ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުން ގަނޑުން ގެންގޮސް ދެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށެވެ. ވެރިކަމުގައި އެމަނިކުފާނު ހުންނެވި ނަމަވެސް ޕާޓީގެ ރައީސަކަށް އޭރު ހުންނެވީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅެވެ. ވެރިކަމުގެ ކުރީކޮޅު ރައީސް ޔާމީނުގެ ވެރިކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ތައުރީފު ކުރެއްވިއެވެ. ނަމަވެސް ފަހުން ހާލަތު މުޅިން ބަދަލުވިއެވެ. ރައީސް މައުމޫން ހިތްޕުޅާވާ ގޮތަށް އެއްކަމެއްވެސް ކުރެއްވޭ ކަމަކަށް ނުވެއެވެ. އެކަންތައް ބޮޑުވެ ޕީޕީއެމް ދެބައިވެ ރައީސް ޔާމީނަށް ޖެހިވަޑައިގަތީ އެންމެ ފަހުން ޕާޓީގެ ރައީސްކަމުން ރައީސް މައުމޫން ބޭރު ކުރާށެވެ.

މިއަދު އެމްޑީޕީގެ ތެރޭގައި ވެސް ކަން މި ހިނގަނީ ހަމަ އެ ބީދައިންނެވެ. މާބޮޑު ތަފާތެއްނެތެވެ. ހަމައެކަނި ތަފާތަކީ ވެރިކަމުގައި ހުންނެވީ އެއްބަފާ ބޭބޭފުޅު ނޫން ކަމެވެ. ނަމަވެސް މިއަދު ވެރިކަމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ވެރިކަން ފެށިގެން އައިއިރު ރައްޔިތުންނަށް ހީވީ މި ދެ މިތުރުން ދުވަހަކުވެސް ހަތުރުންނަކަށް ނުވާނެ ހެނެވެ. އެހެންނަމަވެސް ވެރިކަމަށް ތިން އަހަރު ނުވެއެވެ.
ދެ މިތުރުން ހަތުރަށް ބަދަލުވެއްޖެއެވެ. ހިތާ ހިތުގެ ގުޅުން ނަފްރަތަށް ބަދަލުވެއްޖެއެވެ.

ރައީސް ނަޝީދު ހިތްޕުޅާވާ ގޮތަކަށް ވެރިކަމެއް ނުކުރެއްވެއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް އަންނަނީ ފާޑު ވިދާޅުވަމުންނެވެ. ސީދާ ރައީސް ސޯލިހާ ދިމާލަށް ރައީސް ނަޝީދު ބަސް ވިދާޅުނުވެ އެހެން ބޭބޭފުޅުން ލައްވާ އެކަން ވެސް ކުރައްވަނީއެވެ. ޕީޕީއެމްގެ އޭރުގެ ވެރިކަމުގައި ކަން ހިނގާދިޔަ ގޮތާއި މިހާރު އެމްޑީޕީގެ އެތެރޭގައި ހިނގަމުންދާ ކަންކަމާއި އެއްވެސް ތަފާތެއް ނެތޭ ދެންނެވެނީ އެހެންވެއެވެ.

އެކަމަކު ސުވާލަކީ މިފަހަރު ތޮށިގަނޑު ފެޅި ބޭރަށް ނިކުމެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. އަސްލު މައްސަލައަކީ ކޮބާ ހެއްޔެވެ.

"އަސްލު މައްސަލައިގެ ވާހަކަ ދައްކަންޏާ ވަރަށް ވާހަކަ ދެއްކި ދާނެ. ކުރުކޮށް ބުނާ ނަމަ މި ބޮމެއް ގޮއްވާލުމުގެ ކުރިންވެސް މި ރެނދެއް އޮތީ ލާފައި. ރައްޔިތުންނަށް އެކަން އިނގޭނީ ތިލަކޮށް ބުނީމަ. މިއުޅެނީ ބޮމުގެ ހަމަލާގެ ކަންތައްގަނޑެއް ނޫން. މިއީ ސީދާ ބަރުލަމާނީގެ ކަންތައް ގަނޑު،" އެމްޑީޕީ މަޖިލިސް މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ހީފުޅު ކުރެއްވީ އެމްޑީޕީގެ ވެރިކަމަކަށް ވާތީ އެމަނިކުފާނު "ހިތުހުރިހާ" ގޮތެއް ހެއްދެވިދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ އެއްޗަކީ ވެރިކަމުގައި ހުންނެވީ އެމަނިކުފާނު ނޫން ކަމަށެވެ.
"ރައީސް ނަޝީދު ހީފުޅު ކުރެއްވީ ތިމަންނާގެ ސަރުކާރުގައި މުޅި ކެބިނެޓު އެކީގައި އިސްތިއުފާ ދެއްވި ފަދައިން އަދި އޭރު ތިމަންނާ ވެރިކަން ކުރަމުން ދިޔަ ގޮތަށް ހުރިހާ ކަމެއްވެސް ވާނެ ކަމަށް. ނޫން އެހެނެއް ނުވާނެ. ބަރުލަމާނީ މައްސަލަގަނޑު ހަގީގަތުގައި ޕާޓީގެ ތެރޭގައިވެސް އޮތީ ވަރަށް ބޮޑުވެފައި. ރައީސް ނަޝީދު ހީކުރެއްވީ މި ސަރުކާރުގައި އެކަން އެގޮތަށް ކުރެވޭނެ ކަމަށް. އެކަމަކު އެހެނެއް ނޫން ރައީސް ސޯލިހުގެ ޖަވާބު އައީއެއް. އެ ރުޅިގަނޑު އެގޮތަށް އައިސް ހުއްޓާ ބޮމުގެ ހަމަލާ މިއައީ،" ރައީސް ސޯލިހަށް ވަފާތެރި މެންބަރު ވިދާޅުވިއެވެ.

މީޑިއާ އަށްވެސް މިކަން ކޮންމެވެސް ވަރަކަށް ތިލަވެގެން ދިޔައެވެ. ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކަ ރައީސް ސޯލިހުގެ އަރިހުގައި ވިދާޅުވިއެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްވެސް ވިދާޅުވިއެވެ. އެއާއެކު މީސް މީޑިއާގައި ވަގުތުން ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން މަސައްކަތް ފެށިއެވެ.

އިތުރު މެންބަރަކު ވިދާޅުވީ ހުރިހާ މައްސަލައަކީ ރައީސް ނަޝީދަށް ވެރިކަން ކުރައްވަން ނުލިބުމެވެ. އެމަނިކުފާނަށް ގައުމުގެ ކަންކަން ނިންމުމަށް ފުރުސަތު ނުލިބުމެވެ. ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދެއްކެވުމާއި މިފަދަ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ގައުމުގެ ކަންކަން ނިންމުމުގެ އިހްތިޔާރު އެމަނިކުފާނަށް ނުލިބުމެވެ.

"ނޫސްވެރިން ހަނދުމަ ހުންނާނެ ކަންނޭނގެ ކޮވިޑް ފުރަތަމަ ރާއްޖޭގައި ފެތުރުނު ދުވަސްކޮޅު ރައީސް ނަޝީދު ނޯތު ހާބަރަށް ވަޑައިގެން އޮޑި ދޯނި ފަހަރުތަކުގެ ފަޅުވެރިންނާއި ބައްދަލުކޮށް ހާލު އަހާ މި ސަރަކާތްތައް ޖެހި. އެކްސްޕޯޝާ ހޯދަން. އެކަން ކުރީ ކީއްވެ. އެކަން ކުރީ ހަޖަމު ނުވެގެން. ހީފުޅު ކުރައްވަނީ ތިމަންނާއޭ އަދިވެސް ވެރިޔަކަށް ހުންނެވީ،" އެ މެންބަރު ވިދާޅުވިއެވެ.

އެކަމަށް ބާރު ލިބޭ ހެއްކަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ރައީސް ނަޝީދު ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދަން މަސައްކަތް ކުރާތަނެވެ. "އެކްސްޕޯޝާ" ހޯދުމަށެވެ. ރައީސް ނަޝީދުގެ ސުރުހީއެއް ނާންނަ ދުވަހެއް މަޖިލިސް ޖަލްސާ އޮންނަ ދުވަހެއްގައި ނާދެއެވެ. ސަރުކާރުގެ ކޮންމެވެސް ކަމަކަށް ފާޑު ކިޔުން ނުވަތަ އެ ނޫންވެސް ކޮންމެވެސް ކަމެއްގައެވެ. އެހެންކަމުން އެމަނިކުފާނަށް މީޑިއާތަކުން ދޭ އެކްސްޕޯޝާ ކުޑަވުމަކީ އެމަނިކުފާނަށް ބަލައިގަނެވޭ ކަމެެއް ނޫންކަން އެ މެންބަރު ދެއްކެވި ވާހަކަފުޅުން ދޭހަވެއެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނައުމަށް ރައީސް ނަޝީދު އަންނަނީ ފާޅުގައި ވަކާލާތު ކުރައްވަމުންނެވެ. ނަމަވެސް އެ ނިޒާމު ރާއްޖެ އަށް ނުގެނެސްގެން ޕާޓީގެ އަމިއްލަ ވެރިކަން ހަލާކު ކޮށްލުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ.

އިތުރު މެންބަރަކު ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރި މެންބަރުންނާއި އާއްމު މެންބަރުން ބޭނުންވަނީ ރައީސް ސޯލިހުގެ ސަރުކާރަކީ އެއްވެސް އުރަތްޕެއް ހުރި ސަރުކާރެއް ނޫން ކަމަށް ދެއްކުމެވެ. ފެއިލްވެފައިވާ ވެރިކަމެއްގެ ސިފަ ދެއްކުމެވެ.

"ބައްލަވާ ތިޔަބޭފުޅުންނަކީ ނޫސްވެރިން. ބަލާ ދިރާސާކޮށްލާ. ރައީސް ނަޝީދުގެ އޭރުގެ ވާހަކަތަކާއި މިހާރުގެ ވާހަކަތައް. ކިހިނެއްތޯ މި ސްޓޯރީ ލައިން މި ދަނީ. ކުރިން ރައީސް ސޯލިހު ވަރެއް ނެތް. އެކަމަކު މިހާރު މުޅި ރާގު ބަދަލުވެއްޖެއް ނޫންތޯ. މި ރާގު ބަދަލުވީ އިއްޔެއަކު މިއަދަކު ނޫނޭ. ކިތަންމެ ދުވަހެކޭ. ރަމަޟާން މަހުން ފެށިގެން މި ކުންޏެއް ޖެހިއްޖެ ކަމާއި މިކަން އެބަ ގޯސްވާކަން އަހަރެމެންނަށް އެނގޭ. ހުދު ރައީސަށް ވެސް އެނގޭ،" އިތުރު މެންބަރަކު ވިދާޅުވިއެވެ.

އޭނާ އެ ވިދާޅުވާ ކުންޏަކީ ވެރިކަމުގެ ނިޒާމާ ބެހޭ ކުންޏެވެ. އެ ކުންޏެއް ޖެހުނީ އެ ވިދާޅުވާހެން ރޯދަމަސް ތެރޭގައެވެ. އަދި ބޮމުގެ ހަމަލާ އައީ އެ ކުންޏެއް ޖެހުނު ދުވަސްވަރުއެވެ. އެހެންކަމުން މިއަދު އެމްޑީޕީގެ ތެރޭގައި މިއޮތް ތަޅާ ފޮޅުމަކީ ބޮމުގެ ހަމަލާއާ ގުޅިގެން އުފެދިގެން އުޅޭ ތަޅާ ފޮޅުމެއް ނޫނެވެ. ހުދު އެކަން އެންމެ ރަނގަޅަށް ހާމެވެގެން ދިޔައީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ކުރެއްވި ޓްވީޓަކުންނެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ މަސައްކަތް ދެބައިވީ އެޕާޓީން އެދުނު ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށް ވިދާޅުވެފައެވެ. މަސައްކަތް ދެބައިވީ އެމްއެމްޕީއާރްސީގެ ހިޔާނާތް ބަލަން ސަރުކާރުން ފޫކަހަން ފެށުމުން ކަމަށް ހަސަން ވިދާޅުވިއެވެ. "ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރު ކޮށްލީމަ. ޖުމްލަކޮށް ރައީސް މުހައްމަދު ނަޝީދާއި ޕާޓީ [އެމްޑީޕީ] އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ،" ހަސަން ވިދާޅުވިއެވެ.

މާޒީއަށް ޖެހިލާއިރު ހަސަން މި ވިދާޅުވި ފަދަ ބަސްތައް ކުރީގެ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވިއިރު އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންވެސް ދެއްކެވިއެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ރައީސް މައުމޫން ބޭރު ކޮށްލެއްވީއެވެ. ވެރިކަން ކުރަން އުނދަގޫވެގެންނެވެ. ސުވާލަކީ ހަމައެފަދައިން މިއަދު ވެރިކަމުގައި ހުންނެވި ރައީސް ސޯލިހު ނަޝީދު ބޭރު ކޮށްލާފާނެތޯއެވެ.

"ނޫން. ކުރިއްޔާ ނޫނީ ނުބުނާނަން ރައީސް އެފަދަ ކަމެއް ކުރައްވާނެއެކޭ،" ކުރިން ވާހަކަ ދެއްކެވި މެންބަރު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރައީސް މައުމޫނެއް ނޫނެވެ. ރައީސް ނަޝީދު ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫނެވެ. ރައީސް ސޯލިހުވެސް މިފަހަރު ހުންނެވީ އެފަދައިން ދޫ ދެއްވާނެ ގޮތަކަށް ނޫނެވެ. ނަމަވެސް މި ތަޅާފޮޅުން ގަނޑުގެ ސަބަބުން ރައީސްގެ ވެރިކަމަށް ހަމަގައިމުވެސް އަސަރުތަކެއް ކުރާނެއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް އިތުބާރަށްވެސް އުނިކަން އަތުވެދާނެއެވެ. ހަމައެއާކު މި ދެ ބޭފުޅުންގެ ތަޅާފޮޅުމާއެކު ޕާޓީގެ އެތެރެއަށް ލިބިގެންދާނެ ގެއްލުން އަންދާޒާވެސް ނުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ލާދީނީ ބައިގަނޑެއް.

    32
    1
  2. މަރީ

    އެއްވެސް އެއްޗަކާ ނުގުޅޭ. އެއީ އިބޫއާ އަންނި ކުޅޭ ޑްރާމާއެއް، ލާދިއްޔަތާ ދިމާއަށް ރާއްޖެ ގެންދާ ގެންދިޔުމުން ޢާންމުންނާއި ޕާޓީގެ ޢާންމު މެންބަރުންގެ ނަޒަރު އެއްފަރާތްކުރުމަށް ޓަކައި. އެ މީހުންނަށް ލަފާދެނީ އިސްރާއިލާއި ކެނެޑާއާއި އިންޑިއާ ފަދަ މުސްލިމުންގެ ދުޝްމަނުންގެ ކިބައިން. މިހާރު ދިވެހީންނަށް ވާއެއް ނުވާއެއް ނޭނގި ތިއްބައި އިސްރާލާ ގުޅުން ބަދަހިކޮށް ވައިގެ ދަތުރުތައް ވެސް ސީދާ ފަށައިގެން ކުރިއަށް ދަނީ. ދިވެހިން މި ތިބެނީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން އެބަ އޮތޭ ކިޔާލަކިޔާލާ. ލާދީނީ ބިލު ވެސް ސަރުކާރުން ބޭޏުންވާ ގޮތަށް އަވސްކޮށްލައިގެން މިހާރު ކޮމެޓީއަށް އެ ފޮނުވީ. މަޖިލީހުން ފާސްކޮށްލީމާ އިބޫ ސޮއިކުރާނެ. އެބަ އޮތްތަ ސަރުކާރުން ފޮނުވި ބިލަކަށް މަޖިލީހުން ދެކޮޅު ހަދާފަ؟ މަޖިލީހުން ފާސްކުރި ބިލެއް ވިސްނައިލާން ނަމަވެސް އަންބުރައި އިބޫ ސޮއިނުޮށް ފޮނުވިތަ؟ ނޯންނާނެ. މިއީ އެމްޑީޕީގެ ފަލސަފާއާއި ސިޔާސަތު ތަންފީޒުކުރުމުގައި އެއްވެސް ޚިޔާޅުތަފާތުވުމެއް ނެތްކަމުގެ ސާފު ދަލީލެއް.

    32
    2
  3. ހުސޭނުބޭ

    ބުއްޅަބޭ ހުންނަ ކޮންމެ ތާކު ހައިޖާނު ހިންގާނެ!

    27
  4. ތަބުރޫކު

    އެއީ މިދެމީހުން ރާވައިގެން ރައްޔިތުންގެ ލޮލުގެ ކުރިމައްޗަށާއި ބޮލުގެތެރެއަށް ވެރިކަމުގެ ނިޒާމު ވައްދާފަ ބާއްވައިގެން ގައުމުގެ މުހިންމު ތަންތަނާއި އަދި އަށްޑޫ އިންޑިޔާއާއި ޙަވާލުކުރުމަށް ހިންގާ މަކަރުވެރި ރޭވުންގަނޑެއް
    އެހެންވީމާ ދިވެހިޤައުމުދެކެ ލޯބިވާ ދިވެހި ރައްޔިތުން އެބަޖެހޭ މިކަމަށް ހަރުދަނާ ގޮތެއް ނިންމާން (މިއީ ވަރަށްވާހަކަ)

    25
  5. ޓްރަމްޕަޓް

    އެމްޑީޕީގެ ސަރުކާރުން އެމްޑީޕީ ބޮޑުން ހިންގާޖަރީމާ ތަކާ ބޮޑެތި ވައްކަންތައް ފޮރުވާ އާއްމުންގެ ވިސްނުން އެހެންދިމާލަކަށް އަނބުރާލަން ރާވައިގެން ކުރާކަންކަންތީ.

    26
  6. ރަބަރޭ

    ބޮޑުވަޒީރު ކަން މީނާއަށް ދޭން ގައުމު އޮތީ މީނާއަށް ދަރާފަތަ އެންމެ ފަރުދަކަށް ޓަކައި އެމްޑީޕީ އެތެޅެނީ

    23
  7. Anonymous

    މަޖާ ވާހަކަ ދައްކަނީ ، ކަލޭމެން އަންނި ބެއްޔާއާ ނުބެހެއްޗޭ.

    6
    9
  8. ކުޅަދާނަ

    ހަމަ ޔަހޫދީގޭމް މާދަމާކަން ނޭންގެ ޔަހޫދީފްލައިޓްްތައް ރާއްޖެއައް ޖައްސާނީ އެހާވެސް ޔަހޫންދީންނާ ގުޅުންބޮޑު މިސަރުކާރު ހަދާނުހަދާ ރައްޔިތުންނައ އަންގާނުލާ މުޅިގައުމު ނުރައްކަލައް ހުށަހަޅަނީ

    20
  9. އަބްދޫ

    ވެރިކަން ލިބުމުން 3 އަހަރުތެރޭ 18.5 ބިލިއްނރުފިޔާގެ ދަރަނިން ދަވްލަތް ދަރަނިވެރިކުރުވި ވާހަކަ އެކަކުވެސް ނުދައްކާ ޓީބިލް ކިޔާތީ މީހުނަށް ހީވީ ތޯއްޗެ ޓީބިލަކި ހޮޓަލުން ސައިބުއިމަށް ފަހު ދޭބިލް ކަމަށް.މިއީ ދަރަނި ކަންނުވަތަ ދަރަނިނަގައިފަ ދެ ލިއުމަކަށްކިޔާނަމންކަން އެގެނަމަ އެވާހަދައްކާނެދޯ؟ ސިޔާސީ މީހަކަށް މިވާހަކަ ފުރަތަމަވެސް ވިދަޅުވީ ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެރަސްމިއްޔަތުގަ ރައިސް އިބްރަހިމް މުހަންމަދު ސާލިހް. އަދަދުތައް ރަނގަޅު ނޫންނަމަވެސް ފުރަތަމަ އެމްޑީޕީ ސަރުކާރުން 26.5 ބިލިއނަށް ދަރަނިއެރުވުނު ވާހަކަވެސް ވިދަޅުވި.އެމީހުން ވެރިކަމަށަ އައި އިރު ހުރީ 6.5 ބިލިއންގަ ކަމަށާއި 3 އަހަރުތެރެ 26.5 ބިލިއަނަށް ދަރަނި މަތިވި ވާހަކަ ވިދަޅުވި. ދަރަންޏޭ ޔާމީ ނޭ ތާއަބަދު ގޮވައިރު މިދަރަނީގެ ވާހަކަ ނުދައްކަނީ ކީއްވެބާ؟

  10. އަބްދޫ

    ބިދެސީންގެ ޑިޕޮޒިޓް ފައިސާއަކީ ދަވްލަތުގެ ހަވަލުގަ ހުރި ދިވެހިއަމިއްލަ ފަރުދުންގެ ފައިސާ މިފައިސާ އަނޒަމާނުއްސުރެ ބެހެއްޓިފަ ހުންނަނީ ވަކި އެކައުންޓަކަށް ޖަމާކޮށްފަ އެމްއެމްއޭގަ.އެމްޑީޕީ ގެ 3 އަހރުވީ ވެރިކަމުގަ ބިދޭސީންގެ ޑިޕޮޒިޓް ފައިސާ ވެސް ނަގާ ހުސްކޮށްލި .އެކަމުގެ ސަބަބުން މިއަދަ ހަމަޔަށް ވެސް ދަވްލަތަސް ވަނީ ބޮލުރިހުމަކަށް ވެފަ . މިހާރުވެސް ފުރައިގެން ދިޔަ ބިދޭސީންގެ ނަމުގަ ޖަމާކުރެވިފަ ހުރި ގިނަ އަދަދެއްގެ ފައިސަ އޭގެ ވެރިފަރާތްތަކަށް ނުލިބި އެބަހުރި. އަތޮޅު އެކައުންޓޠާ ރަށުއެކައުންޓާއި އަންހެނުންގެތަރައގީ ގެ ފަިސަ ހުރީ އެމްއެމްއޭގެ އެކައުންތްތަކުގަ ބެހެއްޓިފަ. އެފައިސަ ހުރީ ރަށުއޮފިސްތަކުގެ ބެލުމުގެދަށުން ފިނެންސް މިނިސްޓްރީގެ ހަވާލުގަ. ރަށުއޮފީސްތަކާއި އަތޮޅު އޮފީސްތައް ހިންގުމާި ހަވާލުވެ ތިއްބެވި ވެރިންނަށް އެގުމަކައި ނުލާ އެފައިސާތައް ނަގަ ބޭނުން ކޮށް ހުސްކޮށްލީ 18.5 ބިލިއަންދަރަންޏައި މިދެންނެވި އެކައުންޓްތަކުގަ ހުރިފައިސައައި ދިރަގާއި ފެމންކުންފުންޏާއި އެއާޕޯޓް ވިއްކާލައިގެން ވެސް ހިތް ނުފުރުނު މީހަކު ދެވެނަފަހަރު ހަވާލުކުރެވިއްޖެ ނަމަ ކުރިން ނުނިމި އޮޔް ދަިހިގައުމުގެރައްޔިތުން ބޭރުގައުމެއްގެ ޖަންގައްޔަށް އަޅާލުމަށްފަހު މިގައުމު އެނަގެ އަމިއްލަ ތަނަކަށް ބަދަލު ނުވާނެކަމެއްނެގެ. އެގެކަމަކީ އެވަރަށް ކަމެއްބޭނުންވެގެންއުޅޭނަމަ ތިމާއަށް އެކަމުގެ ސަބަބުން ލިބޭ ބޮޑު ފައިދައެއް ފޮރުވިފަ އޮންނާނެކަން. ރައޔިތުން ވިސްނަހޭއަރުއްވަވާ.

  11. ހައްވަ

    ޔާމީން އާއި މައުމޫންގެ ދެމެދުގެ މަސްއަލައަކަށްވީ ސަރުކާރުގެ ވައްކަމާއި، ކޮރަޕްޝަނާ ރައީސް މައުމޫން ދެކޮޅު ހައްދަވާ، ބަސް ވިދާުޅުވުން!!!

    1
    1
  12. ބުއްލަބޭ

    މިފޮޓޯއަކީ ޔާމީނު ޖަލަށް ފޮނުވިދުވަހު ދެމީހުން ރައީސް އޮފީސްތެރޭގައި ޔާމީނު ލޯންޗަށް އަރުވާތަން ބަލަން ތިބެ ހިނި ފަޅައިގެންދާ މަންޒަރު.

  13. ބަސްމަގު

    ތިތަނުން އެކަކުވެސް ވެރިކަން ކުރަން ކުފޫ ހަމައެއް ނުވޭ. މިހާރު ހުރި މީހާގެ ކަމަކީ މިދަތި ދުވަސްވަރު ބެލުމެއް ނެތި ތިމާގެ މީހުންނައް ބޮޑެތި މުސާރަ ދޭ ވަޒީފާތައް އުފެއްދުން، ގާތް މީހުނައް ބޮޑެތި އަދަދުތަކުން ބައިތުލްމާލް ގަ މުއްޖަހާފަ ނަގާ ލާރިގަޑު ބެހުން. ތިޔަ ރެދެއް ތިޕާޓީ ތެރޭގަލައިފި އުކުޅަސް ޖަލްސާގަ، މޑޕ ގެ އިސްވެރިން ކިރިޔާ މާރާމާރި ނުހިންގީ ރައްޔެތުން ކުރިމަތީގަ. ހިތާހިތުގެ ގުޅުމޭ ކިޔައިގެން ކުޅެނީ ބޮޑު ގޭމެއް.

  14. އަޒީލް

    މިއީ ބޮޑުވަޒީރުކަމެއް ޚަލީފާކަމެއް ރަސްކަމެއް ޓުރައިބަލް ޗީފުކަމެއް އޮތް ގައުމެއް ނޫން. ވީމާ މިތާގަ ވެރިކަން ހަވާލުކުރެވެނީ ރިޔާސީ ވޯޓެއް ނަގައިގެން ކަމައްވާއިރު.. ރިޔާސީ އިންްތިޚާބުގައި ވާދަކުރުމުގެ ޝަރުތުތައް ފުރިހަމަވާކަމުގައިވަނީނަމަ ވެރިކަން ކުރަން ބޭނުންވާ މީހަކު އިންތިޚާބުގައި ބައިވެރިވެ ކެމްޕޭނުކޮއް ތާއީދާއިއެކު އަންނަވީއެވެ.

  15. ސަލާ..

    ތިހެން އަދި ތިބެ ކުޅޭކުޅިވަރަކުން ރާއްޖެއަކީ ލާދީނީ ގައުމަކައް ހެދޭނެކަމުގެ ހުވަފެން ކަލޭމެން ދޫކޮއްލާށެވެ. ދެން އަންނަވެރިކަމެއްގައި ޝަރީއަތަށާއި އަދި އަދަބުތައް ނިކަން ރަނގަޅަކަލޭމެންނައް ރަހަލާމިންވަރައް ފަރިއްކުޅުވައިދޭނަމެވެ. ހަނދާންކޮއްގެން ތިބޭޭވެ.

    5
    1