ފެހި ގާނޫނުއަސާސީގައި މުޒާހަރާ ކުރުމާއި، އިހްތިޖާޖް ކުރުމާއި، ހަޅުތާލު ކުރުމާއި، މަދަނީ ބަސް ނޭހުމުގެ ހައްގުތައް ދިން ފަހުން، ގިނަ މުޒާހަރާތަކެއް ކޮށްފައި އޮތީ ވެސް ހަމަ އިންސާފު ނުލިބެގެނެވެ. ސިޔާސީ ޕާޓީއަކަށް ވިޔަސް، ޖަމިއްޔާއަކަށް ވިޔަސް މި ކަމުގައި މުޒާހަރާ ކޮށްފައިވެއެވެ.

"އިންސާފުގެ ދަތުރު" ގައި ބަޔަކު ނުކުމެ އެ ބަޔެއްގެ ވެރިކަން ގާއިމްވި ފަހުން "އިންސާފު ހޯދަން" ވެސް ބަޔަކު މަގުމައްޗަށް ނުކުތީއެވެ. އެހެންވިޔަސް "ސުލްހަވެރި ސިޔާސީ ހަރަކާތް" ނަމުގައި ބާއްވާ އެއްވުންތަކާއި މުޒާހަރަކާތަކުގައި އާންމުންނާއި ފުލުހުންގެ ކުރިމަތިލުން އެއީ ވަރަށް އާންމު މަންޒަރަކަށް ވެފައި އޮވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ ފިޔަވަޅުތައް ހަރުކަށި ކޮށްލި ދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބޭއްވި "ކުދި އެއްވުންތައް" ފިޔަވައި މަގުމަތީ ހަރަކާތެއް ނުފެނެއެވެ. ގިނަ ޕާޓީތައް ވެސް ނިންމައިގެން ތިބީ ހަރަކާތްތައް ނުބާއްވާށެވެ. ފަހުން އައިސް އިދިކޮޅު ފަރާތްތަކުން ހަރަކާތްތައް މާ ބޮޑަށް ނުބާއްވައި ތިއްބެވެ. އިއްޔެއަކީ ފިޔަވަޅުތަކަށް ލުއިދިން ފަހުން މަގުމައްޗަށް ނުކުމެ "ރެލީ" އެއް ބޭއްވި ދުވަހެވެ. ކުރިން ފެނުނު "ކުދި އެއްވުންތަކުގައި" ވެސް ފެންނަ ކުރިމަތިލުމެއް ނުފެނުނެވެ. ދޫ ދިނުމާއި، ފުލުހުންނަށް ވެސް އިޚްތިރާމް ކުރުމުގެ ވިސްނުމެއް ފެނިގެން ދިޔައެވެ.

ފުލުހުން ތިބީ ޕީޕީއެމް އޮފީސް ހުރި ބޮޑުތަކުރުފާނު މަގުގެ ބައި އެއްކޮށް ބަންދުކޮށްގެންނެވެ. ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ފުލުހުން ބެރިކޭޑް ޖަހައިގެން ތިބިއިރު، މަގުގެ އަނެއް ކޮޅު ކަމުގައިވާ ރާޅުގަނޑު ސަރަހައްދު ކައިރީ ވެސް ބެރިކޭޑް ޖަހައިގެން ތިއްބެވެ. ޕީޕީއެމް އޮފީހުން ފެށިގެން ހިނގަމުން އިހްތިޖާޖްގެ ބައިވެރިން ފެރީ ޓާމިނަލްއާ ހަމައަށް ދިޔައެވެ. އޭރު ބެރިކޭޑްގެ އެކޮޅުން އެސްއޯ ފުލުހުން ވެސް ނުކުމެ ތިއްބެވެ. ފުލުހުންގެ ވޭންތައް ވެސް އެ ސަރަހައްދުގައި ބަހައްޓާފައިވެއެވެ.

އިދިކޮޅުން އެއްވުން ބޭއްވި ވަގުތު އެސްއޯ ފުލުހުން މަގުމަތީގައި

މުޒާހަރާ ކަވަރު ކުރަމުން ދިޔަ ނޫސްވެރިޔެއްގެ ހައިސިއްޔަތުން ޕީޕީއެމްއާއި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ކައިރީ މަޑުކޮށްލާ ސުވާލު ކޮށްލީމެވެ. ކުރިން އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި ވެސް ފުލުހުންގެ ސަފުތައް ރޫޅާލި މަންޒަރު ވެސް ފެނިފައި ހުރި ކަން ފާހަގަކޮށް ސުވާލުކޮށްލީ އެ ދުވަހު ވެސް ފުލުހުންގެ ސަފުތައް ރޫޅާލަންތޯއެވެ. އަދުރޭ ދެއްވީ ސީދާ ޖަވާބެކެވެ؛ ފުލުހުންގެ ސަފުތައް ރޫޅާލުމުގެ ވިސްނުމެއް ނެތެވެ. އިންސާފު ހޯދަން އިހްތިޖާޖް ކުރަން ނުކުތް ބަޔަކު ހިންގަން ޖެހޭނީ ސުލްހަވެރި ހަރަކާތެއް ކަމުގައެވެ.

އިދިިކޮޅު އެއްވުމުގައި ވަގުތީ ލީޑަރު އަދުރޭ ވާހަކަ ދައްކަވަނީ

އެހެން ވިޔަސް، މާޒީގައި ފެނިފައި ހުރި މަންޒަރުތައް ވެސް ސިކުނޑީގައި އެނބުރެން ފެށީމަ ބެރިކޭޑް ކައިރީގައި މަޑުކޮށްލެވިއްޖެއެވެ. މުޒާހަރާ ކަވަރު ކުރަން ނުކުމެ އުޅުނު ބައެއް އެހެން ނޫސްވެރިންނާއި ފޮޓޯގްރާފަރުން ވެސް ތިބީ ގާތްގަނޑަކަށް އެ ތަނަށް ނަޒަރު ހިންގައިގެން ކަން ފާހަގަކޮށްލެވުނެވެ. ކުރިން ވެސް ފެނި ތަޖުރިބާ ކުރި ކަންކަން ހިނގައިދާނެތީ އެ ކަމަށް ސަމާލުވެ ރިޕޯޓް ކުރަން ތިބި ފަދަ ގޮތަކަށެވެ.

މާ ގިނަ އިރުތަކެއް ނުވެ، ބެރިކޭޑްގެ އެކޮޅުގައި ތިބި އެސްއޯ ފުލުހުންގެ ތެރެއިން ބަޔަކު "ވާހަކަ ދައްކަން ވެގެން" އިހްތިޖާޖްގެ ބައިވެރިން ތިބި ސަރަހައްދުގެ ތެރެއަށް ވަދެއްޖެއެވެ. ދެން ވީ ގޮތެއް މާ ބޮޑަށް ސާފު ނުވިޔަސް ފެނުނީ ކޮންމެ ވެސް ވަރަކަށް އިހްތިޖާޖްގެ ބައިވެރިވިން ރުޅިގަދަވި މަންޒަރެވެ. އެއް ބަޔަކު ބެރިކޭޑްތައް އުކާލާފައި އޭގެ އެކޮޅަށް ދާން ވެސް މަސައްކަތް ކުރިއެވެ. ސަޕޯޓަރުން "ޖަޒުބާތުގައި" ޖެހުނު އެ ވަގުތު ހަމައަކަށް އަޅުވައިދޭން ލީޑާޝިޕްގެ ހުރިހާ ބޭފުޅުންހެން ސަޕޯޓަރުން ދުރަށް ޖައްސަން ފެށިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން "ޢިންސާފު ހޯދަން" ނަމުގައި ބޭއްވި އެއްވުން

ސަޕޯޓަރުން ހަމައަކަށް އެޅުވުމަށް ފަހު، އެ މީހުންނާއެކު އިސް ހަރަކާތްތެރިން ދިޔައީ ކާނިވާ ސަރަހައްދަށެވެ. ކާނިވާ ސަރަހައްދުގައި ހިނދުކޮޅެއްގައި ތިބުމަށް ފަހު އަނބުރާލާފައި ޕާޓީ އޮފީހާ ދިމާއަށް މިސްރާބު ޖެހިއެވެ. އެ ސަރަހައްދުގައި އެ މީހުންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވެސް ހުންނެވިއެވެ. ޖަލު ހުކުމެއް އިއްވާފައިވާ އަދި ގޭބަންދުގައި ހުންނެވި އެ ލީޑަރު ކުޑަދޮރުން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާ އަޅުވާލެއްވިއެވެ. ލީޑާޝިޕުން އެމަނިކުފާނުގެ އަތްޕުޅަށް ޕީޕީއެމްގެ ދިދައާއި ގައުމީ ދިދަ ދެއްވުމުން ދިދަތައް ވިހުރުވާލިއެވެ. އަދި ހިތްވަރު ކުރަން އިލްތިމާސް ކުރެއްވިއެވެ.

ޔާމީން މިއަދު ދިދަ ވިހުރުވަނީ - ވަގުތު އިމޭޖްސް
ޔާމީން މިއަދު ދިދަ ވިހުރުވަނީ - ވަގުތު އިމޭޖްސް

ދުއާއަށް މަޑުކޮށްލައިގެން އިހްތިޖާޖްގެ ބައިވެރިން ސަފުތައް އަތުރާލީ ވެސް އިންތިޒާމީ ތަރުތީބަކުންނެވެ. ކުއްލި ހާލަތެއްގައި ދުއްވާފައި ގޮސްދާނެ އުޅަނދެއް ހުރެދާނެ ކަމަށް ވިސްނައިގެންނެވެ. އެ ވަގުތު ވެސް މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރު ކުރާ ބަސްތަކާ ދިމާވެފައި އޮތުމުން އެ ކަމަށް ވިސްނާ މަގުގެ ބަޔެއް ދުއްވާ އުޅަނދުފަހަރަށް ދެވޭނެހާ ޖާގަ ދީފައި މަގުގެ އަނެއް ފަރާތުގައި ސަފުތައް ހަދައިގެން އެ ބަޔަކު ތިއްބެވެ. މަގު ދެ ފަރާތުން ބަންދުކޮށްފައި އޮތުމުން އެ ސަރަހައްދުގައި އެ ވަގުތު މާ ގިނަ އުޅަނދުފަހަރު ދުއްވާފައެއް ވެސް ނުދެއެވެ.

ދުއާއަށް ފަހު އިހްތިޖާޖްގެ ބައިވެރިން ބިލެތް މީރުކޮށްލުމަކަށް ޕާޓީ އޮފީސް ކައިރީ މަޑުކޮށްގެން ތިބިއިރު، އެ ކެއުމުގައި ފުލުހުން ވެސް ބައިވެރިވާން ދައުވަތު ދޭން ލައުޑް ސްޕީކަރުން ގޮވާލި އަޑު ވެސް އިވުނެވެ. މި އިހްތިޖާޖް ނިންމާލިއިރު ހިތްހަމަޖެހުމުގެ ނޭވާއެއްލީ އެއްވެސް ޒާތެއްގެ ހަމަނުޖެހުމެއް ނުހިނގުމުންނެވެ. ސުލްހަވެރި ސިޔާސީ ހަރަކާތެއް ހިންގުމުންނެވެ. އެފަދަ ފުރުސަތެއް ވެސް ލީޑާޝިޕުން ނުދެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙައްގުބަސް

  ރަގަނޅު!! އެންމެ މައްސަލައެއް އޮތީ! ސުލްހަވެރި ސިޔާސީ އެއްވުންތައް ބާއްވަން މިސަރުކާރުން އެކަށީގެންވާ ފުރުސަތެއްނުދޭތީ! ފުލުހުން ލައްވާ ރައްޔިތުންނަށް ބިރުދައްކާ އަނިޔާ ކުރުވާތީ!! ދެން ބާއްވާ ސުލްޙަވެރި އެއްވުމަށް ވީހާވެސް ގިނަބަޔަކު އެއްވާތި! ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ!! ގައުމު ވިއްކާލައިފި އިންޑިޔާއަށް!! ގައުމު ބަނގުރޫޓް ކޮށްފި!! ދަރަނި އިންތިހާއަަށް ނަގައިފި! ގައުމުގެ ހަަރުމުދާވެސް ރަހުނުކޮށް ލޯނު ނަގަމުންދަނީ!!! ރާއްޖޭގެ މައިކުންފުނިތަކުގެ ޙިއްސާ ވިއްކަން ތައްޔާރުވާއިރު ކުންފުނިތައް ބަނގުރޫޓްކޮށްފި!! އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ ޖޭއެސްސީއޭ ކިޔާތަނަކުން ކޯޓްތަކަށް ބިރުދައްކަމުންދަނީ! ވެރިންދަނީ އިންޑިޔާއިންދޭ ކޮރަޕްޝަންގެ ފައިސާގައި ހިފާ އިންޑިޔާްިން ބޭނުންވާހާ ގޮތެއް ހަދައިދެމުން!! ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ނަގައިފި!! މިއީ ރައްޔިތުން މަޑުންނުޔިބެ މަގުތައްމައްޗަށް ނިކުންނަންޖެހޭ ސަބަބުތައް!!

  32
  4
 2. ޙަސަނުލް

  ލާދީނީ ބާޣީ ޚާއިނު އމ ޑ ޕ ނަމަ ހަމަނުޖެހުންހިންގާ ތަންތާ ރޯކޮށް ޕޭމަންޓްގައުތައް އުކާ ނުވިތާކަށް ތާރު ގަނޑުވެސް ކަފާ ކޮށާ ނަގާ ފުލުހުންނަށް ހަމަލަ ދިނީސް

  38
  3
 3. މަސްއޫދު

  ސާބަހޭ މަމެންގެ ޔާމީނު ޝުކުރިއްޔާ! ޕީޕީ އެމް ޕީއެންސީގެ ލީޑަރު ސިޕަށް! ސަލީމުބޭ އެބުނުއްވީ ވަރަށް ބޮޑުތެދެއް! ރ. ޔާމީނަކީ މިޖީލުގެ މުހައްމަދު ތަކުރުފާނު.

  41
  5
 4. ދިވެހިން

  3 ދުވަސް ވާއިރު މިނޫން ޙަބަރެއް، މިނޫން ކަމެއް ނުހިނގަނީބާ؟

  1
  5