އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވައިގެން އެތައް ބަޔަކަށް ބަހާލި ކަމީ ހަގީގަތެކެވެ. އެއީ ތަހްގީގުކޮށް ބަލައި ދިރާސާ ކުރަން ފެށިއިރު ވެސް މައްސަލަ ސާފުވެފައި އޮތް ހިސާބެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ދެވަނަ އަށް ސޮއި ކުރެއްވީ އެމްއެމްޕީއާރްސީގެ މައްސަލަ އާއި އަދި ކޮރަޕްޝަނާއި ގުޅޭ އެހެން އެތައް މައްސަލައެއް ތަހްގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަވަން ސޮއި ކުރެއްވި ރިޔާސީ ޤަރާރުގައެވެ.

ރިޔާސީ ކޮމިޝަން އުފެއްދެވިތާ ދެއަހަރާއި ހަމަސް ދުވަސް މިހަފްތާގައި ފުރިހަމަ ވާނެއެވެ. 900 އަށްވުރެ ގިނަ ދުވަސް ރިޔާސީ ކޮމިޝަނަށް ވެގެންދިޔަ ފަހުން މިދިޔަ ހަފްތާގައި މިވަނީ އެމްއެމްޕީއާރްސީގެ ފައިސާ އިން މާލީ މަންފާ ލިބުނު މީހުންގެ ލިސްޓް ކަމަށް ބުނެ ލިސްޓެއް އާއްމުކޮށްފައެވެ.

މައްސަލަ އާއި ގުޅިގެން އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އަދި ތަހުގީގުގައި ސުވާލުވެސް ކޮށްލާފައި ނުވާ އެތައްބައެއްގެ ނަމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން އާއްމު ކުރުމަކީ ދައުލަތުން ހިންގި މަދަނީ ބޮޑު ޖަރީމާ ކަމަށް ބުނެ، އެތައް ރައްޔިތުންނެއް ޝުއޫރު ފާޅުކުރަމުން ދަނީ ސަބަބުތަކެއް ހުރުމުންނެވެ.

ލިސްޓް އާއްމު ކުރުމާއި އެކު ރައްޔިތުންގެ ފާޑު ކިޔުން ބޮޑުވެ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެލިސްޓްގައި ނަން އޮތް އެންމެންނަކީ ކުއްވެރިން ނޫން ކަމެވެ. "ލިސްޓްގައި ނަން އޮތް އެންމެންނަކީ ތުހުމަތު ކުރެވޭ ބައެއް ކަމަށް ވެސް ނުނިންމަން." އައްސަދު ވިދާޅުވި އެވެ.

ނަމަވެސް އައްސަދަށް މިހައި ހިސާބުން އޭނާގެ ވާހަކަ އަދި ނިންމާލެވިގެން ނުވާނެއެވެ. ރިޔާސީ ކޮމިޝަން މުސާރަ އާއި އިނާޔަތްތަކަށް 7.7 މިލިއަން ރުފިޔާ މިހާރު ވެސް ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް ދައުލަތުން ގެއްލުނު ފައިސާ އިން އެންމެ ފައިސާ ފޮއްޗެއް ވެސް އަނބުރާ ނުލިބުނުއިރު އެންމެ ކުޑަމިނުން ތަހްގީގުގައި ވަރަށް މަދު އަދަދެއްގެ މީހުންނާއި ސުވާލެއް ކޮށްލުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ކޮމިޝަނަށް ނުކުރެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން އާއްމު ކުރި ލިސްޓް އެކުލަވާލި ކޮމިޝަނުގެ ރައީސް އެލިސްޓްގައި ތިބި ބައެއް މީހުންނަށް ތުހުމަތު ކުރެވޭ ވަރަށް ވެސް ހެއްކެއް ލިބިފައިނުވާ ކަމަށާއި ތަހްގީގް ވެސް ފަށާފައި ނުވާކަމަށް ވިދާޅުވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން މިފަދަ ބޮޑު މަދަނީ ޖަރީމާއެއް އެތައް ރައްޔިތެއްގެ މައްޗައް ހިންގީ ކީއްވެ ހެއްޔެވެ؟ ސަބަބު ވަރަށް ސާފެވެ. ރިޔާސީ ކޮމިޝަނުން ހާވާފައި އޮތް ހަޑި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން މަތި ޖަހައި ދިނީއެވެ. ފެއިލްވެފައި އޮތް ކޮމިޝަންގެ މަސައްކަތާއި މަޖިލީހުން ހަވާލުވެ، ކުރަން މިއުޅޭ ކަމަކީ އިތުރަށް މައްސަލަ ގަޑުބަޑު ކޮށްލުމެވެ.

ދައުލަތުން ގެއްލުނު ފައިސާ ހޯދުމުގެ ބަހުސް މިހާރު އޮތް ހިސާބުގައި ބޭއްވުމަށްފަހު އެހެން ބަހުސެއް ފަށައިގެން މުޅި މައްސަލައިގެ އަސްލު ގެއްލުވާލުން ނޫން އިތުރު އެއްވެސް ކަމެއް މަޖިލީހުން ކުރަން އުޅޭތަނެއް ނުފެނެއެވެ. މަޖިލީހަކީ ތަހްގީގީ އިދާރާއެއް ނޫނެވެ. މަޖިލީހަކީ ރިޔާސީ ކޮމިޝަނަށް ވެސް މަސައްކަތް ނުކުރެވޭނަމަ އެކޮމިޝަންގެ މެންބަރުން ޖަވާބުދާރީ ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތެވެ. ނަމަވެސް ދެއަހަރަށްވުރެ ގިނަ ދުވަސް ވަންދެން ރައްޔިތުންގެ ޓެކްސް ފައިސާ "ކައިގެން" ތިބި ރިޔާސީ ކޮމިޝަންގެ އެއްވެސް މައްސަލައެއް މަޖިލީހުގެ މެންބަރުންނަކަށް ނުފެނުނެވެ.

މީހެއްގެ ފޯނުގައި ނޯޓް ކޮށްފައި އޮތް ލިސްޓެއް އާއްމުކޮށްލިއިރު ދެއަހަރު ތެރޭގައި ރިޔާސީ ކޮމިޝަނަށް ކުރެވެން ޖެހޭ އެތައް މަސައްކަތެއް ހުރީ ނުކޮށެވެ. އެތައް ބަޔަކާއި ސުވާލެއް ވެސް ނުކޮށް އޮތް އިރު ފައިސާތައް ދައުރުވި ގޮތް ބަލާލުމަކީ ވެސް ރިޔާސީ ކޮމިޝަނަށް ނިކަން ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ނަމަވެސް އެމަސައްކަތް ވެސް އޮތީ ނުކޮށެވެ.

އެމްއެމްޕީއާރްސީ އަށް ލިބެން ޖެހޭ ފައިސާ ވަނީ ކޮން އެކައުންޓްތަކަކަށް ކަމާއި، އެފައިސާތައް ގޯނިގޯންޏަށް އަޅައިގެން އުފުލީ ކޮންބައެއްކަން ވަރަށް ސާފެވެ. އެކަމުން މާލީ މަންފާ ލިބުނު މީހުންގެ މައުލޫމާތު ހޯދުމަކީ ހެޔޮ ނިޔަތެއް އޮތްނަމަ ނިކަން ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެމަސައްކަތައް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް އިހްލާސްތެރިކަން ނެތް ނަމަ އެއްވެސް މަސައްކަތެއް ނުކުރެވޭނެކަން ދެއަހަރާއި ބައިވެގެން ދިޔައިރު ރިޔާސީ ކޮމިޝަނުން މިވަނީ ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުކޮށްދީފައެވެ.

އިންސާފާއި ހަމަހަމަކަމަކީ ވަކިކުލައެއް ބެލުމެއްނެތި އެންމެންނަށް ލިބެން ޖެހޭ އެއްޗެއްކަމަށް ގަބޫލުކުރާ ސަރުކާރުގެ ފަލްސަފާ މަތާރަންފިލާ މަތީގައި ރައްކާކުރުމަށްފަހު، ރިޔާސީ ކޮމިޝަނުން މަސައްކަތް ކުރަމުން މިދަނީ ވަކިބައެއްގެ އަބުރުކަތިލާ އަނެއްބަޔަކު ސާފު ފޮތީގެ ސާލެއް ލައިގެން ތިބި ބަޔަކަށް ހަދަންކަން ވަރަށް ސާފެވެ.

ރައްޔިތުންގެ މަޖިލީހުންނާއި އަދި ރިޔާސީ ކޮމިޝަނުން ވެސް ހިނގާފައި މިވާ ކަންކަން ބަލައި ތަހްގީގުކޮށް ވާޖިބު އަދާކުރުމުގައި ފެއިލްވެފައި ތިބި މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭނެއެވެ.

ފެންނަ މަންޒަރަށް ބަލާއިރު "އެންމެން ކައިގެން" ތިބި ފައިސާ އިން ލޯލާރިއެއް ވެސް ރައްޔިތުންނަށް އަނބުރާ ލިބިދާނެ ކަމުގެ އުއްމީދެއް ނެތެވެ. އެންމެފަހުން މިއީ ވެސް ބަޔަކަށް ބަދަލުދޭން ނުޖެހި ނިމޭނެ މައްސަލައެއްހެން ހިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރެފްރީ

    ގައިމު ކަށަވަރު މީހުންނަށްބަދަލުދޭންޖެހޭނެ!

    62
    1
  2. ހެއުވެރިކަން

    ކޮބަ ހީވި، އޭރުވެސް ބުނީމެއްނު ’ހޯދާ، އަންގާ‘ މީހުން ގޯސްވެ، ’ކޭ‘ މީހުންނަށް ބަދަލު ދިނުމުގެ ކުޅިގަނޑޭ މިހާރު އަބަދުވެސް ކުޅެނީ

    55
  3. ސޮހޭސޮރު

    ވަގަކަށް ދޫކުރާނެ ވަގެއްނެތް

    33
  4. ބުރާންތިސް

    ކޮމޮޝަންގެ ރައީސަކަށް ކުފޫ ހަމަނުވާ މީހަކު އައްޔަންކުރުމުގެ ބޭނުމަކީވެސް މިކަހަލަ ގޮތަކަށް މިކަން ނިންމާލުން.

    39
  5. ސޮމަން

    ގެއްލުނު ފައިސާއާއި އެއްވަރަށް ކޮމިޝަނަށް މުސާރައިގެ ގޮތުން ހަރަދު ކުރީމަ ހުންނަނި ރަނގަޅަށް . ވ ރަނގަޅު ލިޔުމެއް

    41
  6. ނަޝީދު

    އެމް އެމް ޕީ އާރ ސީ ލާރިގަނޑު ކެއި މީހުންގެ ތެރޭގައި ހިމެނޭ މީހެއް މިކަލޭގެ އަކީ....

    31
    1
  7. ޢަޖައިބު

    އަޅެެެ ތިޔަ ވައްކަން ކުރީ ދެތިންމީހަކުބައިވެރިވެގެެން ކަން ޔަގީން ތިޔަލާރިލިބުނުހާބަޔަކީތިޔަވައްކަމަކާބެހޭބައެއް ނޫންދޯއޅެ

    13
    1
  8. ރަސްގެފާނު

    ތިޔަ ލިސްޓަކީ ސީދާ ނަޝީދު އަށް ދިން ހަމަލާގަ މަތި އަޅަން ނެރުނު ލިސްޓެއް ، މިހާރު އަންނި ގެ ހަމަލާގެ ވާހަކަަ ނުދައްކާ....

    25
    2
  9. އަހްމަދު

    ހަމަގައިމުވެސް ބައެއްގެއަބުރުކަތިލައިފި އެމީހުންނައް ބަދަލުދޭންޖެހޭނެ ނުވެސްއެނގިތިއްބާ ފާޑެއްގެލިސްޓެއް ސޯސަލްމީޑިޔާއަށް ތިޔަދޫކޮށްލިމީހުން އެކަމަށް ޒިންމާވާންޖެހޭނެ

    25
  10. ހަސަނު

    ދެބޯގެރި ދުއްވުމާއި، ނަންބޯޑް އެޅުވުމާއި، މަތިއޮމާންކުރުން ނޫން ކަމެއް މިއެންޑީޕީއަށް ދުވަހަކުވެސް ވޭބާ؟
    އާސަންދަ (އައިޑީކާޑަށް އެއްލައްކާ ރުފިޔާ ލޯޑް ކޮށްގެންނޭ) ކިޔާ ކުރީގައި އޮތް މަދަނަ ރީބްރޭންޑް ކޮށްލީ، ބޭހެއް ނުލިބޭ، ރަނގަޅު ޑޮކްޓަރުންނެއް ނުލިބޭ، އައިޖީއެމްއެޗް ބޮއްސުންލާފަ، ތަނުގެ އެތެރެ މަރާމާތަށް ބޭނުންޖެހިފައި. ރަށްރަށުގައި ސިއްހީމަރުކަުތަކުގައި އެންބިއުލާންސް ގަނޑަެއް ހާ ހިސާބުވެސް ނެތް. ސީއެންބިއުލާންސްތައް ހަލާކުވެފައި. މީ އޭގެ ކުރިން ހަމައަކަށް އެޅުވި ކަންކަންމޭ. އިއްލަބޭމެން މިނިސްޓަރުކަމުގައި. މިހެންގޮސް ނަމުން 1 ލައްކަވުން ފިޔަވާ ނެތް މޮޅެއް. އެކަމަކު މިމީހުން ކުރިކަމަށް ވެފައި މިއޮންނަނީ.

    ތިޔަ ހިޔާނާތުގެ ފައިސާގައިވެސް ތިޔޮތީ މޮޅުއެއްޗެއް ހަދާފައި. އެންމެބޮޑު ޚާއިނު ދިން ލިސްޓެއް އެއޮތްގޮތަށް ނެރެފައި. ތަހުގީގެއް ކޮށްލުމެއް، އެންމެ ކުޑަމިނުން ސުވާލު ކޮށްލުމެއްވެސް ނެތި. އަހަރެންގެ ނަން ތިއަށް އެރީނަމަ އަހަރެންނަށް ކުރާ އަސަރު އެނގޭނީ.

    ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ބަޔާން ކުރައްވާފައި ވަނީ، މުސްލިމުންގެ ލެޔާއި އަބުރާއި މުދާ ހުރުމަތްތެރިވެގެންވާ ކަމުގައެވެ. އަދި އަބޫދާއޫދު ރިވާ ކުރައްވާފައިވާ ހަދީސެއްގެ މާނައިގައިވެ އެވެ. "ރިބާކަން އެންމެ ގަދަވެގެންވާ ރިބާ އަކީ ހައްގަކާ ނުލައި މުސްލިމެއްގެ އަބުރަށް އަރައިގަތުމެވެ."

    މީގެ އިތުރުން އައްޠަބަރާނީ ރިވާކުރައްވާފައިވާ ހަދީސަކުން ދޭހަވާ ގޮތުގައި މުސްލިމަކަށް ދުނިޔެ މަތީގައި ގެއްލުމެއް ފޯރާ ފަދަ ބަހެއް (އޭނާ އެކަމުން ބަރީއަވެގެންވާ ހާލު) މީސްތަކުންގެ ތެރޭ ފަތުރައިފި މީހަކަށް ނަރަކައިގެ ގަދަ އަޒާބަށް ހުށަހެޅުމަކީ ﷲ އަށް ލިބިވޮޑިގެންވާ ހައްގެކެވެ. އަދިވެސް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެ އެވެ. "މުސްލިމަކަށް އަނެއް މުސްލިމެއްގެ ހިތަށް ބިރުވެރިކަން ވެއްދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ." (އިމާމް މުސްލިމް) ޝައްކެއް ނެތް ގޮތުގައި މުސްލިމަކާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމަކީ އެ މުސްލިމެއްގެ ހިތަށް ބިރުވެރިކަން ވަންނާނެ ކަމެކެވެ.

    މި ބަޔާން ކުރެވުނު އާޔަތްތަކާއި ހަދީސްތަކުގެ އިތުރުން، ދޮގު ޚަބަރެއް ފަތުރާ މީހާ ކީރިތި ޤުރުއާނުގައި ސިފަ ކުރައްވަނީ ފާސިގެއްގެ ގޮތުގަ އެވެ. ޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތުގައި ﷲ އަންގަވަނީ ފާސިގަކު ޚަބަރަކައިގެން އަތުވެއްޖެ ނަމަ އެކަމުގެ ތެދުދޮގު ބެލުމަށެވެ. އެއީ އެހެން ނޫން ނަމަ އޭގެ މައްޗަށް ބިނާކޮށް ފަހުން ދެރަވާން ޖެހޭ ފަދަ ނިންމުންތަކެއް ނިންމިދާނެތީ ކަމަށެވެ.

    29
    • ޖަޒީރާމަނިކު

      މިއަދު މިއޮތީ ފާސިގެއްގެ ހެކިބަހަށް ރިޝްވަތު ފަނޑިޔާރު އަލީރަޝީދު ހުކުމެއް އިއްވައިގެން ކުށެއްނެތް މީހަކު ޖަލަށްލާފާ. ކީރިތިޤުރްއާނެއް، ކީރިތިރަސޫލާގެ ހަދީސެއް އަލީރަޝީދަކަށް ބޭނުމެއްނުވޭ. ބޭނުމީ ފައިސާ އާއި މަތީމަގާމް.

      14
  11. ކޮތަރު

    މި އާޓިކަލް ލިޔުނު ޝާނީ އަށާއި ހަސަނުގެ ކޮމެންޓަށް އައްސަރި ބަހާއި ސާާބަސް.

    12
  12. މާމީ

    ބޮޑު ވަގަކައް ކޮންތަހުގީގެއް ކުރެވޭނީ

  13. އަބަސް

    ގޯދީ ރާޖާ