(ފުވައްމުލައް ސިޓީ) ރާއްޖޭގެ ދެވަނައަށް އެންމެ ބިން ބޮޑު ރަށެވެ. މާލެއާއި އައްޑޫ ހިތަދޫ ނެގުމަށް ފަހު އެންމެ އާބާދީ ބޮޑު ރަށެވެ. އެއް ފަސްގަނޑަކަށް އިދާރީ އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެން ބަލަމުން އައި ހަމައެކަނި ރަށެވެ. ދިހަހާހަށްވުރެ އާބާދީ މަތިވެ ސިޓީއެއްގެ ލަގަބު ދެވުނު ފަހުން ވެސް އަހަރުތަކެއް ފާއިތުވެގެން ދިޔައިރު މިއީ ސިޔާސީ ލީޑަރުންނަށް އިންތިޚާބެއް ކާމިޔާބު ކުރުމަށް މުހިއްމު އެއް ސަރަހައްދެވެ.

ސިޔާސީ ލީޑަރުން ކޮންމެ އިންތިޚާބަކަށް ދިމާކޮށް "ސަޅި ބައިސާ" ކަނޑައިގެން އެތައް ވައުދެއް ހުށަހަޅާނެއެވެ. ފުވައްމުލަކުން މިހާތަނަށް އިންތިހާބުތަކުގެ ނަތީޖާ އައި ގޮތަށް ބަލާއިރު ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ހުށަހަޅާ ވައުދުތަކަށެވެ. އެ މައްޗަށް ބިނާކޮށް މީގެ ކުރިން ވާދަވެރި ބޮޑު ދެ ޕާޓީއަށް ވެސް އަޣުލަބިއްޔަތު ދީފައިވާ ފަހަރުތައް ވެއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއަށް މަޖިލީހުގެ ގޮނޑިތައް ފުވައްމުލަކުން ލިބުނެވެ. އެކަމަކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރީ އެމަނިކުފާނު ލީޑް ކުރައްވާ އެމްޑީޕީއިންނެވެ. ކައުންސިލްގައި ދެ ޕާޓީގެ ބޭފުޅުން ވެސް އެބަ ތިއްބެވެ.

އެކަމަކު ކޮންމެ ސަރުކާރަކަށް ފުވައްމުލައް ސިޓީއިން މި ފުރުސަތުތައް ދިން ނަމަވެސް މިހާތަނަށް އެއިން ގިނަ ވައުދުތަކުގައި ހަގީގަތަކަށް ވުމުގެ ކުލަ ނުޖެހެއެވެ. އައިޓީ ހަބަކަށް ސިޓީ ހެދުމާއި، ސިޓީގެ ޑައިވިން ސެންޓަރުތަކަށް ވެފައިވާ ވައުދުތަކާއި ދަނޑުވެރި ކަމާއި މަސްވެރިކަން ކުރިއެރުވުމަށާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ވެސް އޮތީ ގާއިމް ނުކުރެވި ވައުދުތައް ނުފުއްދިއެވެ.

ފުވައްމުލައް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ސިޓީގެ ގިނަ ރައްޔިތުންތަކެއް މާޔޫސްވެފައި ތިއްބައި، އިންތިހާބެއް އަނެއްކާ ވެސް މި އޮތީ ބޯމަތިވެފައެވެ. ސިޔާސީ ލީޑަރުން އަނެއްކާ ވެސް ރީތި ޝައުގުވެރި ޝިޔާރުތައް ހަމަޖައްސައި ވައުދުތައް އިއުލާން ކުރަން ފަށައިފައެވެ. "މަގޭ ރާއްޖެ" އާއި "ރަށްވެހި ފަތިސް" ގެ ޝިއާރުގައި ބޮޑު ދެ ޕާޓީ ކެމްޕޭން ކުރާއިރު ފުވައްމުލަކުގެ ރަށު ތެރޭގައި ވެސް އޮތީ މި ދެ ޕާޓީގެ ފޯރިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ފުވައްމުލައް ސިޓީ ހަ ދާއިރާއަކަށް ބަހާލުމަށް ފަހު، ކޮންމެ ދާއިރާއަކުން ކައުންސިލަރަކު އިންތިޚާބު ކުރާނެއެވެ. އަދި މުޅި ސިޓީއިން ވޯޓް ލައިގެން މޭޔަރަކު ވެސް އިންތިޚާބު ކުރަން ޖެހެއެވެ.

ފުވައްމުލައް މޭޔަރުގެ ވާދަ: ތަޖުރިބާކާރު ދެ ބޭފުޅުން އެއް ވާނެއްގައި!

ފުވައްމުލައް ސިޓީއަށް ވާދަވެރި ދެ ސިޔާސީ ޕާޓީގެ ފަރާތުން ވެސް ވާދަކުރައްވަނީ ތަޖުރިބާކާރު، ރަށުގެ ކަންކަން ވަރަށް ރަނގަޅަށް ވެސް އެނގިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަދި އައިބޭއާއި ވަން ޖަމިއްޔާގެ ބާނީ އިސްމާއީލް ރަފީގް (އިއްސެ) އެވެ. ފެނަކަ ފުވައްމުލައް ބްރާންޗްގެ ކުރީގެ މެނޭޖަރު އަދި ޕީޕީއެމްގެ ކެންޑިޑޭޓް ތޯރިގް އަހުމަދެވެ.

އިއްސެއާއި ތޯރިގް ވެސް ވަނީ "ވަގުތު ހޭރިޔާ" އަށް ދެ ބޭފުޅުންގެ ތަސައްވުރު ހިއްސާކޮށްދެއްވައިފައެވެ. މި ގޮތުން ބޭރު މީހުނާއި ދިވެހިންނަށް އަމާޒުކޮށް ފުވައްމުލަކުގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ދެ ބޭފުޅުންގެ ވެސް ތަސައްވުރެއް އޮތެވެ. މަސްވެރިކާމައި ދަނޑުވެރިކަން ފުޅާ ކުރުމަށް ވެސް ވިސްނުންތަކެއް އޮތެވެ. އައިޓީ ހަބްއަކަށް ފުވައްމުލައް ހެދުމަށް ސިޓީގެ ރައްޔިތުން ދެކޭ ހުވަފެނަކީ މި ދެ ބޭފުޅުންގެ ވެސް ބޮޑު އުއްމީދެކެވެ. އަދި ސިޓީއަށް ލާމަރުކަޒީ ބާރު ހޯދަން ވަކާލާތު ކުރައްވަން ދެ ބޭފުޅުން ވެސް ތައްޔާރަށް ތިއްބެވިއެވެ.

އިއްސެ ވިދާޅުވި ގޮތުގައި ފުވައްމުލައް ސިޓީއަކީ އޭނާ ދިރިއުޅޭ ރަށަށް ވެފައި އަދި އޭނާގެ ދަރިން ވެސް ދިރިއުޅެން އޮތް ރަށަށް ވާތީވެ އެ ރަށުގެ މައްސަލަތަކަކީ އޭނާއަށް ވެސް ކުރިމަތިވާ މައްސަލަތަކެއް ކަމުގައެވެ. އެ މައްސަލަތައް ހައްލުވާނީ އަމިއްލަ ފަރުދީ ޒިންމާ ނަގައިގަނެވެ. ވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ޖަމިއްޔާއެއް އުފައްދައިގެން މިހާތަނަށް ވެސް ނަންގަވާފައިވަނީ އެ ޒިންމާއެވެ. ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވީ ވެސް އެ ޒިންމާ ނަންގަވާށެވެ. ރައްޔިތުންނަށް ދިރިއުޅެވޭ ވަރުގެ ސިޓީއެއް ހޯއްދަވައި ދެއްވާށެވެ.

"މިއީ އަޅުގަނޑު ދިރިއުޅޭ ރަށް، އަޅުގަނޑުގެ ދަރިން އުޅެން ވެސް އޮތީ މި ތަނުގައި، މި ރަށް އަޅުގަނޑަށް މުހިއްމު، އަޅުގަނޑުގެ ވެސް ފަރުދީ ޒިންމާއެއް އެބަ އޮތް، ރަށުގަ މި ހުރި މައްސަލަތައް ހައްލު ކުރަން، މިހާތަނަށް ވެސް މި ކުރަނީ އެ މަސައްކަތް، މޭޔަރު ކަމަށް މި ނުކުންނަނީ ވެސް އެ ކަން ކުރަން،" އިއްސެ ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވާ ގޮތުގައި އޭނާއަކީ ފުވައްމުލައް ރައްޔިތުން އެންމެ ދަންނާނެ ބޭފުޅާއެވެ. ފުވައްމުލައް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ތަސައްވުރަކީ، އޭނާ ވިދާޅުވާ ގޮތުގައި، ފުވައްމުލައް ދަނެ އަދި އެ ސިޓީގެ ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމުގައެވެ. ސަބަބަކީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޕޮލިސީ ޕްލޭނިން ޔުނިޓްގައި މަސައްކަތް ކުރެއްވިއިރު ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ސިޓީ ތަރައްގީ ކުރުމުގެ ޕްލޭން އެކުލަވާލުމުގައި އޭނާ އިސްކޮށް އުޅުއްވިއެވެ. ފެނަކަ ހިންގުމުގެ ތަޖުރިބާއާއެކު ސިޓީ މެނޭޖް ކުރުމުގެ ތަޖުރިބާ ހުންނެވި ކަމުގައި ތޯރިގް ދެކެވަޑައިގަންނަވައެވެ.

"ފުވައްމުލަކުގެ ރައްޔިތުން އަޅުގަނޑު ދަންނާނެ، އެމްޑީޕީ، ޕީޕީއެމް، މީހުން ވެސް، ފުވައްމުލަކުގެ ތަރައްގީއަށް ހުރަސް އަންނަ ކަމެއް އަޅުގަނޑު ނުކުރާނެ ކަން އެނގޭނެ، ﷲ ގެ އިރާދަފުޅާއެކު ރައްޔިތުން އަޅުގަނޑަށް ފުރުސަތު ދޭނެ ކަމުގައި ދެކެނީ، އެއީ ރައްޔިތުންނަށް ހުރި މައްސަލަތަކަށް ރޭވުންތެރި ރަނގަޅު ވިސްނުމެއް އަޅުގަނޑު ހުށަހަޅާފައި އޮތީމަ، އަދި މިހާތަނަށް ވެސް އަމަލުން މިކަންކަން ދައްކުވައިދީފަ އޮތީމަ،" ތޯރިގް ވިދާޅުވިއެވެ.

"ވަގުތު ހޭރިޔާ" ދިރާސާ: 2،888 މީހުން ބައިވެރިވި!

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ދިރާސާ ވަނީ ފުވައްމުލައް ސިޓީގައި ވެސް "ވަގުތު ހޭރިޔާ" އިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދިރާސާގައި "ވަގުތު ހޭރިޔާ" އިން ވަނީ ފުވައްމުލައް ސިޓީގެ 2،888 މީހުންގެ ހިޔާލު ހޯދައިފައެވެ. އެއީ 1،336 ފިރިހެނުންނާއި 1،552 އަންހެނުންނެވެ. އަލަށް ވޯޓް ލާ 21 ޒުވާނުންނާއި، 18 އަހަރާއި 29 އަހަރާއި ދެމެދުގެ 712 ޒުވާނުންނާއި، 30 އަހަރާއި 64 އަހަރުގެ 1،721 މީހުންގެ އިތުރުން 65 އަހަރުން މަތީގެ 434 މީހުނެވެ.

މި ގޮތުން ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރާ މެދު ދެކޭ ގޮތް ހޯދީމެވެ. ކުރީ އިންތިޚާބުގައި ވޯޓް ދިން ގޮތާއި ކައުންސިލް އިންތިޚާބުގައި ވޯޓް ދޭން ވިސްނާފައިވާ ގޮތް ސާފު ކުރީމެވެ. އަދި މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހޭނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ފުރުސަތު ދެއްވަން ބޭނުންވަނީ ކިތައް މީހުންތޯ ވެސް ސާފު ކުރަން މަސައްކަތް ކުރީމެވެ.

ފުވައްމުލައް ސިޓީގައި "ވަގުތު ހޭރިޔާ" އިން ސާވޭ ކުރިއަށް ގެންދަނީ - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ ބަޔަކު ބުނެފައިވަނީ ކުރީގެ ސަރުކާރު ރަނގަޅު ކަމަށެވެ. ކުރީގެ ސަރުކާރު ކަމުދާ ކަމަށް 1،226 މީހަކު ބުންޏެވެ. މި ސަރުކާރު ރަނގަޅު ކަމަށް ބުނެފައިވަނީ 978 މީހުނެވެ. އެއްވެސް ސަރުކާރެއް ކަމުނުދާ ކަމަށް 411 މީހަކު ބުނެފައިވާއިރު ދެ ސަރުކާރު ކަމުދާ ކަމަށް 273 މީހަކު ބުނެފައިވެއެވެ.

މީގެ ތެރެއިން ކުރީ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ދިން ކަމަށް ބުނާ 1،391 މީހަކު ވެއެވެ. އެކަމަކު ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 954 މީހެކެވެ. ކުރީ އިންތިޚާބުގައި ޕީޕީއެމްއަށް ވޯޓް ދިން ކަމަށް 1،031 މީހަކު ބުނެފައިވާއިރު، ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް ވޯޓް ދޭނޭ ކަމަށް ބުނެފައިވަނީ 987 މީހެކެވެ.

އަމިއްލަ ކެންޑިޑޭޓުންނަށް ނުވަތަ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓް ދިން ކަމަށް 45 މީހަކު ބުނެފައިވެއެވެ. އަދި ކައުންސިލް އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓުންނަށް ނުވަތަ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް 47 މީހަކު ބުނެފައިވެއެވެ. ކުރީ އިންތިޚާބުގައި ވޯޓް ނުލާ ކަމަށް 174 މީހަކު ބުނެފައިވާއިރު ކައުންސިލް އިންތިޚާބުގައި ވޯޓް ނުލާނެ ކަމަށް 181 މީހަކު ބުނެފައިވެއެވެ.

ފުވައްމުލަކު ގައި ކުރިއަށް ގެންދިޔަ ސާވޭ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ކުރީ އިންތިޚާބުގައި ވޯޓް ދިން ގޮތް ހާމަ ކުރަން ބޭނުން ނުވާ 247 މީހަކު ވެއެވެ. އަދި ކައުންސިލް އިންތިޚާބުގައި ވޯޓް ދޭނެ ގޮތެއް ނުނިންމާ 174 މީހަކު ވެއެވެ.

އެމްޑީޕީއަށް ދެ ދާއިރާ، ޕީޕީއެމްއަށް ހަތަރު ދާއިރާ

މި ސާވޭއިން ދައްކާ ގޮތުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ދެ ދާއިރާއަކުން ކުރި ލިބެއެވެ. އެއީ މެދު އުތުރު ދާއިރާއާއި ހުޅަނގު ދެކުނު ދާއިރާއެވެ. މީގެ އިތުރުން ދާއިރާ ނޭނގޭ ކަމަށް ބުނާ މީހުންގެ ތެރޭގައި ވެސް ގިނައީ އެމްޑީޕީއަށް ވޯޓް ދޭން ބުނާ މީހުނެވެ. ޕީޕީއެމްއަށް ހަތަރު ދާއިރާއަކުން ކުރި ލިބެއެވެ. އެ ދާއިރާތަކަކީ، ހުޅަނގު އުތުރު ދާއިރާއާއި، މެދު ދެކުނު ދާއިރާއާއި، އިރު އުތުރު ދާއިރާއާއި، އިރު ދެކުނު ދާއިރާއެވެ.

އެހެން ނަމަވެސް ގޮތް ނުނިންމާ ކަމަށް ކޮންމެ ދާއިރާއަކުން ވެސް ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 20 އިންސައްތައަށް ވުރެ ގިނަ މީހުން ބުނެފައިވާތީ ނަތީޖާ ކޮންމެ ދިމާއަކަށް ވެސް ގޮސްދާނެއެވެ. އަދި ދާއިރާ ނޭނގޭ ކަމަށް ސާވޭގައި ބައިވެރިވި މީހުންގެ ގާތްގަނޑަކަށް 30 ޕަސެންޓް މީހުނަށް ވުރެ ގިނަ މީހުން ބުންޏެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ހަ ޕަސެންޓްގެ މީހުންގެ ދާއިރާ ޔަގީން ކުރެވުނީ ގެ ހުރި އަވަށް ވެސް ސާފު ކުރުމަށް ފަހުގައެވެ.

ފުވައްމުލަކު އިރު އުތުރު ދާއިރާގެ ނަތީޖާ:

ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާގެ ނަތީޖާ:

ފުވައްމުލައް މެދު އުތުރު ދާއިރާގެ ނަތީޖާ:

ފުވައްމުލަކު މެދު ދެކުނު ދާއިރާ:

ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާ:

ފުވައްމުލަކު އިރު ދެކުނު ދާއިރާ:

ގޮތެއް ނުނިންމާ ޖުމުލަ 25 ޕަސެންޓް، ނަތީޖާ ކޮންމެ ގޮތަކަށް ވެސް އައިސްދާނެ

"ވަގުތު ހޭރިޔާ" ސާވޭގައި ބައިވެރިވި 2،888 މީހުންގެ ތެރެއިން 719 މީހަކު ބުނެފައިވަނީ ކައުންސިލް އިންތިޚާބުގައި ވޯޓް ދިނުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނުވަތަ އެ ކަމާ މެދު ވަކި ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށެވެ. މިއީ ސާވޭގައި ބައިވެރިވި މީހުންގެ 24.9 ޕަސެންޓްއެވެ. އެހެންކަމުން މި 719 މީހުން ނިންމާ ގޮތެއްގެ މަތިން ސާވޭގައި ހިމެނިފައިވާ އިންތިޚާބުގެ ނަތީޖާއަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން 2،888 މީހުންގެ ތެރެއިން 636 މީހުންނަކީ ވޯޓް ލާން ޖެހޭ ދާއިރާ ނޭނގޭ ކަމަށް ބުނާ މީހުނެވެ. އަދި އަވަށް ސާފުކޮށްގެން ވޯޓް ލާން ޖެހޭ ދާއިރާއެއް "ވަގުތު ހޭރިޔާ" އަށް ސާފުކޮށް ނުދެވުނު މީހުނެވެ. މިއީ ސާވޭގައި ބައިވެރިވި މީހުންގެ 22 ޕަސެންޓްއެވެ. އެހެންކަމުން ސާވޭއިން ދެއްކި ވަކި ވަކި ދާއިރާގެ ނަތީޖާ ބަދަލު އައުމަކީ ވަރަށް ބޮޑަށް ވެސް ބެލެވޭ ކަމެކެވެ.

 

އަލަށް ވޯޓް ލާ އާބާދީއަށް ކަމުދާ ސަރުކާރެއް ނެތް!

މި އަހަރުގެ ކައުންސިލް އިންތިޚާބުގައި ފުރަތަމަ ފަހަރަށް ވޯޓް ލެވޭ 21 ޒުވާނަކު ދިމާވިއެވެ. މި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ދީފައިވާ ޖަވާބުތަކަށް ބަލާއިރު ފާހަގަކުރެވޭ ކަމަކީ ޒުވާނުންނަށް ކަމުދާ ސާރުކާރެއް ނެތް ކަމުގައެވެ.

މި 21 ޒުވާނުންގެ ތެރެއިން އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 11 ޒުވާނަކު ބުންޏެވެ. ދެ ސަރުކާރު ކަމުދާ ކަމަށް ބުނާ ހަތަރު ޒުވާނަކު ވެއެވެ. މިހާރުގެ ސަރުކާރު ކަމުދާ ކަމަށް ހަތަރު ޒުވާނަކު ބުންޏެވެ. އަދި ކުރީގެ ސަރުކާރު ކަމުދާ ކަމަށް ބުނާ ދެ ޒުވާނަކު ވެއެވެ.

ސާވޭގައި ބައިވެރިވި މި 21 ޒުވާނުންގެ ތެރެއިން 8 ޒުވާނަކު ބުނެފައިވަނީ ކައުންސިލް އިންތިޚާބުގައި ވޯޓް ލާން ނުދާނެ ކަމަށެވެ. އަދި 8 ޒުވާނަކު ވަނީ ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފައެވެ. އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ދެ ޒުވާނަކު ބުނެފައިވާއިރު ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ ތިން ޒުވާނެކެވެ.

އުމުރު ފުރާތަކާއި ޖިންސު ވަކިން ނަތީޖާ ފެންނަ ގޮތް:

65 އަހަރުން މަތީގެ މީހުން:

18 އަހަރާއި 29 އަހަރާ ދެމެދު

30 އަހަރާއި 64 އަހަރާއި ދެމެދު

އަންހެން:

ފިރިހެން:

މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވާނަމަ މި ސަރުކާރަށް ވޯޓް ދޭނަންތަ؟

މި ސުވާލު "ވަގުތު ހޭރިޔާ" އިން ކުރަން ބޭނުންވި ސަބަބަކީ މިހާރު މި އޮތް ސަރުކާރުގެ ދުވެލިއާއި އުފަން ރަށަށް މިހާތަނަށް ކަންކަން ކޮށްދެވިފައިވާ މިންވަރާ މެދު ގިނަ ބަޔަކު ހިތްހަމަޖެހޭތޯ ބެލުމެވެ. "ވަގުތު ހޭރިޔާ" ގެ ސާވޭއިން ދައްކާ ގޮތުގައި ގިނަ ބަޔަކު ސަރުކާރުގެ މިހާތަނަށް ފެނިފައިވާ ސްޕީޑް ކަމަކު ނުދެއެވެ.

ފުވައްމުލައް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ސާވޭގައި ބައިވެރިވި 2،888 މީހުންގެ ތެރެއިން 1،418 މީހުން ބުނެފައިވަނީ އެފަދަ ހާލަތެއް އައިސްފިނަމަ މާދަމާ ނުކުމެ މި ސަރުކާރަށް ވޯޓް ނުދޭނެ ކަމަށެވެ. އެއީ ސާވޭގައި ބައިވެރި މީހުންގެ 49.1 ޕަސެންޓްއެވެ.

ސަރުކާރަށް ވޯޓް ދޭނެ ކަމަށް 971 މީހަކު ބުނެފައިވެއެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 33.6 ޕަސެންޓެވެ. ވަކި ގޮތެއް ނުނިންމާނެ ކަމަށާއި ގޮތެއް ނިންމާނީ އެފަދަ ހާލަތެއް އައިސް ވޯޓް ކަރުދާސް ކައިރިއަށް ގޮސްފައި ކަމަށް 500 މީހަކު ބުންޏެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 17.3 ޕަސެންޓްއެވެ.

ކައުންސިލް އިންތިހާބުގައި ފުވައްމުލައް ސިޓީގެ ޗާޓު ރާވާނެ ގޮތެއް އެ ސިޓީގެ ރައްޔިތުންނަށް ދޫކޮށްލާނާމެވެ. މީގެ ކުރިން އޭރެއްގައި އޮތް ސަރުކާރަށް މަޖިލިސް އިންތިޚާބުތަކުގައި މި ސިޓީއިން ފުރުސަތު ދީފައިވާ ކަމަށް މީގެ ކުރީގެ އިންތިޚާބުތަކުގައި ދެއްކި ނަމަވެސް އިދިކޮޅު ފަރާތަކަށް ވެސް މި ސިޓީއިން ފުރުސަތު ދޭނެ ކަން އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި ފެންނަން އެބަ އޮތެވެ. 13،000 އެއްހާ މީހުން ނިސްބަތްވާ މި ފުވައްމުލަކުގެ ރައްޔިތުންގެ ތާއީދު ނުލިބި ސަރުކާރަށް އައުމަށް އުނދަގޫ ވާނެ ކަން ސިޔާސީ ލީޑަރުން ވެސް ވިސްނާލަން މި ދަނޑިވަޅަށް މުހިއްމެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައިވަރޭ

    ކުދުބެއްޔާގެ ސަވާދު ބެނާލިކަކަހަ އަފުން ވޯޓުދެންނޭނީ...

    3
    1
  2. އަފުން

    ޝައްކެއްވެސް ނެތް ކުރީ ސަރުކާރުގެ 5 އަހަރަށްވުރެ މި ސަރުކާރުގެ 2 އަހަރުގެ ނަތީޖާ ރަނގަޅު.

    3
    4
    • ޒިޔާ

      ޙެއުވާހަކައެއް