(ހއ. ދިއްދޫ) ހއ. އަތޮޅުގެ ރަށްރަށަށް "ވަގުތު ހޭރިޔާ" އިން ކުރަމުންދާ ދަތުރުގައި މީހުން ދިރިއުޅޭ 14 ރަށަށް މި ވަނީ ޒިޔާރަތްކޮށްފައެވެ. މާދަމާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނަ އިރު ގިނަ ރަށްރަށުގައި އޮތީ ވެސް އިންތިޚާބުގެ ކެމްޕޭން ފޯރިއެވެ. ބައެއް ރަށްރަށުގައި ދެ ޕާޓީގެ ކެމްޕޭން ވާދަވެރިކަން އިންތިހާއަށް ފެނުނެވެ. ބައެއް ރަށްރަށުގައި އޮތީ އެއް ޕާޓީގެ ކެމްޕޭން ހަރަކާތްތައް މެކުހަށް ޖަހައިފައެވެ. އަމިއްލަ ކެންޑިޑޭޓުން ކެމްޕޭން ވަރުގަދައަށް ހުރި ރަށްރަށް ވެސް ފެނުނެވެ. އަދި ހިމޭން ކެމްޕޭނެއްގައި ތިބި ރަށްރަށަށް ވެސް ދެވުނެވެ.

މި ދިގު ދަތުރުގައި "ވަގުތު ހޭރިޔާ" އިން ކުރިއަށް ގެންދިޔަ "ކައުންސިލް އިންތިޚާބުގެ ދިރާސާ" ގައި 14 ރަށުން ޖުމުލަ 3،558 މީހުން ބައިވެރިވިއެވެ. މި އަތޮޅުގެ މީހުންގެ ތެރެއިން އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު 16،236 މީހުނަށް ލިބިފައިވެއެވެ. ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ދިރާސާގައި ވޯޓް ހައްގުވާ އާބާދީގެ 22 އިންސައްތަ މީހުން މި ވަނީ ބައިވެރިވެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްގެ މެންބަރުންގެ ގޮތުގައި ތިބޭނީ ރަށު ކައުންސިލްގެ ރައީސުންނަށް އިންތިޚާބުވާ މެންބަރުންނާއި މުޅި އަތޮޅުން ވޯޓު ލައިގެން އިންތިޚާބު ކުރެވޭ އަތޮޅުގެ ރައީސެވެ. އެހެންކަމުން ހއ. އަތޮޅު ކައުންސިލްގައި އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި 14 މެންބަރުން ތިބޭނެއެވެ. އަތޮޅުގެ ހުރިހާ ރަށެއް އެ ކައުންސިލްގައި ތަމްސީލް ކުރާނެއެވެ.

"ވަގުތު" އިން ކުރިއަށް ދިޔަ ދިރާސާއިން ފެންނަ ގޮތުގައި މި ކައުންސިލްގެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ލަފާ ކުރެވެނީ އިދިކޮޅު ޕީޕީއެމްއަށެވެ. އެކަމަކު ވެރިކަން ކުރާ އެމްޑީޕީއަށް ވެސް ގިނަ ގޮނޑި ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވެސް ބައެއް ގޮނޑި ލިބޭނެ ކަމުގައި ބެލެވެއެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން

ޕީޕީއެމަށް ލިބޭނެ ކަމަށް ބެލެވޭ ގޮނޑިތައް

  1. ހއ. އިހަވަންދޫ
  2. ހއ. އުތީމު
  3. ހއ. ކެލާ
  4. ހއ. ފިއްލަދޫ
  5. ހއ. ވަށަފަރު
  6. ހއ. ބާރަށް

މި ހަ ރަށުގައި ކުރިއަށް ގެންދިޔަ ދިރާސާގައި އެއިން ކޮންމެ ރަށަކުން ވެސް ބައިވެރިވި މީހުންގެ ތެރެއިން ގިނަ މީހުން ބުނެފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށެވެ. މި ރަށްރަށުގެ ތެރެއިން އެމްޑީޕީއަށް އިންތިޚާބު ލިބިދާނެ ވަރަށް ކައިރިން ވެސް ދައްކަނީ ހއ. ބާރަށާއި ހއ. ފިއްލަދޫގައެވެ. އެހެން ރަށްރަށުގައި ޕީޕީއެމްއަށް ލިބޭ ވޯޓާއި އެމްޑީޕީއަށް ލިބޭ ވޯޓްގެ ފަރަޤު ވެސް ބޮޑެވެ. އެހެންކަމުން މި ކައުންސިލްތަކުގެ މެޖޯރިޓީއާއި ކައުންސިލް ރައީސްގެ ގޮނޑި ޕީޕީއެމްއަށް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އެމްޑީޕީއަށް ލިބޭނެ ކަމަށް ބެލެވޭ ގޮނޑިތައް

  1. ހއ. ހޯރަފުށި
  2. ހއ. މޮޅަދޫ
  3. ހއ. ތަކަންދޫ
  4. ހއ. ދިއްދޫ

މި ހަތަރު ރަށުގައި ކުރިއަށް ދިޔަ ދިރާސާގައި އެއިން ކޮންމެ ރަށަކުން ވެސް ބައިވެރިވި މީހުންގެ ތެރެއިން ގިނަ މީހުން ބުނެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށެވެ. މި ރަށްރަށުގެ ތެރެއިން އެމްޑީޕއަށް ވޯޓް ދޭނެ މީހުންގެ އަދަދާ ކައިރިން ޕީޕީއެމްއަށް ވޯޓް ދޭނެ އަދަދު ގާތުން ފެންނަނީ ވެސް ހއ. ދިއްދޫ އިން އެކަންޏެވެ. އެހެން ރަށްރަށުގައި އެމްޑީޕީގެ ތާއީދު ފެންނަނީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ގާތް ކުރެވޭ ވަރަށް ވުރެ ވެސް ބޮޑުކޮށެވެ. އެހެންކަމުން މި ކައުންސިލްތަކުގެ މެޖޯރިޓީއާއި ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީއަށް ލިބޭނެ ކަމަށް ބެލެވެއެވެ.

އަމިއްލަ ކެންޑިޑޭޓުންނަށް ލިބޭނެ ކަމަށް ބެލެވޭ ގޮނޑިތައް

  1. ހއ. ތުރާކުނު
  2. ހއ. މާރަންދޫ

މި ދެ ރަށުގެ ތެރެއިން ތުރާކުނު ކައުންސިލްގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑި މިހާރު ވެސް ވަނީ އިންތިޚާބަކާ ނުލައި އަމިއްލަ ދެ ކެންޑިޑޭޓަކު ކަށަވަރުކޮށްފައެވެ. ދެން ކައުންސިލްގައި ތިބޭ ދެ މެންބަރުންގެ ގޮނޑިއަށް ވާދަކުރަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި އަމިއްލަ ދެ ކެންޑިޑޭޓުން ކަމުގައިވާތީ އެމްޑީޕީއަށް އެއް ގޮނޑި އެބަ ލިބެއެވެ. އެކަމަކު ތުރާކުނު ގިނަ މީހުން އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނާތީ އަޣުލަބިއްޔަތު އަމިއްލަ ކެންޑިޑޭޓަށް ލިބޭނެ ކަމަށް ބެލެވެއެވެ. މާރަންދޫގައި ވެސް ގިނަ ބަޔަކު ބުނަނީ ވޯޓް ދޭނީ އަމިއްލަ ކެންޑިޑޭޓުންނަށް ކަމަށެވެ.

ނަތީޖާ ލަފާ ކުރަން ދަތި ދެ ގޮނޑި

  1. ހއ. މުރައިދޫ
  2. ހއ. އުލިގަމު

ހއ. އަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނުނީ މުރައިދޫއިންނެވެ. މުރައިދޫއިން ދިރާސާގައި ބައިވެރިވި މީހުންގެ ޖަވާބަށް ބަލާއިރު ޕީޕީއެމްއަށް ކުރި ލިބުނަސް ކުރި ލިބިފައިވަނީ ދެ ވޯޓެއްގެ ނުވަތަ ތިން ވޯޓެއްގެ ފަރަޤުންނެވެ. އެހެންވެ މުރައިދޫގައި އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބުން ވަރަށް ގާތެވެ. އުލިގަމުގެ އަޣުލަބިއްޔަތު ލިބޭނެ ކަމަށް ބެލެވެނީ ވެސް އަމިއްލަ ކެންޑިޑޭޓުންނަށެވެ. އެކަމަކު ރައީސްގެ ގޮނޑިއަށް އަމިއްލަ ދެ ކެންޑިޑޭޓުން ވާދަކުރާތީ އެމްޑީޕީ ކެންޑިޑޭޓަށް ވެސް ފުރުސަތު ވަރަށް ބޮޑެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ލާ ވޯޓްތައް ބެހެމުން އޭނާއަށް ކުރި ވެސް ލިބޭނެ ކަމަށް ބެލެވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސް: ހުސައިން ރަޝީދު ކުރީގައި!

ހއ. އަތޮޅުގެ 14 ރަށުން ބައިވެރިވި 3،558 މީހުންގެ ތެރެއިން އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓްގައި ވޯޓް ދޭނީ ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރަޝީދަށް ކަމަށް 1،655 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 47 އިންސައްތައެވެ. އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ޝަފީޤްއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 1،400 މީހުނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 39 އިންސައްތައެވެ.

ވޯޓް ލާން ނުދާނެ ކަމަށް 82 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ ދެ އިންސައްތައެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 287 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި އަށް އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް 134 މީހަކު ބުނެފައިވާއިރު އެއީ ހަތަރު އިންސައްތައެވެ.

ހއ. އަތޮޅުން މި އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުންގެ 22 އިންސައްތަ ރައްޔިތުންގެ ޚިޔާލު ހިމަނައިގެން "ވަގުތު ހޭރިޔާ" އިން ދިރާސާއެއް އެކުލަވާލައިރު، މި ދިރާސާގައި ފެންނަ ނަތީޖާ ބަދަލުވުމަކީ ވެސް ގާތް ކަމެކެވެ. ދިރާސާގައި ބައިވެރިނުވާ 78 އިންސައްތަ މީހުންގެ ވޯޓުން މި ނަތީޖާ ބަދަލު ވެދާނެއެވެ. އަދި މާލޭގައި ދިރިއުޅޭ ހއ. އަތޮޅުގެ ރައްޔިތުންނާއި އެހެން އަތޮޅުގައި ދިރިއުޅޭ ހއ. އަތޮޅުގެ ރައްޔިތުންގެ ވޯޓުން ނަތީޖާ އެހެން ގޮތަކަށް އައިސްދާނެ ކަމުގައި ބެލެވެއެވެ. އެހެންވިޔަސް ހއ. އަތޮޅުގެ ބައެއް ރަށް ރަށް އޮތީ ވާދަވެރި ދެ ޕާޓީއިން ޕާޓީއެއްގެ ސަހަރުތައް ގޮތުގައި ކަން ފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގައުމީނައު

    ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ.މި އިންތިޚާބުން އެމް.ޑީ.ޕީ ބޮޑުތަނުން ބަލިކުރައްވައި ގައުމު އިންޑޮޔާގެ ވަކިތަކުން ސަލާމަތްކުރައްވާނދޭވެ.އާމީން

    39
    8
    • ޞޮއްޓި

      امين يارب العلمين

      4
      1
  2. ނަރެލް

    ހާއްސަހުއްދައިގެދަށުން ރާއްޖޭގެއުތުރާ ދެކުނުގަ ވަގުތުމީހުން ތިނިންމާލީ ވަރުގަދަ ކެމްޕޭނެއް