މި ސަރުކާރުގެ މި ތިން އަހަރާ މެދު ދެކެނީ ކިހިނެއްތޯ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރެއް ކައިރީ ވެސް ސުވާލު އަމާޒުކޮށްފިނަމަ ޖަވާބު ފަށަނީ މި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެންމެ ބޮޑު "ގެއްލުމެއް" ދިން ތިން އަހަރުގެ ގޮތުގައެވެ. ދެން ފާހަގަކުރާނެ ކަމަކީ ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީގެ މަސައްކަތުގެ ސްޕީޑް ހުރި މިންވަރާއި ބަލާއިރު މިސަރުކާރުގެ ދުވެލި ލަސް ކަމެވެ.

ދެހާސްއަށްވަނަ އަހަރުން ފެށިގެން ދިވެހިން އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީއަކީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ނިޒާމެއް ތަސައްވުރު ކޮށްފައިވާ ގާނޫނު އަސާސީއެކެވެ. ޚިޔާލަކީ މިއީއެވެ. އިންތިޚާބު ކާމިޔާބު ކުރާ ސިޔާސީ ޕާޓީ ނުވަތަ ޕާޓީތަކުގެ އިއްތިހާދަކުން ވެރިކަން ކުރާނީއެވެ. ބާކީ ތިބި ޕާޓީތަކުން ސަރުކާރު ހިންގާ ޕާޓީ ނުވަތަ ޕާޓީތަކުގެ އިއްތިހާދަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމެވެ.

މިއަދުގެ ސިޔާސީ މަސްރަހުގެ ހަގީގަތަށް ބަލާއިރު ޕީޕީއެމް/ޕީއެންސީ އަކީ މިހާރު އޮތް ސަރުކާރުގެ ހަމައެކަނި ވާދަވެރި ފަރާތެވެ. ސަރުކާރު ހިންގާ ހަތަރު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ، އަދި އެމްއާރުއެމްގެ އިތުރުން ދެން ހުރި ސިޔާސީ ޕާޓީތަކަށް ވެސް މި ސަރުކާރުގައި މާ ބޮޑު މައްސަލައެއް ނެތެވެ. އެހެންވިޔަސް ޕީޕީއެމް އަދި ޕީއެންސީން މި ތިން އަހަރު ސިފަ ކުރަނީ ދިވެހިންނަށް ކުރިމަތިވި އެންމެ ދަތި ދުވަސްވަރަށެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ މެންބަރުން ރައީސް އޮފީހުގެ ކުރިމަތީގައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އިސްތިގުލާލަަށް އެންމެ ބޮޑު ގެއްލުމެއް ދިން ފަހަރު

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާހަކަ ފެއްޓެވީ ވެސް ދިވެހިންގެ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލަށް ކޮށްފައިވާ އަސަރުންނެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އެންމެ ގައުމަކަށް ވަރަށް ބޮޑަށް ދަރުވާލާ، ދަރަނި ބޮޑު ބަޖެޓެއް މި ހުށަހެޅީ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރެއް ރާއްޖެއަކަށް ނެތް،" އިންޑިއާއިން މި ސަރުކާރުން ނަގާފައިވާ ލޯނުތަކަށް އިޝާރާތް ކުރާ އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޒަމާނުއްސުރެން ފެށިގެން ދިވެހި ސަރުކާރުތަކުން ދަމަހައްޓަމުން އައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަމަހަމަކަން ނަގާލައި "ގާދޫ ކޮޅުން ބޭރުވެގެންދާން" ފަށާފައިވާ ކަމަށެވެ. "ޚާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި އޮތް ގޮތުން އަޅުގަނޑުމެންގެ ސިޔާދަތު ގެއްލި، އަޅުގަނޑުމެންގެ އިސްތިގުލާލަށް ނުރައްކާވެފައިވާ މަންޒަރު ފެންނަނީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް ފުރަތަމަ ފާހަގަ ކުރެއްވީ ރާއްޖޭގެ އިސްތިގުލާލަށް ކޮށްފައިވާ އަސަރެވެ. އެމަނިކުފާނު ސިފަ ކުރެއްވީ އިސްތިގުލާލާއި ސިޔާދަތަށް "ބަނަ ކަޅު ވިލާގަނޑެއް" ކުރިމަތި ކުރުވި ދުވަސްވަރަކަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް މަޝްރޫއުތައް ހިންގަން ބޭރުގެ އެހީތެރިކަން ހޯދި ނަމަވެސް މި ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި ފެންނަނީ އިންޑިއާގެ އަސްކަރީ ބާރަށް ދިވެހިންގެ ހަރު މުދާ ދެމުންދާ މަންޒަރު ކަމަށް ޖަމީލް ވިދާޅުވެއެވެ.

"ދިވެހިންގެ އިސްތިގުލާލަށް ގެންނަ ވަރަށް ބޮޑު ބަޣާވާތެއް މިއީ. މީގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ އިތުރުން ސަލާމަތީ ބާރުތަކުގެ ވެރިން ވެސް ނަގަން ޖެހޭނެ،" ޖަމީލް ވިދާޅުވިއެވެ.

"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ އެއްވުން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ތަރައްގީގެ އެންމެ ގަލެއް ވެސް ނުބޭންދުނު

ޕީޕީއެމް/ޕީއެންސީ ސަރުކާރުން ހޯދި ކާމިޔާބީތަކުގެ ގޮތުގައި އެ ކޯލިޝަންގެ ލީޑާޝިޕްއިން އެންމެ ބޮޑު ކަމަކަށް ފާހަގަ ކުރާނީ މާލެއާއި ހުޅުމާލޭގެ ބްރިޖެވެ. ރަށްރަށުގެ ފެނާއި ނަރުދަމާގެ އިތުރުން ފްލެޓްތަކެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމެއް ހިއްކައި އެ ބިމުގައި އެޅި ފްލެޓްތަކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއި ރަށްރަށުގެ ހޮސްޕިޓަލްތަކުގެ އިމާރާތް ބޮޑު ކުރުމެވެ. މިހެން ގޮސް އުމްރާނީ ތަރައްގީގެ އެތައް މިސާލެކެވެ.

އެހެން ވިޔަސް އެމްޑީޕީގެ އިސްވެ އުފައްދާފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ދުވެލި ލަސް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ދެކެވަޑައިގަންނަވައެވެ.

އާދަމް ޝަރީފް ވިދާޅުވީ އެންމެ އަސާސީ އުމްރާނީ ބިނާއަކަށް ދިވެހިން ބޭނުން ވާނީ ބޯހިޔާވަހިކަން ކަމަށެވެ. އެހެން ނަމަވެސް ތިން އަހަރު ވޭތުވެގެން ދިޔައިރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ވެސް "އެންމެ ގަލެއް އަދި ނުބޭންދިގެން އުޅޭ" ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި، ރައީސް ޔާމީން ވާނެ މި މާލެ ސަރަހައްދުގައި އެންމެ ގިނަ ހައުސިން ޔުނިޓްތައް އަޅާދީފައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ރައްޔިތުންގެ ދިރިއުޅުން ފަށަން ވެގެން ބޭނުންވާ އަސާސީ ބޭނުންތަކަށް ވެސް ގަލެއް ނުބޭންދިގެން މި ސަރުކާރުން އެ އުޅެނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖަމީލްގެ ވާހަކައިގައި ވެސް ސަރުކާރުން ނަގާފައިވާ ލޯނުތައް ފާހަގަ ކުރައްވައި ވިދާޅުވީ ލޯނު ނަގައިގެން ސަރުކާރުން ހޭދަކޮށްފައި ވަނީ ރިކަރެންޓް ޚަރަދު ކުރުމަށެވެ. އެއްވެސް އުފެއްދުންތެރި ކަމަކަށް އަދި ތަރައްގީގެ މަޝްރޫއަކަށް ސަރުކާރުން ލޯނު ނަގައިގެން ހޭދަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވެއެވެ.

"ތަރައްގީގެ އެންމެ ގަލެއް ވެސް ނުބޭއްވޭ، ތިން އަހަރު ތެރޭ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުނަގާ ވަރަށް ލޯނު ނަގައިގެން ތަރައްގީއަށް ކުރި ކަމެއް ނެތް، ނެގި ދަރަނިން ކުރި ކަމަކީ ސިޔާސީ މަގާމު އުފައްދައި، ކައިރި ކުދިންކޮޅަށް މުސާރަ ދޭން ފެށީ،" ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން. --- ފޮޓޯ:ޕީޕީއެމް/ޕީއެންސީ

އިންސާނީ ހައްގުތަކާއި ޝަރުއީ ދާއިރާއަށް ނިކަމެތިކަން

އާދަމް ޝަރީފް ވިދާޅުވީ ޝަރުއީ ނިޒާމު އަދި އިންސާނީ ހައްގުތަކުގެ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރުންވި އެންމެ ބޮޑު ވައުދު ކަމަށް ވިޔަސް، އެ ކަން ކުރުމުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ހެޔޮ ނިޔަތެއް ނެތެވެ.

ރައީސް ސޯލިހްގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅު ކަމުގައިވާ ޖޭއެސްސީގައި ސިޔާސީ ބޭފުޅުންގެ ބާރު ނޯންނަ ގޮތަށް އިސްލާހު ނުކޮށް، އެ ތަނުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވާ ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

"ވެރިކަމަށް އައީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާނެ ވައުދާއެކު، އެހެންވިޔަސް ޖޭއެސްސީ އޮތީ ސިޔާސީ މީހުންގެ ހިސޯރު ކޮށްފައި ކަން އެއީ މިއަދު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސާފުވާނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ވައުދުވި ނަމަވެސް މިހާތަނަށް ވެސް އެ މައްސަލާގައި ބެލިފައި އޮތީ ޕީޕީއެމްގެ އެ ސަރުކާރު އަދި ރައީސް ޔާމީންގެ ވެރިކަމުގައި ބެލުނު ހިސާބަށް އެކަނި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއް ނުބެލުނު، ކޮންމެ މީހަކު އުޅެނީ އަމިއްލަ ލިސްޓެއް ހަދައިގެން، އެގަހު ކޭލެއް މި ގަހު ކޭލެއް މިހާރަކު ނޭނގެ، އެ ކަމުގައި ބައިވެރިވި ބަޔަކު ބައިވެރިނުވާ ބަޔަކު މިހާރު ނޭނގޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ޕާރޓީ އިން ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ރޫޅާލުން؛- ވަގުތު އިމޭޖަސް- އަހްމަދު މަމްދޫހް

ސަރުކާރުގެ މި ވައުދުތައް ފުއްދުމުގެ ނިޔަތް ސަރުކާރުގެ އިސް ބޭފުޅުންގެ ތެރޭ ނެތް ކަމަށް ޖަމީލް ވެސް ވިދާޅުވެއެވެ. އޭނާ ސިފަ ކުރައްވަނީ މިއީ "މުނާފިގުކަން ދައްކުވައިދިން ތިން އަހަރު" ގޮތުގައެވެ.

"ތިން އަހަރު، ޖޭއެސްސީ އިސްލާހު ނުކޮށް އެ ތިބީ، ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އެމްޑީޕީއަށް ދީފި، ތިން އަހަރަކީ ކަމެއް އިސްލާހު ކުރުމުގެ ނިޔަތް އޮތް ބަޔަކަށް، އަދި މި ވަރުގެ ކުޑަ އިސްލާހެއް ގެންނަން، ކުރު މުއްދަތެއް ނޫން އެއީކީއެއް،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޚިޔާނާތުގެ ތުހުމަތު މި ސަރުކާރުގެ ވަޒީރަކަށް ކިތަންމެ ފުޅާ ދާއިރާއެއްގައި ކުރެވުނަސް އެ މައްސަލާގައި ދައުވާއާ ހަމައަށްވެސް ނުދާ ކަމަށެވެ. އެކަމަކު ވަރަށް ހަނި ދާއިރާއަކުން ވެސް ވާދަވެރި ސިޔާސީ ފަރާތަކަށް ކުރެވޭ ތުހުމަތުގައި ދައުވާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚިޔާނާތުގެ ކަންކަން އެކަންޏެއް ނޫން، ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާ، މި ފަދަ ތުހުމަތުތައް ވެސް މި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަށް، އަދި ސަރުކާރުގައި ކުރިން ތިއްބެވި އިސް ބޭފުޅުންނަށް ވެސް އަމާޒުވެގެން ދިޔަ، މިއިން މައްސަލައެއް ނުބެލޭ،" ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޕީއެންސީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މި ތިން އަހަރު ސިފަ ކުރެވުނީ ރާއްޖޭގެ އިސްތިގުލާލަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރެވުނު، ތަަރައްގީގެ އެންމެ ގަލެއް ވެސް ނުބޭންދުނު، ދިވެހި ދައުލަތް ދަރުވާލި ތިން އަހަރުގެ ގޮތުގައެވެ.ަ

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ފިޔަވަޅު

  މީ އަހަތެމެންގެ ފްލެޓް އަތުލި ސަރުކާރު .

  23
  1
 2. ހ

  ވަކި ދާއިރާއެއް އިސްތިސްނާ ކުރެވޭކަށެއް ނެތް ހުރިހާ ދިމާއަކުންވެސް ފެންނަނީ ފަރުވާކުޑަކާމާ ކަންތައް ކުރަން ނޭގޭ ކަން. ކުޑަމިނުނ ް . ހެލްތު މިނިސްޓްރީ ގެ ވެސް ޒިންމާއެއް ނެތް . ފަރުވާ ނުލިބި އަޅާލުން ކުޑަވެގެން ކިތައް ކުޑަކުދިންބާ މި 3 އަހަރު މަރުވެގެން ދިޔައީ..

  17
 3. Anonymous

  ކީއްވެ އެކަކުވެސް މަސްތުވާ ތަކެތީގެ ވާހަކަ ނުދައްކަނީ

  12
 4. Anonymous

  ގައުމުގއި ސަރުކާރެއް އޮތްކަން ރައްޔިތުންނަށް އިހްސާސް އެއްނުވޭ. ގައުމުގެ ހުރިހާ ކަމެއް ބޮއްސުންލާފަ. ސިޔާދަތީ މިނިވަންކަމެއްނެތްކަން ބަލާލި ކޮންމެ ދިމާއަކުން ފެންނަން އެއޮތީ! ސަރުކާރާއި މަޖްލިހުގައި ހިމެނޭ ވެރިކަން ހިންގާ ޕާޓީގެ މީހުން، ރައްޔިތުންނަށް ކޮށްދޭކަންކަމަށްވުރެ ގިނަކަންކަން، އައްވައްޓެރި ގައުމުގެ ވެރިކަން ހިންގާ ޕާޓީއަށްޓަކައި ކޮށްދޭ. ގާނޫނު ހަދާ މަޖްލިހުން ރައްޔިތުންނަށް ބިރުދައްކަމުންދަނީ، އަވަށްޓެރިގައުމުގެ ހައްޤުގައި. އަވަށްޓެރިގައުމުގެ ވެރިމީހާއަކީ ޑްރަގްލޯޑަކަށްވީމަ ދިވެހިރާއްޖޭގައި ޑްރަގާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ. އަވަށްޓެރި ގައުމުގެ ތަރައްޤީ ހުއްޓިފަ އޮތީ، މިގައުމުގެ ރައީސް ދެކެނީ ތަރައްޤީގެ ދުވެލި ހުންނަންވާނީ ހުއްޓިފައިކަމަށް. މިވަރުވީމަ ދެން ތަންފުކެއް ބޮޑުވަރުނޫންތޯ.

  13
 5. ޑައެލޯގް

  އެމްޑީޕީ ސަރުކާރެއް އައިސްގެން އަމިއްލައަށް އުފައްދައިގެން ކުރި އެއްވެސްކަމެއް ނެތެވެ.

  15
  1
 6. އަހުމަދު

  ނަޝީދު ރާއްޖޭގެ ސިޔާސީ ދާއިރާއިން އެއްކޮށް ބޭރު ކުރަންޖެހޭ

 7. އ. ޖ. އ

  ހަޖަމު ނުވަންޏާ ސައިބޯނި ކާލާ

  1
  2
 8. ފްރާޑާ އައިނު

  ބަލަ ކަލޭގެ ވެރިމީހާގެ އެކައުންޓް 100 މިލިޔަން ޑޮލަރު މީކޮންތާކުން އައި ލާރިގަޑެއްތަ ؟؟؟

 9. އަބުދުﷲ

  މީހުންގެ މުއްފަތުން ބަޔަކު ކޮއްތުދިނީމަ ކައިގެން ބަޔަކު އަޅައިދިން ސްކޫލްން ކިޔަވައިގެން ބަޔަކު ދިން ހުރަވީގަ ބަޑިހަރުކޮއްގެން މިޔަކައް ނުކިޔޭނެ ޝަރަފާ އަބުރެކޭ މިކަހަލަ މީހުންނަކީ ހިތުން މިނިވަން ހަގީގަތުގަ މިނިވަންކަން ގެއްލިފަވާ އަޅުވެތި ވިސްނުމުގެ މީހުން. ލިބުނު ކާއްށިކޮޅާކާ މަސް ކޮޅު ކައިގެން މީހުންގެ ތައްޕާހައް ނުވެއްޓި އުޅުނު ދިވެހިން އެއީ މިނިވަން ލޭހިގާ މިނިވަނުންނަކީ........މިއަދު........!!!!!؟؟؟؟؟؟؟