ސިޔާސީ އިސް ބޭފުޅަކަށް ވެސް ތުހުމަތު ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި އެހެން މައްސަލަތަކާ ތަފާތު ކުރުމެއް އޮންނަ ކަމުގެ ޝަކުވާ އިންތިހާއަށް އޮވެއެެވެ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވުމުން، ތަހުގީގަށް އީސައަށް ނުފޫޒު ފޯރުވިދާނެ ކަމުގެ ކަންބޮޑުވުން އޮތުމުން އޭނާ ހައްޔަރު ކުރުމުގެ އަޑު އިންތިހާއަށް ގަދަވެގެން ދިޔައެވެ.

މި ސަބަބު އިސްކޮށް އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ކޯޓުގައި އެދެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފުލުހުން ހުށަހެޅިއެވެ. އެކަމަކު ކޯޓުން އެ މައްސަލާއާ ގުޅިގެން ނިންމީ ހައްޔަރުގެ އަމުރު ނެރެވެން ނެތް ކަމަށެވެ. ކޯޓުގެ ނިންމުމުގައި ބުނީ އީސާގެ ކިބައިން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ޕީޖީގެ ސިޓީގައި ބަޔާންކޮށްފައި އޮތް އޮތުން ފިޔަވައި އެކަން ދަލީލު ކޮށްދޭ ނުވަތަ އެ ބުނުމަށް ބާރު ލިބޭ އިތުރު އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރު ކުރަން ދައުލަތުން އެދުނީ އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށެވެ.

"މި ހާލަތުގައި އަހުމަދު އީސަ ހައްޔަރު ކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށް އޮންނަ އޮތުމާ ޚިލާފަށް ކަމަށް ޝަރީއަތަށް ބުރަވެވޭ." މި މައްސަލަ ބެއްލެވި ގާޒީ ދީބާނާޒް ފަހުމީ ކުރެއްވި ހުކުމުގައިވެއެވެ.

ގާޒީ ވިދާޅުވާ ގޮތުގައި މީގެ ކުރިން ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންތަކަކަށް އަނިޔާކުރި މައްސަލައެއްގައި ދައުވާ ލިބޭ ހަތަރު މީހަކު ހައްޔަރު ކުރަން ކޯޓުގައި އެދިފައި ނެތްއިރު، އެ ބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރު ކުރަން ވޭތުވެދިޔަ ތިން އަހަރު ދައުލަތުން ކޯޓުގައި އެދިފައި ނުވެއެވެ. އެހެންކަމުން ޕީޖީން އެދިފައިވާ ގާނޫނުތަކަށް ރިޔާއަތްކޮށް އެ އަމުރު ދީފި ނަމަ އެއީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ އުސޫލާ ހިލާފުވުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ -- ފޮޓޯ: މަޖިލީސް

ދުސްތޫރަށް ނަޒަރެއް

ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައިވާ ގޮތުން ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ.

ގާނޫނު އަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ މީހަކު ބަންދުގައި ބެހެއްޓޭނެ ސަބަބުތައް ސާފުކޮށްދީފައެވެ. އެއީ އެ މީހަކާ މެދު ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުމަށް މަސައްކަތްކޮށްފާނެ ހާލަތާއި، ކޯޓަށް ހާޒިރު ނުވެ، ފިލައިގެން ގޮސްފާނެ ކަމުގެ ބިރު ހީވާ ހާލަތްތަކުގައާއި، އެ މީހަކީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހަކަށް ބެލެވޭ ހާލަތްތަކުގައެވެ. މިފަދަ ހާލަތެއްގައި ޝަރީއަތް ނިމެންދެން ވެސް އެ މީހަކު ހައްޔަރު ކުރުމަށް އެދެވޭނެއެވެ.

މި ތިން ހާލަތު ދެނެގަތުމަށްޓަކައި ފަނޑިޔާރު ނުވަތަ ގާޒީ ރިޔާއަތް ކުރަން ޖެހެނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދަށެވެ. މި ނޫން ހާލަތެއްގައި އެއްވެސް މީހަކު ހައްޔަރު ކުރުމަކީ ޖިނާއީ އިޖުރާތު ދަންނަ ކަމެއް ނޫނެވެ.

ޝަމީމްގެ ރައުޔެއް އާންމު ކުރުން

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުސައިން ޝަމީމަކީ ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. މި ފަދަ އަމުރުތައް ނެރެދިނުމަށް ކޯޓަށް އެދެންވާ ގޮތް ޝަމީމްއަށް އޮޅިވަޑައިގަތުމަކީ ނާދިރު ކަމެކެވެ.

އީސަގެ މައްސަލާގައި އޭނާ ހައްޔަރު ކުރަން ކޯޓުގައި ޕީޖީން އެދިފައި ވަނީ އާންމު ގޮތެއްގައި މިފަދަ މައްސަލަތަކުގައި އެ އިދާރާއިން އަމަލު ކުރާ ގޮތަށް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ނެރުނު އަމުރުގައި އޮތުމުން އާންމުންގެ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުން ޝަމީމް ވިދާޅުވީ އީސަގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ނުކޮށް ބަންދުގެ އަމުރެއް ނެރެން އެދުނީ އެ ވަރަށް ހެކި ނެތުމުން ކަމަށެވެ. އަދި މިއީ ތަހުގީގުގެ ކުރީކޮޅު ކަމަށް ވުމުން ވެސް ދައުވާ އުފުލުމާއި ބޮޑު ތުހުމަތު ކުރަން އަދި އިތުރު ވަގުތާއި ހެކި ބޭނުންވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމާ ދެކޮޅަށް މަސައްކަތް ކުރައްވާ ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ ކުށެއްގެ ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަކީ ތަހުގީގަށް ފަސޭހަވާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށެވެ. ނަމަވެސް، މިކަމުގެ ތާރީހީ ހަގީގަތްތައް ހުރި ގޮތުން، ގާނޫނުއަސާސީ ލިޔުނު މީހުން އޮތީ އެ ވިސްނުމާ ދުރަށް ގޮސް ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ގޮތަކަށް ގާނޫނުގައި ލިޔެފައި ކަމަށް ވިދާޅުވިއެވެ.

ޝަމީމް އެ އިޝާރަތް ކުރެއްވީ ފެހި ގާނޫނު އަސާސީ ވުޖޫދުވެގެން އައުމާ އެކު މީހަކު ހައްޔަރު ކުރުމަށް ފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް އެންމެ ގިނަ ވެގެން ބެހެއްޓޭނީ 24 ގަޑިއިރު ކަމަށް ކަނޑައަޅާ، ދިފާއުވުމުގެ ފުރުސަތު ދޭން ކަނޑައަޅާފައިވާތީއެވެ.

ޕީޖީ ޝަމީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ / ވަގުތު އިމޭޖަސް

ގާނޫނީ ފަންނުގެ ބޭފުޅުންގެ ހިޔާލުތައް ދެކަފި

އާންމު ގޮތެއްގައި ވެސް ގާނޫނީ ގޮތުން އުފެދޭ ސުވާލުތަކާއި މައްސަލަތަކުގައި ގާނޫނީ ފަންނުގެ ބޭފުޅުންގެ ޚިޔާލު ދެކަފިވެއެވެ. މި މައްސަލާގައި ވެސް ގާނޫނީ އެކި ބޭފުޅުންގެ ޚިޔާލުތައް ވަރަށް ތަފާތެވެ. ތަހުގީގުގެ ބޭނުމަށް ކޮންމެހެން ހައްޔަރު ކުރަން ނުޖެހޭ ކަމާއި، އީސަގެ މައްސަލާގައި އަމަލު ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން، ޝަމީމުގެ ޚިޔާލުތަކަށް ގާނޫނީ ބައެއް ބޭފުޅުން ތާއީދު ކުރައްވައެވެ. އެހެން ބައެއް ބޭފުޅުން ވަރަށް ދެކޮޅެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ކުށުގެ ތަބީއަތުން ކުށުގެ ބޮޑު މިން ހޯދޭނެ ކަމަށެވެ. އަނިޔާ ލިބުނު ފަރާތުގެ ބަޔާނަށް ރިއާޔަތްކޮށް، އީސައަށް މަރާމާރީ ހިންގުމާއި ކުޑަކުދިންގެ ކަރާމަތަށް އުނިކަމެއް އަންނާނެ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ކުރެވޭނެ ކަން ހައިލަމް ފާހަގަކުރެއްވިއެވެ. އެކަމަކު އެކަމުގެ މައްޗަށް ބިނާވާނެ ހަރުދަނާ ހެކި ހުރުން ވެސް މުހިއްމު ކަމުގައި ވެސް ހައިލަމް ފާހަގަކުރެއްވިއެވެ.

ހައިލަމް ދެކެވަޑައިގަންނަވާ ގޮތުގައި ގާޒީގެ ރައުޔު ވެސް ރަނގަޅެއް ނޫނެވެ. ދައުވާ ކުރުމުގައި ހަމަހަމަ ނުވުމަކީ ޕީޖީ ޒިންމާދާރުކުރުމަށް އޮންނަ މުއައްސަސާ ކަމަށްވާ ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. އަދި އެއީ ކޯޓުގެ މައްސަލަ ބައްލަވަން އިންނަ ގާޒީ ބައްލަވަން ޖެހޭ ކަމެއް ނޫން ކަމަށާއި ހަމަހަމަ ނުވި މައްސަލަ ބަލަން ޖެހޭނީ ވަކި މައްސަލައެއްގެ ގޮތުގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.

"ފުލުހުންނާއި ޕީޖީއިން ހަމަހަމަކަން ނަގާލާ، ކުރިން ހައްޔަރު ނުކުރާ ބާވަތެއްގެ މައްސަލައެއްގައި އަލަށް ހައްޔަރު ކުރަން އެދުނީމަ ފަނޑިޔާރު ބައްލަވާކަށް ނުޖެހޭނެ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބަޔާން ކުރާ ހަމަހަމަކަން ގާއިމް ކުރިތޯ ނުވަތަ ނޫންތޯ. އެކަން ބަލާނީ ޕީޖީ ޒިންމާދާރު ކުރުވާ މުއަސަސާއެއް، ފަނޑިޔާރު ބަލަން ޖެހޭނީ މައްސަލާގައި އޭނާ ހައްޔަރު ކުރަން ޖެހޭ ސަބަބު އޮތްތޯ ނޫނީ ނެތްތޯ،" ހައިލަމް ވިދާޅުވިއެވެ.

މި ވާހަކައަށް ބާރުދެމުން ހައިލަމް ވަނީ ދާދި ފަހުން ސުޕްރީމް ކޯޓުގައި ނިމުނު ދީބާޖާގެ މައްސަލާގައި ފަނޑިޔާރު އައިޝަތު ސުޖޫންގެ ރައުޔު ވެސް ފާހަގަކުރައްވައިފައެވެ. ދީބާޖާގެ ފަރާތުން ވަޑައިގަތް ވަކީލުން އެ މައްސަލާގައި އެޓާނީ ޖެނެރަލް ނުފޫޒު ފޯރުވިކަން ފާހަގަކުރުމުން ފަނޑިޔާރު ސުޖޫން އެ މައްސަލައިގެ ތެރެއިން ނުފޫޒު ފޯރުވި މައްސަލަ ނުބެލޭނެ ކަމަށް ފަނޑިޔާރު ނިންމެވި ކަން ހައިލަމް ފާހަގަކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް
ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ރާގިބް ވެސް ވިދާޅުވީ ތަހުގީގު ނިމެންދެން އެއްވެސް މީހަކު ބަންދުގައި ނުބެހެއްޓޭނެ ކަން ގާނޫގައި ބަޔާން ކުރިޔަސް ތަހުގީގަށްޓަކައި ހައްޔަރު ކުރަން ކޮންމެހެން ޖެހޭ ހާލަތްތައް ވެސް ގާނޫނުގައި އޮންނަ ކަމަށެވެ. އެހެން ވިޔަސް ރާގިބް ގަބޫލު ކުރައްވާ ގޮތުގައި މިފަދަ ކަންކަން މި ގޮތަށް ހިނގަނީ އިތުރު އެހެން ސަބަބެއް އޮވެގެނެއް ނޫނެވެ. ޕީޖީއާއި ފުލުހަށް ވެސް ސިޔާސީ ނުފޫޒު އަންނާތީއެވެ.

"ފުލުހުންނާއި ޕީޖީއަށް ސިޔާސީ ނުފޫޒު ފޯރާފައި މިންވަރުގެ ބޮޑުކަމުން މިހާރު މިވާ ގޮތަކީ އެ މީހުން ހައްޔަރު ކުރަން ބޭނުން ނުވާ މީހެއްގެ ވިއްޔާ، ކޯޓުގައި މި އެދެނީ ތަހުގީގު ނިމެންދެން ބަންދު ކޮށްދޭށޭ. މި ސިޓީ ފޮނުވާއިރު ޕީޖީއަށާއި ފުލުހުންނަށް އެނގޭނެ، އެއްވެސް މީހަކު ތަހުގީގު ނިމެންދެން ބަންދުކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަން. ތަހުގީގަށް މި ފޮނުވަނީ ރައްޔިތުނަށް ފެންނަ މަންޒަރު އޮޅުވާލުމަށް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ރާގިބު ވިދާޅުވިއެވެ.

ރާގިބު އިތުރަށް ވިދާޅުވީ ގެވެށީ އަނިޔާގެ ތުހުމަތުތައް އަމާޒުވި އީސައަކީ ހެއްކަށް ނުފޫޒު ފޯރުވޭނެ އިއުތިމާލުގައި ހުރި މީހެއް ކަމަށެވެ. އެއީ އޭނައަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކަށްވެފައި، މާލީ ގޮތުން ތަނަވަސް ފުދުންތެރި މީހަކަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލާގައި ރާގިބުވެސް ބުރަވީ އީސަ ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ މުހައްމަދު ރާގިބް

އެހެންވިޔަސް ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ މި މައްސަލާގައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލާނެ ޖާގައެއް ގާނޫނީ ގޮތުން އޮތް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ގެވެށި އަނިޔާގެ މިފަދަ މައްސަލަތަކުގައި ދައުވާ ކުރާއިރު، ޕީޖީއިން އަމަލު ކުރާ ހަރުދަނާ އުސޫލެއް ނެތްކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

"ގާޒީ ނިންމާފައިވާ ނިންމުމުގައި މައްސަލައެއް އުޅޭ ކަމަކަށް އަޅުގަނޑަކަށް ބުރައެއް ނުވެވޭ، އެކަމަކު މި ބާވަތުގެ މައްސަލަތަކުގައި ޕީޖީ އޮފީހުން ކޮންސިސްޓެންސީއެއް ގާއިމްވެފައެއް ނެތް، އެހެންވެގެން މިފަދަ މައްސަލަތައް ވެސް ނުކުންނަނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

މަޖިލިސް މެންބަރު އަލީ ހުސައިން – ފޮޓޯ: މަޖިލިސް
މަޖިލިސް މެންބަރު އަލީ ހުސައިން – ފޮޓޯ: މަޖިލިސް

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހްސިން ވެސް ވިދާޅުވީ އީސަގެ މައްސަލާގައި ކޯޓު އަމުރަކަށް އެދެންވީ ސަބަބެއް ވެސް ނެތް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ އީސަ ގެވެށި އަނިޔާ ކުރި ކަމުގެ ދައުވާ ނޫނީ އެއަށް ވުރެ ވެސް ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކުރެވޭނެ ހެކި ނެތް ކަމަށް ޕީޖީ ވިދާޅުވާނަމަ، ތަހުގީގަށް ހައްޔަރު ކުރަން އެދެވެން ނޯންނާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ

މުހްތާޒް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ވަކި ބަޔެއްގެ ޕްރެޝަރު އަމާޒުވެ، ދައުލަތުގެ މުއައްސަސާތައް އެފަދަ ކަންކަމުގައ ނިންމުންތައް ނިންމުމުގައި ޕްރެޝަރަށް އެނބުރޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މިހާރު އަމިއްލައަށް ވެސް ހައްޔަރު ކުރުމުގެ އަމުރަށް ނޭދެވޭނެ ކަމުގައި ދެކިގެން ޕީޖީން ވާހަކަ ދައްކަވާތީ، ސްޓޭންޑް އެހާ އަވަހަށް ބަދަލުވި ގޮތަކާ މެދު އޭނާ ސުވާލު އުފެއްދެވިއެވެ.

މުހުތާޒް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކުގައި އަމަލު ކުރާ ތަރުތީބުން ޕީޖީ އޮފީހުން އަމަލު ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި މި މައްސަލަ ޕީޖީގެ އަތުން ދޫވެ، އީސަ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނުނުރެވުނީ ޕީޖީއަށް އައި ޕްރެޝަރާއެކު އާންމުކޮށް އަމަލު ކުރާ އިޖްރާއުތަކުގެ ބޭރުން އަމަލުކުރުމުން ކަމުގައި ގަބޫލު ކުރެވޭ ކަމަށް ވެެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމަށް ގަބޫލު ކުރެވިފައި އޮތީ އެއީ އެހެން ކަހަލަ ޕްރެޝަރެއް އައިސްގެން އާންމު އުސޫލުން ކުރަން ޖެހޭ އިޖްރާއުތަކުގެ ބޭރުން ކުރެވުނީމައޭ ޕީޖީގެ އަތުން ނެއްޓިގެން އެދިޔައީ" މުހްތާޒް ވިދާޅުވިއެވެ.

މުހްތާޒް ވިދާޅުވި ގޮތުގައި މި މައްސަލައަށް ބަލާއިރު އަނިޔާ ލިބުނު ފަރާތުގެ ހެއްކަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެއެވެ. އެއީ އަނިޔާ ލިބުނު ފަރާތަކީ އޭނާގެ ކުރީގެ އަނބިމީހާ ކަމުގައި ވާއިރު އީސައާއެކު ދިރުއުޅުނު އެޕާޓްމެންޓް ދޫކޮށް އެހެން ގެޔަކަށް ބަދަލުވެފައި ވުމުން ކަން ފާހަގަކުރެއްވިއެވެ. އަދި މައްސަލަ ބެއްލެވި ގާޒީއަކީ ހެއްކަށް ނުފޫޒު ފޯރުވާނަމަ އެ ކަން މިނެކިރޭނެ އެންމެ ގާބިލް އެއް ގާޒީ ކަމަށް މުހުތާޒް ފާހަގަ ކުރެއްވިއެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް -- ފޮޓޯ: ރައީސް އޮފީސް

ތަހުގީގަށް އީސަ ހައްޔަރު ކުރަން ޖެހޭ ކަމާ މެދު ގާނޫނީ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮތް ނަމަވެސް، މި މައްސަލައިގައި ޕީޖީއިން އަމަލު ކުރަމުންދާ ގޮތާ މެދު "ވަގުތު" އާ ވާހަކަ ދެއްކެވި ގާނޫނީ ހުރިހާ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ގާނޫނީ ބަހުސެއް ތެރެއަށް މައްސަލަ ފައްތާލުމުގައި ސިޔާސީ ބޭނުމެއް؟

އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާ ކުރި މައްސަލައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅީ އެ މީހުންގެ އަވަށްޓެރިއެކެވެ. އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

އީސަ ދިރިއުޅުއްވާ އިމާރާތުގައި އުޅޭ މީހަކު ބުނީ، އަންގާރަ ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މެންބަރު އަހްމަދު އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ބަޔާން ދިނުމަށް ފަހު ނުކުންނަވަނީ - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި ތުހުމަތުތައް އަމާޒުވުމާއި ގުޅިގެން އީސަ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ފޮނުވާފައިވާ ސިޓީގައި ވަނީ އަމާޒުވި ތުހުމަތުތަކަށް އިންކާރުކޮށް، ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަގާމުން އިސްތިއުފާ ދިނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ މިހާތަނަށް އައިއިރު މި އޮތީ ހައްޔަރު ކުރަން ޖެހޭނެ ކަމާ މެދުގެ ގާނޫނީ ބަހުސެއް ތެރެއަށް ގެންގޮސްފައެވެ. އީސަ ހައްޔަރު ކުރަން ޖެހޭ ހާލަތެއް އޮތްތޯއާއި، ޕީޖީން އަމަލު ކުރި ގޮތް ރަނގަޅުތޯއާއި، މައްސަލައަކީ ކޯޓުގައި މައްސަލަ ބެއްލެވި ގާޒީގެ ރައުޔަތޯ ނޫނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުތޯ މި ފަދަ ބަހުސެކެވެ. މިހެން މި ކަން ގެންދިޔައީ ގަސްތުގައި ހެއްޔެވެ؟

އީސައަކީ ސިޔާސީ ނުފޫޒު ފޯރުވޭނެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މީގެ ކުރީގައި ވެސް ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތަކުގައި ބޮޑެތި ތަފާތު ކުރުންތައް އައިސް މައްސަލަ "އޮބިގެންދާ" ކަން ފެނެއެވެ. އޭގެ އެންމެ ސާފު އެއް މިސާލު ދާދި ފަހަކުން ވެސް އެ ހިނގީއެވެ. މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއެކު ބޮޑެތި ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު މިނިވަންކަމާއެކު ރާއްޖެއިން ބޭރަށް ވަޑައިގެން އެ ހުންނެވީއެވެ. މިފަދަ އިތުރު ކަންކަން ތަކުރާރުވާކަށް ރައްޔިތުން ނޭދޭނެއެވެ. ސިޔާސީ ބޭނުމެއް މި މައްސަލާގައި އޮވެދާނެތީ ކަންބޮޑުވުން އާންމުންގެ ތެރޭގައި ވެސް އޮތީ އެހެންވެއެވެ.

ގާނޫނީ ބަހުސެއްގެ ތެރެއަށް މި މައްސަލަ މި ފައްތާލަނީ، ކުރިން ހިނގި މައްސަލަތަކެކޭ އެއް ގޮތަށް، ސިޔާސީ ބޭނުމެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ސަމާ

  ތިވަރުގެ ބޭބޭފުޅުން ކުރައްވާ ކަންކަން ނުބެލޭގޮތަށް ގާނޫނު އަސާސީ މިހާރު އޮތް މެޖޯރިތީ ބޭނުންކޮށްގެން ފާސްކޮށްލީމަ ރައްޔިތުން ޝަކުވާ ނުކުރާނެ.
  ގާނޫނެއް ހަދާފައި ވަކިބަޔަކަށް އެކަންކަން ތަންފީޒުކުރާތީ މައްސަލަ ޖެހެނީ.
  އީސަވެސް ރަނގަޅު، ހޯރަ އިއްބެވެސް ރަނގަޅު. އަދީބުވެސް އޯކޭ. ގާޒީ ވަގައްނެގިމީހާވެސް އެކުރީ ހަމަ އޭނަގެ ނަޒަރުގައި ރަނގަޅުކަމެއް.
  ނަމަވެސް ރިހާކުރުފުޅި ވަގައްނެގުން، މާރުކޭޓުން ކާއްޓެއްނެގުން ފަދަ ކަމެއް ކޮއްގެންނުވާނެ.

  37
  1
 2. ޕާޕަ ޕާޕާ

  އަދީބު އޯކޭ
  ހޯރަ އިއްބެ އޯކޭ
  ގާޒީ ވަގައްނަގަން އެންގި އަދި އިއުތިރާފްވީމީހާ އޯކޭ
  ދެން ކީއްވެ މިކަން ބޮޑުމައްސަލަޔަކަށް ވެގެން މިއުޅެނީ.
  އީސައާއި ޖައްސާލިއަސް ތިއީ ބޮޑުވަރު.

  21
  2
 3. Anonymous

  ސާބަހޭ ވަގުތު ނޫސް. ހުރިހާ އެންމެންގެ އަދި ޚާއްޞަކޮށް
  އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އެންމެ ރަނގަޅު ނޫސް.
  އެންމެ އަޕްޑޭޓް ނޫސް.
  ޝުކުރިއްޔާ ވަގުތު

  28
  2
 4. .....

  މިސާލަކަށް މީހެއްގެ އަތެއް ބިނދިގެން ހޮސްޕިޓަލްއަށް ގޮސް ފަރުވާ ކުރީ...އަތް ބިނދުނު މީހާ މިބުނަނީ އެއީ މިވެނި މީހަކު ދިން އަނިޔާއަކުން ވީ ކަމެކޭ...އެކަމަކު އޭނާ އެބުނާ މީހަކު އެކަން ކުރި ކަމުގެ ހެއްކެއް ނެތް...މައްސަލަ އޮތީ ...މައްސަލަ އަކީ ހެއްކެއް ނޫން...ހެކި ކިޔަނީ މިމައްސަލާގައި ނަމަ ސީދާ އޭނާގެ އަތް ބިނދުމަށް ދެވުނު އަނިޔާ އޭނާ އެބުނާ މީހަކު ދިން ކަމުގެ ހެކި...އެއްވެސް ހާލަތެއްގައި އަތެއް ބިނދުމަކީ މިބެނި މީހަކު އެކަން ކުރުމުގެ ހެއްކަކަށް ނުވާނެ... މިފަދަ ކަން ކަން ހެކީގެ ގޮތުގައި ބަލާާނަމަ ކުށެއް ނުކުރާ މީހެއްގެ ބޮލުގައި ކަމެއް އަޅުވައި އަނިޔާ ދިނުމުގެ ފުރުސަތު އެ ހުޅުވެނީ...ގާނޫނުތަކާއި ގަވާއިދުތަކުގެ އެންމެ އިސް މަސްދަރު އެނެތިގެންދަނީ...އީސަގެ މައްސަލާގަ ޑޮކްޓަރުގެ ރިޕޯޓާއި އިނގިލިން އެއީ ސީދާ އީސަ ދިން އަނިޔާއެއްކަން ސާބިތު ނުކުރެވޭނެ...އަދި އެއީ ހެއްކެއްވެސް ނޫން...ހެކި މިކިޔާ އެއްޝަށް ފުދޭނެ ކަން ކަމެއްވެސް ނޫން...ހެކީގެ ޝަރުތު ވެސް ހަމަވާ ކަން ކަމެއްނޫން...މިފަދަ ނާތަހުޒީބު ޖަޒަބާތަކުން މުޖުތަމައު ހަލާކުވެ ފަސާދަވުން ނޫން ގޮތެއް ފެނިފައެްއްނެތް

  5
  8
 5. ......

  ހެކި ވަރަށް ސާފުކޮށް ފެންނާނެ ތީ ނިކަމެތި ރައްޔަތެއްނަމަ..ހައްޔަރުކުރަން ގާނޫނުން ޖާގަވެ ސް ފެންނާނެ..އީ ސަވީމަ ތިކަން ނުވެގެން ތި އުޅެނީ..އަނެއްކާ އީ ސަ އެއީ އައްނިގެ ފަޅިބާ ނުވަތަ އިބޫގެ ފަޅިބާ؟

  16
 6. Anonymous

  ތިޔަމީހުންގެ މައްސަލަ ބަލާނެ ކޯޓެއް ދުނިޔެ މަތީ ނުހުންނާނެ. ބައްލަވާ ރޯޔަލް ރޭޕް
  ޢަލީ ވަޙީދު.

  20
 7. ޕާޕަ ޕާޕާ

  މީހެއްގެ ކަރުގައި ނުވަތަ ފަސޭހައި އެމީހެއްގެ އަމިއްލަ އަތް ނުފޯރާ ހިސާބު ބުރަކށީގައި ޖަހައި މީހެއްގެ އަތުގެ ނިޝާން ފެންނަ ވަރު ވެފައި ހުރެއްޖެއްޔާ އެވާނެތޯ އެމީހާ އަމިއްލަޔަށްކުރި ގޯނާއަކަށް؟
  ވެގެން އުޅޭ ގޮތްވަރަށް ސާފު.
  ތިއުޅެނީ މަޖިލިސް ތެރޭގައިވަެސް ވަކި ފެކްޝަނެއްގެ މީހަކު ސަލާމަތްކުރަން

  14
 8. ސޮއި

  ޑޮކްޓަރ : ކަލޭގައިގަ އަނިއާތަކެއް ލިބިފައި އެބަހުރީ
  ވިކްޓިމް: (ޕޮލިހައްގޮސް) އަހަރެންނަށް މިވެނި މީހަކު އަނިއާ ކޮށްފި މިހިރީ ޑޮކްޓަރުގެ ބަޔާން.
  ޕޮލިސް: އެވަގުތު އެތާ ހެކިން ތިބިތޯ؟ ތިކަމުގައި ކުރާނެކަމެއް ނެތް. ހެކިން ނެތި ތިކަން ނުބެލޭނެ.

  13
  1
 9. ކޮއްޕަން

  މިފެންވަރުގެ ގާނޫނު ތައްހުރި ގައުމެއްގައި މީހަކު ޖިނާއީ ކުށެއްކުރީމަ އޭނަކައިރިން ކަލޭ އެކަން ކުރިތޯވެސް އަހައިނުލައި ދޫކޮށްލާފަ ހުރީމާ ސުވާލު އުފެދޭ.
  މިކަހަލަ ގާނޫނު ހިންގާތީ އަދީބު، ފައިސާކާލި މެމްބަރުން އަދި އެކަމުގައި ޝާމިލްވި މީހުން ދޫވެފައި އެތިބީ.
  ނަމވެސް މިގާނޫގެ ރަނގަޅު ކަމަކީ ޔާމީން ކުޑަގޮޅިއެއް ލައި ތަޅުވާލެވޭތީ

  18
  1
 10. ސަލާމް

  މި މައްސަލަ ނުބެލުމުން ތިހުޅުވައިދެވުނީ ގެވެށި އަނިއާއަށް ދޮރެއް.
  އަނބިމީޙަ ކަމެއް ރިޕޯރޓް ކުރާއިރަށް ފިރިމީހާ ބުނާނެ އަހަރެން ގާނޫނާއި ހިލާފްކަމެއް ނުކުރަމޭ .
  ދެން އެއޮތީ މައްސަލަ ނިމިފައި.

  20
 11. ލަތީފާ

  ކުޑަކުދިންގެ ހިޔާގައި ހިނގި ކަމަކަށް އިޝާރާތްކޮށް މިމައްސަލައިގައި މީހަކު ބަންދު ނުކުރެވުނު
  މާދަމާ މިކަހަލަ ދެވަނަ މައްސަލައެއް ދިމާވީމާ "އީސަގެ މައްސަލަ"އިގަވެސް ޢެނާ ބަންދުނުކުރެއޭ ނުވަތަ އަދަބެއް ނުލިބެއޭ ބުނެ ދޫކޮށްލާނެ.

  15
 12. ސަލިބޭ

  ކޯޓުން އަމަލުކުރެއްވީ ރަނގަޅަށް، ރައްޔިތުން ރުއް
  ސަން ކޮންމެހެން ނުޖެހޭނެ، މިފަހަރު އަދި ކިރިޔާ އަލަން ފިރިހެނަކަކަން އިން ސާފު ތިލިބެނީ، އެހެން ފަހަރުތަކުގައި އަންހެން ބުނުމާއިއެކު ފިރިހެން މީހާގެ ހައްްޤުތަކަން ބަލާނުލާ ކޯޓުންވެސ ހައްޔަރުކުރަނީ ފިރިހެން މީހާ، މިފަހަރު ތިއޮތީ އެއްޗެއް ވި ސްނިނިފާ..

  2
  10
 13. ކުރި

  ސިޔާސީ ބާރުގަދަ މީހުންނަށް ގާނޫނު އަރާ ހަމަކުރަނީ އެބާރު ގެައްލުމުން. މީބާ އެބުނާ އިންސާފަކީ. ރައްޔިތުންނަށް ހޯދއިދޭން ބުނި އިންސާފަކީ. ނިކަމެތި ރައްޔިތުމީހާއާހަމަށް އަބަދުވެސް ގާނޫނުގެ ދިގު އަތް ވަރަށް އަވަހަށް އަދި އެހާމެ ފަސޭހަކަމާއެކު ފޯރާ އަބަދުވެސް. ހޯދައިދެވޭ އިންސާފަކީ ކޮބައިބާވައޭ ހިތައް އަރާ.

  12
 14. ހަވާސާ އިބޫ

  ގާނޫނު އަސާސީގައި ލިޔަންވީނޫންތޯ އޭރެއްގައި ވެރިކަންކުރާ މައިޕާޓީގެ މެންބަރުންނާއި މައިޕާޓީއަށް ޚަރަދުކުރާ މީހެއްގެ އެއްވެސް ބާވަތެއްގެ މައްސަލައެއް ނުބެލޭނެކަމަށާއި ވެރިކަން ނިމުން 5 އަހަރު ނުވާނަމަ އެއްވެސް މައްސަލައެއް ނުބެލޭނެކަމަށް!

  13
 15. ޙަލީ

  މިރާއްޖޭގައި ދެން ގެވެށި އަނިޔާ އާްމުވެދާނެ ، ގެވެށި އަނިޔާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެވޭނެ ، ސަބަބަކީ ދެމެފިރިން ނުވަތަ ދަރިންގެ މެދުގައި ހިގާމިފަދަ އަނިޔާތަށް އަނިޔާކުރާވަގުތު ގިނފަހަރަށް އެހެންބަޔަކަށް ނުފެންނާނެތީ ، ހަމައެކަނި ފެންނާނީ އެކަމެއްވެ ނިމި ލިބިފައިވާ ޒަޚަމްތަކާއި ދައްކާ ވާހަކާގެ އަޑު ، ވީމާ ދެންކިހިނެއް ހައްޔަރުކުރާނީ ، އީސަ މިވަނީ މިސާލު ދައްކަވާފައި

  14
 16. ޒަބީބް

  ތިޔަ ބަހުސް ކޮށް ނިމި ވަކި ގޮތެއް ކަނޑައެޅި ނިމުނަސް އީސަ ހައްޔަރެއް ނުކުރެވޭނެ. މުޅި ޕޮލިޓިކަލް މެޝިނަރީ މަސައްކަތް ކުރަނީ އީސަގެ ދިފާއުގަ. ހޮނޑައިދޫ މައްސަލައިގައި ހާމިދް އަބްދުލް ޣަފޫރް ހައްޔަރު ކުރެވުނު ނަމަ ގެވެށި އަނިޔާ މައްސަލައިގަ އީސަ ވެސް ހައްޔަރު ކުރެވޭނެ.

  މިހެން މިވާ ސަބަބަކީ ދިވެހި ރާއްޖޭގައި އަދިވެސް އޮތީ އިއްޒަތްތެރި ބޭފުޅުން ކުއްކުރުމުން ކުއްކުރި ބޭފުޅާ ފަނޑިޔާރު މަނިކުފާނު ގެއަށް ވަޑައިގަތުމަށް ދެންބެވުމަށްފަހު ވަޑައިގަތުމުން ފަނޑިޔާރު މަނިކުފާނު ގޭގެ އުނދޯލި ދާންކޮޅުގައި އިންވައި ހުކުން އިއްވުމަށްފަހު ކުއްކުރެއްވި ބޭފުޅާގެ ގައިކޮޅުގައި ތަސްބީހަފަތިން ހައްދު ޖެހާއިރު އާދައިގެ މީހަކު ކުށް ކުރީމަ ފަނޑިޔާރުގެޔަށް ހާޒިރު ކޮށް ދުއްރާއިން ހައްދު ޖަހައި ބުރިން ހަން ނެގުމުގެ ސަގާފަތް ވީމަ.

  12
 17. ހަކީމް

  ތިޔަކަހަލަ ކޮމެންޓް ކުރީމަ ކުއްކުރުމައް ލިބޭ ބާރަކައް އެބަވޭ ހަމަ ތަނެއްގަ މީހަކު ހުރެފަ ނުބުނާނެ ތިމަންނަ ގައިގަ އެހެރަމީހާ ޖެހިއްޔެކޭ ނުވަތަ ތަނެއް ބިންދާލީޔެކޭ އެހެން ބުނިފިނަމަ އެއީ ކޮންމެސް ކަމެއްހިގީ އަނިޔާލިބުނުފަރާތުން އެއޮތީ ބަޔާންދީފަ އެބަޔާނަކީ ގާނޫނު އަސާސީގަ ބުނާކުށެއްގެ ބަޔާނެއްކަމައްވަންނާ އެކުއްކުރި މީހާ ހައްޔަރު ކުރެވެންވާނެ ސަބަބަކީ އެކުއް ދެވަނަ ފަހަތައް ތަކުރާރުވިޔަ ނުދިނުން

  6
  2
 18. ކޮރަލް

  ސިޔާސީ ބޮޑުން ބޭނުން ވީމަހައްޔަރު ކުރެވޭނެ އެވެ.

 19. ކޮރަލް

  ބޭނުން ވާމީހުން ހައްޔަރު ކުރެ އެވެ.

 20. ޖަންގަލް ޕީޕީ

  ކިތަންމެ މޮޅަށް ވަޟަޢީ ޤާނޫނުތައް ހެދިޔަސް މި ޤައުމުގައި ހިނގާނީ ޖަންގަލީގެ ޤާނޫނު ބޮޑު އެތި ކުޑަ އެތި ކާލާ އުޞޫލުން ހައްރު ކުރަނީވެސް އަދި ޙުކުމް އިއްވަނީވެސް ބޭނުންވާ ވަކިބަޔަކަށް ބޭނުންވާގޮތަކަށް، ރައްޔިތުން ވެސް ކަންތައް ކުރަނީކީ އެންމެ ރަނގަޅަކަށްނޫން ތިމާ ތާއީދު ކުރާ މީހަކީ ތަނެއް ދޮރެއް ނޭނގޭ ޖާހިލަކަސް ވަރިހަމަ އެމީހަކު ޖެހޭނެ ކޮންމެހެްންވެސް ވެރިކަމަށް އަރުވަން ދެން ވަރިހަމަނުން ކޮންމެގޮތަކަށް ވެރިކަން ހިންގިޔަސް އެވާހަކަ ދެއްކުމުގެ ބޭނުމެއްނެތް ތާއީދު ކުރާ މީހާ ހެދިގޮތެއް ހެދިގެން އަތްޖަހާފަ ނަށަނަށާފަ ތިބޭ!!!