ހުވެފަނަކީ ނިދާފައި އޮންނަ އިރު ފެންނަ އެކިބާވަތުގެ ކަންތައްތަކެވެ. ގިނަ ފަހަރަށް ހުވަފެން ފެންނަ ގޮތަކަށް ކަންތައްތައް ވެފައެއް ނޯވެއެވެ. މީހުންނަށް ފެންނަ އާދަޔާއިހިލާފު ހުވަފެންތަކުގެ ވާހަކަ އެހެން މީހުންނަށް ކިޔައިދިނުމުން އެކަން ވަނީ ގިނަ ފަހަރަށް ވަރަށް މަޖާ ކަމަކަށެވެ. ވަރަށް ބޮޑު ޖޯކަކަށެވެ. އެހެންކަމުން ހީސަމާސާ ކޮށްލުމަށް އާއިލާ މީހުންނާއި އެކުވެރިންގެ މެދުގައި ހުވަފެންތައް ހިއްސާ ކުރުމަކީ މުނިފޫހިފިލުވާލުމަށް ކުރާ ކަމެކެވެ.

މިއަދު ޒަމާން ބަދަލުވެ، ބައެއް ބޭފުޅުންނަށް ފެންނަ ހުވަފެންތައް ދުނިޔޭގެ މީޑިއާތަކުގައި ހިއްސާކުރާ ހިސާބަށް މިވަނީ ގޮސްފައެވެ. މިގޮތުން މިފަދަ ހުވަފެންތައް އެންމެ ގިނައިން ހިއްސާކުރާ އެއްބޭފުޅަކީ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) އެވެ. އެއީ ހުވަފެނެއްކަމަށް ވިދާޅުނުވެ، ހަޤީޤަތް ކަމަށް ދޭހަވާ ގޮތައް ކެރަފާ ނަސީމް ދައްކަވާ ހުވަފެންތަކުގެ ވާހަކައިގެ ސަބަބުން ކިތަންމެ ނުރައްކަލެއް ރާއްޖެއަށް ކުރިމަތިވުމުގެ ނުރައްކާ އެބައޮތެވެ.

ކެރަފާ ނަސީމްގެ ހުވަފެންތަކުގެ ވާހަކަ އޭނާ މީޑިއާގައި ދެއްކުމުން ދެން ނިކުންނާނެ ނަތީޖާއެއްގެ ވާހަކަ ދެއްކުމުގެ ކުރިން، ކެރަފާ ނަސީމަށް ފެނުނު ދެހުވަފެނެއްގެ ވާހަކަ ދަންނަވާލާ ހިތްވެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން ކުރީ ދިވެހިރާއްޖޭގެ ނަން، ބައިނަލްއަޤުވާމީ މައިދާނުގެ އެންމެ އުހަށް ގެންދިއުމަށެވެ. އަންނަ އަހަރު ފަށާ އދ.ގެ ސަލާމަތީ މަޖިލިސް އާދައުރުގައި އެމަޖިލީހުގެ މެންބަރުކަން ލިބުނަސް ރާއްޖެ ތަމްސީލް ކުރާނީ ދިވެހި ރައްޔިތުން ހޮވާފައިވާ ސަރުކާރަކުންނެވެ. ފަހަރުގައި އެއީ ރައީސް ޔާމީން ކަމަށް ނުވެވެސް ހިނގައިދާނެއެވެ. ސަލާމަތީ މަޖިލިސްގެ ގޮނޑިއެއް ލިބުމަކީ ރައީސް ޔާމީނަށް ލިބޭނެ ކާމިޔާބެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންނަށް ލިބޭނެ ކާމިޔާބެކެވެ.

ނަމަވެސް ކެރަފާ ނަސީމް ފޮށިތަންމަތި ބަނދެގެން އެމެރިކާ އަށް ގޮސް، ޑިޕްލޮމެޓުންނާއި ބައްދަލުކޮށް އެންޓި ކެމްޕޭން ކޮށްގެން ރާއްޖެ އިންތިޚާބުގައި ފެއިލް ކޮށްލުމުގައި ބޮޑު ދައުރެއް އަދާކުރިއެވެ. ރާއްޖެ އާއި ދެކޮޅަށް ކެރަފާ ނަސީމް ކެމްޕޭން ކުރަމުން އޭނާ އަށް ފެނުނު "ހުވަފެނެއްގެ" ވާހަކަ ވިދާޅުވިއެވެ.

ކެރަފާ ނަސީމް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދުމުގެ ކެމްޕޭނަށް ރާއްޖެއަށް ފަސްލައްކަ އެމެރިކާ ޑޮލަރު ލިބުނު ކަމަށެވެ. އެކަމުގެ އެއްވެސް ތަފްސީލެއް ވިދާޅެއް ނުވެއެވެ. ފަހަރުގައި އެތަފްސީލްތައް ހުވަފެނުގައި ފެނިވަޑައިނުގެންނެވީ ކަމަށް ވެދާނެއެވެ.

އިހައްދުވަހު އަނެއްކާވެސް ކެރަފާ ނަސީމަށް މާބޮޑު ހުވަފެނެއް ފެނިއްޖެއެވެ. އެހުވަފެނުގައި ފެންނަނީ ޗައިނާ އިން ރާއްޖޭގެ 16 ރަށެއް އަތުލައިގެން އުޅޭ މަންޒަރެވެ. އަދި އެ 16 ރަށުގައި އަސްކަރީ ބޭސްތައް ގާއިމުކުރާ މަންޒަރު ވެސް ހުވަފެނުން ފެނުނެވެ.

އެންމެ ބޮޑު އަޖައިބަކީ މިދިވެހިރާއްޖޭގައި އުޅޭ ދިވެހި އެއްވެސް ރައްޔިތަކަށް ނޭނގި ޗައިނާ އިން ރާއްޖޭގެ 16 ރަށެއް ޖަހައިގަތީމައެވެ. އަދި އެއަށްވުރެ ބޮޑު އަޖައިބަކީ އެ 16 ރަށުގައި އަސްކަރީ ބޭސްތައް ގާއިމު ކުރަން ޗައިނާ އިން އުޅޭކަން އިތުރު އެއްވެސް މީހަކަށް ނޭނގި ކެރަފާ ނަސީމަށް އެނގުނީމައެވެ.

ރާއްޖޭގެ މަތިން 24 ގަޑިއިރު އެތައް ފްލައިޓެއް ދަތުރުކުރާއިރު ރާއްޖޭގެ އެއްވެސް ރަށެއްގައި އެފަދަ ބޮޑެތި މަސައްކަތްތައް ކުރާނަމަ އެމަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވެސް ހުންނާނެއެވެ. ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގައި ކުރާ މަސައްކަތްތައް ސެޓްލައިޓް މެދުވެރިކޮށް ވެސް އެކި ފަރާތްތަކުން އާންމު ކުރެއެވެ. އެހެންނަމަވެސް ރާއްޖޭގައި އެފަދަ ބޮޑު މަސައްކަތެއް ކުރާ މަންޒަރެއްގެ ފޮޓޯގަނޑެއްގެ ހިސާބު ވެސް ނުލިބެނީތާދޯއެވެ.

ކެރަފާ ނަސީމު އެދައްކަނީ ހަޤީޤީ ވާހަކަތަކެއް ނޫންކަމާއި އެއީ ހުވަފެނެއްގައި ފެންނަ ފަދަ ޖޯކު ވާހަކަތަކެއް ކަން އެނގޭނީ ދިވެހި ރައްޔިތުންނަށެވެ. އޭނާ ދުނިޔޭގެ މީޑިއާތަކުގައި އެވާހަކަ ދެއްކުމުން އެވާހަކަތައް ކިޔާ މީހުންނާއި، އެވާހަކަތައް އަޑުއިވޭ މީހުންނަކަށް މިއީ ކެރަފާ ނަސީމަށް ފެނުނު ހުވަފެނެއްގެ ވާހަކަ ކަމެއް ނޭނގޭނެއެވެ.

އެހުވަފެންތަކުގެ ތައުބީރަކީ ނުވަތަ ނަތީޖާއަކަށް ވެގެންދާނީ ދޭދޭ ގައުމުތަކާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ހީނަރުވެ، ރާއްޖޭގެ ސަލާމަތައް ނުރައްކާ ވުމެވެ. ކޮންމެ ގައުމަކަށް އެއްވެސް ހުރަހެއް ނެތި ދަތުރު ކުރަމުން އަންނަ ކޮންމެ ދިވެއްސަކު، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކުގައި ފަސް ހަގަޑިއިރު މަޑުކުރަން ޖެހުމެވެ. ވިޔަފާރީގެ މުއާމަލާތްތަކަށް ހުރަސް އެޅުމުވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވުމެވެ. ރިސޯޓް އޯނަރަށް ލިބޭ އާންމުދަނީ މަދުވުމެވެ. ރިސޯޓްގެ މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހުމެވެ. ނިކަމެތި ރައްޔިތު މީހާގެ ވަޒީފާ ގެއްލުމެވެ.

ކެރަފާ ނަސީމާއި، ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅަކުން އެބޭފުޅުންނަކަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ. އެބޭފުޅުން ތަހައްމަލް ކުރަން ޖެހޭނެ އެއްވެސް އުނދަގުލެއް ވެސް ނެތެވެ. ސަބަބަކީ އެބޭފުޅުން އެއް ގައުމުން އަަނެއް ގައުމަށް ދަތުރުކުރައްވަނީ ޔޫރަޕްގެ ކޮންމެވެސް ގައުމެއްގެ ޕާސްޕޯޓެއްގައެވެ. ނުވަތަ ލިޔުމެއްގައެވެ. އެބޭފުޅުންނަށް އާމްމުދަނީ ލިބޭނެ ވަސީލަތްތައް ބޭރު ގައުމުތަކުގައި އެހުރީ ފަހިވެފައެވެ. އެބޭފުޅުންގެ އަނބިދަރިންނާއި މިލްކިއްޔާތު އޮތީ ޔޫރަޕްގެ އެއްވަނަ ދަރަޖައިގެ ގައުމުތަކުގައެވެ.

ރާއްޖެ އާއި ބެހޭ ގޮތުން ދައްކާ ދޮގު ވާހަކައެއްގެ ސަބަބުން އެކަމުގެ ގެއްލުމާއި ތުރާ އުފުލަން ޖެހޭނީ ނިކަމެތި ރައްޔިތުންނެވެ.

މޮޅު ވާހަކައެއް ދައްކައިގެން ރައީސް ޔާމިންގެ ވެރިކަން ވައްޓާލެވޭނެ މަގެއް ހޯދަން ކެރަފާ ނަސީމް ކުރަމުން އެގެންދާ މަސައްކަތަކީ ޕޯޗްގީޒް އަންބަރުޒޯރު އާއި ކަންނަންނޫރު އަލީ ރާޖާ އާއި އަނދިރި އަނދިރިންނާއި ވިޔަޒޯރާއި މީދޫ ތަކުރާއި ތުއްފާށަނާ އަދި އަލްޤާޒީ މުޙައްމަދު ޝަމުސުއްދީނާއި އަލްޚަޠީބު އަޙްމަދު މުޙިއްދީނު ފަދަ މީހުން ކުރި ފަދަ މަސައްކަަތެކެވެ.

އެހެންކަމުން އަލި ރަސްގެފާނާއި، ބޮޑުތަކުރުފާނާއި، ޝަހީދު ކޯޕްރަލް ހުސައިން އާދަމް ދުޝްމަނުންނާއި ދެކޮޅަށް ދެއްކެވި ފަދަ ހިތްވަރެއް ކެރަފާ ނަސީމާއި ދެކޮޅަށް މިއަދު ދިވެހިން ދައްކަން އެބަޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފޭސް

    ކެރަފާ އާއިލާ މީހަކު ދެވަނަ ހުވަފެނެއް ނުބަލާނެ. ވެރިކަމާ ތޮޅުން ނޫން.

  2. ނައިންޓީ

    މީ ވަރަށް ކަމުދާ ލިޔުމެއް. މިއީ ގައުމިއްޔަތުގެ ވިސްނުން ހުރި ލިޔުމެއް. ނިންމާލާފަވާ ތަންކޮޅު އަލުގަނޑު ހަމަ ލިޔެލާނަން.
    " ... އަލި ރަސްގެފާނާއި، ބޮޑުތަކުރުފާނާއި، ޝަހީދު ކޯޕްރަލް ހުސައިން އާދަމް ދުޝްމަނުންނާއި ދެކޮޅަށް ދެއްކެވި ފަދަ ހިތްވަރެއް ކެރަފާ ނަސީމާއި ދެކޮޅަށް މިއަދު ދިވެހިން ދައްކަން އެބަޖެހެއެވެ."

  3. އޯކޭޑް

    ރައީސް ޔާމީން އަށް ކެމްޕޭން ކުރުމުގެ ހުރިހާ ފުރުސަތު ތަކެއް ރައްޔިތުން ދީފިނަމަ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެއޭ މިހާރު ފްލެޓްސް ތަަކަށް އެދި ފޯރމް ލާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނަމޭ އަދި މަމެން މާލެ ސަރަހައްދު ގުޅި ފަޅުން މާލެ ސަރަަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ކުންފުނި ތަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކޮންމެ ކުންފުންނަށް 3000 އަކަފޫޓްގެ ބިމެއް ގުޅިފަޅުން ދޭނަމޭ އަދި ރާއްޖޭގެ ރިސޯރޓްސް ތަކުގައި މަހަކު 200 ޑޮލަރަށް ވުރެން މުސާރަ ބޮޑު ހުރިހާ ވަޒީފާ ތަކަކީ އެއީ ދިވެހިންނަށް އެކަނި ހުންނަ ވަޒީފާ ތައް ކަމަށް ގަވާއިދާއި ގާނޫނުން އެކަށައަޅާނަމޭ އަދި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ސެޕްޓެމްބަރު 23 ގެ ކުރިން ހުސްކުރާނަމޭ ރާއްޖޭން. މިފެންވަރަށް ކަންކަން ކުރެވޭ ރައީސް އަކަށް އެކަނި ކެމްޕޭން ކުރަން ދިނުން އެއީ ބަރާބަރު ނިންމުމެކޭ ބުނަން މަމެން ނެތީމު ދޯ.

  4. ޙުސަެިން

    ސަރުކާރުން ދައްކާ ވާހަކަށް ވުރެ ނަސީމް ދައްކާ ވާހަކަ ބޭރުން ގަބޫލް ކުރަނީ ސަރުކާރަށް ގޯސްތަކެއް ހެދިފަ ހުރީމަ.

  5. ޗާނާ

    ވަރަށްފުރިހަމަ ރިޕޯޓެއް..ލޯހުޅުވިއްޖެ..ޝުކުރިޔާ!

  6. ބަހުރު

    ނަވާޒް، ނެތިމޮށުމަކީ ހާދަހާ ވާ ނުބައި ކަމެކެވެ..

  7. ކެރީމާ

    މި ބުރައްމާނިކަލޭގެ ދެކޭ ހުވެފަނަކީ ކްރިސްޓިއަން ދީނާއި ރާއްޖޭގައި އެލް.ޖީ.ބީ.ޓީގެ މިނިވަންކަން އޮތުން

  8. ޤާދިރު

    މިކަހަލަ ހަރާންކޯރު ގައްދާރުންނަން ކޮންވިދާޅުވުމެއްތަ؟