ވިސްނުމަކީ މިއީއެވެ. އެންމެ މީހެއްގެ އަތް މުށަށް ބާރުތައް ދިނުމުގެ ބަދަލުގައި، އެކި މުއައްސަސާތައް އުފައްދައި އެ މުއައްސަސާތައް މެދުވެރިކޮށް މައި ބާރުތައް ދެވިފައިވާ ބަޔަކަށް ފާރަވެރިވުމެވެ. ޑިމޮކްރެޓިކް ނިޒާމުގެ މައިގަނޑު ހަމައަކީ އެއީއެވެ. އެ ނިޒާމުގައި ގައުމެއް ހިންގުމުގައި މި މުއައްސަސާތަކުގެ ދައުރަކީ ވަރަށް ވެސް ފުޅާ ދައުރެކެވެ. ދައުލަތުގެ ހިންގުމުގެ ކަންކަން ފާލުން ނެއްޓިޔަ ނުދިނުން މިއީ މި މުއައްސަސާތަކުގެ މައިގަނޑު ބޭނުމެވެ. އެހެންވެ "މިނިވަން މުއައްސަސާތައް" ނަމުގައި ބުނެ މި އުޅޭ މުއައްސަސާތަކަކީ ޑިކޮމްރެޓިކް ދައުލަތެއްގައި އެންމެ މުހިއްމު ބިނާތަކެވެ.

ނަމަވެސް މިނިވަން މުއައްސަސާތަކުގެ މިސްރާބު އޮޅިގެން ދާ ވަގުތުގައި ދެން ކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ "މިނިވަން މުއައްސަސާތައް" ގޮތުގައި ދިވެހި ޑިމޮކްރެޓިކް ދައުލަތް ހިންގުމުގެ އުސޫލު ލިޔެފައިވާ "ފެހި ގާނޫނު އަސާސީ" ގައި ލިޔެ ބަޔާން ކޮށްފައި އޮތަސް އެ މުއައްސަސާތައް ހިނގަނީ "މިނިވަން" ކަން މަތީ ހެއްޔެވެ؟ މި ގާނޫނު އަސާސީ ވުޖޫދުވި ފަހުން މިހާތަނަށް ހަތަރު ރައީސްއަކާއި، ތިން ރައްޔިތުންގެ މަޖިލީހެއް ހިނގިއިރު، މި ތަންތަނުގެ މައްޗަށް ނުފޫޒު އޮތް ކަމުގެ އަޑަށް މެދު ކެނޑުމެއް ނައެވެ.

މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަދެ، ގާނޫނީ ޒިންމާ އަދާކުރުމުގައި ނުކުޅެދިފައިވާ މުއައްސަސާތައް ގާނޫނީ އިމުގެ ތެރެއަށް ވައްދާ، ގާނޫނާއި ހިލާފުވެފައިވާ ވެރިންނަށް ފިޔަވަޅު ނޭޅޭ ކަމުގައި ވާނަމަ، އެ މުއައްސަސާތައް ވެގެންދަނީ ރައްޔިތުން އުފުލަން ޖެހޭ ބޮޑު މާލީ ބުރައަކަށް ނޫން ހެއްޔެވެ؟ މި ކޮމިޝަންތަކުގެ ޒިންމާ އަދާ ނުކުރެވި، އެތައް ރައްޔިތެއްގެ ހައްގަށް އުނިކަން ލިބިގެންދާ އިރު އެ މުއައްސަސާތައް ބޭއްވުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ވަކި ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރާ ކަމަކީ ގައިމު ވެސް ފެންނަން އޮތް ހަގީގަތެވެ.

ރަހުމް ކުޑަ ގޮތެއްގައި މަރާލެވިފައިވާ އެތައް މައުސޫމް ފުރާނަތަކަކާއި، ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ އެތައް މިލިއަން ރުފިޔާއެއް ނުހޯދިފައި މިވަނީ މުއައްސަސާތަކަށް ގައިމު ވެސް ބައެއްގެ "އަޅުވެތިކަން" އައިސްގެންނެވެ. ސުވާލަކީ ކޮން ބަޔެއްގެ ހެއްޔެވެ؟ ޑިމޮކްރެޓިކް ގާނޫނު އަސާސީއަށް ފަހު ހިނގައިދިޔަ ކަންކަމަށް ބަލާއިރު ސިޔާސީ ނުފޫޒު ނާންނަ ކަމަށް ބުނެވޭކަށް ނެތެވެ.

މިނިވަނެއް ނޫން، ސިޔާސީ ބައެއްގެ ޖަގަހައެއް!

ދާދިފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) މެންބަރުން ވަކި ކުރުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލު ކުރި ގޮތަށް ބަލާލާ އިރު، އެ މެމްބަރުން ވަކިކޮށްފައި ވަނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތާ އަޅާ ކިޔުމަށް ފަހުގައެވެ. އެ ފަސް އަހަރުގެ ތެރެއިން ބައެއް އަހަރުތަކުގައި އެ މެމްބަރުން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ނުވެސް ތިއްބަވައެވެ.

މި ކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބަޔާނެއް ވެސް ނެރުނެވެ. އޭގައި ވަނީ، އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މަޖިލިހުން މަސައްކަތްކޮށްފައި ވަނީ އޮޑިޓު ރިޕޯޓުން ފާހަގަ ކުރި މައްސަލަތައް ހައްލު ކުރުމަށް ފުރުސަތު ނުދީ އަދި އެ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ އެއްބާރުލުމާއި ބަޖެޓް އަދި ވަސީލަތްތައް ފޯރުކޮށްނުދީ ކަމަށެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތުގައި ތިބޭ މެމްބަރުންނަށް ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި މަޖިލިސް މެމްބަރުންގެ ފިއްތުންތައް ކުރިމަތިވާ ކަމުގައިވެއެވެ. މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވައި، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އޭގައި ތުހުމަތު ކޮށްފައިވެއެވެ.

މިކަމަކީ ސިޔާސީ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ހިންގުން ހުއްޓުވާލާ، މުއައްސަސާގެ ހިންގުމުގެ ތެރެއަށް ސީދާ ގޮތެއްގައި ނުފޫޒު ފޯރުވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ޓްރާންސްޕޭރެންސީން ސިފަ ކޮށްފައިވެއެވެ. ފާއިތުވި އަހަރުތަކުގައި މިނިވަން މުއައްސަސާތަކުގެ ވެރިން ބަދަލުކޮށް، ވަކި "ކުލައަކަށް" ނިސްބަތްވާ ފަރާތްތައް އައްޔަން ކުރި ކަމާއި އޭގެ ސަބަބުން މި މުއައްސަސާތަކަށް ކުރާ އިތުބާރު ކުޑަވެފައިވާ ކަމަށް ވެސް ތުހުމަތުތައް އަމާޒު ކުރިއެވެ.

އެގޮތުން އޭސީސީގެ މެންބަރުންނަށް "ބިރު ދައްކައި، އިސްތިއުފާ ދިނުމާއި" ހަމައަށް ވެސް ކަންކަން ގެންގޮސްފައިވަނީ އެ މުއައްސަސާގެ މައްޗަށް ނުފޫޒު ފޯރުވާ، މިނިވަންކަމަށް ބުރޫއަރާނެ ފަދަ ގޮތަކަށް ކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒު އިންތިހާއަށް ފޯރުވާފައިވާތީ ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ.

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް - ވަގުތު އިމޭޖަސް

އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އޭސީސީގެ ހުރިހާ މެންބަރުން އިސްތިއުފާ ދިނީ ސަރުކާރާއި މަޖިލީހުގެ ނުފޫޒް އިންތިހާއަށް ފޯރުވުމުން ކަމަށާއި އަދި އެކަމުން ހާމަވަނީ ސަރުކާރާއި މަޖިލީސް ހުދުމުހުތާރުކަމާއި އަނިޔާވެރިކަން ކަމަށެވެ. "މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާ ވެރިކަން ކުރަން ދަސްކުރަން ޖެހޭ" އޭނާ ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުގެ ދިފާއު!

މިނިވަން މުއައްސަސާތަކަށް ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން އިންތިހާއަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމާއި، ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު އެ މުއައްސަސާތަކަށް ލުމަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް މަޖިލީހުގައި މިނިވަން މުއައްސަސާތަކަށް ޚާއްސަކޮށް އޮންނަ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވަނީ އެ ތުހުމަތަށް އިންކާރު ކުރައްވައިފައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގި ވެންޓިލޭޓަރު ވައްކަމުގެ ކަންތައް އެންމެ ބޮޑަށް ބޮޑުވެގެން ދިޔަ ދުވަސްވަރު ކުރެއްވި ޓުވީޓެއްގައި ރޮޒެއިނާ އޭރުވެސް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށާއި މިނިވަން މުއައްސަސާތަކުގެ ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެއްބާރުލުން ދެއްވާ ކަމަށެވެ. އަދި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރާ ކަމުގައި ވާނަމަ އެކަން ސާބިތުކޮށްދިނުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، ޓްރާންސްޕޭރެންސީގެ ބަޔާނާއި، މިނިވަން މުއައްސަސާތަކުގެ ހިންގުމާއި ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން، މަޖިލީހުގެ އައްޑޫ މީދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ރޮޒެއިނާ ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނާއި މަޖިލިހުން ވެސް މުއައްސަސާތަކަށް މީހުން އައްޔަން ކުރަން ރުހުން ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ފިކުރަކަށް ބަލާފައެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން، އޭސީސީއަށް އާ މެންބަރުން އައްޔަން ކުރުމުގެ މަރުހަލާ މަޖިލީހުގެ ތެރެއިން ގެންދިޔައިރު އޭރު ވެސް ބޮޑަށް މަސައްކަތް ކޮށްފައި އޮންނާނީ އެންމެ ގާބިލް ފަރާތްތަކެއް އެ ކޮމިޝަނަށް އައްޔަން ކުރަން ކަން ކަމަށް ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މި މަޖިލީހުން ރުހުން ދިން އޭސީސީގެ މެންބަރުން ފަހުން މި މަޖިލީހުން ވަކި ކުރަން ޖެހުނީ ވެސް އެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތްކޮށް ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން ކަމަށެވެ.

"އޭސީސީ އަށް ނެގިއިރު އެއީ މާކްސް ދީގެން މީހުން ނެގި ފަހަރެއް ހަމަ، އެންމެން ވެސް ވަރަށް ރަނގަޅަށް އިވެއުލޭޓް ކޮށްފައި މާކްސް ދިނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

މުއައްސަސާތަކަށް ބޮޑު ހޭދައެއް، ހެޔޮ ބަދަލެއް ބޭނުންވޭ!

ގާނޫނު އަސާސީގައި މެންބަރުންތަކެއް ތިބެން ޖެހޭ ގޮތަށް "މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ބާބު" ގައި ހަތަރު ކޮމިޝަނަކާއި، އޮޑިޓަ ޖެނެރަލްއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވާހަކަ އާދެއެވެ.

މީގެ ތެރޭ ހިމެނޭ ކޮމިޝަންތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ.

މި ހަތަރު ކޮމިޝަންގައި ކޮންމެ ކޮމިޝަނަކަށް ފަސް މެންބަރުންގެ މަގުން ޖުމުލަ 20 މެންބަރުން ތިއްބަވައެވެ. ކޮމިޝަންގެ މެންބަރުންގެ މުސާރަ 40،000 އެއްހާ ރުފިޔާއަށްވީ އިރު ކޮންމެ ކޮމިޝަނަކަށް ދައުލަތުން ބޮޑު ހޭދައެއް ވެސް ކުރެއެވެ.

މީގެ އިތުރުން ވެސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި، ކޮމިއުނިކޭޝަން އޮތޯރިޓީ ފަދަ މުއައްސަސާތައް ވެސް އުފައްދާފައިވެއެވެ. މި ކޮމިޝަންތަކުގެ މެންބަރުންނަށް ވެސް އެހާ ޚަރަދެއް ކުރެއެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ވިދާޅުވެފައިވާ ވާހަކައެއް އޮތެވެ. އެއީ މަޖިލިސް މެދުވެރިކޮށް ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު މުއައްސަސާތަކަށް ލަމުންދާއިރު، މަޖިލިސް މެންބަރުންނާއި ގާތް ތިމާގެ މީހުން ވެސް މުއައްސަސާތަކަށް ލަމުންދާ ކަމުގައެވެ.

"މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރައްވާއިރު ދައްތައާއި، ބޮޑު ދައިތައާއި، އަނބިކަނބަލުންނާއި، ބަފައިބެ ލައި ނިންމާލެއްވީމަ ވަރަށް ގިނަ ނުބައި ނުކުމޭ، މުއައްސަސާތަކަށް މީހުން ނެންގެވުމުގައި އޮބްޖެކްޓިވް ގްރައުންޑް އިން ކަންކަން ނިންމެވުން މުހިއްމު،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ފާހަގަ ކުރެއްވީ "މެރިޓް އުސޫލެއް" އޭގެ ތެރެއަށް ގެންނަން ޖެހޭ ކަމުގައެވެ. އެ އުސޫލަކީ އެ މީހެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ފެންވަރު ވަޒަން ކުރާނެ އުސޫލެކެވެ. އެ އުސޫލުން މީހުންތައް ވަޒަންކޮށް، ކުރި ލިބޭ ބަޔަކު ނޫނީ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ މަރުހަލާއަށް ނުގެންދެވޭ ގޮތަށް ގާނޫނުތަކާއި ގާނޫނު އަސާސީ ބައްޓަން ކުރުމުގެ ޚިޔާލެއް އޭނާ ފާޅު ކުރެއްވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގަބޫލު ކުރައްވަނީ މީގައި އުޅެނީ ރިޔާސީ ނިޒާމުގެ މައްސަލައެވެ. ބަރުލަމާނީ ނިޒާމުގެ ވެރިކަންތަކުގައި، ސަރުކާރު ހިނގާނީ މަޖިލިސް ތެރެއިން ކަމުގައި ވާތީ، މާ ކުރިން "މެރިޓް އުސޫލެއް" އޮންނާނީ ތަންފީޒު ކުރަން ޖެހިފައި ކަމުގައެވެ. މަޖިލިސް ކޮމިޓީތަކުން މުއައްސަސާތަކަށް ފާރަވެރިވާއިރު، ރައްޔިތުން މެންބަރުންނަށް ފާރަވެރިވެވޭ ގޮތަށެވެ.

ހައްލަކީވެސް، ހަލާކަކީ ވެސް، ރައްޔިތުންގެ މަޖިލިސް؟

މިނިވަން މުއައްސަސާތަކަށް މެންބަރު އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ މަޖިލީހުން އެ މުއައްސަސާތަކަށް ބޭނުންވާ ގާނޫނުތަކާއި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. މިނިވަން މުއައްސަސާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ ހޮއްވަވާ ނަންތަކެއް ދާނީ ރައްޔިތުންގެ މަޖިލީހަށެވެ. ކޮމެޓީއަށް މެންބަރުން ނަގާނީ ރައްޔިތުންގެ މަންދޫބުންނެވެ. ނިޒާމު އޮންނާންވާ ގޮތުންނަމަ، ބަސް މިބުނަނީ ރައްޔިތުންނެވެ.

މިނިވަން މުއައްސަސާތަކުގެ މައްސަލައާއި ގުޅިގެން ބޮންޑެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރާއިރުގައި ބަލަނީ އޭނާގެ ފިކުރަށް ނުވަތަ އޭނާގެ ކުލައަށް ނޫން ކަމަށެވެ. އަދި އިންސާނަކަށް ވީތީ ފިކުރެއް ހުންނާނެ ކަމަށާއި އެހެންނަމަވެސް މުއައްސަސާތަކަށް އައްޔަން ކުރަނީ އެބޭފުޅުންނަށް ކުރެވޭ އިތުބާރުގެ މައްޗަށް ބަލާފައި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނުބަލަން ކޮން ކުލައެއްގެ މީހެއްތޯއެއް. ހަމަ ގައިމުވެސް އަޅުގަނޑެއް ނުބަލަން. އަޅުގަނޑުމެން ބަލަނީ އެމީހަކަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ ކިހާ މިންވަރަކަށްތޯ. އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި. އެކަންކަމުގައި އަޅުގަނޑުމެންނަށް އެމީހަކަށް ކުރެވޭ އިތުބާރަކީ ވަރަށް މުހިންމު ކަމެއް" ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮމެޓީތަކަށް މީހުން އައްޔަން ކުރުމުން އެގެން ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުނީ ނޫންކަން ފާހަގަ ކުރައްވާ ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދާފައި ދޫކޮށްލިއަސް އަދި ނުނިމޭ ކަމަށެވެ. މުއައްސަސާތަކުން އެ ތަންފީޒު ކުރަނީ ކިހާ މިންވަރަކަށްތޯ އާއި އެކަންކަމާއި ހަވާލުވެ ތިބި ފަރާތްތަކުން އެ މަސްއޫލިއްޔަތު އަދާ ކުރޭތޯ ވެސް މަޖިލީހުން ބަލަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

"މުއައްސަސާތަކުގެ މަސައްކަތް ލަސްވީމާ، މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް އަންގަނީ. ތަކުރާރުކޮށް ރަނގަޅު ކުރުމަށް ފުރުސަތު ދީފައި، ރަނގަޅު ނުވީމާ ދެން މަޖިލީހުން މިގެން އެ މެންބަރުން ވަކި ކުރަނީ." މިނިވަން މުއައްސަސާތައް ހިނގަނީ ގާނޫނީ އިމުގެ ތެރެއިންތޯ ބެލުމުގެ ޒިންމާ މަތިވެފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ، ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުންގެ މައްޗަށްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވިއެވެ.

ޑިމޮކްރަސީއެއްގައި ވަކި ފިކުރަކަށް ރައްޔިތުން މެޖޯރިޓީ ދިނުމަކީ ރައްޔިތުން އެބަޔަކަށް އެ ޒިންމާ ހަވާލުކުރުން ކަމަށާއި އެހެންކަމުން ކޮންމެ ބައެއްގެ އަތުގައި މެޖޯރިޓީ އޮތް ނަމަވެސް އެ ނިންމާ ނިންމުމަކީ ރައްޔިތުން ނިންމާ ނިންމުންކަން ފާހަގަ ކުރައްވާ ބޮންޑޭ ވިދާޅުވީ މިނިވަން މުއައްސަސާތައް ވެސް އަދި އެހެނިހެން އިދާރާތައް ވެސް ގިނަގިނައިން ޖަވާބުދާރީ ކުރެވޭނަމަ ނިޒާމު ފުރިހަމަ ވާނެ ކަމަށެވެ.

"މުއައްސަސާތަކަށް ވެސް ލާނީ އިންސާނުން. ކޮންމެވެސް ފިކުރެއް އެމީހުންގެ ވެސް ހުންނާނެ. މުޖުތަމައު ކުޑަ ވީމާ، އެކަކުގެ ދައްތައަކާއި ބޭބެއެއް، ނުވަތަ ކޮންމެވެސް ތިމާގެ މީހަކުވެސް ލެވޭ ފަހަރު އާދޭ. އެހެންނަމަވެސް އެއީ އެގޮތަށް އޮންނަ ކަމެއް ނޫން." ކޮންމެ ބަޔަކު މުއައްސަސާތަކަށް އައްޔަން ކުރި ކަމުގައި ވީނަމަވެސް ރައްޔިތުން ހޮވާފައި ތިއްބަވާ މަންދޫބުން އެބޭފުޅުންގެ ޒިންމާ އަދާކޮށް، މުއައްސަސާތައް ޖަވާބުދާރީ ކުރުވާ މަޖިލީހެއްގެ ޒިންމާ އަދާކުރާ ކަމުގައި ވާނަމަ މުއައްސަސާތައް ވެސް ހަރުދަނާވެގެންދާނެކަން ފާހަގަ ކުރައްވާ ބޮންޑޭ ވިދާޅުވިއެވެ.

ކޮންމެ ގޮތެއް ވިޔަސް މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރަން "މެރިޓް އުސޫލެއް" ގެންނަން ޖެހިއްޖެއެވެ. ގެނެވެން އޮތީ ވެސް މިއަދު ބާރުތައް އޮތް ބަޔަކަށެވެ. މި ބާރުތައް ރައްޔިތުން އެމްޑީޕީއަށް "މުތުލަގަކަށް" ދިނީ ވެސް އެ ވައުދު އެމްޑީޕީން ވީމައެވެ.

މި ކަމަށް ހައްލެއް ނުދީ، ހޭދަވާ ކޮންމެ ދުވަހެއްގައި، މިއިން ކޮމިޝަނަށް ހޭދަކުރާ ކޮންމެ ފައިސާއެއް ވާނީ އިސްރާފަކަށެވެ. ހޭދަވާ ކޮންމެ ވަގުތެއް ވެސް އެ ވަނީ އިސްރާފަކަށެވެ. މުއައްސަސާތައް މި ފެންނަނީ އޭރެއްގައި މަޖިލީހައި ވެރިކަމުގެ ބާރު އޮތް ސިޔާސީ ވެރިންގެ "ސިޔާސީ ވަޒީފާ ދެވޭ އައްޑާއެއް" ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރަރުވެސް ހުންނަނީ ހުނިފުށް ނެއްޓިފައި. ދެން ކޮން މިނިވަނެއް ވާނީ.

    13
    1
    • ޙައްގުބަސް

      މުއައްސަސާތައް އެކަނިތަ ސިޔާސީ ބޮޑު އިސްރާފަކަށްވީ! މިރާއްޖޭގެ ރައިސް މީހާއާ ތިއޮތް ތަންދޮރުނުފިލާ ގިނަ މެމްބަރުން ތިބި ގާނޫނުހަދާ މަޖްލީހޭ މިކިޔާތަންވެސް އެއީ ސިޔާސީ ބޮޑު އިސްރާފެއްގެ އިތުރުން ރައްޔިތުންގެ ޓެކްސްފައިސާ ކައި ހުސްކުރާ ތަންވެސްމެ!! ބޮޑުވަބާއެއް!! އީސީ ޝަރީފާ ގުޅިގެން ވޯޓުން ވައްކަންކޮށްގެން ގެނަސްފައިވާ ނަހަލާލު ސަރުކާރެއް!!

  2. ކޮންސަރންޑް

    އަހަރެން މި މަޒުމޫނަށް 100% ތާއީދު. އަހަރެން ހުށައެޅި މައްސަލަ ބައްލަވަން ހިޔުމަން ރައިޓްސް ކޮމިޝަނުން ފުރަތަމަ ވަޑައިގަތީ އީދު ޗުއްޓީއަށް. ދެން ވިދާޅުވީ ކޮންމެވެސް ކަނބަލަކު ގުޅުއްވާނޭ. އެއީ އޮގަސްޓު މަހު. އަހަރު ނިމުނު އިރުވެސް ނުގުޅުއްވާ. މާވެވަށް ވެއްޓުނު ގެރި މަރުވިތާ އެތައް ދުވަހެއް. ޝޭމް އޮން ޔޫ! އިސްތިއުފާ ކޮމިޝަން

    10
  3. Anonymous

    ތަންތާނގަ ތިބޭ ސިޔާސީ ކުނިބުނި ލަނީ އެތަންތާނގެ މެންބަރުންނަށް. ގާނޫނުގަ އޮތް އެއްޗެއްވެސް އެނގޭމީހަކު ނުހުރޭ. ދެން ކުކުޅުހާވާހެން މުޅިތަން ހާވާގަންނާނީ.
    ކޮންމެ 5 އަހަރަކުން 1 ފަހަރު އެފުއްމިފުށަށްޖެހޭނެ. ރައްޔިތުންނަށް އިންސާފު ލިބޭތަންތަނެއްނޫން އެއީ. މައްސަލައެއްކަހަލަ މައްސަލައެއް ބަލާ ނިންމަން 3 އަހަރު ދުވަސްވޭ.
    ހަދަންވީގޮތަކީ މުއައްސަސާތައް އުވާލަންވީ. ނޫނީ 5 މެންބަރުން ލުމުގެ ބަދަލުގަ 1 މެންބަރު ލާންވީ. 5 މެންބަރުންގެ ތެރެއިން ރައީސްއެއް ހަމަޖެއްސީމަ ދެންތިބި މެންބަރުން ރައީސް އަށް އޮންނަ ހަސަދާދަ އުޅޭނީ ތަން ބޮއްސުންލައްވާލާފަ ރައީސް ދުއްވާލަން. އެތެރޭގެ ޕޮލިޓިކްސްގަ މިނިވަން މުއައްސަސާތައް ހަލާކުވަމުން އެދަނީ.

    10
  4. Anonymous

    ހަމައެކަނި ބަހައްޓަންވީ ތަނަކީ އޭސީސީ. އެތަނުގެ ޑިޕާޓްމަންޓްތަކެއްގެ ގޮތުގައި ހަދަންވީ ދެންހުތި ހުތިހާ މިނިވަން މުއައްސަސާތައް ގައުމުގެ އާއްމުދަނީގެ ބޮޑުބައެއް ވޭސްޓްވަނީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ބޮޑު މުސާރަދޭން.

    11
  5. ގލޅ

    ފުރަތަ މަކަ މަކަށް ރައްޔިތުންގެ މަޖިލީހާއި ޖޭ އެސް ސީ
    އިސްލާހުކުރަން ޖެހެއެވެ.

    13
    1
  6. ސސ

    ކޮމިޝަން ހަދައިގެން ކުރާ އިސްރާފު ވަކި ކުޑަތޯ ؟ ރިކަރީއޭ ކިޔާއިގެން އުފެއްދި ކޮމިޝަނުން ކުރި ހަރަދު މާބޮޑު ރިކަވަރީގައި ހޯދަން އުޅޭ ވަރަށްވުރެންވެސް !

  7. Anonymous

    އޭސީސީ ބަހައްޓަންވީ. ދެންހުރި ހުރިހާ މިނިވަން މުވައްސަސާއެއް އުވާލާ! އެތަނތަނުން ކުރަމުންދިޔަ މަސައްކަތް އޭސީސީއަށް ބަދަލުކޮށްލާ. އޭސީސީއާ އެންއައިސީއާ އެޗްއާރްސީއެމްއިންވެސް ބަލަނީ ހަމަ އެއްކަހަލަ މައްސަލަ. ޖަލުގެ މައްސަލަތައް އެއީ ނުފޫޒުން ކުރިކަމެއްތޯ މިބަލަނީ އޭސީސީން. އެތަނުގެ އޮފިސަރަކު ގާނޫނާ ގަވާއިދާ ހިލާފަށްތޯ ބަލަނީ އެންއައިސީން. މިމައްސަލައިގަ އަނިޔާއެއްވިތޯ މިބަލަނީ އެޗްއާރްސީއެމް އިން. މިއީ އެޑްމިނިސްޓްރޭޓިވްކޮށް އެއްތަނަކުން ބެލޭނެ ކަންކަން. ދެން 3 އޮފީސް އިމާރާތުގެ ކުއްޔާ. އެޗްއާރްއާއި ފައިނޭންސްއާއި ޕްރޮކިއުމަންޓާ އެވެއަރނެސްއާ އެޑިޔުކޭޝަން ހިންގުމަށް 3 އިދާރާގަ ރިސޯސް ޑްޕްލިކޭޓް ކުރުމުގެ ބޭނުމެއް އެބައޮތްތަ؟ 15 މެންބަރުންގެ މުސާރައަށް އެކަނި އަހަރަކު 7.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ. ކުލިން 13 މިލިއަން ސަލާމަތް ކުރެވޭނެ.

  8. Anonymous

    މިނިވަން މުއައްސަސާ ތަކަކީ ރައްޔިތުންގެ ގައްގުބހޯދައިދޭ ތަންތަނެއްނޫން. އެތަންތަނަކީ ރަެްޔިތުންގެ އަތުންނަގާބޓްކްސް ފައިސާއާއި.ރައްޔިތުންގެ ހަރުމުދަލުން ލިބޭ ފައިސާ އިސްރާފް ކުރާ ތަންތަންތަން. ކޮންމެ މުއައްސަސާއެއްހިންގަން. މަހަކު 5 ލައްކަ ރުފިޔާ ދީފަ ތަނެއް ކުއްޔަށް ހިފާފަ ކޮންމެ ތަނަކަށް މައްސަލަ ބަލަންށޭ ކިޔައިފަ 5 މެންބަރުން އެބަލާ. އެކަމަކު މައްސަލަ ބަލަނީ އިންވެސްޓްގޭޓްކުރާ "މުވައްޒަފުން." މެންބަރުންނަކީ އަމަލީ ގޮތުން މައްސަލަ ބަލަ ބައެއްނޫން. ގިނަ ތަންތާނގަ ތިބޭމެ ންބަރުންނަކީ ދުވަހަކު ގާނޫނެއް ގަވާއިދެއް ކީ ބައެއްވެސްނޫން. ދެން ކީއްކުރަންލާ މެންބަރުންނެއް. އެއް މުއައްސަސާއަށް ބަދަލުކޮސް އިންވެސްޓިގޭޓިވް އޮފިސަރުން ތިބެފަ ހިންގާ ވެރިއެއް ނުވަތަ ޗީފް އެއް ލީމަ މާރަނގަޅަށްވެސް މުއައްސަސާ ހިންގާނެ. ގައިމު 5 މެންބަރުންގެ ކޯޅުން ނެތިދާނެނު އޭރަށް.

  9. Anonymous

    އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ހޮވީ މާކްސް ދީގެން އެންމެ ޤާބިލު މީހުންނޭ ރޮޒައިނާ ބުނިއިރު މާކްސްގެ ގޮތުން 2 ވަނައަށް ދިޔަ އާދަމް ޝާމިލާއި 6 ވަނައަށް ދިޔަ ނިޔާޒް އިބްރާހީމް ކަޓުވާލާފައި 7 ވަނައަށް ދިޔަ ޢަލީ އަޝްރަފް ހޮވީ ކޮން އުސޫލަކުންބާ؟ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އެއްވެލާފައި އެގޮތަށް އެކަން ކުރަން ނިންމާފައި މަޖިލީހުގައި އެގޮތަށް ވޯޓު ދިނީ. އެއީ އަޝްރަފަކީ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރުގެ އާއިލާގެ މީހަކަށް ވެފައި އެމީހުންނަކީ އެމްޑީޕީއަށް ޚަރަދުކުރާ ބަޔަކަށްވާތީ. ކޮމިޝަނަށް މެންބަރުން އައްޔަނުކުރަން ރައީސްމީހާ މަޖިލީހަށް ނަންތައް ފޮނުވީވެސް ޕާޓީއަށް ސަޕޯޓްކުރާ އާއިލާތަކުގެ މީހުންނަށް އިސްކަން ދީގެން. ޕާޓީގެ ނާއިބުރައީސްގެ ކޮއްކޮއާއި ރައީސްމީހާއަށް ކެމްޕެއިން ކޮށްދިން ހިންނަވަރު އާއިލާގެ ކުއްޖާއާ މިކަހަލަ ބަޔަކު ހިމަނައިގެން. އެކަމަކު ލަދުހަޔާތް ކުޑަކަމުން ބުނެފިއެއްނު، އެންމެ ޤާބިލު މީހުންނޭ ހޮވީ.

  10. Anonymous

    ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަކީ މައްސަލަތައް އޮއްބާލައިގެން މުއައްސަސާއެއް ހިމާޔަތްކުރާ ކޮމިޓީ. މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަކީ މައްސަލަތައް އުފަން ކުރުވައިގެން މިނިވަން މުއައްސަސާއެއް ހަލާކުކޮށްލި ކޮމިޓީ.

  11. ށަޒޔޔ

    ތި އިލެކުޝަންސް ކޮމިޝަނަކީ އެ ތާގެ ނައިބު ރައީސް ހަބީބު ގެ ޖަގަހަ. ހުރިހާ ކަމަކަށް ނުފޫޒު ފޯރުވާ. އަހަރެންނަކީ ކޮމިޝަން ގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ.