަވާ ރުންވެސް އެއަށް ވު ރެން އަދުލުވެ ރިވާނެ...އަންނި ޖަލަށް ލާ .....