ބާރުގަދަ ވެރިއެއް ހުރުމުގެ ސަބަބަން ކުރިމަތިވަމުން އައި ގެއްލުން ބަލައިނުގަނެ، ބާރުތައް ވަކި ކުރެވިފައިވާ ނިޒާމެއް ގެންނަން ދިވެހިން ނިންމީ މީގެ 13 އަހަރު ކުރިން، އޮގަސްޓް 7، 2008 ގައެވެ. ހަތަރު އަހަރު ކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އިއުލާން ކުރެއްވި އިސްލާހީ މަސައްކަތް ނިންމައި މިހާރު އަމަލު ކުރެވެމުންދާ ފެހި ގާނޫނު އަސާސީ އެމަނިކުފާނު ތަސްދީގު ކުރެއްވިއެވެ.

ނޫ ގާނޫނު އަސާސީއަށް އަމަލު ކުރަމުން ދިޔައިރު އެންމެ ގަދަ އެއް އަޑަކީ ޚުތުމުހުތާރު ވެރިކަމުގެ ނިޒާމެއްގެ ވާހަކައިގެ އަޑެވެ. ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ޖަމާ ކޮށްފައި އޮންނަ އޮތުމެވެ. ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރު އެކެއްގެ އަތުގައި މަސްހުނި ކޮށްފައި އޮތުމުން މުޅި ނިޒާމުގައި އުފެދެމުން ދިޔަ "އަނިޔާވެރި"ކަމާއި "ޚިޔާނާތްތެރި"ކަން ނިމުމަކަށް ގެނައުމުގެ ވާހަކަ އޭރު ދެއްކިއެވެ.

އެ ހުރިހާ ކަމެއް ބަދަލުކޮށް ތައްޔާރުކުރި ފެހި ގާނޫނު އަސާސީގައި އޮތީ ބާރުތައް ވަކި ކުރެވި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާ އޮނިގަނޑަކަށެވެ. ވާދަވެރި ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމެއް ތައާރަފްކޮށް، އެއް ޕާޓީ ނުވަތަ ޕާޓީތަކެއް ވެރިކަން ކުރާއިރު، ދެން ތިބި ޕާޓީތަކުން ވެރިކަން ކުރާ ޕާޓީ ނުވަތަ ޕާޓީތައް ޖަވާބުދާރީ ކުރުވާ ގޮތަށެވެ. ޕާޓީތަކުން ރައްޔިތުންނަށް ހުށަހެޅުންތަކެއް ގެނެސްދީ، ރައްޔިތުންނަށް ކަމުދާ ހުށަހެޅުންތަކަކަށް ވޯޓު ދީގެން، ވެރިކަން ކުރާނެ ބަޔަކު ކަނޑައަޅާ އުސޫލެކެވެ.

މި ގާނޫނު އަސާސީގައި 13 އަހަރު ފާއިތުވެގެން ދިޔަ އިރު، ރައްޔިތުން އޭރު އުއްމީދު ކުރި ހެޔޮ ބަދަލު ފެނިއްޖެ ހެއްޔެވެ؟ ޚުދުމުހުތާރު ސިފަތައް ނެތް، ޑިމޮކްރެޓިކް ހެޔޮ ވެރިކަމެއް ގާއިމް ކުރެވުނު ހެއްޔެވެ؟ 13 އަހަރު ފަހުން އަނެއްކާ ވެސް މި ފެންނަނީ ގާނޫނު އަސާސީގެ އިސްލާހުތަކުގެ ބަހުސް މާ ގަދައަށް ކުރާ މަންޒަރެވެ. މައްސަލަތައް ހުރީ ގާނޫނު އަސާސީގައި ހެއްޔެވެ؟

ޔަގީންވާ ކަމަކީ ރައްޔިތުން ބޭނުންވާ ކަންކަން "ޑެލިވާ" ނުކުރެވުނު ކަމެވެ. "ކޮންކްރީޓް" ތަރައްގީ ވިއްކިއަސް ރައްޔިތުން އެ ދުވަހު ވެސް އަދި މިއަދު ވެސް އެންމެ ބޭނުން ވެފައި އޮތް ކަމަކީ ގާނޫނު ހިންގުމުވެ. އިންސާފު އޮތުމެވެ. އެ ކަން ތަންފީޒު ނުވަނީއެވެ.

7 އޮގަސްޓް 2008 ގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް ގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ކޯލިޝަން ސަކަރާތްގަނޑު، އިމެއްގެ ތެރެއަށް ގެންނަން ޖެހިފައި

ފެހި ގާނޫނު އަސާސީގެ ދަށުން ތިން ސަރުކާރެއް އުފެދިއްޖެއެވެ. މިހާތަނަށް ބޭއްވުނު ތިން ރިޔާސީ އިންތިޚާބުގައި ވެސް އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ރައްޔިތުންގެ މައި އަޣުލަބިއްޔަތެއް ނުލިބެއެވެ. ގާނޫނު އަސާސީގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވެނީ ވޯޓުލީ ރައްޔިތުންގެ މަދުވެގެން 50 އިންސައްތަ ވޯޓް ހަމަކުރެވިގެންނެވެ. މި އަދަދަށް ވޯޓު ލިބެނީ އިތުރު އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންނެވެ.

މިހާތަނަށް ފެނުނީ ދާދި އެއް މަންޒަރުތަކެވެ. އެންމެ ވޯޓު ގިނަ ފަޅި ބަލިކޮށްލަން ދެން ތިބި ހުރިހާ ޕާޓީއެއް ގުޅިގެން އުފައްދާ ކޯލިޝަން އިންތިޚާބު ކާމިޔާބުކޮށް ސަރުކާރު އުފައްދަނީއެވެ. އެކަމަކު ދައުރުގެ މެދު ތެރެއިން ކޯލިޝަންގެ ބައިވެރިންގެ މެދުގައި މައްސަލަ ޖެހި، އެއް ބަޔަކު ވަކި ވެގެން ދަނީއެވެ. ނޫނީ މައި ޕާޓީން ދެން ތިބި ޕާޓީތައް ވަކިވާން މަޖުބޫރުކޮށްލަނީއެވެ. އެއާ ހަމައިން ވެރިކަމުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަން އަދި ރޫޅިގެން ނުދިޔަ ނަމަވެސް މި ސަރުކާރުގައި ވެސް ނަތީޖާތައް ނުނެރެވިގެން އުޅެނީ މައި ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ ވަޒީރުންގެ ސަބަބުން ކަމަށް ދައްކާ ވާހަކަ މައި ޕާޓީގެ އެތެރޭގައި ގަދައެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކޯލިޝަންގެ މަޝްވަރާ ވަރުގަދަކޮށް ބާއްވަން ރައީސްއާއި ޕާޓީތަކުގެ ލީޑަރުންގެ މަހަކު އެއް ފަހަރު ބައްދަލުވާން ރޭވި ރޭވުން ކުރިއަކަށް ވެސް ނުދިޔައެވެ. މަޖިލީހާއި ކައުންސިލް އިންތިޚާބުގައި ވާދަކުރީ ވެސް ޕާޓީތައް ވަކިވަކިންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނާއެކު - ފޮޓޯ: ދައުލަތުގެ މީޑިއާ

ފެހި ގާނޫނު އަސާސީގައި ފުރަތަމަ ރައީސްގެ މަގާމު ފުރުއްވި މުހައްމަދު ނަޝީދު މި ކަމަށް ދެ ހައްލެއް ދައްކަވައެވެ. އެއް ހައްލަކީ އެމަނިކުފާނު އަބަދުވެސް ވަކާލާތު ކުރައްވާ ފަދައިން ބަރުލަމާނީ ނިޒާމެއް ގެނައުމެވެ. އެއީ މުޅި ގާނޫނު އަސާސީ އަލުން އިސްލާހު ކުރަން ޖެހޭ ވިސްނުމެވެ. އަނެއް ހައްލަކީ މިހާރު އޮތް ގާނޫނު އަސާސީއާއި ރިޔާސީ ނިޒާމާއެކު ކޯލިޝަންގެ ގާނޫނެއް ވުޖޫދުކޮށް އެ "ސަކަރާތްގަނޑު" އިމެއްގެ ތެރެއަށް ގެނައުމެވެ.

"އަޅުގަނޑުމެން އެއް ޕާޓީން އަނެއް ޕާޓީން މި ކުރާ އިތުބާރުގެ މައްޗަށް ކޯލިޝަން ނުދެމެހެއްޓޭނެ، ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ދީގެން، ކޯލިޝަން ރޫޅުމުން ވެރިކަން އޮތުމާއި ނެތުން، އޭގައި ލިޔެވިގެން، މަޖިލިސް މެދުވެރިކޮށް އަމާންއޮމާންކޮށް ސަރުކާރު ބަދަލުކުރެވޭ ގޮތް ލިޔެވިގެން މި ކަން ވާނީ،" ރާއްޖޭން ބޭރުގައި ނަޝީދު އަރުވާލެވިގެން އުޅުއްވި ދުވަސްވަރު ލަންކާގައި އޮތް އެމްޑީޕީގެ ޖަލްސާއެއްގައި ނަޝީދު ވިދާޅުވެއެވެ.

މި ކަމަށް ކޯލިޝަންގެ ލީޑަރުން ވެސް އެއްބަހެވެ. ރައީސް ސޯލިހްގެ ރިޔާސީ މެނިފެސްޓޯގައި މި ވާހަކަ ލިޔެވިގެން ދިޔައެވެ. ރައީސްގެ ލެޖިސްލެޓިވް އެޖެންޑާގައި މި ގާނޫނީ އޮނިގަނޑު ލިސްޓު ކުރެވުނެވެ. އެއީ ކުރާނެ ކަމެއް ކަމުގެ ޔަގީންކަން އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ދިނެވެ. އެކަމަކު ސުޕަ މެޖޯރިޓީ މަޖިލީހުން އަދި އަދަށް ވެސް އެ މަސައްކަތެއް ނުކުރެއެވެ. ކުރުމުގެ މާ ބޮޑު ޝައުގެއް އޮތް ހެނެއް ވެސް ހީނުވެއެވެ.

ޑީއާރުޕީއާއި ޕީޕީއެމް ފަދަ ބޮޑެތި ސިޔާސީ ޕާޓީތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ އުމަރު ނަސީރު ވިދާޅުވާ ގޮތުގައި އެއީ ގާނޫނީ ހައިސިއްޔަތެއް ދޭން ޖެހޭ ކަމެއް ވެސް ނޫނެވެ. ކޯލިޝަނަކީ ވެސް ވަރަށް ބޮޑަށް ބަރުލަމާނީ ސިފައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވައެވެ. އަދި ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހެދިޔަސް، އެއީ އަމިއްލަ އެއްބަސްވުންތަކެއް ކަމަށް އުމަރު ވިދާޅުވެއެވެ. ކޯލިޝަންގެ މައްސަލައަކަށް ވުރެ އުމަރު ދެކެވަޑައިގަންނަވަނީ ނިޔަތުގެ މައްސަލަ ގޯހީއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

50 އިންސައްތަ ލާޒިމު ނުކުރުމުގެ ވިސްނުންތަކެއް

ކޯލިޝަންގެ މައްސަލައަށް ކޯލިޝަން ގާނޫނާއި ނިޒާމުގެ އިތުރުން އެހެން ވިސްނުންތަކެއް ވެސް އާދެއެވެ. ވޯޓުލެވޭ އިންތިޒާމު ބަދަލު ކުރުމުގެ ވިސްނުމެކެވެ. މިހާރު މައުޟޫއުތަކަށް މަޝްވަރާ ކުރަން އޮންނަ ހޮޅުއަށި ކަމުގައިވާ "ކްލަބް ހައުސް" ގައި ބޭއްވި އެކި ބަހުސްތަކުގައި ސިޔާސީ އެނަލިސްޓުން މި ފަދަ ބައެއް ޚިޔާލުތައް ވަނީ ހުށަހަޅުއްވައިފައެވެ. އެއިން އެއް ޚިޔާލަކީ 50 އިންސައްތަ ވޯޓުން ވެރިކަމަށް އާދެވޭ އުސޫލަށް ބަދަލެއް ގެނައުމެވެ.

މި ޚިޔާލަށް ތާއީދު ކުރައްވައި ފުރަތަމަ ވާހަކަ ދެއްކެވި އެއް ބޭފުޅަކަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވާނެއެވެ. މަހްލޫފް ވަނީ 2018 ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް މި ޚިޔާލު ހުށަހަޅުއްވައިފައެވެ. މަޖިލިސް އިންތިޚާބުގައި އަމަލު ކުރާނެ ގޮތެއް އެމްޑީޕީއަށް ނުނިމި ދިގު ދެމިގެން ދަނިކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް މި ޚިޔާލު ހުށަހެޅުއްވިއެވެ. އެއީ ފުރަތަމަ ބުރުގައި އެންމެ ވޯޓު ލިބޭ ފަރާތް ވެރިކަމަށް އާދެވޭ ގޮތަށެވެ.

"ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ ފަރާތް ވެރިކަމަށް އާދެވޭ ގޮތް ހެދުމުން މި ކޯލިޝަންގެ މުސީބާތުން އަޅުގަނޑުމެން ސަލާމަތް ވާނެ، އޭރުން އެއް ސިޔާސީ ޕާޓީއަކަށް ހަމަޖެހިލައިގެން އެ ޕާޓީގެ ވިސްނުމުގައި އިސްލާހާއި ތަރައްގީ ގެންނަން މަސައްކަތް ކުރެވޭނެ ސަރުކާރެއް އެކުލަވާލެވޭނީ، މި ކޯލިޝަން ނޫން ގޮތެއް ލިބިފައި އޭރުން އޮންނާނީ،" މަހްލޫފް ވިދާޅުވެއެވެ.

ޔޫތް މިނިސްޓަރ މަހްލޫފް ވަގުތަށް ދެއްވި ހާއްސަ ބަސްދީގަތުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ބައެއް ގައުމުތަކުގައި އަމަލު ކުރަމުންދާ "ޕްރެފެންޝަލް" ވޯޓިން ނިޒާމެއް ޚިޔާލެއް ވެސް އެބަ އުޅެއެވެ. މި ނިޒާމުގައި ވޯޓު ދޭނީ ސިޔާސީ ލީޑަރުން ރޭޓް ކޮށްގެންނެވެ. ވޯޓުލާ ކޮންމެ މީހަކަށް ކަމުދާ ތަރުތީބުން ވޯޓު ދެވޭ ގޮތަށެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، މިފަދަ ގޮތަކަށް ޖަހައިގެން ރޭޓް ކޮށްގެންނެވެ. އިންތިޚާބު ކާމިޔާބު ކުރާނީ އެންމެ ގިނަ މީހުން "އެކެއް" ގޮތުގައި ބަލައިގަންނަ ކެންޑިޑޭޓެވެ.

މެންބަރު އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނިޒާމެއްގެ ސަބަބުން ދެވަނަ ބުރަކަށް ނުގޮސް ވެރިކަން ގާއިމް ކުރެވޭނެއެވެ. އަދި ކޯލިޝަން ހެދުމުގެ ބޭނުމެއް ނޯންނާނެއެވެ. ކޯލިޝަން ތަސައްވުރު ނުކޮށް ސަރުކާރު ގާއިމް ކުރެވޭނެ އެންމެ ރަނގަޅު އެއް ފޯމިއުލާއެއްގެ ގޮތުގައި އަލީ ހުސައިނަށް ފެނިވަޑައިގަންނަވަނީ މި ގޮތެވެ.

"ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރާ ގޮތަށް އެކަނި ހަދައިފިނަމަ، އޭރުން ވެސް ހަމަ ނުރަސްމީ ކޯލިޝަންތަކެއް ނަމަވެސް އުފެދޭނެ، ފުރަތަމަ ބުރުން ކުދި ޕާޓީތަކެއް ގުޅިގެން އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކޮށްފާނެ، އޭރުން ވެސް ހަމަ އެންމެ ބޮޑަށް ހޮވޭނެ މީހާ ހުރެފައި ދެން ހުރި މީހުން ހަމަ އެ މީހާ ބަލިކޮށްލަން ކޯލިޝަން ހަދާފާނެ، އެ ޖާގަ އޮންނާނެ،" އަލީ ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން -- ފޮޓޯ: މަޖިލީސް

މި ޚިޔާލުތަކަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް އުމަރު ނަސީރު ތާއީދެއް ނުކުރައްވައެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވަރަށް ގިނަ ޒިންމާތަކާއި ބޮޑެތި ބާރުތަކެއް ރައީސަށް އޮންނަ ރިޔާސީ ނިޒާމެއްގައި އެ މަގާމު ފުރުއްވާ ބޭފުޅަކަށް 50 އިންސައްތަ ރައްޔިތުން ރުހުން އޮންނަން ޖެހޭނެއެވެ.

"އެއީ ވަރަށް ގޯސް ވިސްނުމެއް، ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވަރަށް ގިނަ ޒިންމާތަކާއި ބާރުތަކެއް ދެވޭ ގޮތަށް މި އޮންނަނީ. ފުރަތަމަ ބުރުގައި މި އޮންނަނީ ވާދަވެރިކަން. ދެވަނަ ބުރުގައި މި އޮންނަނީ 50 ޕަސެންޓް ދޭން ދެވޭ އެންޑޯޒްމަންޓްއެއް. އެ ރުހުން އެ ނުލިބި ވެރިކަމަށް އާދެވިގެން ނުވާނެ." އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު ވަގުތު އަށް އިންޓަވިއު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަލީ ހުސައިން ވެސް ވިދާޅުވީ ޕްރެންފެންޝަލް ނިޒާމެއްގެ ވިސްނުމަކީ ކޯލިޝަން ނެތި ވެރިކަމެއް ގާއިމް ކުރުމުގެ ވިސްނުމެއް ކޮންމެހެން ގެންނަނަމަ އޭނާ ހުށަހަޅުއްވާ ޚިޔާލެކެވެ. އަދި ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބޭ މީހަކު އިންތިޚާބު ކާމިޔާބު ކުރާ އުސޫލާ އޭނާ ވެސް ދެކޮޅެވެ. ޕްރެފެންޝަލް ނިޒާމެއްގެ ވިސްނުމެއްގެ ވާހަކަ ދެއްކެވީ ވެސް އެހެން ވެގެންނެވެ.

"ރައީސް ކަމަށް އަންނަ މީހާ އެއީ 50 އިންސައްތަ ވޯޓު ނުލިބޭ މީހަކަށް ވީމަ އޭނާގެ ވެރިކަމުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދާނެ ޖާގަ އަނެއްކާ ވެސް ލިބޭނެ. 40 ޕަސެންޓް ނޫނީ 30 ޕަސެންޓް ވޯޓު ލިބިގެން ވެރިކަމަށް އާދެވޭނަމަ އެއީ މައިނޯރިޓީ ވޯޓު ލައިގެން ހޮވުނު މީހަކަށް ވެދާނެ. ދެން ތިބި އެންމެނަކީ އޭނާއާ ދެކޮޅު ބަޔަކަށް ވެދާނެ. އެ ކަން ކަށަވަރު ކުރަން ދެ ބުރުގެ ވޯޓުލެވޭ ނިޒާމު މި އޮންނަނީ." އަލީ ވިދާޅުވިއެވެ.

މަސްހުނި ނިޒާމެއް، އަދުލު އިންސާފަށް ހުރަސް

ގާނޫނު އަސާސީ އެކުލަވާލުމުގެ ކުރިން ރައްޔިތުންގެ ވޯޓަކުން "މުގުރު" ޖަހާފައިވާ އެންމެ ބޮޑު ނިންމުމުގެ ބަހުސްގައި މި ފާއިތުވެގެން ދިޔަ 13 އަހަރު ވެސް ތިބެން ޖެހުނީ ތާށިވެފައެވެ. އެ ބަހުސް ހިންގަން ޖާގަ ލިބެނީ ވެސް ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާއެކު މަސްހުނި ނިޒާމެއްގައި ގާނޫނު އަސާސީ ބައްޓަން ކުރެވުމުންނެވެ. އަދި އެންމެ އަހައްމިޔަތު ކަމެއް އޮތް "އަދުލު އިންސާފު" ބާރު މުޅިން ވަކިނުވާނެ ގޮތަކަށް އޮތް އޮތުމެވެ.

ރިޔާސީ ނިޒާމުގެ އަސާސް ކަމުގައިވާ ދައުލަތުގެ ތިން ބާރު ވަކިކުރެވި، ތިން ބާރަށް ވަކި ބާބުތަކެއް ކަނޑައެޅި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. ރައްޔިތުންގެ އަޣުލަބިއްޔަތުން އިންތިޚާބު ކުރެވޭ ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަން ކުރުމުގެ ބާރު އޮތުމެވެ. ރައްޔިތުން އިންތިޚާބު ކުރާ މަންދޫބުންތަކަކަށް ގާނޫނު ހެދުމުގެ ބާރު ދެވުމެވެ. ވަކިން އިންތިޒާމު ވެގެން ހިންގާ ޝަރުއީ ކޯޓުތަކުގެ މައްޗަށް އެކުލެވޭ އަދުލު އިންސާފުގެ ބާރެކެވެ.

އެކަމަކު ރިޔާސީ ނިޒާމުގެ ވިސްނުމާ އިދިކީލަށް ރައީސްއަށް ބާރުތައް ހަނިކޮށް، މަޖިލީހަށް ގިނަ ބާރުތަކެއް ދެވިފައި އެބަ އޮތެވެ. އެންމެ ބޮޑު އެއް ކަމަކަށް ވަކިން ހިންގާ ޝަރުއީ ބާރަށް އަނެއް ދެ ބާރުގެ ނުފޫޒު ގެންދެވޭނެ ގޮތަށް، ފަނޑިޔާރުންގެ މައްސަލަތައް ބަލަން އެކުލަވާލާފައި އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން އޮތުމެވެ. އޭގެ ސަބަބުން ރިޔާސީ ނިޒާމު މުޅިން އެކުލަވާނުލެވި އޮތީއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގައި ތިއްބަވާ އެމްޑީޕީގެ ބޭފުޅުންނާއެކު ކޮމިޝަންގައި އެމްޑީޕީގެ މެޖޯރިޓީ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި ބާރުތައް ވަކި ކުރުމުގެ މަފްހޫމަކީ ދެ ނިޒާމުގައި ވެސް އޮންނަ ކަމެކެވެ. ދެ ނިޒާމުގައި ވެސް ޝަރުއީ ބާރު އޮންނަނީ ގައިމު ވެސް ވަކިކޮށްފައެވެ. ޖޭއެސްސީގެ އޮނިގަނޑު އޮތް ގޮތަކީ ރިޔާސީ ނޫނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކަށް ވެސް ފުށު އަރާ ގޮތަކަށެވެ. ރައްޔިތުންގެ ނިންމުން ކަމުގައިވާ ރިޔާސީ ނިޒާމު ގެންނަން ޖޭއެސްސީ އިސްލާހު ކުރަން ޖެހޭނެއެވެ.

"މި ޖޭއެސްސީ ބަދަލުނުކޮށްފިއްޔާ، ވަކި ރިޔާސީ ވެރިކަމެއް ވެސް، ބަރުލަމާނީ ވެރިކަމެއް ވެސް ނޯންނާނެ، އޮންނާނީ ގޮތަށް ޚުދުމުހުތާރު ވެރިކަމެއް، މިހާރު މި ފެންނަނީ ވެސް ޚުދުމުހުތާރު ވެރިކަމެއް ތަންފީޒުވާ ތަން ވެސް، ޖޭއެސްސީ ބަދަލުކޮށްގެން މި ގާނޫނު އަސާސީގެ ބޭނުން ކުރެވިގެން ދާނީ،" ފަނޑިޔާރު ކަން ވެސް ކުރައްވާފައިވ ާޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އަހްމަދު މަމްދޫހް

މި ގާނޫނު އަސާސީ އެކުލަވާލަމުން ދިޔައިރު ބަންޑާރަ ނައިބުގެ މަގާމުގައި ފުރަތަމަ ހުންނެވި ޑރ. ހަސަން ސައީދު ވިދާޅުވާ ގޮތުން ނަމަ، ފެހި ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށުނީ ވެސް ސިޔާސީ ލީޑަރުންގެ ހެޔޮ ނިޔަތެއް ނެތިއެވެ. ދިގު ރާސްތާއަށް ވިސްނައިގެން ރައްޔިތުންނަށް ރަނގަޅު ގާނޫނު އަސާސީއެއް ގެނައުމަށް ވުރެ، ވިސްނުމުގައި ބޮޑަށް އޮތީ ރައީސްގެ ބާރުތައް ހަނިކުރުމަށެވެ. ނިޔަތަކީ ރައީސް މައުމޫނަށް ބާރުތައް ނުދިނުމެވެ. އެމަނިކުފާނު ފިޔަވައި އެހެން ބޭފުޅަކު ވެރިކަމަށް އައިސްދާނެ ވިސްނުމެއް ވެސް ނެތީއެވެ.

އިސްލާހުތަކުގެ ބަހުސަށް ނިންމުން ނާންނަނީ ވެސް އެހެންވެގެން ކަމަށް ވެދާނެއެވެ. އޭރު ވެސް ގިނަ ސިޔާސީ ލީޑަރުންގެ ހެޔޮ ނިޔަތެއް ނެތީއެވެ. މިއަދު ވެސް އެ ލީޑަރުންގެ ހެޔޮ ނިޔަތެއް ނެތީއެވެ. ދިގު ރާސްތާއަކަށް ވިސްނައިގެން، ބަހުސްތަކެއް ކޮށްގެން ރަނގަޅު އިސްލާހުތަކެއް ގެނެސްގެން ހެޔޮ ވެރިކަމެއް ތަންފީޒު ކޮށްދިނުމަށް ވުރެ، ދައުލަތުގެ ބާރުތައް ވަކި ބަޔެއްގެ މުށު ތެރޭ ބާއްވަން ކުރާ މަސައްކަތަށް ސަމާލު ކަން ބާއްވަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސ

    ފެހި ޤާނޫނު އަސާސީގެ މުހިންމު ބަޔެއް ބައިތަ
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ޤާނޫނުގެ މަސްދަރަކީވެސް އިސްލާމް ދީން އިސްލާމް ދީނާއި ހިލާފް ޤާނޫނުތަށް ހަދައިގެން ނުވާނެ
    2/ ދިވެހިން ނަކީ މުސްލިމުން
    3/ ދިވެހި ދައުލަތަކީ މުސްތަޤިއްލު މިނިވަސް އިސްލާމީ ޤައުމެއް
    4/ ދިވެހިންގެ ބަހަކީ ދިވެހިބަސް
    5/ އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ކޮންމެ ކަމެއްވެސް ކުރުމުގެ ހައްޤު ރައްޔިތުންނަށް ލިބިގެންވޭ
    6/ ދިވެހި ދައުލަށް ހިންގާނީ ކޮންމެ 5 އަހަރަކުން ރައްޔިތުންގެ ސިއްރު ވޯޓުން ހޮވާ ރައީސަކު ހުރެގެން
    7/ ކޮންމެ 5 އަހަރަކުން ރައްޔިތުން ހޮވާ މަޖިލިސްކުރާ މެމްބަރުން ތިބޭނެ މަޖިލިސް ކުރާ ގެއިން ޤާނޫނު ހެދުމާއި ސަރުކާރު ޒިންމާދާރު ކުރުވާނެ
    8/ ޢަދުލު އިންސާފު ޤާއިމް ކުރަން 3 މަރުހަލާގެ މައްޗަށް އެކުލެވޭ ޝަރުޢީ ނިޒާމެއް އޮންނާނެ ޝަރުޢީ ނިޒާމްގެ އިސްވެރިޔަކީ އުއްތަމަ ފަޑިޔާރު، އަދުއިންސާފަށް ވާސިލް ވާނީ 3 މަރުހަލާގެ ޝަރުޢީ ކޯޓްތަށް މެދުވެރިކޮށް !

  2. .......

    13 އެއްނޫން ކޮއްކޯ...1300 އަހަރުވިޔަސް އިސްލާހު ކުރުމުގަ ތިބެންޖެހޭނީ...މީ އަލަށް އިންސާނުން ދުނިޔޭގަ އުޅެންފެށީކީ ނޫން...އަމިއްލައަށް ގާނޫނުތައް ހަދާ އުޅެން އުޅެ ނޫޅެވުނު ޒަމާން ފަސްދީ ދިޔަތާ ކިތެންމެ ދުވަހެއް...އިހުޒަމާނުގެ ޖާހިލިއްޔަ ގޮތްތައް ޖަރީ ކޮށްގެން ގެނަޔަސް ޖެހޭނީ ކުރިންވެސް ޖެހުނުތާ...އަދުލާ އިންސާފް ގާއިމްވެ ސުލްހަ މުޖުތަމައުއެއް އެދޭނަމަ އަމިއްލައަށް ގަނޫނު ހެދުން ހުއްޓާލަން ޖެހޭކަން ވަރަށް ސާފުކޮށް ތާރީހުން ފެންނަން އެހެރީ...ޖާހިލުންނަށް ޖާހިލިއްޔަގޮތް ރީތިވެފަ ފުރިހަމަވަނީ ޖާހިލުކަމުގެ ސަބަބުން އިސްކުރެވޭ އަމިއްލަ އެދުމަށްޓަކައި...އެބައިމީހުން ބުނާނެ ތިމަންނަމެން މިއުޅެނީ އިސްލާހު ކުރާށޭ...އެކަމަކު ކުރާނީ ފިތުނަ...އެމީހުން ގަބޫލު ކުރާ އިސްލާހަކީ އެމީހުންނަށް އަޅިވެތިވެ ތިބުން...ދުނިޔޭގެ ހުރިހާ ބާރަކާއި މުދަލެއް އެއީ އެމީހުންގެ ހައްގެއް...އެހެން މީހުން މަސައްކަތްކޮށްފަވެސް ލިވޭ އެއްޗެއް ދޭންވާނީ އެމީހުންނަށް...އެއީ އިންސާފު...އެއީ އަދުލު...އެއީ ހައްގު މިންވަރު

  3. އަބްދޫ

    ގާނޫނުއަސާސީ ވުޖޫދުވެ ފުރަތަމަ އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރިއިރު.ގާނޫނުއަސާސީގަ ބުނާ އިންތިގާލީ 2އަހަރުތެރޭ އިސްލާހުގެންނަން ކަނޑައެޅިފައިވާ ގާނޫނުތަކުން ބަދަލު ގެނެސް ދީފައެއް ނުވޭ. ހިންގުމުގެ ނިޒާމް ބަދަލު ކުރުމުގެ ބަދަލުގަ އެމްޑީޕޏް މަސައްކަތް ކޮށްފަ ވަނީ ދަރަނިނެގުމާ ހަރުމުދާ ވިއްކުމާ ދަވްލަތ ބަގުރޫޓް ކުރުމުގެ މައްޗަށް، އެހެންވެ ގައުމު ގެ ދުވަސަ ދިޔައީ މިހާތަނަށް ކަންކަން ރަނގަޅު ނުވީ.