މުޅި ގައުމު އެ ތަނަކަށް ބޯރާސާވާ ތަނަކީ މިއީއެވެ. އަސާސީ ޚިދުމަތްތަކަށް ޒަމާނުއްސުރެން ބަރޯސާވާން ޖެހިފައި އޮންނަނީ ވެރިރަށް މާލެ ސަރަހައްދަށެވެ. ނަތީޖާއެއްގެ ގޮތުން މާލެ ތޮއްޖެހި އިތުރު އިޖްތިމާއީ މައްސަލަތައް ވެސް މާލެ ސަރަހައްދަށް ދިޔައީ ތޮއްޖެހެމުންނެވެ. ފެހި ކަން ގެއްލި ހިތްފަސޭހަ ކަން ގެއްލި މާލޭގެ ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ.

ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވި ޑރ. މުޙައްމަދު މުޢިއްޒު އެ މަގާމަށް ހަވާލުވެވަޑައިގެންނެވި އިރު މާލޭގެ ކަންކަން އޮތީ މުޅިން ބޮއްސުން ލައިގެންނެވެ. އޭނާގެ މިނިސްޓަރު ކަމުގެ ދަށުން މި ކަންކަން ހަމައަކަށް އެޅުވިއެވެ. ހިތްފަސޭހަ ކޮށްލުމަށް ތިބެވޭނެ ތަންތަން ޤާއިމް ކުރިއެވެ. ރަސްފަންނާއި ރަސްރަނި ޤާއިމް ކުރިއެވެ. އިތުރު މައިޒާންތައް އެޅުއްވިއެވެ. ވެމްކޯ އުފައްދައި ރަށު ތެރެ ސާފުކޮށް ބެލެހެއްޓިއެވެ.

މާލެއަށް ބޭނުންވާ ބަދަލުތައް ގެންނަން ގިނަ މަސައްކަތްތައް އަދިވެސް ހުރީއެވެ. ހުއްޓައި ވެރިކަން ބަދަލުވެ، މާލޭގެ ކަންކަން އަނެއްކާ ވެސް އޮތީ ބޮއްސުން ލައިގެންދާ މަންޒަރު އެބަ ފެނެއެވެ. މުޢިއްޒު ފާހަގަކުރައްވާ ގޮތުގައި ރަސްފަންނާއި ރަސްރަނި މިހާރު އޮތީ ވީރާނާވާން ދޫކޮށްލައިފައެވެ. އެއްވެސް މައިޒާނެއް ނުބެލެހެއްޓެއެވެ. މާލޭގެ މޭޔަރު ކަމަށް މުޢިއްޒު ނުކުންނަވަން ނިންމެވީ އަލުން އަނބުރާ މާލޭގެ ހާލަތު ހަމައަކަށް އެޅުވުމަށެވެ.

މާލޭގެ ތަންތަން ސާފުކޮށް ބަލަހައްޓާނެ

މީގެ ކުރިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތްތައް އަލުން ކުރެއްވުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. މި ގޮތުން ވެމްކޯ ކުންފުނި އުފައްދައިގެން ކުރީގެ ސަރުކާރުގައި މާލޭގެ މަގުމަތި ސާފު ކުރަން ފެށުނު ކަން މުޢިއްޒު ފާހަގަކުރެއްވިއެވެ. މާލެ ވަށައިގެން އޮންނަ ތޮށިގަނޑާއި ފަޅުތެރެއާއި މުޅި މާލެ ސާފު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުން ހޭލުންތެރި ކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ގޮތުން މަގުތަކަށް ކުނި އެޅުމާއި މަގު މައްޗަށް ކުޅު ޖެހުން ފަދަ ކަންކަން ހުއްޓުމަކަށް ގެނައުމަށް ޚާއްސަ ސަމާލު ކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގެ މަގުތަކަކީ ސާފު ތަންތަނަށް ވާން އެބަ ޖެހޭ. މާލޭގެ މަގުތައް މަތީގައި ކުނި ހުރެގެން ނުވާނެ. މަގުތަކަށް ކުޅު ޖެހުން ހުއްޓުމަކަށް ގެންނަން ޖެހޭ. އެ ކަމަށް ޓަކައި ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާނަން. މާލޭގެ ވަށައިގެން އޮންނަ ތޮށިގަނޑު ސާފު ކުރަން ޖެހޭ، މާލޭގެ ފަޅުތެރެ ސާފު ކުރަން ޖެހޭ. ފެހި ރަށަކަށް ހަދައިދޭނަން." މުއިއްޒު ވިދާޅުވިއެވެ.

ކުރިން ވެސް ބެލެހެއްޓެވި ގޮތަށް ރަސްފަންނާއި ރަސްރަނީގެ އިތުރުން ވެސް މާލޭގައި ހުރި މައިޒާންތަކާއި ޕާކްތައް ބަލަހައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަންތަން ވީރާނާ ވާން ދޫކޮށް ނުލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިތްފަސޭހަކޮށް ތިބެވޭނެ ގޮތަށް އިތުރު މައިޒާންތަކާއި ޕާކްތައް ޤާއިމް ކުރައްވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

ދޮށީ ރަށްވެހިންނާއި ޚާއްސާ އެހީއަށް ބޭނުންވާ ރައްޔިތުންނަށް ޚާއްސަ ބިނާތަކެއް

މުއިއްޒު ވަރަށް މުޙިއްމު މައްސަލައެއް ފާހަގަކުރެއްވިއެވެ. އެއީ ތޮއްޖެހިފައިވާ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ތިބެވޭނެ ތަންތަން މަދު އިރު، އޭގެ ސަބަބުން އެންމެ ދަތި ހާލަތުގައި މަގުތައް އުޅޭނެ ބަޔަކަށް ވާނީ ދޮށީ ރަށްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ރައްޔިތުންނެވެ. އެ ރައްޔިތުންނަށް އަމާޒުކޮށް ޚާއްސަ ބިނާތަކާއި ޚާއްސަ ވަސީލަތްތަކެއް ޤާއިމް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާލޭގެ ރަށްވެހިންގެ ތެރޭގައި އިސްރަށްވެހިން ހިމެނޭ. އިސްރަށްވެހިންނަކީ ދިގު މުއްދަތަކަށް ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުން. އިސް ރަށްވެހިންނަށް އަމާޒުކޮށް ހިތްފަސޭހަކޮށް ތިބެވޭނެ ބިނާތަކާއި ވަސީލަތްތައް ޤާއިމް ކުރާނަން، އެ ކަމަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭަޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްެގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫޙް

މާލޭގައި 2000 ފްލެޓް އެޅޭނެ ޖާގަ ހޯދޭނެ

މުއިއްޒު ވިދާޅުވީ އެކަށީގެންވާ ގޮތުގައި ބޭނުން ނުހިފޭ ކޮށިތައް ހުރި ބިންތައް މާލޭގައި ވަރަށް ގިނަ ކަމަށެވެ. މީގެ ތެރޭގައި ކުންފުނިތަކާއި ވިޔަފާރިތަކުގެ ގުދަންތައް ވެސް ހިމެނެއެވެ. މި ގުދަންތައް ވެސް ހުރި ބިންތައް ހުސްކޮށް ސިނާއީ ސަރަހައްދަށް ބަދަލު ކުރުމުން މާލެއިން ވަރަށް ގިނަ ބިންތައް ހުސްވާނެ ކަން މުޢިއްޒު ވިދާޅުވިއެވެ. މި ބިންތައް ހުސްކޮށް ގެދޮރުވެރިކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ބިންތަކުގެ ޖާގައިން 2،000 އެއްހާ ހައުސިން ޔުނިޓް ގާއިމް ކުރުމުގެ އިތުރަށް އެ ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭނެ ރައްޔިތުން ބޭނުންވާނެ ޚިދުމަތްތައް ލިބޭނެ އިމާރާތްތައް ގާއިމް ކުރުމުގެ ޖާގަ އާއި ހިތްފަސޭހަކޮށްލާނެ ޕާކް ފަދަ ތަންތަން ގާއިމް ކުރާނެ ޖާގަ ވެސް ހޯދޭނެ ކަމަށެވެ.

"އެ ތަންތަން ލިބެން ޖެހޭނީ މާލޭގައި ނިކަމެތި ހާލަތުގައި ދިރިއުޅޭ ރައްޔިތުންނަށް. މާލޭގެ ރައްޔިތުން އަޅުގަނޑަށް ފުރުސަތު ދީފިނަމަ އެއީ އަޅުގަނޑު ސަރުކާރަށް ހުށަހަޅާނެ ކަމެއް، އެ ކަން ކާމިޔާބު ކުރުމަށް ޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ކަމެއް، އަދި އެ ކަން ކާމިޔާބު ވެއްޖެ ނަމަ މާލޭގެ ރައްޔިތުންނަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ،" މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް؛- ވަގުތު އިމޭޖަސް- އަހުމަދު އަލީ

މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ގުޅިފަޅު ބޭނުން

މުއިއްޒު ޤަބޫލު ކުރައްވާ ގޮތުގައި މާލޭގެ ރަށްވެހިންގެ ބޯހިޔާވަހިކަން ހޯދުމަށް ޓަކައި އިތުރު ބިން ބޭނުންވެއެވެ. މާލެ ކައިރި ފަޅުތައް ހިއްކައިގެން އެ ބިންތައް ހޯދަން ޖެހެއެވެ. މާލޭގެ ރައްޔިތުންގެ ޝުއޫރުތަކާއި ޚިޔާލުތައް މިއަދު ހުރި ގޮތް އެނގިވަޑައިގަންނަވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް އިތުރު ބޯހިޔާވަހިކަން ދިނުމަށް ގުޅިފަޅަކީ އެ ކަމަށް ޚާއްސަ ރަށެއްގެ ގޮތުގައި މީގެ ކުރީގެ ކޮންމެ ސަރުކާރަކުން ވެސް ނިންމާފައިވެއެވެ.

އެކަމަކު، މި ސަރުކާރުގައި މާލެ ސަރަހައްދުގެ ބައިނަލް އަޤްވާމީ ވިޔަފާރި ބަނދަރު ޤާއިމް ކުރުމަށް ނިންމުމަކީ މާލޭގެ ރައްޔިތުންގެ އިހްސާސްތަކާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތިލަފުށީގައި އެ މަސައްކަތް ކުރުމުގެ ޖާގަ އޮންނަނިކޮށް ގުޅިފަޅުން ގެދޮރުވެރިކަމުގެ އެތައް އިމާރާތެއް ގެއްލޭޏެ ގޮތަށް ބަނދަރު އަޅަން ނިންމުމަކީ އެއްވެސް ގޮތަކަށް ވިސްނުންތެރި ކަމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ނުވާނެ ސަރުކާރުގެ ޕަޕެޓަކަށް، އަޅުގަނޑު ދަންނާނެ، މާލޭގެ ރައްޔިތުން ބޭނުންވާ ގޮތާއި މާލޭގެ ރައްޔިތުންގެ ޚިޔާލުތައް، ރައްޔިތުންގެ ޚިޔާލު އަޅުގަނޑު ހޯދަން، އަދި ހޯދާނަން، ރައްޔިތުން ވެސް ބޭނުން ވަނީ ކުރީގެ ސަރުކާރުގައި ވެސް ނިންމާފައިވާ ގޮތަށް ގުޅިފަޅުން ގޯތި، ފްލެޓް، ހައުސިން ޔުނިޓްތައް ދޫކުރަން،" މުއިއްޒު ވިދާޅުވިއެވެ.

ގުޅިފަޅުގެ ބޮޑު ސަރަހައްދެއް ހިއްކާފައި - ފޮޓޯ: އޯޝަންހޮލިކް މޯލްޑިވްސް
ގުޅިފަޅުގެ ބޮޑު ސަރަހައްދެއް ހިއްކާފައި - ފޮޓޯ: އޯޝަންހޮލިކް މޯލްޑިވްސް

ޒުވާނުންނަށް އާމްދަނީ ހޯދޭނެ ފުރުސަތުތައް

ޒުވާނުންނަށް އާމްދަނީ ހޯދުމަށް ވިޔަފާރިތައް ފެށުމާއި ހިންގުމަށް ވެސް މާލެ ސަރަހައްދުގައި ބިން އެބަ އޮތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މި ޒުވާނުންނަށް ވިޔަފާރިއާއި އާމްދަނީ ހޯދޭނެ މަސައްކަތްތައް ކުރުމަށް ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމްތަކާއި ލޯނު ސްކީމްތައް ހިންގަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މިހާރު ވެސް މާލޭގައި ޤަވާއިދާ ޚިލާފަށް އެތައް ވިޔަފާރިއެއް ހިނގަމުންދާ ކަން މުޢިއްޒު ފާހަގަކުރެއްވިއެވެ. މިފަދަ ތަންތަން ހޯދުމަށް އޭގެ ބިންތަކުގައި ވެސް ދިވެހިންނަށް ވިޔަފާރި ކުރެވޭނެ ގޮތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައި ބިނާ ކުރަނިވި ޖީލެއް އުފެއްދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.

"ވަޒީފާއެއް ނެތި މަސައްކަތެއް ނެތި މަގުމަތިވެފަ ބޭކާރު ވެފަ ތިބި ޒުވާނުން ވަރަށް ގިނަ، އެ ޒުވާނުންގެ ވެސް އިހުސާސްތަކެއް އެބަ ހުރި، މާލެ ސިޓީ ކައުންސިލް އެބަ ވާން ޖެހޭ މި ޒުވާނުންގެ އަޑު އަހާ ބަޔަކަށް، މާލެ ސިޓީ ކައުންސިލް އެބަ ޖެހޭ މާލޭގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން މާލޭގައި އާޟްދަނީ ލިބޭނެ މަގުތައް ފަހިކޮށްދޭން،" މުޢިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު - ވަގުތު އިމޭޖަސް؛- މުހައްމަދު އަފްޒަލް

މާލޭގެ މަގުތައް ތަރައްޤީކޮށް، މުޅި ޖަހައިގެން ތަރައްޤީ ކުރާނެ ގޯޅިތަކެއް

މާލޭގެ މަގުތައް ތަރައްޤީ ކުރުމަކީ އެންމެ މުހިއްމު މަސައްކަތުގެ ގޮތުގައި ކުރާނެ މަސައްކަތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މި ގޮތުން މަގުތައް ޒާމާނީ ފެންވަރެއްގައި ތަރައްޤީ ކުރުމަށް ދުއްވާ އުޅަނދު ފަހަރު ނުވަދެވޭ ގޮތަށް ބައެއް ކުދި ގޯޅިތައް ކަނޑައަޅަން ޖެހޭ ކަމުަގއި މުއިއްޒު ފާހަގަކުރެއްވިއެވެ. ކުރީގެ ސަރުކާރުގައި ފަރީދީ ގޯޅި ތަރައްޤީ ކުރި ގޮތް މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެ ނަމޫނާގައި އިތުރު މަގުތައް ތަރައްޤީ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުގައި އަޅުގަނޑުމެން އޮންނާނެ ފަރީދީ ގޯޅި ތަރައްޤީކޮށްފަ، މުށި ޖަހައިގެން، އިށީނދެ ތިބެވޭނެ ބެންޗުތައް ބަހައްޓާފަ، ބައެއް ގޯޅިތައް މި ނަމޫނާގައި ތަރައްޤީ ކުރަން އަޅުގަނޑުމެން އޭރު ވެސް ނިންމީ، މާލޭގެ މޭޔަރު ކަމަށް އަޅުގަނޑު އިންތިޚާބު ކޮށްފި ނަމަ، އަޅުގަނޑު މި ޕްރޮޖެކްޓް ކުރިއަށް ގެންދާނަން، މީގެ ސޯޅަ ނޫނީ ސަތާރަ ގޯޅި އެ ގޮތުގައި ތަރައްޤީ ކުރެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މި ގޮތުގައި މަގުތައް ތަރައްޤީ ކުރާއިރު ޕާކިން ޒޯންތައް އިތުރު ކުރުމުގެ މުހިއްމު ކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ. އެހެންކަމުން މާލޭގެ ޕާކިން އޭރިއާތަކާއި ޒޯންތަކުގެ އިތުރުން ޕާކް ކުރާނެ އިމާރާތްތައް ވެސް އިިމާރާތް ކުުރުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަންނާތި

    މާލެ އަކީ އެއީ ހިތްފަސޭހަ ތަނަކަށް ހަދަން ވެއްޖެނަމަ ހަނދާން އާކުރަންވީ މުއިއްޒު މަތިންނޭ މާލޭގައި ދުނިޔޭގެ ފެންވަރުގެ އިމާރާތް ތައް 250 ބުރިއަށް ހަދަން ބޭނުންނަމަ ހަދާން އާކުރަންވީ ޑރ. މުއިއްޒު މަތިންނޭ މާލެ ސަރަހައްދުގެ އެންމެނަށް ގޯތި ބޭނުން ނަމަ ހަދާންއާކުރަންވީ މުއިއްޒު މަތިންނޭ މިހާރު އޮތް ވެރިކަމުގައި ހުރި ހައުސިންގް މިނިސްޓަރަކީ އެއީ ސީދާ މާލެއަށް ހުރި އަދުއްވެކޭ އެހެންވެއޭ ރަސްފަންނުގައި އިމާރާތް ކުރަން ހަމަޖެއްސި 250 ބުރީގެ 250 އިމާރާތް ހައުސިންގް މިނިސްޓަރު އަސްލަމް އޮޅާލީދޯ...

    19
    2
  2. ބަހަބަރު

    ސާބަހޭ ޑރ މުއީޒް.

    23
    3
  3. ތަރައްގީ

    ތަރައްގީއާއި ތަހުޒީބާއެކު ޚަރަދުކުޑަކޮށް މާލޭގައި ޕާކުތައް ހެދީ މުއިއްޒު. މިހާރު ހަދާފައި އެއޮތް ޕާކަށް ދުވާލަކަށް ކިތައް މިލިއަން ރުފިޔާގެ ފެންޖަހަންޖެހޭކަން ދަންނަނީ ކާކު؟ ފުށްޓަރުފަރާތުގެ ރާޅުފަށުގައި ގަސްތަކެއް އަތުރައިގެން ފެންޖެހުން ނޫން ކަމެއް އެތާކު ނެތް. ފެން ނުޖަހައިފިއްޔާ ހުޅުމާލެއަށް އަރާކޮޅުގައި ހުރި ފިތުރޯނު ގަސްތަކަށްވެފައި ހުރިގޮތް ވެފައި އެތަން އޮންނާނީ. ބޭކާރު ޚަރަދެއް ކުރުން ނޫން ކަމެއް 12 އަހަރަށް ކައުންސިލް ދީގެން އެމްޑީޕީއަށް ނުކުރެވުނު.

  4. ޝަރޫ

    މުއިއްޒު މައިލަަވް

  5. މާލެ

    ކުރިން އެސްލޯން ހޯޅިއެޅީ މަގުމަތިން. މިފަހަރު ހޮވިއްޖިއްޔާ ބޯމަތިން.

  6. ނަސީ

    މުއިޒް އައް ވޯޓް ލައިފިން

  7. ކިޔުންތެރިއެއް

    ޢަލްހަމްދުލިއްލާހި