މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ ޕާޓީގެ ސެކްރެޓޭރިއަޓުން އަދި އިއުލާނެއް ނުކުރެއެވެ. އިއުލާން ކުރާނެ ދުވަހެއް ވެސް އަދި ނޭނގެއެވެ. ނަތީޖާ އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެބަ ބުނެއެވެ.

އެހެންވިޔަސް މިއީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަން ދައްކުވައިދިން އިންތިޚާބެކެވެ.

ދެ ފެކްޝަންގެ ބައެއް ބޭފުޅުން އިންތިޚާބު ސިފަކުރެއްވީ ވެސް ދެ ފެކްޝަންގެ ވާދަވެރިކަން އޮތް އިންތިޚާބެއްގެ ގޮތުގައެވެ. އެކަމަކު ބައެއް އެހެން ބޭފުޅުން ސިފަކުރައްވަނީ ވަކި ބޭފުޅަކަށް ކޮންޓްރޯލް ނެގުމުގެ ބަދަލުގައި ވެރިކަމުގެ ނިޒާމުގެ ވާދަވެރިކަން އޮތް އިންތިޚާބެއްގެ ގޮތުގައެވެ.

ކޮންމެ ގޮތެއް ވިޔަސް ރައީސްގެ ފެކްޝަން މޮޅުވި ކަމަށް އެ ފެކްޝަނުން އިއުލާންކޮށްފިއެވެ. ބަރުލަމާނީއަށް ތާއީދު ނެތް ކަމަށް ވެސް އިއުލާންކޮށްފިއެވެ. އަނެއް ފެކްޝަނުން ބަރުލަމާނީ މޮޅުވި ކަމަށް ވެސް އިއުލާންކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއީ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ދެ ފަޅި ވެސް އުޅެނީ "އަނގައިން ދެރަނުވާން"

ރައީސް ސޯލިހް ފެކްޝަންގެ މަޖިލިސް މެންބަރަކު ވިދާޅުވީ ރައީސްގެ ފެކްޝަނަށް 60 އަށް ވުރެ ގިނަ ގޮނޑި ލިބިފައިވާ ކަމަށެވެ. ނަޝީދުގެ ފެކްޝަނަށް ލިބުނީ 30 އެއްހާ ގޮނޑި ކަމަށެވެ. އަދި ރައީސްގެ އެއްވެސް ބޭފުޅަކު ބަރުލަމާނީއަށް ތާއީދު ނުކުރައްވާ ކަމަށެވެ.

އެހެން ކަމުގައިވާނަމަ ބަރުލަމާނީއަށް ތާއީދު ކުރައްވާ އެމްޑީޕީގެ އިސް ބޭފުޅުން އެހެން އަދަދުތަކެއް ވިދާޅުވާ ސަބަބާ މެދު ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އެ މީހުންނަކީ އަނގައިން ދެރަވާނެ ބައެއް ނޫން" ކަމަށެވެ.

ރައީސްގެ ފެކްޝަންގެ ބޭފުޅުން ފާހަގަ ކުރައްވާ އެ ނާތީޖާއާއެކު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވެސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން ވެސް ދައްކުވައި ދިނީ އެ ޕާޓީގެ އާންމު މެންބަރުން ބޭނުން ވަނީ ރިޔާސީ ނިޒާމު ކަމަށެވެ.

މަވޯޓާ ވިދާޅުވީ ނަޝީދު ފަދަ އިސް ބައެއް ބޭފުޅުން ބަރުލަމާނީ ބޭނުން ވިޔަސް އާންމު މެންބަރުންގެ ވިސްނުން ހުރީ މީގެ 12 އަހަރު ކުރިން ގިނަ ދިވެހިން އިޚްތިޔާރު ކުރި ގޮތަށް ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ 2007 ގައި ނެގުނު ފެންނަ ނުފެންނަ ވޯޓަށެވެ.

"ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ޚިޔާރު ކުރީ ބަރުލަމާނީއަށް ވުރެ ރިޔާސީ، ބަރުލަމާނީގައި ރައްޔިތުންނަށް އަވަސް ޚިދުމަތް ދެވޭނެ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ސަރުކާރެއް އެކުލަވައެއް ނުލެވޭނެ،" މަވޯޓާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޖަލްސާގައި ނަޝީދާއި ރައީސް ޞާލިހް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އެމްޑީޕީގެ ޖަލްސާއެއްގައި ނަޝީދާއި ރައީސް ޞާލިހް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެކަމަކު ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ހިސާބު ތަފާތެވެ. ވިދާޅުވަނީ ބަރުލަމާނީއަށް ތާއީދު ކުރާ 53 މީހުން އިންތިޚާބުވި ކަމުގައެވެ. އެއީ ގައުމީ މަޖިލީހަށް އިންތިޚާބު ކުރި 97 ގޮނޑީގެ އަޣުލަބިއްޔަތެކެވެ.

ރައީސްގެ ފެކްޝަނުން އެހެން އަދަދެއް ވިދާޅުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން، ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ ސަރުކާރުގެ ބޭފުޅުން އުޅުއްވަނީ "ގޭސް އަނބުރަން" ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ޔަގީން ކޮށްފިން، 53 މެންބަރުން ބަރުލަމާނީއަށް ތާއީދު ކުރޭ، މި އަދަދު ވެސް އަދި ވާނީ އިތުރު، އެ ބޭފުޅުން ބަލިވެގެން ގޭސް އަނބުރަން ބޭނުންވެގެން އަވަހަށް މީޑިއާތަކަށް ގުޅުއްވާފައި ނުބައި އަދަދެއް އެ ދެނީ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ އިތުރަށް ފާހަގަ ކުރެއްވި ކަމަކީ ސަރުކާރުގެ ތިން ވަޒީރަކާއި ރައީސްގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ މިހާރު ވެސް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި ތިއްބަވާ ބޭފުޅުންނެވެ.

"އެއިން ބޭފުޅަކަށް ގޮނޑިއެއް ނުވޭ އިތުރެއް، އަލިފުށި ދާއިރާގެ ރައީސްގެ ވޯޓެއް ނޯންނާނެ، ބިގޭ އިންނާނެ މަޖިލިސް މެންބަރެއް ގޮތުގައި، އޭނައަށް ދެވޭނީ އެއް ވޯޓު، ވަޒީރުން ވެސް ހަމަ އެހެން،" ބޮންޑެ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ފެކްޝަން ވަކިކުރާނެ ގޮތެއް ނެތް!

"ތަނެއްގަ މީހަކު ހުރިއްޔާ އެ ވެނި ފެކްޝަން މި ވެނި ފެކްޝަންގެ މީހަކަށް އެ މީހަކު ހަދައިފި" ރައީސްގެ ފެކްޝަން ކާމިޔާބު ކުރި ވާހަކަ ނޫސްތަކުގައި ލިޔަން ފެށުމުން އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ޓްވީޓްގައި ލިޔުއްވީ މި ގޮތަށެވެ.

މިހާރު ވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ތަފާތު ޚިޔާލަކީ ފެކްޝަން ނަމަ އެމްޑީޕީގެ ދެ ފަޅިއަށް ވުރެ ގިނަ ފަޅި ނަންގަވައިގެން ތިއްބެވި ބޭފުޅުން އުޅުއްވާނެއެވެ.

އަފްޝަން ވިދާޅުވީ ދެ ރައީސުންނަށް ތާއީދު ކުރާނެ މެންބަރުންނާއި، އެއިން އެންމެ ރައީސަކަށް ތާއީދު ކުރާނެ މެންބަރުންނާއި، ވަކި ރައީސަކަށް ތާއީދު ނުކޮށް ވަކި އަސާސެއް އިސްކުރާނެ މެންބަރުން ވެސް އެމްޑީޕީގެ އާންމު މެންބަރުންގެ ތެރޭގައި އުޅޭނެ ކަމަށެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް މި ކަން ފާހަގަ ކުރައްވައެވެ. އެމްޑީޕީއަކީ އެންމެ މެންބަރުން ގިނަ ޕާޓީއެވެ. މީގައި ހުރިހާ ވިސްނުމެއްގެ މީހުން ވެސް އުޅޭނެ ކަމަށާއި ވަކި ވިސްނުމެއް ނެގުމުން "އެމްޑީޕީ ނޫން" މީހަކަށް އެ މީހަކު ނުވެސް ހެދޭނެ ކަމަށެވެ.

"ރައީސް ސޯލިހް ސަޕޯޓަރުން ވެސް ތިބޭނެ، ރައީސް ނަޝީދުގެ ސަޕޯޓަރުން އުޅޭނެ، ދެ ރައީސުން ދައްކަވާ ވާހަކައަށް ތާއީދު ނުކުރާ ބަޔަކު ވެސް ތިބެދާނެ، އެކަމަކު އެމްޑީޕީ މީހުން ހަމަ މިއީ،" މެދު އުތުރު ޕްރޮވިންސްގެ ރައީސްކަން ކާމިޔާބުކުރި މަހްލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ މީސް މީޑިއާ އެކްޓިވިސްޓް އަކު ކުރި ޓްވީޓެކެވެ. ރައީސްގެ ބައެއް ބޭފުޅުން އެމްޑީޕީގައި ފެކްޝަން ހަދަން އުޅުނަސް އާންމު މެންބަރުން އެ ފުރުސަތެއް ނުދޭނެއެވެ. އެމްޑީޕީގެ ކޮންޓްރޯލް ނަގަން އުޅޭނަމަ އެ އުޅޭ މީހަކު "ލަދު ގަންނަން ޖެހޭނެ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައިބަދަ

    ތިޔަ ދެމީހުންނަކީ ހަމަ އެއްބައެއް ތިއީ ރައްޔިތުން ގުނބޯހައްދައިގެން މި ދިވެހިޤައުމާއި، މިޤައުމުގައިވާ މާތްވެގެންވާ އިސްލާމްދީން ހަލާކުކޮށްލައި، އަދި މިތަނުގައި ބަރުލަމާނީ ނިޒާމު ގާއިމުކުރަން އުޅޭ ދެ އަދުއްވުން. މާތްﷲ އިރާދަ ކުރެއްވިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، މުޙައްމަދު ނަޝީދުގެ ނުބައި ނުލަފާ ސުންޕާ ކަމުން މި ދިވެހިރާއްޖެ ސަލާމަތް ކުރައްވައި ފާންދޭވެ. އާމީން

  2. ލައްޓި

    ބަލަ އަހަރެމެންވެސް މިދައްކަނީ ތިޔަވާހަކަ ތިޔައީ އެއްފައިސާފޮއްޗެއްގެ ދެފުށޭ ތިޔަކައް ބަދަލެއް ނާންނާނެއޭ ބަދަލުއަންނާނީ ރައްޔިތުންނަށޭ ވާވައްދަން މަސައްކަތް ކުރަނީ ރައްޔިތުން ވިސްނަންވީ ކަމަކީ އަބަދަކު ރައްޔިތުން ވާނުވެއްދޭނެކަން

  3. ކަޅު ހުދު

    ކޮބާހޭ ޑޮލަރުދަބަސް ކަޅު ހުދު އެހެންވީމަ އެދަބަސް ގެއްދިތަނެތް ހަމަމިހާރުބުނޭ ވަގާ ކޮބާހޭ ކަލޭ ކަލޭގެންދިޔަ ޑޮލަރު ކަޅު ދަބަ ހާއި ހުދުދަބަ އެދރދަބަސް ގެންދިޔަތަނެތް ހަމަމިހާތުބުނޭ ނުބުނެއްއެއް ނުވާނެ ބުނަންޖެހޭނީ ބުނުވާނަން އެފައިސާ މިފައިސާ ފައިސާގުޅި ކިޔާފަ ވެރިކަމަށްއެރިގޮތާ އަރާފަކުރާކަންތައް ކިހާސަޅި 0-ޓޮލަރެންސޯ މާތްﷲ މިދޮވެރިން ނަށް ދޮގުހެދުމާއި އޮޅުވާލުމުގެ ނަތީޖާ ހިތިގޮތަކަށްދައްކަވާށި އާމީން :