މިއަދު ވެރިކަން ކުރާ އެމްޑީޕީ އަކީ 2008 ވަނަ އަހަރުވެސް ރާއްޖޭގެ ވެރިކަމަށް އައި ޕާޓީއެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް އެކުލެވޭ ގޮތަށް ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ އިސްވެ އޮވެ ހަދާފައިވާ ކޯލިޝަން އިންނެވެ. އެމްޑީޕީ އިން ވެރިކަމަށް އައީ އެޕާޓީގެ އުމުރުން އެންމެ ތިން އަހަރުގައެވެ. ވަރަށްވެސް ޅަ އުމުރެއްގައެވެ. އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވެއެވެ. ކޯލިޝަން ބައިބައިވެ ހަތަރުންނަށް ވެއްޖެއެވެ.

ދެހާސް އަށްވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ފަސް އަހަރުގެ މެނިފެސްޓޯއަކާ އެކުގައެވެ. ނަމަވެސް ވެރިކަމަށްވީ އެންމެ ތިން އަހަރެވެ. ރައްޔިތުން މަގުމައްޗަށް ނިކުމެ ލެވި ހަޅޭކެކުގެ އަޑު އަހާނެ ހިތްވަރެއް ނެތި އިސްތިއުފާ ދެއްވީއެވެ. ރައްޔިތުންނަށް ކޮށްދޭން ބުނި ކަންކަން ކޮށެއް ނުދެވުނެވެ. ރައްޔިތުންނާއި ގައުމު ޖެހުނީ ބިކަ ހާލުގައެވެ. ދަރަނިވެރިވެފައި އޮތީ އިންތިހާއަށެވެ. ގައުމު އޮތީ ވިއްކާލައިފައެވެ. މިއީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއިރު ދިވެހި ގައުމުގެ ހާލަތު ކުރުކޮށް ކޮންމެ މީހަކަށްވެސް ބުނެވޭނެ އެންމެ ފަސޭހަ ގޮތެވެ.

ނަމަވެސް ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެމްޑީޕީ އިން އަނެއްކާވެސް އިތުރު ވައުދުތަކެއްވިއެވެ. ރައްޔިތުން ސުވާލުތައް ފުންޏަކަށް އޮއްސާލިއެވެ. 2008 ވަނަ އަހަރު ވެރިކަން ދިނުމުން ވީ އެއްވެސް ވައުދެއް ނުފުއްދާ އިތުރު ވައުދެއް ފުއްދާނީ ކިހިނެއްތޯއެވެ. އެމްޑީޕީ އިން ބުނަމުން ދިޔައީ ތިން އަހަރުގެ ވެރިކަމަކީ މެނިފެސްޓޯގައި ހުރި ކަންތައް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށާއި އެކަންތައް ކުރެވޭނީ ފުރިހަމަ ފަސް އަހަރުގެ ވެރިކަން އެ ޕާޓީއަށް ލިބިގެން ކަމަށެވެ. ކޮންމެއަކަސް 2008ގެ ތަޖުރިބާ އަށް ބެލުމަށްފަހު ރައްޔިތުންގެ ވޯޓު ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެމަނިކުފާނާއެކު ގުޅިފައިވާ ކޯލިޝަން ޕާޓީތަކަށެވެ. އެމްޑީޕީ އަށް ރައްޔިތުން ބުނީ ނޫނެކޭއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ރައްޔިތުންގެ އެތައް ހައްގުތަކެއް ހިފަހައްޓައިގެން ވެރިކަން ކުރަމުން ދިޔަ ކަމަށް ބުނެ ރައްޔިތުންގެ ބޮލަށް އެކަންކަން ވައްދައިގެން އަނެއްކާވެސް އެމްޑީޕީ އިސްވެ އޮވެ 2018 ވަނަ އަހަރު ނިކުތެވެ. އެފަހަރުވެސް ރުހުން ދިނީ ކޯލިޝަން ވެރި ކަމަކަށެވެ. ނަމަވެސް ހުންގާނުގައި ހިފުމަށް ނެރުނީ ނަޝީދެއް ނޫނެވެ. އިބްރާހީމް މުހައްމަދު ސޯލިހެވެ. އެކަމަކު ވެރިކަން ކުރާ މައިޕާޓީ އަކީ އެމްޑީޕީއެވެ.

ރައްޔިތުން ވެރިކަން ދިނެވެ. ނުވިތާކަށް ކުރިން މަޖިލިސް ހިންގަމުން ދިޔައީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ރައްޔިތުންގެ އަޑު ކަނޑުވާލައިގެން ކަމަށްވާތީ ރައްޔިތުންގެ އަޑު އިއްވުމަށް އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް ރައްޔިތުން ދިނެވެ. އެކަމަކު ވެރިކަމަށް ތިން އަހަރު ވެގެން ދާން ގާތްވެގެން އަންނައިރު މިއަދާއި ހަމައަށްވެސް ރައްޔިތުން ގާތުގައިވީ އެއްވެސް ބޮޑު ވައުދެއް ފުއްދިފައެއް ނެތެވެ.

ވެރިކަމަށް އައީ އަދުލު އިންސާފާއި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތަކުގެ ހަގީގަތް ހާމަ ކޮށްދޭނެ ކަމަށާއި އަދި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށް އެކަމުގައި ޝާމިލުވާ ފަރާތްތައް ހައްގު އަދަބު ދޭނެ ކަމަށް ރައްޔިތުން ގާތުގައި ވައުދުވެގެންނެވެ. އެހެންނަމަވެސް މިއަދާއި ހަމައަށް މިކަންކަން ފުއްދިފައެއް ނުވެއެވެ. ދައްކަވަނީ ހުސް ބަހަނާއެވެ.

އަދުލު އިންސާފު ގާއިމް ކޮށްދޭން އައި ބޭފުޅުންގެ ފަރާތުން ފެންނަނީ ކޯޓުތައް ބޭނުން ކޮށްގެން ކުންފުނިތަކަށް ބަދަލުގެ ނަމުގައި ފައިސާ ބަހާ މަންޒަރެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދި ރިޔާސީ ކޮމިޝަނުން، އެ ކޮމިޝަނުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ރައްޔިތުންނަށް ހިއްސާ ކުރި ދުވަހެއް ހުދު އެ ކޮމިޝަނުގެ އެއްވެސް މެންބަރަކުވެސް ހަނދުމަފުޅު ނުހުންނަވާނެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއް އެ ކޮމިޝަނުން ބާއްވައިފި ނަމަ ކޮންމެ މައްސަލައެއް ވެސް އުޅޭނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައެވެ. ނަމަވެސް އެކަން ކުރެވޭ ތަނެއް ނާދެއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހުދު މި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އިސްވެރިންގެ ނަން އޮތުމުން އެކަންވެސް ދިގު ދަންމަމުން ދާތާ ތިން އަހަރުވީއެވެ.

މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ހިޔާނާތުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނަށް ފާޑު ވިދާޅުވެފައެވެ.

ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓު ފެނުމުން ލަދުގަތް ކަމަށާއި، އެއީ ލިސްޓުގެ 60 އިންސައްތަ ނަމަކީ އަދި މައުލޫމާތު ހޯދުމާ ހިސާބުގައި ހުރި ނަންތައް ކަމަށް ވީތީ ކަމަށެވެ. މީކާއިލް ވިދާޅުވީ ދެ އަހަރާ ބައިވެގެން ދިޔައިރުވެސް ގިނަ މީހުންގެ މައުލޫމާތު އެއްކުރަނީ ކަމަށް އޮތުމަކީ ލަދު ގަންނަން ޖެހޭ ކަމެއްކަމަށެވެ.

"ލިސްޓު ފެނިފައި އަޅުގަނޑު ވެސް ލަދު ގަތް ކަމެއް އޮތް. ލިސްޓުގެ 60 ޕަސެންޓް މީހުންނަކީ މައުލޫމާތު ސްޓޭޖްގައި އޮތް މީހުން ކަމަށް ބުނުމުން އަޅުގަނޑުމެން ހަމަ ލަދު ގަނޭ." މީކާއިލް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ހަމަ މީކާއިލް ވަނީ މަރު ކޮމިޝަނަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ މިހިނދުން މިހިނދަށް ކޮމިޝަން އުވާލަންޖެހޭކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަދީގެން ދޮޅު އަހަރެއް ދެ އަހަރެއް ވެގެންދާއިރު އެބޭފުޅުންނަށް ނަތީޖާއެއް ނުނެރެވޭ ކަމަށް ވަންޏާ، އަދި މިހާ ހާމަކަން ބޮޑުގޮތެއްގައި ނަތީޖާއެއް ނެރެވެން ނެތް ކަމަށް ހާމަކުރައްވަމުން ގެންދަވާ ކަމުގައި ވަންޏާ އަޅުގަނޑު ދެކޭގޮތުގައި އެ ކޮމިޝަން މިހާރު އޮތުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" މެމްބަރު ވިދާޅުވިއެވެ.

ދެން އޮތީ އަދުލު އިންސާފުގެ ވާހަކައެވެ. ސަރުކާރުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް، އަހްމަދު އަބްދުﷲ އަފީފު މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަރުކާރުން މަޖިލީހަށް ފޮނުވި މަދަނީ އިޖުރާއަތުގެ ބިލު އަދިވެސް މަޖިލީހުން ނިމިފައި ނުވާތީ، އިންސާފުވެރިކަމާ އެކު ބަދަލު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށެވެ.

އަހުމަދުގެ ވާހަކަތަކަށް ރައްދު ދެއްވީ ސަރުކާރުގެ މަޖިލިސް މެންބަރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ. ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ނިމުނު ފުރަތަމަ ދައުރުގައި 33 ބިލެއް މަޖިލިހަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ފޮނުވީ ހަތް ބިލު ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ތަންފީޒު ކުރުމުގެ ސްޕީޑް ލަސް ކަމަށެވެ.

ދެން އޮތީ ސީދާ ރައްޔިތުންނާއި ގުޅުންހުރި މަޝްރޫއުތަކެވެ. މި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރު ނިމުގެންދާއިރު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު އަންނާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ ހުދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ނަމަވެސް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަކީ ބާކީ އޮތީ ދެ އަހަރު ކަމެވެ. ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އެމަނިކުފާނާއި އެމްޑީޕީ އިސްވެ އޮވެ ހަދާފައިވާ ކޯލިޝަން ސަރުކާރުންވީ ވައުދުތައް ފުއްދިދާނެ ކަމާއި މެދު ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ނިންމާ އެތަން ހަވާލު ނުކުރެވުނު ސަރުކާރަކަށް، މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ގެނެސްދެވޭނެ ހައްލެއް އޮތް ކަމަށް ގަބޫލު ކުރަން ދަތި ކަމަށް އެތައް ރައްޔިތުންތަކެއް އަންނަނީ ބުނަމުންނެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ކުރީކޮޅު ފެށި ސިނަމާލެ ބްރިޖު ވެރިކަން ނިމެން ކައިރިވިއިރު ނިމުނުކަން ކިރިޔާއެވެ. ނަމަވެސް މި ސަރުކާރަށް ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ވެސް ނުފެށޭއިރު ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އެ ބްރިޖުގެ މަސައްކަތް ވެސް ނިމޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ސަރުކާރާއި އެމްޑީޕީ އިން ދެކުމަކީ ކުށްހީ އެކެވެ.

ކޮންމެއަކަސް މިއަހަރު އެމްޑީޕީ އަށް 16 އަހަރު މިވަނީ ފުރިފައެވެ. ވަރަށް ޒުވާން އުމުރުގައި ދެ ފަހަރު ވެރިކަން ކުރަން ހަވާލު ކުރެވިއްޖެއެވެ. ފުރަތަމަ ފަހަރު ރައްޔިތުން އަމާނާތްތެރި ކަމާއެކު ކުރުމަށް ދިން ވެރިކަން ޖެހީ ބޮލާލާއެވެ. ދެވަނަ އަށް ދައުލަތުގެ ހުރިއްޔާ ހުރި ބާރެއް ދީގެން ވެރިކަން ހަވާލު ކުރުމުންވެސް ރައްޔިތުންނަށްވީ ފައިދާއެއް ނެތެވެ. އެހެންކަމުން ޕާޓީގެ ޗާލާކީ ޒަމާނުގައި ނުކޮށްދެވުނު ތާހިރު ވެރިކަމެއް ފަހުންވެސް ކޮށްދެވޭނެ ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ަަަައަލީ

  އެމްޑީޕީ މަތިން ފޫހިވެއްޖެ..އަބަދު އަައްނި ހަދާ ދޮގު އަޑު އަހާ..އައްނި ނޫން ގޮތެއް ނެތަ 16 އަހަރު ވީރު ..މީތަ ތިކިޔާ ޑިމޮކުރަސީޔަކީ

  30
  2
 2. އަޙްމަދް

  މިނުބައި ފަނާކުރުވަނި މުޑުދާރު ފިކުރު ނެތިދިއުން އެދެނީ

  23
  1
 3. ގަމާރުއެކްޓިވިސްޓު

  މިހާރު އެމްޑީޕީއިން ބޭނުންވަނީ ރައްޔިތުންގެ ލޯބެއް ނޫން ބޭރު ގައުމެއްގެ ލޯބި ، މީގައި އަދި ފައްކާކަމަކީ މީގެ ހުރިހާ މޮޅެއް ލިބޭނީ ހައެއްކަ މީހުންނަށް ކަން ދެން ތިބި ސަނާކިޔާ އެކްޓިވިސްޓުންނާ އެމް ޕީން ޖެހޭނީ އެހެން މަސައްކަތެއް ހޯދަން ކަން

  24
  1
 4. ޚިޔާލު 3

  ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ރައްޔިތުންގެ އެތައް ހައްގުތަކެއް ހިފަހައްޓައިގެން ވެރިކަން ކުރަމުން ދިޔަ ކަންވެސް އެ ހަގީގަތް އެ މް ޑީ ޕީ އަކީވެސް ގައު މެއް ހިންގަން އެގޭ އިޚްލާސްތެރި ބައެއްނޫން. ރަގަޅު ވެރިއަކަށް ދިވެހިންވަނީ ބޭނުންވެފައި.

  13
  1
 5. ާަެެައބދ

  ރަނގަޅު މީހުންނައް ރަނގަޅުކަންތައްކުރެވޭނީ ނުބައިނިޔަތުގަ އަބަދު ހުވފެންދައްކައިގެން ވާނެކަމައް ހީކުރަާނީ މަސްތުވެވަތިބޭ މޮޔައިން.

  12
  1
 6. Anonymous

  މޑޕ އަކީ ދިވެހި ގައުމުގެ ހަލާކުގެ ގޮތުގަ ސިފަވަނީ ، 16 އަހަރޭ ނުކިޔާ ކުރިޔައް އޮތްތާގަވެސް މޑޕ އައް ކުރިއެރުމަކައް ނޭދެން.

  16
  1
 7. Usuck

  ދިވެހިިން ގެ އެކުވެރިކައް ނިއުޅައިގެން 16 އަހަރު

 8. އައްޑޫ ޝަކުވާ ބޯޓު

  ސަޅި

  މަބޫނީމެއްނު، ޝާނީއާއި ގުޅެނީ މިކަހަލަ ޕޮލިޓިކަލް ރިޕޯޓްލިޔަންޝޭ!
  :)))

 9. ާަެެައބދ

  މިހާރު ނަގާކިޔާއުޅޭ ތިދެޕާޓީ ނުވަތަ ދެގުރޫޕަކީވެސް ގައުމުގެ ހަލާކު!!!!!!! ޚިޔާނާތް ވައްކަން ގައުމައް ޤައްދާރުވުން އިންސާފު ކުޅޭ ކުޅޭ އެއްޗަކައް ހެދުން . މިގައުމުގެ އަމުރު މައުރޫފު ހިނގާ ހިސާބުން ދުރައް ދިއުމަކީ ކަލޭމެން އަމިއްލަ ނަފްސައްޓަކާ ކަލޭމެން ކުރަންޖެހިފަ އޮތްކަމެއް.

  2
  1
 10. އަލިފު!

  ﷲ އިރާދަކުރެއްވިއްޔާ 16 އަ ހަހަރަށް ފަ ހު އޮތީ ނިމި ދިއުން! ﷲ އިރާދަ ކުރެއްވެވީތީވެ، އެމީ ހުންގެ އަތްތަކުން އެގެންދަނީ ހަލާކުގެ މަގު ތައްޔާރު ކުރަމުންނެވެ. ﷲގެ ދުޝްމަނުން ނަކީ ގިނަފަ ހަރަށް އަމިއްލަޔަށް ހަލާކުވާ ބައެއް!