އެކި ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ ތެރެއިން ގިނަ ބޭފުޅުން ތިއްބަވަނީ އަވަށްޓެރި ސްރީލަންކާގައެވެ. އެބޭފުޅުން ރާއްޖެއަށް ވަޑައިގަންނަވަނީ އެކި މުނާސަބަތުތަކާއި ގުޅިގެންނެވެ. ބައެއް ސަފީރުން ރާއްޖެ ވަޑައިގަންނަވަނީ ފަތްކޮޅު އެރުވުމަށާއި ވަދާޢީ ސަލާން ކޮށްލެއްވުމަށެވެ. ދެން ބައެއް ސަފީރުން ދޭތެރެއަކުން އިޙުތިރާމުގެ ޒިޔާރަތެއް ކޮށްލައްވަފާނެއެވެ. މިނޫން ގޮތެއްގައި ރާއްޖެއަށް ޒިޔާރަތްކުރައްވައި ރާއްޖޭގެ އެތެރޭގެ ދާޚިލީ އަދި ސިޔާސީ ކަންކަމާއި ބެހި ގޮތް ކިޔައި "ދަނޑިބާނައިގެން" އުޅޭ ސަފީރުން އެއްއަތުގެ ފަސް އިނގިލިން ގުނާލެވޭހާވެސް މަދެވެ.

މިދެންނެވި ފަސް އިނގިލިން ގުނާ ލެވޭ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި މި ވޭތުވެދިޔަ ދެ ތިން އަހަރުގެ ތެރޭގައި އުޅެނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ ކެޝަޕް އެވެ. އިންޑިޔާ ދަރިކޮޅަށް ނިސްބަތްވާ މި ދެންނެވި އެމްބެސަޑަރ އަތުލް ކެޝަޕް ނޭނގޭ ދިވެއްސަކު މިހާރު މަދުވާނެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ޚަބަރުތައް ކިޔައި އަހައި ހަދާ ފަރާތްތަކަށް މީނާގެ ނަމަކީ ވަރަށް ބާނަމެކެވެ.

އަތުލް ކެޝަޕްއަކީ އެމެރިކާގެ ނިމިދިޔަ ސަރުކާރުން ރާއްޖެއާއި ލަންކާއަށް ކަނޑައެޅި ސަފީރެކެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކޮންމެ އަހަރަކުވެސް ރޯދަ ވީއްލުން ދެއްވާ ކެޝަޕް މިފަހަރު ދެއްވީ ވަދާޢީ ރޯދަވީއްލުމެކޭ މިދެންނެވީ އޭނާގެ ބަދަލުގައި އެހެން ބޭފުޅަކު މިހާރު މަގާމަށް ކަނޑައަޅުއްވާފައި ވާތީއެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ ކުދި ގައުމުތަކުގެ ކަންކަމުގެ ތެރެއަށް "ދަނޑިބާނައިގެން ހެލުވުމުގެ" ސިޔާސަތެއް ނޫނެވެ. އެކަމަކު ވެސް އެމްބެސަޑަރ ކެޝަޕް އަދިވެސް ތަބާވެ ވަޑައިގަންނަވަނީ އޭނާ އެމަގާމަށް އައްޔަންކުރި ސަރުކާރު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީގެ ސިޔާސަތު ތަކަށެވެ. މިއާއެކު އެމްބެސެޑަރ ކެޝަޕް ހިމެނިވަޑައިގަންނަވަނީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ ތެރެއިން ރައީސް ޔާމީންގެ ސަރުކާރު އައިފަހުން ފާޅުގައި ރާއްޖޭގެ ދާޚިލީ ކަންކަމާއި ސިޔާސީ ކަންކަމާއި ބެހި ފާޑުވިދާޅުވެ ޓްވީޓް ކުރައްވައި ބަސް ވިދާޅުވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. ވަކިން ޚާއްޞަކޮށް އޭނާ ގިނަ ފަހަރަށް މިފަދަ ޓްވީޓްތައް ކުރައްވާއިރު ހުންނަވާތަން ފެންނަނީ އިދިކޮޅު ފަރާތްތަކުގެ ކޯޓު ތުރުކުރައްވައިގެންނެވެ. އިދިކޮޅު އެމްޑީޕީގެ އެންމެ ހަރަކާތްތެރި ޓްވިޓަރ އެކްޓިވިސްޓުން ވެސް ޓްވީޓް ކުރާ އިބާރާތްތަކުން ކެޝަޕް ޓްވީޓް ކުރައްވާކަން އޭނާގެ ޓްވީޓް ތަކުގެ އަރުޝީފުން މިހާރުވެސް ސާބިތުވާނެއެވެ.

ކެޝަޕްގެ ފަހަތުން ދެން އެމަގުން ހިންގަވާ އަނެއް ބޭފުޅަކީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަންއަޅާފައި ހުންނަވާ އެމްބެސެޑަރ ޖޭމްސް ޑައުރިސް އެވެ. ކެޝަޕްގެ ބަސްމަގާއި އޭނާގެ ބަސްމަގު ހަމަ ދާދި އެކައްޗެކެވެ. އެއަށްފަހު ތަންކޮޅެއް ފަހަތުން އީޔޫގެ ބައެއް އެމްބެސެޑަރުން ހިންގަވާތަން ފެނެއެވެ.

ކޮންމެއަކަސް އެމްބެސެޑަރ ކެޝަޕް އާއި ޑައުރިސް އަކީ މިފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އިދިކޮޅު ހަރަކާތްތަކާއި އެމީހުންގެ ބަސްމަގު ދުނިޔޭގެ ކަންފަތްތަކަށް ގެންގޮސްދެއްވުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވާ ދެ ބޭފުޅުންނެވެ. އިދިކޮޅުގެ ހަރަކާތްތަކާއި ޝުޢޫރުތައް ޓްވީޓް ކުރައްވައި އިދިކޮޅުން ދޭ މައުލޫމާތު ތަކާއި އެއްގޮތަށް އެވާހަކަތައް ދުނިޔޭގެ ކަންފަތްތަކަށް ފޯރުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރައްވާ ދެ ބޭފުޅުންނަކީ މި ދެ ބޭފުޅުންނެވެ.

މި ގްރޫޕްގެ ތެރެއަށް އިންޑިޔާގެ ސަފީރު ސީދާ ގޮތެއްގައި ވެދެވަޑައިގެން ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވެ ޓްވީޓް ނުކުރެއްވި ނަމަވެސް އިދިކޮޅު އިސް ބޭފުޅުންނާއި ބައްދަލު ކުރައްވައި "ހެޔޮދުޢާ ސަލާން" ކުރެއްވުމުގައި ކޮންމެވެސް ވަރަކަށް ރާއްޖޭގައި ހުންނަވާ އިންޑިޔާގެ ސަފީރު ވެސް އުޅުއްވާތަން ދޭތެރެއަކުން ފެނެއެވެ. ކޮންމެއަކަސް މިހާރުގެ އިންޑިޔާގެ ސަރުކާރުގެ ބަސްމަގުވެސް ހިނގަމުން ދަނީ އެމެރިކާއާއި އިނގިރޭސި ސަފީރުގެ ބަސްމަގާއި ފައި ހަމަވާ ގޮތަށެވެ. ބުނެވޭ ގޮތުގައި ރާއްޖޭގެ ކަންކަން ބަލައި ގޮތް ކިޔުމަށް އެމެރިކާއާއި އިނގިރޭސިން އައްޔަން ކޮށްފައިވާ ބަޔަކީ އިންޑިޔާއެވެ. އިންޑިޔާ ކަނޑުގައި ރަސްކަން ކުރާ އިންޑިޔާއަކީ އިންޑިޔާ ކަނޑުގެ ގައުމުތައް ބަލަހައްޓާ، އެޤައުމުތަކުގެ މައްޗަށް ބަސްކިޔުމުގެ ބާރު އޮންނަން ޖެހޭ ޤައުމު ކަމުގައި އިނގިރޭސިންނާއި އެމެރިކާ ވެސް ގަބޫލުކޮށް އެގޮތަށް ބަލައިގަންނަނީއެވެ.

އެމެރިކާ ސަފީރުގެ "ވަދާޢީ ރޯދަވީއްލުމުގައި" އެމްބެސެޑަރ ކެޝަޕް ދެއްކެވީ ގުޅިގެން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރައްވާ ވާހަކައެވެ. ދެން ދެއްކެވީ އޭނާގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖޭގެ ރަށެއްގައި ސާފު ބޯފެން އުފައްދާ ޕްލާންޓެއް ގާއިމުކޮށްދީ 4000 މީހުންގެ އާބާދީއަކަށް ސާފު ބޯފެން ފޯރުކޮށްދިން ވާހަކައެވެ. ދެން އެމްބެސެޑަރގެ މި ވަދާޢީ ދަތުރުފުޅުގައި އިދިކޮޅު ފަރާތްތަކާއި ބައްދަލު ކުރެއްވިއެވެ. މީގެތެރެއިން ވެސް އެންމެ މުހިންމު ކަމެއް ދެއްވައިގެން ކެޝަޕް ޓްވީޓް ކުރައްވާފައިވަނީ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ އަނބިންނާ އެކު ނަންގަވާފައިވާ ފޮޓޯއެކެވެ. އެފޮޓޯގައި އޭނާގެ ރަސްމީ ބަހުރުވައިން ނުވަތަ އިދިކޮޅު ފަރާތްކުގެ ބަހުރުވައިން ބަސްވިދާޅުވެ ފާޑު ވިދާޅުވެފައި ވެއެވެ. ކެޝަޕްގެ މި ޓްވީޓް ޑައުރިސް ވަނީ ރިޓްވީޓް ކުރައްވާފައެވެ.

ރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި އެމްބެސެޑަރ ގެ މިފަހުގެ ޓްވީޓްތަކަށް ނަޒަރު ހިންގާލާއިރު ގިނައިން ދައްކަވާފައި ހުންނަނީ ލަންގާގައި އުޅޭ ދޫނިސޫފާސޫފީގެ ވާހަކައެވެ. މިމައުލޫމާތުތައް އެސޮރުމެންގެ ނަލަ ފޮޓޯތަކާއެކު ޓްވީޓް ކުރައްވާފައިވާއިރު ލަންކާގެ މާޙައުލުގައި ހުނގާ ސިޔާސީ ކަންކަން ފެނިވަޑައި ނުގަންވަނާ ކަހަލައެވެ. ދެން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ދޭ މައުލޫމާތު ތަކާއި އެމީހުންގެ ވާހަކަ ތަކާއި ރާއްޖޭގެ މިހާރުގެ ސަރުކާރާއި ދެކޮޅު ބަސްތަކާއި ޝުޢޫރުތަކާއި ޝަކުވާތަކެވެ. މިއީ ޑައުރިސްވެސް ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއްކަން ފާހަގަކުރެވެއެވެ.

އެމެރިކާ ސަފީރުގެ ވަދާޢީ ބޮޑު ބައްދަލުވުމުގައި ދެއްކެވި ވާހަކަ ތަކުގެ ތެރެއިން ނުވަތަ އަލިއަޅުއްވާލެއްވި ކަންކަމުގެ ތެރެއިން ފާދިއްޕޮޅު ހިންނަވަރުގައި ސާފު ބޯފެން ފޯރުކޮށްދޭ ފެން ޕްލާންޓެއް ޤާއިމު ކުރެއްވި ވާހަކަ "ގޮވާލެއްވުމުން" ކުޑަކޮށް ލަދުވެތިވާގޮތްވެއެވެ. އެކަމަކު އެއީ މި އެހީ ބަލައި ނުގަންނާތީއަކީ ނޫނެވެ. އެމެރިކާ ކަހަލަ ބޮޑު، މުއްސަނދި ޤައުމަކާއި އަޅާ ބަލާއިރު މިއީ ފަޚުރުވެރިކަމާއެކު ދައްކާ ވަރުގެ ވާހަކައެއް ކަމުގައި ގަބޫލުނުކުރެވޭތީއެވެ. ދެން އެދައްކަވާ ޑިމޮކްރެސީގެ ވާހަކައަކީ ހަމަ އަޖާއިބެއް ފަދަ ވާހަކައެކެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ސަރުކާރާ ދެކޮޅު ވިސްނުމުގައި ނުކުމެ ނުވަތަ ސަރުކާރާއި ދެކޮޅު ފަރާތްތަކުގެ ބޫޓަށް އަރުއްވައިގެން ހުންނަވައިގެން ސަރުކާއެކު މަސައްކަތް ކުރައްވާ ވާހަކަ ދެއްކެވުމަކީ ހަމަ އަރަތެކެވެ. ބޮޑު އަޖާއިބެއްފަދަ ކަމެކެވެ.

މިއަށްވުރެ މާ ހައްސާސް ވާހަކައެއްވެސް މިވެރިންނާއި މެދު ދެކެވޭތީ މިފަހަކުން އަޑު އެހީމެވެ. އެއީ އެއްކަލަ އެކެއް ފެބްރުއަރީގެ "ބޮޑު އަމުރާއި" ގުޅުވައިގެން ދެކެވެމުންދާ ވާހަކައެކެވެ. މިދެންނެވި އަޑުތައް ބުނާ ގޮތުގައި އެބުނާ "ބޮޑު އަމުރު" ނުވަތަ އެއަމުރުގެ ދެލިކޮޕީ ހެދީ ލަންކާގައި ހުންނަ އެމެރިކާ ސަފީރުގެ އޮފީހުގަޔޯލައެވެ. މިއީ ތޯތޯ ވާހަކައަކަށް ވިޔަސް އެކަން ޔަގީނާ ގާތްވާ ވަރަށް އެ ހުކުމަށް ތާއީދުކުރައްވައި، އެހުކުމް ތަންފީޒު ކުރައްވަން ގޮވާލައްވައި އެމްބެސަޑަރ ކެޝަޕް ވާހަކަފުޅު ދައްކަވައި ޓްވީޓް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. އަދި އެ އަމުރު ނެރުނު "ބޮޑު ކަންތައްގަނޑު"ގެ ތެރޭގައި އިނގިރޭސި ސަފީރާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ހުރީ ފޯނުން ގުޅިފައެވެ. އެކަމަކު އެ އަމުރު ނެރުއްވި ބޭފުޅުންނަށް ހިމާޔަތް ދެވޭވަރަށް ވަގުތު ނުލިބި އެބޭފުޅުން ގާނޫނުގެ ދިގުއަތުގައި ޖެހުނީއެވެ. ފަހަރެއްގައި އެއަމުރަކީ ސައްތައިންސައްތަ ކާމިޔާބު އެއްޗެއްކަން ކަށަވަރުވާތީ "އައްޑޫ އަފީފު" އަށް ހިމާޔަތް ދިން ގޮތަށް ބޮޑު އަމުރު ނެރެދިން ފަނޑިޔާރުންނަށް ހިމާޔަތް ދޭން ރާވާފައި ނެތީއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ސަފީރުންގެ ވިސްނުންފުޅަކީ އަދި އެ ޤައުމުތަކުގެ ސަރުކާރު ތަކުގެ ވިސްނުން ކަމުގައި ނުވާތީ ރަސްމީކޮށް އެފަދަ ކަމެއް ކުރަން ކެރިވަޑައި ނުގެންނެވީއެވެ. އެހެން ނޫންނަމަ އޭރުއޮތް ސަރުކާރުގެ އަތްދަށުވުމުގެ ކުރިން އެވެރިންގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ އެހީގައި "އަފީފު" ސީޝަލްސްއަށް ގެންގޮސް ހިމާޔަތް ދިން ބީދައިން ބޮޑު އަމުރު ނެރެދެއްވި ފަނޑިޔާރުންވެސް މިއަދު ތިއްބަވާނީ ސަރުކާރުގެ ނުވަތަ ރާއްޖޭގެ ގާނޫނު ތަކުގެ އަތުނުޖެހޭ ފަށުގައިތާއެވެ.

އެމްބެސެޑަރ ކެޝަޕްގެ ޚިޔާލުފުޅާއި ވިސްނުންފުޅު ހުރިގޮތް މިދެންނެވީ ތޯތޯއަކަށް ނޫނެވެ. ސީދާ އޭނާއާއި ވާހަކަ ދެކެވި އޭނާގެ ބަސް އަޑުއިވި އޭނާގެ ޚިޔާލާއި ފިކުރު ސީދާ އަމިއްލައަށް އަޑުއިވި ތަޖުރިބާކޮށްފައިވާ މީހެއްގެ ހައިސިއްޔަތުންނެވެ. އިދިކޮޅު އެމްޑީޕީގެ ލީޑަރ މުހަންމަދު ނަޝީދާއި ރައީސް މައުމޫންގެ ވިސްނުންފުޅު އެއްގޮތްވެ ދެބޭފުޅުން އެއްގަލަކަށް އަރާވަޑައިގެންނެވުމުގެ ކުރިން އެކަމަށް އެންމެ ބޮޑަށް އިންތިޒާރުކުރައްވާ އެވާހަކަ ދެއްކެވި އެއްބޭފުޅަކީވެސް ކެޝަޕްއެވެ. އޭގެފަހުން އަޅުގަނޑާ ބައްދަލުވި ފަހަރަކު އެއަށްވުރެ މާ ހައްސާސް ޚިޔާލުފުޅެއް ކެޝަޕް ގެންގުޅުއްވިއެވެ. އެއީ ރާއްޖޭގެ ސަރުކާރާއި ދެކޮޅަށް ފިލާތިބެ މިނިވަން ނޫސްވެރިކަމުގެ ނަމުގައި ލިޔާނެ ނޫސްވެރިން ހޯއްދެވުމުގެ ޚިޔާލެކެވެ. އެފަދަ ނޫސްވެރިންނަށް ހިމާޔަތް ހޯއްދަވައި ދެއްވައި އެހީތެރިވެދެއްވި ދާނެ ކަމަށް ވިދާޅުވެ އެފަދަ ޚިޔާލެއް އޭނާ ގެންގުޅުއްވާކަން ކަށަވަރުވިއެވެ.

ކޮންމެއަކަސް މިއަދު ބައެއް އިދިކޮޅު ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނަށް ލަންކާއާއި އެހެނިހެން ބައެއް ގައުމުތަކުން ހިމާޔަތް ހޯދައި ދިނުމުގައި އެމްބެސަޑަރ ކެޝަޕްގެ ދައުރު ވަރަށް ބޮޑުކަން ކަށަވަރުވެ ޔަގީންވެއެވެ.

މިހާރު ދެން ގިނަ ބަޔަކު އިންތިޒާރު ކުރާނީ އެމެރިކާއިން ރާއްޖެއަށް އައްޔަންކުރި އާ ސަފީރު ގެންގުޅުއްވާނެ ސިޔާސަތަކާއި މެދުގައެވެ. އެކަމަނާ ތުރުކުރައްވާނީ އަމިއްލަ ބޫޓުކޮޅުތޯ ނުވަތަ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ ބޫޓުކޮޅުތޯ؟ ނޫންނަމަ އާ ސަފީރުވެސް ހިންގަވާނީ އެމްބެސެޑަރ ކެޝަޕް ވެސް ހިންގެވި މަގުންތޯ؟ މިއީ އަދި ސުވާލެއްގެ ތެރޭގައިވާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަސްލުހާލަތު

    ރޯދައަށް ތައްޔާރުވާން ޕީޕީއެމުން ބޭއްވި ޖަލްސާއާ މާހެފުމިގަވެސް ދެއްކީ ސިޔާސީވާހަކަ.. ކެޝަޕް ދެން ދީނީ ދަރުސްތަ ދޭންވީ؟ އެސޮރަކަށް ނޭނގޭބެ އެސޮރަށް އއލެނގޭވާހަކައެއްދޯ ދެއްކޭނީ

  2. މަޖީދީ މަގު

    ރޯދަ ވީއްލުމެއް ނޫނީ ޑިމޮކުރޮސީ ވީއްލުމެއް ތޯ

  3. ހަނދާން ވަނީ މީގެ އަހަރު ތަކުގެ ކުރިން މި ގައުމަށް ފާޅު ވި މެޑަމް ޕިންލޭ އެއް ގެ ވާަހަކަ

  4. ގަލޮޅު މީހާ

    ޜައްކާވޭ މިގައުމުން ކޮން އެމެރިކާއެއް

  5. ނިންމާލަމުން ތިކުރެއްވި ސުވާލުގެ ޖަވާބު ހަމަ ވަރަށް ސާފު. އެމަގާމަށް އެމެރިކާއިން އަބަދުވެސް އައްޔަން ކުރާނީ ހުޅަނގުގެ ފިކުރުގެ ޕާޓީއަށް ވަކާލާތުކޮށް، ކަންކަން މަގުފަހިކޮށްދޭނެ ކަހަލަ މީހެއް.