ޖޭއެސްސީގައި ދާދި ފަހުން އޮތީ ތިން ގާޒީންނަކާއި މަޝްވަރާކޮށް ބައެއް ކަންކަން ރޭވުމެވެ. އެއްވެސް ހާލަތެއްގައި އެއީ ފަނޑިޔާރުގެ ކުރިއަރުވަން ފަށައިގެން އުޅޭ މަޝްވަރާއެއް ނޫނެވެ. މި ގާޒީންގެ އަޑު އިވޭ އޯޑިއޯތަކެއް ލީކުވެ، އޭގައި ޝަރީއަތެއް ވަކި ގޮތަކަށް ގެންދަން ނުފޫޒު ފޯރުވައިގެން އުޅޭ ވާހަކަތަކެއް ހިމެނިގެން އެ ކަމެއް ސާފު ކުރީއެވެ. ގާޒީންގެ އަޑުތަކުގެ ސާމްޕަލް ވެސް ނަގައި ފުލުހަށް ވެސް ފޮނުވީއެވެ.

ލީކުވެގެން އުޅޭ އޯޑިއޯތަކުގައި އިވެނީ ވަރަށް ވެސް ސީރިއަސް ވާހަކަތަކެވެ. އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ވަކި ގޮތަކަށް ބައްޓަން ކުރި ކަމުގެ ވާހަކައެވެ. ވަކިގޮތަކަށް ހުކުމް ކުރަން ގާޒީން "ރަހީނު ކުރި" ވާހަކައެވެ. ފަސް ގާޒީންގެ ބެންޗުގެ ހުކުމުގައި އޮތް އެއްޗެއް އެއިން ބައެއް ގާޒީންނަށް ނޭނގޭ ވާހަކައެވެ. ބެންޗުގައި އިންނެވުމުން މަގާމުގެ ކުރިއެރުންތަކެއް ދެވޭ ވާހަކައެވެ.

ތިން ގާޒީންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިގެން އަންނައިރު، ފަނޑިޔާރުގޭގެ ކަންކަމަށް ފާރަވެރިވާން އޮތް ޖޭއެސްސީ މެދުވެރިކޮށް ހިނގާ ތަހުގީގާ މެދު އާންމުންގެ ގިނަ ބަޔަކު ސުވާލު އެބަ އުފައްދައެވެ. އެ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ މުއައްސަސާއަށް ފޮނުވާފައިވާ ސާމްޕަލްތައް ތަހުލީލުކޮށް އޭގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ދެވޭނެ ކަމުގެ ޔަގީން ކަމެއް ނެތީއެވެ.

ފަނޑިޔާރުގޭގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފައްދަނީ އެ ޖާގަ ދޭތީއެވެ. ފުލުހުންނަށް އިތުބާރު ނުކުރެވެނީ، އަބަދުވެސް އެ ނޫން ގޮތަކަށް އަމަލުތައް ނުހިނގާތީއެވެ. މީގެ ކުރީގައި ފަނޑިޔާރު އަލީ ހަމީދުގެ "އަޚްލާގީ ފެންވަރު" ދަށް ވީޑިއޯއެއް އާންމުވެގެން އެއީ ފަނޑިޔާރު ކަމެއް އެނގޭ ގޮތެއް ނުވިއެވެ. އެކަމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފެރެންސްތައް ހަނދާނަށް އާދެއެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތަކާ ގުޅިގެން ގާޒީން ދުރުވެގެން އައި ގޮތް ވެސް ހަނދުމަވެއެވެ.

ޖިނާއީ ކަމެއް، ޖޭއެސްސީ ވަންނަން ޖެހޭތަ؟

ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި، ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއަކާއި، ގާޒީ ހުސައިން ފާއިޒް ރަޝީދުގެ އޯޑިއޯއެއް އާންމުވެގެން ޖޭއެސްސީން މި މައްސަލަ ތަހުގީގު ކުރަން ފެށިއިރު، އޯޑިއޯތަކުގައި އިވެނީ ސުލޫކީ މައްސަލައަކަށް ވުރެ ބޮޑު ކަމެކެވެ. އަމާޒުވާ ތުހުމަތުތަކަކީ ޖިނާއީ މައްސަލަތަކެކެވެ. ޖޭއެސްސީގެ މަސްއޫލިއްޔަތުގައި ވަނީ ސުލޫކީ ކަންކަމެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ގަބޫލު ކުރައްވާ ގޮތުގައި ޖިނާއީ ތަހުގީގެއް ހިންގާން ވާނީ ފުރަތަމަ ވެސް ފުލުހަށް ހުށަހަޅައިގެންނެވެ. އެކަމަކު ތަހުގީގުގެ ވަކި ކަމެއް ކުރަން ފުލުހަށް ހުށަހެޅުމުން، އެ ތަހުގީގު ބޭނުން ގޮތަކަށް އަނބުރާލަން ޖޭއެސްސީއަށް ފުރުސަތު އެބަ އޮތެވެ. އެއީ އޮވެގެން ވާނެ ގޮތެއް ނޫނެވެ.

"ޖުޑިޝަރީން މި ވަންނަނީ ވަންނަން ނުވާނެ ކަމަކަށް، ޓްރާންސްޕޭރެންޓްކޮށް ގެންދާނަމަ ފުރަތަމަ ވެސް ޖިނާއީ ތަހުގީގެއް ކުރަން ފުލުހުންނަށް ފުރުސަތު ދޭނެ، ޖުޑިޝަރީން މި އަންގަނީ ފުލުހުން ކުރަންވީ ވަކި ކަމެއް، މި އުޅެނީ ޖުޑިޝަރީން ބޭނުންވާ ރިޒަލްޓެއް އަނެއްކާ ވެސް މިއިން ނެރެން ވެގެން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އުމަރު -- ފޮޓޯ: މަޖިލީސް

ޔާމީންގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ވެސް ކަންބޮޑުވުން އެބަ އޮތެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރީގައި ވެސް ފުލުހުންގެ ތެރެއިން "އިސް ބަޔަކު" މެދުވެރިވެގެން ޔާމީންގެ މައްޗަށް "ސާފުނުވާ" ދައުވާތަކެއް އުފުލިއިރު، ދެން ވެސް ޖޭއެސްސީއާއި ފުލުހުން ގުޅިގެން ކުރާ ކަމެއްގައި އިންސާފެއް "ނުފެންނާނެ" އެވެ.

"މީގެ ކުރިން ވެސް ޖޭއެސްސީއިން ފޮނުވައިގެން، ފުލުހުންގެ ތެރެއިން ވެސް ވަކި ބަޔަކު މެދުވެރިވެގެން، މުޅި ފުލުސް މުއައްސަސާއެއް ނޫން، ވަކި ބަޔަކު މެދުވެރިވެގެން ރައީސް ޔާމީންގެ މައްޗަށް މި ދައުވާތަކެއް އުފުލައިގެން މި އުޅެނީ ވެސް، ދެން ހަމަ އެ މަރުހަލާއަކުން ހިނގާ ކަމެއްގައި ވަކި އިންސާފެއް އޮވެދާނެ ކަމަކަށް ނުދެކެން،" ޖަމީލް ވިދާޅުވިއެވެ.

ޖޭއެސްސީގެ މެމްބަރުންތަކެއް. --- ފޮޓޯ: ރާއްޖެއެމްވީ
ޖޭއެސްސީގެ މެމްބަރުންތަކެއް. --- ފޮޓޯ: ރާއްޖެއެމްވީ

ގާޒީން އަދިވެސް މަގާމުގައި، މި ތަފާތު ކުރުމެއް

މިފަދަ އެހެން ބައެއް މައްސަލަތަކުގައި ޖޭއެސްސީން ވަރަށް އަވަސް ފިޔަވަޅުތަކެއް ފެނިގެން ދިޔައެވެ. ފޮޓޯއާއި، ވީޑިއޯއާއި، ޗެޓްލޮގް ފަދަ ޑިޖިޓަލް ހެކިތައް މެދުވެރިވެގެން މީގެ ކުރިން ގާޒީއަކަށް ތުހުމަތުތައް އަމާޒުވުމުން، އެ ފަށާ ތަހުގީގެއް ނިމެންދެން އެ ގާޒީއަކު މަގާމުން އެކަހެރި ކުރެއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިފަދަ އުސޫލެއް މި އޮންނަނީ ތަހުގީގަށް އެ ގާޒީންގެ ނުފޫޒުން އެއްކިބާވާ ކަމުގެ ޔަގީން ކަން ދިނުމަށެވެ.

އޯޑިއޯތަކާ އެކު މި ތިން ގާޒީންނަށް ވެސް ސީރިއަސް ތުހުމަތަކެއް ދަނީ އަމާޒުވަމުންނެވެ. އެކަމަކު މި ތިން ގާޒީން އަދިވެސް ތިއްބެވީ މަގާމުގައެވެ. ތަހުގީގަށް ނުފޫޒު ވެސް ފޯރުވިދާނެ ހާލަތެއްގައެވެ. ސީރިއަސް ތުހުމަތެއް ކުރެވިފައި އޮތް އިރު، އަނެއްކާ ވެސް އެހެން ޝަރީއަތްތައް ހިންގޭނެ ހާލަތެއްގައެވެ. މަގާމުން ސަސްޕެންޑް ނުކުރާ ސަބަބެއް ހަމަ ނޭނގެއެވެ.

ފަނޑިޔާރު ކަން ވެސް ކުރެއްވި ޖަމީލް ގަބޫލު ކުރައްވާ ގޮތުގައި މިއީ ތަފާތު ކުރުމެކެވެ. އޭނާގެ ނުކުތާ ސާބިތުކޮށްދޭން މިސާލަކަށް ދެއްކެވީ ވެސް، ޔާމީންގެ ޝަރީއަތް ފުރަތަމަ ހިންގެވި އަހްމަދު ހައިލަމްއާ މެދު އަމަލު ކުރެވުނު ގޮތެވެ. ވައިބާ ގްރޫޕަކަށް ފޮނުވުނު ފޮޓޯއެއްގެ މައްސަލައެއްގައި ލަސްތަކެއް ނުވެ ހައިލަމް ސަސްޕެންޑް ކުރިއެވެ. އެ ކަން ކުރީ ވެސް ހުކުމް ކުރަން އޮތް ޝަރީއަތުގެ ކުޑަ ވަގުތުކޮޅެއް ކުރީންނެވެ.

"ބައްލަވާ ހައިލަމްއަށް ހެދި ގޮތް، ވައިބާ ގްރޫޕަކަށް އޮޅިގެން ފޮނުވި ފޮޓޯއަކާ ގުޅިގެން، އޭގެ ސްކްރީން ޝޮޓްއެއް ފެނިގެން ހަމަ މަގާމުން ސަސްޕެންޑް ކޮށްލީ، އެކަމަކު މި ގާޒީން އަމިއްލަ ދުލުން ނުފޫޒު އައި ކަން، އޭގައި ޖެހުނު ކަން، އިއުތިރާފްވެ އެ ގާޒީންގެ އަޑުން ވިދާޅުވާ އަޑު އިވޭ އޯޑިއޯތަކެއްގެ ކަމެއްގައި ސަސްޕެންޑްއެއް ނުކުރޭ،" ޖަމީލް ވިދާޅުވިއެވެ.

‍ޑރ. ޖަމީލް ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އަހްމަދު މަމްދޫހް

މައްސަލަ ބަލަނީ އެމްޑީޕީގެ ހަރުގެއަކުން

ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންނަވައެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އިންނަވައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އިންނަވައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނަސީހްއަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހުން ރުހުން ލިބިގެން މަގާމަށް އައި ބޭފުޅުންނެވެ.

އެމްޑީޕީގެ ބޭފުޅުންނާއެކު ޖޭއެސްސީގައި އެމްޑީޕީގެ މެޖޯރިޓީ

އަބަދުވެސް ޖޭއެސްސީގެ އެކުލެވުމަށް ކަންބޮޑުވުން ފާޅުކުރައްވާ ޖަމީލް ވިދާޅުވީ އެ ކޮމިޝަންގައި ތިއްބެވީ ޔާމީންގެ ސިޔާސީ ވާދަވެރިންނެވެ. ޔާމީންގެ "ހަތުރުން" މިފަދަ މައްސަލައެއް އިންސާފުވެރިކަމާ އެކު ބަލާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އިތުރު ކަމަކަށް ފާހަގަ ކުރެއްވީ ވެސް ޖޭއެސްސީގައި ތިއްބެވީ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅުން ކަމުގައެވެ.

"ޖޭއެސްސީ މެދުވެރިވެގެން ރައީސް ޔާމީންގެ ޝަރީއަތުގެ ބެންޗު ކަނޑައެޅީ، ފުރަތަމަ ގާޒީ ވަކިކުރީ، ބެންޗުގެ ގާޒީންނަށް ކުރިއެރުން ދިނީ، އެ ބޭފުޅުން އެ މައްސަލަ ތަހުގީގު ކުރުމަކީ މައްސަލަ ފަސް އަޅައި އޮއްބާލުން، މި ޖޭއެސްސީއަކީ އެމްޑީޕީގެ ހަރުގެއެއް، މިއިން ލިބޭނެ އިންސާފެއް ވެސް ނޯންނާނެ،" ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވެސް ވިދާޅުވީ މި ވާހަކައެވެ. އެމްޑީޕީގެ ބޭފުޅުން ތިއްބެވި ޖޭއެސްސީން ފުރަތަމަ ވެސް ތަހުގީގުގައި ބައިވެރިވީ ވަކި ނަތީޖާއެއް ނެރުމުގެ މަގްސަދުގައެވެ. ދިވެހި ފުލުހުންނަށް ތަހުލީލު ކުރަން ދިނުން ވެސް ތާއީދެއް ނުކުރައްވައެވެ. ޝަރީފް އެދިވަޑައިގަންނަވަނީ ބޭރުގެ ތަހުގީގީ މާހިރުންނަށް އެ ކަން ހަވާލު ކުރުމަށެވެ.

"މާ ބޮޑު އުއްމީދު ކުރެވޭ ވަރުގެ ނަތީޖާއެއް މަޖިލީހަކުން ވެސް ނުފެންނާނެ، ޖޭއެސްސީން އަމުދުން ނުފެންނާނެ، މިއީ ކުޅޭ ޑްރާމާއެއް، ޖުޑިޝަރީން ބޭނުންވާ ރިޒަލްޓެއް ރައްޔިތުން ކުރިމަތީގައި ބަހައްޓާނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖޭއެސްސީގައި މި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން މި ކޮމިޝަން ސިފަ ކުރަނީ ވެސް "އެމްޑީޕީ ހަރުގެ" އެއްގޮތުގައެވެ. އެހެންވެގެން ރައީސް ޔާމީންއާ ގުޅުން ހުރި މައްސަލައެއް އިންސާފުން ބެލޭނެ ކަމަށް އިތުބާރެއް ކުރެވެން ނެތީއެވެ. އިންސާފުން ގޮސްދާނެ ކަމުގެ ޔަގީން ކަން ނެތީ ވަކި ޔާމީންގެ ސަޕޯޓަރުންނަކަށް ނޫނެވެ. ދިވެހިންގެ ގިނަ ބަޔަކު ދެކެނީ ޖޭއެސްސީގެ އެކުލެވުން ހަމަ ގޯސް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އެއްވެސް ޕާޓީ މީހެއް ނޫން

  ތިޔަކަން ޖޭއެސްސީން އަދި ފުލުހުންނަށްވެސް އިންސާފުވެރިކަމާއެކު ބެލޭނެކަމަކަށް ނުބެލެވޭ.. ފުލުހުންނަކަށް އިތުބާރެއް ނެތް... ޖޭއެސްސީއެކޭ އެމްޑީޕީ ހަރުގެއެކޭ ތަފާތެއް ނެތް ކަމަށް ބުނާ ވާހަކަ ޤަބޫލުކުރެވޭ. #ބޭން ހިސާނު ބިލް #ބޭން ލާދީނީ ބިލް #އިންޑިޔާ އައުޓް

  12
  2
 2. ސާރާ

  މިއަދު ދޮގުހަދައިގެން ޗެލިދާނެއެވެ. ޢަދުލުގެ ނިޒާމު މިފެންވަރަށް ވެއްޓުނީމާ ފަނޑިޔާރުން މާތްﷲ ގެ ކޯފާއަށް ބިރުވެތިވާށެވެ.

  17
 3. ނަޒީ

  ދޮގުހަދައިގެން މިދުނިޔެމަތީގައި ޙިމާޔަތްހޯދިޔަސް ﷲ ގެ ޙަޟުރަތުގައި ނުބެޗެވޭނޭކަން ދަންނާށެވެ! އެ އޯޑިޔޯތަކަކީ މި ތިން ބޭފުޅުންގެ އޯޑިޔޯކަން ވަރަށް ސާފެވެ.

  12
 4. އަނި

  ޔާރަބިކަލާކޯ މިސަރުކާރަކުން ތިކަމެއް ނުވާނެތް ފުލުހުންވެސް ބުނާނީ ޖޭއެސްސީ ބުނުވިބަސް ނިކަން ބަލާއްޗޭ.

 5. ކާފަބޭ2020

  ކުރިއަށްވުރެވެސްބޮޑުކޮށް ބޯކޮށްއިންސާފުކޯދުލާއަރާނެ! ބަޔަކަށްއިންސާފުހޯދަދެވޭނީ " ޖިގްރީދޯސްތަށް " އިންސާފު ހޯދާދެވިގެންނޫންތޯ؟ އަމިއްލަޔަށްއަރުވާލެވިގެންއެހުންނަނީ އިންސާފުބޯކޮށްހޯދަދޭންމަސައްކަތްކުރާވަރުން ކައިރި ނުވެފައެވެ. ޢެފަދަބަޔަކަށްއިންސާފުހޯދަދެވޭނެކަމަށްދެކޭނީ ހެވިލާފަގޮސް އަލިފާނަށްއެރެންވެސްއެރޭވަރުބަޔަކަށެވެ. ބޯކޮށްތިޔަހޯދަދޭއިންސާފަށް ސަލާމް😆😆😆😆😆😆😆

 6. ގލޅ

  ޖޭ އެސް ސީން ހިންގާ ތަހްގީގަކީ މޑޕ ޖަގަހަ އަކުން
  ހިންގާ ކަމެކެވެ އެ މުއައްސަސާ އޮތީ ރަސްމީ ސިފަ ގެއްލި އަމިއްލަ މީހެއްގެ ކޮންޓްރޯލްގައެވެ އެހެންވީމާ
  އެތަން އިސްލާހް ނުކޮށް ތަހްގީގުތައް ހިންގިއަ ނުދިނުމަށް
  ސަރުކާރަށް ގޮވާލަމެވެ އެންމެފުރަތަމަ ފިޔަފަޅެއްގެ ގޮތުން
  ނަސީދު އެތަނުން ބޭރުކުރަން ޖެހެއެވެ.

  10
  1
 7. ހުސޭނުބޭ

  ތިން ގާޒީންނާއި ޖޭއެސްސީ މެމްބަރުން އެމީހުންގެ މަގާމުގައި ބަގުޑިބައްދައިގެން ދޫނުކުރަން އުންކާރުދެނީ! އިންސާފުވެރިވާނެވަރު ވިސްނާލާ!

  9
  1
 8. ހުސެން

  3 ގާޒީން ވެސް ސަސްޕެންޑު ކުރެވޭނެ ހެން ހީވަނީ..

  8
  1
 9. ޓަކިބެ

  ނުވާނެ އިންސާފުވެރިއެއް. ދުރާލާ ރޭވިގެން ކުރަމުން އަންނަކަމެއް މިއީ.

 10. އަބްދޫ

  3 ގާޒީންގެ މައްސަލަ ބަލަން އުޅެނީ 3 ގާޒީންލައްވާ އެކަން ކުރުވި މީހާ ދެންވާނީ ކިހިނެތް.؟