ރައްޔިތުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތަކީ، ކޮންމެ އަހަރަކަށް ވެސް ލަފާކޮށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓް ކަނޑައެޅުމެވެ. އެއީ މެމްބަރުންގެ މަސައްކަތުގެ ރޭޓް ވެސް އިތުރުވާ ކަމެކެވެ. ބަޖެޓު ބަހުސްގައި ބައިވެރިވާ މެމްބަރުން ގިނައެވެ. އެ މެމްބަރެއްގެ ދާއިރާ ތަމްސީލް ކުރެވެން އޮތް ވަރަކުން ކުރެއެވެ. ނަމަވެސް ބައެއް ފަހަރު ސިޔާސީ މަސްލަހަތު އިސްވެ، ބަޖެޓު މަސައްކަތުގައި ބައެއް މެމްބަރުން ނޫޅޭ ފަހަރު އާދެއެވެ. ސިޔާސީ މަސްރަހު އޮތް ގޮތެއްގެ ސަބަބުން ބަޖެޓަށް ވޯޓު ނުދީ، އޭގައި ބައިވެރިނުވެ ވެސް އެބަ ތިބެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި މިވަނީ ވަރަށް ހައްސާސް ދަނޑިވަޅެއްގައެވެ. އާލަމީ ބަލިމަޑުކަމެއްގައި މުޅި ދުނިޔެ އޮއްވައެވެ. އޭގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހުއްޓި، ކޮންމެ ގައުމެއް ވަނީ އިގްތިސާދީ ތަދުމަޑުކަމެއްގައެވެ. ދިވެހި އިގްތިސާދަށް ވެސް އޭގެ ނުރަނގަޅު އަސަރު ކޮށްފައިވެއެވެ. ވިޔަފާރިތަކާއި ވަކިވަކި ފަރުދުންގެ މާލީ ހާލަތު ދަށްވެފައިވެއެވެ. ފަތުރުވެރިކަން ހުއްޓި، އިގްތިސާދަށް ވަންނަ ބޭރު ފައިސާ މެދުވެ، ދައުލަތުގެ އާމްދަނީ ދެގުނައަށް ވުރެ ބޮޑަށް ދަށްވީއެވެ. މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން މަޖިލީހަށް ފޮނުވީ، ފަހުގެ ތާރީހެއްގައި ހުށަހެޅި ޑެފިސިޓް އެންމެ ބޮޑު ބަޖެޓެވެ. ދަރަނި ބަޖެޓެކެވެ.

މިދިޔަ ތިން ދުވަހު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ބައެއް މެންބަރުން މި ކަންބޮޑުވުން ފާޅުކުރިއެވެ. އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ އިތުރުން، ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ކަން ފާހަގަކުރިއެވެ. ދިވެހި އިގްތިސާދަށް ފައިސާ ނުވަންނަ ކަމާއި ދިވެހި ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާކަން ދުނިޔޭގެ މާލީ އިދާރާތަކުން ފާހަގަކުރާ މި ދަނޑިވަޅުގައި، ބަޖެޓްގައި އިތުރަށް ހޭދަކުރަން އޮތް ފައިސާ ދަރަންޏަށް ލިބޭނެތޯ ގިނަ މެންބަރުން ސުވާލު ކުރެއްވިއެވެ.

މި އިލްމީ ނުކުތާތައް ފާހަގަކުރެވެމުން ދިޔަ ފޯރިގަދަ ބަހުސްގެ ތެރެއިން ސިޔާސީ ރައްދު ދިނުމާއި ޒުވާބު ކުރުން ވެސް، އާންމުކޮށް ހިނގާ ސަގާފަތުގެ ތެރެއިން މި ފަހަރު ވެސް ފެނިގެން ދިޔައެވެ. ބަހުސް ނިމުނު އިރު ހާމަވި އަނެއް ކަމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު މި ވަގުތު އެތުރިފައިވާ ގޮތެވެ.

އެމްޑީޕީގެ ބައެއް މެންބަރުންގެ ހުއްޓުމެއް ނެތް ސަނާ ވަޒީރުންނަށް

ވެރިކަން ކުރާ މައި ޕާޓީގެ މެންބަރުން އެ ޕާޓީއަށް ނިސްބަތްވާ ސަރުކާރުގެ ވަޒީރުންނަށް ސަނާ ކިއުމަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވެސް އާ ކަމެއް ނޫނެވެ. ސަރުކާރުން ބަޖެޓް ފޮނުވުމުން އެ ބަޖެޓް އޮތް ގޮތަށް ފާސްކުރަން ވެރިކަން ކުރާ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވާނެއެވެ. ބަޖެޓްގައި އެއްވެސް އުނި ކަމެއް ފާހަގަނުވެ، ފުރިހަމަ ބަޖެޓެއް ކަމަށް ވަކާލާތުކޮށް މާލީ ވަޒީރަށް ތައުރީފް ކުރައްވާފައި އެބަ ހުއްޓެވެ.

މިދިޔަ ތިން ދުވަހު ހިނގި މަޖިލީހުގެ ޖަލްސާގައި މީގެ "ރިޕީޓް ޓެލެކާސްޓް" އެއް ފެނުނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބަޖެޓްގައި އެއްވެސް މައްސަލައެއް، އިސްލާހު ކުރަން ޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި އިގްތިސާދީ ތަދުމަޑުކަމުގައި ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާތީ އާއި، އަންނަ އަހަރަށް ވެސް މަޝްރޫއުތަކެއް ކުރިއަށް ގެންދެވޭނެ ބަޖެޓެއް ފަރުމާކޮށްލުމުން އެނގިގެން ދަނީ، މާލީ ވަޒީރު އިބްރާހިމް އަމީރުގެ މޮޅުކަން ކަމަށް ވިދާޅުވިއެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބަޖެޓް، މަޖިލީހަށް ގެނައީތީ ވެސް ފިނޭންސް މިނިސްޓަރު އަމީރަށް ސާބަސް ދަންނަވާ ކަމަށެވެ. ސަބަބަކީ މާލީ ހާލަތު ތަން ނުދޭތީ ނުވާނެއޭ ނުބުނެ، އޮތް ގޮތެއް ހޯދާފައިވެސް ދައުލަތަކުން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ބަޖެޓެއް އެކުލަވާލީތީއެވެ. އެ ބަޖެޓް އެކުލަވާލީ މާލީ އިދާރާތަކުން ދޭނެ ލަފާ އެނގިވަޑައިގެން ހުންނަވައިގެން ކަމަށް ވިދާޅުވިއެވެ. އެ ހާލަތުގައި ވެސް ފައިސާ ހޯދެން އޮތް ގޮތަކަށް ހޯދައިގެން ވެސް ދައުލަތް ދަމަހައްޓަން އަމީރު މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ވިދާޅުވީ މި ބަޖެޓުން ފެނުނު އެއް ކަމަކީ މާލީ ވަޒީރު އަމީރުގެ ކުޅަދާނަ ކަން ކަމަށެވެ. ވަރަށް ބޮޑަށް ވަޒީރަށް ސަނާ ކިޔުއްވަމުން ވިދާޅުވީ މި ތަދުމަޑުކަމުގައި އެކި ގޮތް ގޮތުން ފައިސާ ހޯދައިގެން ވެސް ދާއިރާތަކަށް ބޭނުންވާ މަޝްރޫއުތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭ ގޮތަށް ބަޖެޓެއް ހުށަހެޅުނީ ވަޒީރުގެ މޮޅު ކަމުން ކަމަށެވެ. ވަޒީރަށް އެތައް ފަހަރު މަތިން ޝުކުރު ވެސް އަދާ ކުރެއްވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުންގެ ނުރުހުން އެ ޕާޓީގެ ވަޒީރުންނަށް

ސަރުކާރުގެ ވަޒީރުން ބައެއް މެންބަރުންނާއި ހާއްސަ ގުޅުން ބާއްވައި، އެކުވެރި މެންބަރުންގެ ދާއިރާގެ ކަންކަން އެކަނި ކުރިއަށް ގެންދާ ކަމުގެ ޝަކުވާ، އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ. ފިނޭންސް މިނިސްޓަރު އަމީރު ހުށަހެޅުއްވި ބަޖެޓްގެ ބަހުސްގައި އަނެއްކާ ވެސް އެމްޑީޕީގެ ބައެއް މެންބަރުން ކުރެއްވީ އެ ޝަކުވާއެވެ. ބަޖެޓްގައި ދާއިރާތަކުގެ މެދުގައި ތަފާތުކޮށްފައި އޮތް ކަމުގެ ޝަކުވާއެވެ. އެކުވެރި މެންބަރުންގެ ދާއިރާގެ ކަންކަން ބަޖެޓްގައި ހިމެނިއިރު، އޭގެ ތެރެއިން ގިނަ ކަންކަމަކީ އާމްދަނީއެއް ލިބޭ އިގްތިސާދީ ހަރަކާތްތަކެއް ނޫން ކަމަށް ވެސް އެ މެންބަރުން ވިދާޅުވެ ވަޒީރުންނަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވި ގޮތުގައި ބަޖެޓްގައި ހަރަދުތައް ބޮޑުވެގެން ދިޔައީ މަޖިލީހުގެ ބައެއް މެންބަރުން "މަށަށް، މަށަށް" ކިޔާ ވަރުން ކަމަށެވެ. ބައެއް މެންބަރުން ބޭނުން ވެގެން ދިޔައީ މި ތަދުމަޑުކަމުގައި ވެސް އެ މެންބަރުގެ ދާއިރާގައި ބައެއް މަޝްރޫއުތައް ހިންގުމަށް ބަޖެޓްގައި ހިމެނުމަށެވެ. އަދި ވަޒީރުން ވެސް އެކުވެރި މެންބަރުންގެ ދާއިރާގެ ކަންކަން ލިޔެ، ދާއިރާތަކުގެ މެދުގައި ގެންގުޅެފައިވާ ތަފާތު ކުރުން ބަޖެޓުން ފެންނަ ކަމަށް ވިދާޅުވިއެވެ. އީވާ ވިދާޅުވީ މި ދަނޑިވަޅަކީ ކޯޓުތަކުގެ އިމާރާތް ހެދުމާއި ފުޓްސަލް ދަނޑުތައް ހެދުން މަޑުޖައްސާފައިވެސް ހަރަދު ކުޑަކުރަން ޖެހޭ ދަނޑިވަޅެއް ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް -- ފޮޓޯ: މަޖިލީސް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމްގެ ފާޑުކިޔުން އަމާޒު ކުރެއްވީ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއީލްއަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުމެއް ނެތް ގޮތަށް އިތުރުކޮށް، އެ ކުންފުނިތަކުގައި ފައްޔާޒުގެ މުވައްޒަފުން ބައިތިއްބައިގެން މުސާރަ ދިނުން ނޫން ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އަހަރުން އަހަރަށް އެ މިނިސްޓްރީގެ ބަޖެޓް ބޮޑުވާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި އެ މިނިސްޓްރީގެ ބަޖެޓްގައި އިތުރު ސަތޭކައަށް ވުރެ ގިނަ މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސްޓޭންޑް ހާމައަށް؛ ސަރުކާރަށް ނޫނެކޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ޅައިރުއްސުރެ ފެށިގެން ގާތް ދެ އެކުވެރިންނެވެ. ސިޔާސީ ހަޔާތް ވެސް އެކުގައި ހޭދަކުރައްވައި މި ހިސާބަށް އައުމުން ދެ ބޭފުޅުންނަށް ދޭން ޖެހޭ އިހްތިރާމް އޮންނާނެ ކަމަށް ބަލަމާއެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުގެ ބައެއް ވަޒީރުންނާއިމެދު ނަޝީދު ހިތްޕުޅާ ނުވާ ކަން ފާހަގަކުރެވެއެވެ. ބަޖެޓް ބަހުސް މަރުހަލާގެ ތެރެއިން ނަޝީދު ވަނީ ސަރުކާރުގެ ބަޖެޓަށް ފާޅުގައި ނޫނެކޭ ވިދާޅުވެފައެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ރައީސަށް ވޯޓެއް ނުދެވޭނެއެވެ. މި ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސަތުގައި އެމަނިކުފާނު ނެތްނަމަ، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން، މިހާ ޑެފިސިޓް ބޮޑުކޮށް ބަޖެޓް ފާސްކުރަން ފެންނަ ކަމަށް ވޯޓެއް ނުދެއްވާނެ ކަމަށެވެ. ރައީސް ނަޝީދު ނިންމަވައިގެން އެ ހުންނެވީ ބަޖެޓަށް ބަދަލު ގެންނާށެވެ. އެ ކަމަށް މަޖިލީހުގެ މެންބަރުންގެ ތާއީދު ހޯއްދަވަން އެމަނިކުފާނު އުޅުއްވާނެ ކަމަށް ވެސް ބެލެވެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ސިޔާމްގެ ނުރުހުން ނަޝީދަށް، ރައީސް ސޯލިހަށް ޝުކުރު

އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދަކީ އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރެއް ނޫނެވެ. ނަމަވެސް މި ހައްސާސް ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް މަޖިލީހުގެ ގިނަ މެންބަރުން ބަހުސް ކުރައްވަމުން ގެންދެވުމުން، އެ ބަހުސްގައި ސިޔާމް ވެސް ބައިވެރިވެވަޑައިގަތެވެ.

ބަޖެޓް ބަހުސްގައި ސިޔާމް ދެއްކެވީ އަމިއްލަފުޅު ވިޔަފާރީގެ ވާހަކައެވެ. އެކަން ފުރަތަމަ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ހުއްޓުވިއެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް

އޭގެ ފަހުގައި ނަޝީދަށް އޭނާ ފާޑުވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނަޝީދު އިންނަވައިގެން އެ ކޮމިޝަން މެދުވެރިކޮށް، މަޖިލީސް ޝަރުއީ ކޯޓަކަށް ހަދައިގެން، މަޖިލީހާއި ޝަރުއީ ނިޒާމު ވެސް ހަރާބުކޮށްފައިވާ ކަމަށެވެ. ސިޔާމްގެ ސަން ޓްރެވެލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ވެސް ނަޝީދުގެ ނުފޫޒުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ދެން ސިޔާމް ފާހަގަކުރެއްވީ އެހެން ކަމެކެވެ. ރައީސް ނަޝީދު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން ގެންދެވި ނަމަވެސް، ދިވެހި އިގްތިސާދު އާރާސްތު ކުރަން ރައީސް ސޯލިހް މަސައްކަތް ކުރައްވާ ކަމެވެ. ރަނގަޅު ބަޖެޓެއް ވެސް މަޖިލީހަށް ފޮނުވީތީ ރައީސަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު ރައީސް ނަޝީދަށް ޝުކުރު އަދާ ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ "ރައީސް ސޯލިހް މަގާމުން ދުރު ކުރަން އެންމެ ބޮޑަށް އުޅެނީ ވެސް ރައީސް ނަޝީދު" ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް އާއި ޖޭޕީ މަންޒަރުން ގެއްލިފައި!

ތިން ދުވަހަށް ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައި މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިވިއެވެ. އެ މެންބަރުންގެ ހިޔާލުތައް މި ވަނީ ހާމަކުރައްވައިފައެވެ. މި ކަމުގައި، ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިޔާލު ތަފާތުވުންތަކެއް އޮތް އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އަޑު މާ ބޮޑަކަށް އިވެގެންނެއް ނުދިޔައެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

މަޖިލީހުގައި ތިއްބެވި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެންބަރުން ބަޖެޓަށް ބަހުސް ކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތެރެއިން ބަޖެޓަށް ބަހުސް ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެކަންޏެވެ. އަލީ ހުސައިންގެ ވާހަކައިގައި ވެސް ޖޭޕީގެ ސްޓޭންޑްއެއް ސާފެއް ނުކޮށްދެއެވެ. ބޮޑަށް ބަޖެޓާއި މެދު އަމިއްލަފުޅު ހިޔާލު ފާޅުކުރެއްވިއެވެ.

މި ވެރިކަން ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ބަޖެޓް ބަހުސްގެ ތެރެއިން ފެނިގެނެއް ނުދިޔައެވެ. ޖުމްހޫރީ ޕާޓީ ގާތްގަނޑަކަށް އޮތީ މި ފޯރިގަދަ ބަހުސްގެ މަންޒަރުން "ގެއްލިފަ" އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިންނި

    ނާޤާބިލް އެމް ޑީ ޕީ މިފަހަރުވެސް ޢާއްމުން ވާވައްދަން ފިލްމެއް ކުޅެލީ ހުރިހައި ހަމަހަމަ ކޮށްލަން މެމްބަރުން ތައް ބަހާލީ ތައުތީފާއި ފާޑުކިއުމާއި ހިމަނައިގެން ލޮނު ހެޔޮވަރު ކޮށްލީ

  2. އިބްރާ

    އޮނަރަބަލް ޤާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް މިނިސްޓަރުކަން އޮތްހައިދުވަހަކު ޤާސިމްގެ ފަރާތުން ސަރުކާރު ހިތްހަމަނުޖެހޭނެ އެއްވެސް ކަމެއް ނުފެންނާނެކަން މިކަމުންވެސް އިތުރަށް އެނގި ހާމަވެއްޖެއެވެ. ޔައުނީ މުޅި ޤައުމުގެ މަސްލަޙަތު ހިމެނޭކަމެއްގައިވެސް އަނބިކަނބަލުންގެ ވަޒީފާއަށްޓަކައި ހައްޕު ކިޔައިގެން އެހުންނެވީއެވެ. މިފަދަ ބޭފުޅަކަށް ޤައުމުގެ އެންމެ އިސް މަޤާމު ޙައްޤުވާނީ ކިހިނަކުންތޯއެވެ/

  3. ވިސްނާލުމަށް އެދެމޭ

    ދަގެނތީދާއި ރާގެ މެމްބަ ރު 2023އަށް ގައުމޭ ވަހުދަތޭ ދެލޮލޭ ކިޔަމުން ވެ ރިކަމަށް ކު ރިމަތިލާނެ..އެދުވަހަށް ހައްޕުކިޔައިގެން އެހުންނަނީ..އެއްމެ ހިޔަޅުވައްތަ ރު..މިނިވަންކަންގެއްލި އަޅުވެތިވެ އިގްތިސާދުފުޑި ދީނަށް ފު ރައްސާ ރަކޮށް މިހު ރިހާކަމެ ހިގަމުންދާއި ރު މި ނާޒިމަކާ އުމަ ރަކާ ރިޔާޒު ހަނު މިތިބެނީ ރައްޔިތުންކު ރިމައްޗަށް 2023ގައާސް މޮޅުވާހަކަދައްކަން..ދެތިންބަސްތާ ފިޔައާ ބިސްކޭހެއް ދީގެން ދަގެނތީދާއި ރާގެ ރައްޔިތުން ހެއްލޭހެން ހު ރިހާ ރައްޔިތުން ހައްލަންއެތިބީ.. މިގައުމަށް ޖެހިފަވާ އެއްމެބޮޑު މުސީބަތަކީ ގާސިމާ ޖޕގަ މިތިބަވައްތަ ރުގެ ބައިގަޑަކާހެދި..އެއްވެސްމީހަކަށް ތެދުވެ ރި ވެ ރިކަމެނުކު ރެވޭނެ މިބައިގަޑު ހިތްހަމަޖައްސަދީގެންނޫނީ..މިއީ ނު ރައްކާތެ ރި ރޯގާއެއްފަދަ ބައެއް..

    5
    1