ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތުގައި އެންމެ މުހިންމު ފަރާތްތަކަކީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނެވެ. ވަކީން ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުންގެ މުހިންމުކަން ބޮޑެވެ.

މި ހާލަތުގައި ކޮވިޑު ޖެހިފައިވާ މީހުންނާއި އެންމެ ގާތުން މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންގެ އިހުސާސްތައް ދެނެގަންނަން ޖެހެއެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެމީހުންނަށް ލިބޭ އަނިޔާތަކާ މެދު ވިސްނާލަންޖެހެއެވެ. ނަމަވެސް މި މީހުންގެ އިހުސާސްތައް ބަލައިނުގަނެ އެމީހުންނަށް އެއްޗެހި ކިޔާ މީހުންނާއި ދެރަކޮށް ކަންތައް ކުރާމީހުން ވަރަށް ގިނައެވެ.

މިފަދަ ފިއްތުންތަކެއްގެ ސަބަބުން އިންޑިއާގެ އުއްތަ ޕްރަދޭޝްގެ 14 ޑޮކްޓަރަކު ވަނީ މަގާމުން އިސްތިޢުފާ ދީފައެވެ. ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ މި 14 ޑޮކްޓަރުން އިސްތިއުފާ ދީފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ފަރާތުން އަންނަމުން ދިޔަ ފިއްތުންތަކުން ކުރިމަތިވަމުން އަންނަ ނަފުސާނީ ގެއްލުންތަކާ ހެދިއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ފިއްތުންތަކާއި އެކު ވެސް މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ކޮވިޑާއި ދެކޮޅަށް ފަގީރު އަވަށްތަކުގައި މަސައްކަތް ކުރާތާ އެއް އަހަރުވެފައިވާތީ ޑޮކްޓަރުން ކަންބޮޑުވުމާއެކު އެކަން ފާހަގަކުރެއެވެ.

މީގެއިތުރުން މި ޑޮކްޓަރުންގެ އެތައް މަހެއްގެ މުސާރަ ނުދީ ހިފަހައްޓާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު