ކޮވިޑް-19 ގެ ބައްޔަށް ފައްސިވެގެން ނުވަތަ ފައްސިވެފައިވާ މީހަކު ބައްދަލުވެގެން އެކަހެރިކޮށްފައިވާ މީހުން ވޯޓްލާ މަރުކަޒަށް ގެނެސްދިނުމުގައި އެޗްޕީއޭއިން އެހީތެރިވެއްޖެ ނަމަ ސަލާމަތީ ފިޔަވަޅުތަކާއެކު ވޯޓް ލުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝަރީފް ވިދާޅުވީ އެކަހެރި ކުރާ މީހުންނަށް ވަކި ވޯޓްލާނެ ފޮށިތަކެއް ހަމަޖެއްސުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަކީ މާ ކުރިން އިއުލާން ކުރެވިގެން، އެ ލިސްޓުގައިވާ ގޮތެއްގެ މަތިން ވޯޓް ލާނެ މަރުކަޒުތައް ކަނޑައެޅިފައި އޮންނަ ކަމަކަށްވާއިރު ވޯޓްލާ ތާރީޚަށް އެކަހެރިކުރެވޭނެ މީހުން ދެނެނުގަނެވޭނެ ކަމަށް އޭނާ ވިދާޅިވިއެވެ.

ނަމަވެސް ވޯޓް ލުމުގެ ހައްގަކީ ރާއްޖޭގެ ކޮންމެ ފަރުދަކަށް ވެސް ލިބިދީފައިވާ ހައްގަކަށް ވާތީވެ ކޮވިޑް-19 އަށް ފައްސިވުމަކީ ވެސް އޭނާއަށް ވޯޓް ލުމުގެ ހައްގުން މަހްރޫމް ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒާ ހަމައަށް ގެންދިއުމާއި ނުވަތަ ވަކި މީހަކަށް ވަކި ވޯޓްލާނެ ފޮށްޓެއް ހަމަޖެއްސުމަކީ އީސީއިން އެއްވެސް އިރެއްގައި ކުރި ކަމެއް ނޫނެވެ. އަދި ކުރިއަށް އޮތް އިންތިޚާބަށް އީސީއިން އެ ގޮތަށް ތައްޔާރުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ވަސީލަތްތަކާއި ގާބިލް ކަމެއް ވެސް އީސީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވިޔަސް އެޗްޕީއޭއިން ވޯޓްލާ މަރުކަޒާ ހަމައަށް އެފަދަ ރައްޔިތުން ގެނެސްދެވޭނަމަ ސަލާމަތީ ފިޔަވަޅުތަކާއެކު އެހެން މީހުން އޭނާއާ ކޮންޓެކްޓް ނުވާނެ މަތިން ވޯޓް ލެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެވިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތަކު ފައްސިވެގެން އެކަހެރިވެގެން އެ ހުންނަނީ އެޗްޕީއޭގެ ގަވާއިދުގެ ދަށުން. އެޗްޕީއޭއިން އޭނަ ހިފަހައްޓައިގެން އުޅެނީ. އެޗްޕީއޭގެ ޒިންމާއެއް އެއީ އެ މީހަކު ވޯޓް ލާ މަރުކަޒަށް ގެނެސްދިނުމަކީ. ގެނެސްދޭ ނަމަ ސަލާމަތީ ފިޔަވަޅުތަކާއެކު ވޯޓް ލުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ. އީސީއިން އެ ކަމެއް ފެސިލިޓޭޓް ކޮށްދެވޭނެ،" ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އޮތުމުގެ ސަބަބުން އަމަލު ކުރަން ޖެހޭ ބުރަ ބޮޑު އާ އާންމު ހާލަތުގައި އިންތިޚާބު ބާއްވާނެ ގޮތުގެ މައްޗަށް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންއާ ގުޅިގެން އީސީގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަ އޮތެވެ. އެ ގައިޑްލައިންގައިވާ ގޮތުން އެކަހެރި ކުރެވޭ މީހުނަށް ވޯޓް ލާން އެ މީހަކު އެކަހެރި ކުރާ މަރުކަޒެއްގައި ވޯޓް ފޮށި ބަހައްޓަން ޖެހެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތީޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ގައެވެ. އެކަމަކު ގައިޑްލައިންގެ ބުރަ ބޮޑު ކަމުގެ ސަބަބުން އެ ތާރީޚަށް އިންތިޚާބު ބޭއްވިދާނެ ކަމާ މެދު އީސީގެ ބައެއް މެންބަރުން ވެސް ސުވާލު އުފައްދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފަލަކް ޝިނާޒް

  ކަލޭމެން ތިއުޅެނީ ހޭބަލިވެގެންތަ. އިންތިހާބް ބާތިލު ކޮށް އަލުން އިންތިހާބް އިއުލާން ކުރޭ. ޕްރައިމަރީތަށްވެސް އަލުން ބާއްވާ. އެމްޑީޕީ އިން ކުރިމަތިލާން ބޭނުންވެފަ ތިބި މާރަނގަޅު ކެންޑިޑޭޓުން އެބަތިބި މިހާރު

 2. ގުލްފިޝާމް

  އަންނި ބޭނުންވަނީ ސޯބޭ މެންކަހަލަ ދެއުޅި އެއްނުވާ މީހުން ނުވަތަ ފެއިލް ވެފަ ތިބި މީހުން ގޮޑިތަކުގަ ބައިތިއްބާގެން ދިގު ދަންމަން

 3. ބޮޑު ފަރަންޖީ

  ބަލަ މިހާލަތުގަ ވޯޓެއް ނުލެވޭނެ ގުލްފިޝާމް. ކެއްތެރިވެބަލަ.

 4. ޑަބިޔާ

  ދެންފަށާ އެހެން މީހުންގެ ބޮލުގަ އުވަަން