ށ. ކޮމަންޑޫ އެއާޕޯޓެއްގެ ވާހަކަ އަޑު އިވުނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރެވެ. ރިޔާސީ ދައުރު ދެބައި ވެގެން ދިޔައިރު އެ ކަން ވުމަށް ވުރެ ނުވާނެ ކަމަށް ބެލެވުނެވެ. އެ ވައުދު އެގޮތުގައި އޮއްވައި އެ ރައްޔިތުން ރުއްސަން އަނެއްކާ ވެސް ޖެހުނީއެވެ. ރުއްސަން އެންމެ ފަސޭހަ ގޮތް އިޚްތިޔާރު ކުރީއެވެ. އަނެއްކާ ވެސް ކޮމަންޑޫ ކިޔާފައި މަޝްރޫއުތަކެއްގެ އަޑު އެބަ އިވެއެވެ. އެއަށް ފައިސާ ހަމަޖައްސައި، ހަވާލު ކުރާނެ ބަޔަކު ހޯދައި، ކުރިން ނުދެކޭހާ ހަލުވި ދުވެއްޔެއް ވެސް ފެންނަ ކަހަލައެވެ.

އެހެން ފަހަރުތަކުގައި ފުރަތަމަ ކަމަކަށް ބަޖެޓްގައި ފައިސާ ހިމަނަން ޖަހައެވެ. އަހަރުގެ ބަޖެޓް ފޮތުގައި ލިޔެފައި އޮތަސް އަހަރު ނިމޭއިރު އޭގެ ހިލަމެއް ނުވެ ވެސް ގޮސްދާނެއެވެ. މާލިއްޔަތު ގާނޫނަކާއި، ގަވާއިދަކާއި، ތިމާވެށީގެ ގާނޫނަކާއި ގަވާއިދެއްގެ ތެރޭ މަޝްރޫއު މަޑުޖެހި އޮވެއެވެ. މަޝްރޫއެއްގެ ދެމެހެއްޓެނެވި މިންވަރެއް ޔަގީން ކުރަން، ކޮންމެހެން ލާޒިމު ވެސް މަރުހަލާތަކެކެވެ. އެކަމަކު އެ ކަން ކުރަން ކަމަށް ބުނެ އެ ހިނގާ މުއްދަތު ހަމަ އަޖައިބުން ފުރެއެވެ. މި ވަރުން ގޮސް މަޝްރޫއު ނިމިގެން އެ ތަން އިފްތިތާހް ކުރައްވަން ވަޑައިގަންނަވަން ހުންނަވަނީ މުޅިން އާ ރައީސްއެވެ.

މިއީ ރާއްޖޭގެ އާންމު ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިނގާ ދުވެއްޔެވެ. ބައެއް ފަހަރު ޕާޓީތަކުގެ ސަޕޯޓަރުންގެ ވާހަކަ އަޑުއަހާފައި، މަޝްރޫއުގެ "ކްރެޑިޓް" ދޭންވީ ސަރުކާރަށް ވެސް އޮޅޭ ކަހަލައެވެ. ފެށީތީވެ ކުރީ ސަރުކާރަށް ކްރެޑިޓް މާ ހައްގޭ އެބަ ބުނެއެވެ. ރައްދުގައި މި ސަރުކާރޭ ނިންމީ، އެހެންވެ މާ ހައްގު ވާނެއޭ ވެސް އެއް ބަޔަކު އެބަ ބުނެއެވެ. މަޝްރޫއެއް ފަށައި ނިމެނީ ދެ ރިޔާސީ ދައުރެއް ހިނގައިގެނެވެ.

ސިޔާސީ އުދަރެހުގެ މަލުން "ފޮނި ކަނޑަން ޖެހޭ" މޫސުމެއް އައި ކަން އެބަ އެނގެއެވެ. މުޅި ގައުމުގެ ނަޒަރު ވެސް ހުއްޓި މި އޮތީ ށ. އަތޮޅު ކޮމަންޑުއާއި، އެ އަތޮޅު ފޯކައިދުއާއި މަރޮށްޓަށެވެ. ދުވަސްތަކަކަށް ފަހު، އެންމެ ވަރުގަދަ ސިޔާސީ ލީޑަރުން ވެސް އެ ދާއިރާގެ މި ރަށްރަށް މަތިން ހަނދުމަވެއްޖެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެބަ ވަޑައިގަންނަވައެވެ. ދާއިރާގެ ރައްޔިތުންގެ ހާލަތު ރަނގަޅުވާނެއޭ ވިދާޅުވެ ވައުދުނާމާތައް ހިއްޕަވައިގެންނެވެ.

"ކޮމަންޑޫ ބައި އިލެކްޝަނުން ދައްކައިދެނީ ދާއިރާއެއް އެންމެ އަވަހަށް ތަރައްގީވާނީ ދާއިރާގެ މަޖިލިސް މެންބަރު ދައުރުގެ މެދު ތެރެއިން އަވަހާރަވުމުން ކަމުގައެވެ. މިއީ ހާދަވާ ބިރުވެރި ކަމެކެވެ. ކުރިއަށް އޮތް ތަނުގައި ހާދަ ބަޔަކު ކިޔާނެއެވެ. ގައިމު އަހަރުމެންގެ މެންބަރު އަވަހާރަވެއްޖެނަމަ މިވެނި އެވެނި ކަންތައްތަކެއް ވީހެވެ." އާންމުންގެ އެކުވެރި ގުޅުމުގެ ޖަމިއްޔާގެ މުއައްސިސް މިދުއާމް ސައުދުއަށް ވެސް ފެންނަ މަންޒަރުތަކުން ނެގުނު ބިރުވެރި މެސެޖް ފޭސްބުކްގައި ޚިއްސާ ކޮށްލިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

އިންތިޚާބަށް ވީމަ ގާނޫނުތައް ވެސް "ގެއްލިއްޖެ"

މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހުން ފާސްކުރިއިރު ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު ހިމަނާފައެއް ނެތެވެ. ބަޖެޓްގެ ބޭރުން ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލަން 250 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ވަނީ ހަވާލުކޮށްފައެވެ. މަޝްރޫއުގެ ތެރެއިން މަތި ކޮމަންޑޫ ފަޅު ތެރެއިން ބޮޑު ބައެއް ވެސް ހިއްކައެވެ. އެއަށް ފަހު ބްރިޖްއަކުން ދެ ރަށް ގުޅުވާލާނެއެވެ.

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) އެވެ. އޭގައި ލިޔެފައި އޮންނަނީ؛ "ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށް ވުރެ ޚަރަދު އިތުރު ކޮށްގެން ނުވާނެއެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއް ކުރުމަށް ކަނޑައަޅާފައިވާނަމަ އެ ޚަރަދެއް ކުރަން ވާނީ އެ ކަމަކަށް އެކަންޏެވެ."

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ، ދައުލަތުގެ ބަޖެޓްގެ އަދަދުތައް މިދިޔަ އަހަރު ސަރުކާރުން މުރާޖައާ ކުރީ ވެސް ގާނޫނު އަސާސީގެ އެ މާއްދާއާއި ޚިލާފަށް ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ބަޖެޓްގެ ބޭރުން ފައިސާ ހަމަޖެހިގެން މަޝްރޫއެއް ހިންގަން ވެސް ސަރުކާރަށް ފުރުސަތު ލިބޭނަމަ، އެ ކަމެއް ކަނޑައަޅަން ވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަޖިލިހުން ފާސްނުކޮށް ބަޖެޓް މި ގޮތަށް އެއް ފަންޑުން އަނެއް ފަންޑަށް ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކަމެއް،" ޑެޕުއިޓީ އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ ގާނޫނީ ވަކީލު އުޝާމް ވިދާޅުވިއެވެ.

މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ: މަޖިލިސް

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ވެސް ބަޖެޓްގެ ބާބު އަށް އަމަލު ނުކުރާ ކަމުގެ ކަންބޮޑުވުން ފާހަގަކުރިއެވެ. ބަޖެޓްގައި މަޝްރޫއު ހިމެނިފައި ނެތް އިރު، ފައިސާ ހޯދަން ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލެއް ރައްޔިތުންނާއި ޚިއްސާ ކޮށްފައެއް ނެތެވެ. ހާމަކަން ބޮޑު ގޮތެއްގައި މަޝްރޫއުތައް ހިންގަން ރައްޔިތުންނަށް އޭގެ މައުލޫމާތު ދޭން ވެގެން ފަރުމާ ކޮށްފައިވާ "އައިލްސް" ވެބްސައިޓްގައި ކޮމަންޑޫގައި މި އަހަރު ހިންގަން ހަމަޖެހިފައިވާ 10 މަޝްރޫއުގެ ތެރޭގައި ވެސް "ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު" ހިމެނިފައެއް ނެތެވެ.

މާލިއްޔަތު ގާނޫނު އަށް އިޝާރާތްކޮށް ޓްރާންސްޕޭރެންސީއިން ވެސް ފާހަގަ ކުރި ކަމަކީ އޭގައިވާ އެއްވެސް ކަމެއް ނުހިނގާ ކަމުައެވެ. ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓްގައި ޓެންޑާއަށް ހުޅުވާލި މަޝްރޫއުތަކުގެ ލިސްޓުގައި މި މަޝްރޫއު ނެތުމެވެ. ސަރުކާރުގެ ގެޒެޓްގައި ވެސް މި މަޝްރޫއުގެ މައުލޫމާތު ޝާއިއުކޮށްފައެއް ވެސް ނެތެވެ. އަދި މަޝްރޫއު ހަވާލު ކުރި ގޮތުގެ ތަފްސީލްތަކެއް ސަރުކާރު ގެޒެޓުންނާއި ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުން ވެސް ފެންނަން ނެތުމެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނު ގައި ލާޒިމްކޮށްފައިވާ ބައެއް ކަންކަން ވެސް ނުކުރާ ކަން ޓްރާންސްޕޭރެންސީ އިން ފާހަގަ ކުރެއެވެ. އެ ގޮތުން ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ނުވަތަ އީއައޭ ހެދުމާއި، އިގްތިސާދަށް ކުރާނެ އަސަރުގެ ރިޕޯޓެއް ތައްޔާރުކޮށް އޭގައިވާ ލަފައާއި އެއް ގޮތަށް ވެއްޓަށް ކުރާ އަސަރު ކުޑަވާނެ ގޮތަށް ގެންދިއުން ގާނޫނުން ލާޒިމު ކުރެއެވެ. އެހެންވިޔަސް މި މަސައްކަތްތަކާއި މަރުހަލާތައް މި މަޝްރޫއާއި ގުޅިގެން ނުހިނގައެވެ.

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރަނީ - ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އިންތިޚާބަށް ފޯރުވާ ނުފޫޒެއް، ފިޔަވަޅު އެޅެން ޖެހޭ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ހުސައިން ހަބީބް ވެސް ވިދާޅުވަނީ ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައި ނެތް ކަމެއް އަދި ރައީސްގެ ރިޔާސީ މެނިފެސްޓޯގައި ވެސް ހިމަނާފައި ނެތް ކަމެއްގެ މަޝްރޫއު ފެށުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމުގައި ބެލެވިދާނެ ކަމުގައެވެ. އެ ކަން ނުކުރަން ވެސް ހަބީބް ސަރުކާރަށް އިލްތިމާސް ކުރެއްވިއެވެ. އެކަމަކު އީސީއަށް އެޅޭނެ ފިޔަވަޅެއް އޮތް ކަމަކު ނުދެކުނެވެ.

"ބައެއް ފަހަރު ބަޖެޓުގައި ޖަހާފައި ނެތަސް ބައެއް ދާއިރާތަކުން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ސަރުކާރުން ކުރައްވާނެ، އަދި އެއީ ކޮންމެ ދާއިރާއެއް ވިޔަސް، ސަރުކާރުން ކުރައްވާ އެ ކަހަލަ ކަންކަން ތަހުގީގު ކުރުމުގެ ބާރެއް ނެތް،" ހަބީބު ވިދާޅުވިއެވެ.

ނަމަވެސް އުޝާމް ގަބޫލު ކުރައްވަނީ އިންތިޚާބުތަކަކީ ނުފޫޒުން އެއްކިބާވެގެން ބާއްވާ އިންތިޚާބެއް ކަން ކަށަވަރު ކުރުމަކީ އީސީގެ މައްޗަށް ގާނޫނު އަސާސީން ލާޒިމު ކުރާ ޒިންމާއެއް ކަމުގައެވެ. އެހެންކަމުން ވަކި ފަރާތުން ޝަކުވާ ހުށަހެޅިޔަސް، އަދި ހުށަނޭޅިޔަސް، އީސީގެ ސަމާލު ކަމަށް އެފަދަ ކަމެއް އައިސްފިނަމަ، އެ ކަމެއް ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވެއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވަކި ފަރާތަކުން ޝަކުވާ ހުށަނޭޅިއަސް އިންތިހާބަށް ނުފޫޒު ފޯރުވާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ އެކަމެއް ބަލައި ފިޔަވަޅު އެޅުމަކީ އީސީއަށް ގާނޫނީ ގޮތުން ލިބިފދީފައި އޮންނަ ބާރެއް. އެ ބާރުގެ ފުރިހަމަ އިހުތިޔާރު ބޭނުން ކުރަން ޖެހޭނެ." އުޝާމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމެއް - ފޮޓޯ: އީސީ

ޓްރާންސްޕޭރެންސީ މޯލްޑިވްސް ވެސް ބުނެފައިވާ ގޮތުން މިއީ އިންތިޚާބާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، އޮޑިޓަ ޖެނެރަލްގެ އޮފީހުންނާއި، ފުލުހުން ވެސް ތަހުގީގު ކުރަން ޖެހޭނެއެވެ. ތަރައްގީގެ މަޝްރޫއެއް ހިންގަން ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލާޒިމު ކުރާ މަރުހަލާތައް "ފަސް އަޅާފައި" ވަކި މަޝްރޫއެއް ހިންގިގެން ނުވާނެއެވެ. އެއީ ސަރުކާރަށް ކިތަންމެ މުހިއްމު ވެގެން އުޅޭ ގޮނޑިއަކަށް ވިޔަސް ހެޔޮއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާންމު ގޮތެއްގައި ފާހަގަ ކުރައްވާ މައްސަލައެކެވެ. ގާނޫނުން ލާޒިމުކޮށްފައި އޮންނަ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާ ނުލައި ކޮންމެ ސަރުކާރަކުން ކުރިއަށްދާ ކަމެވެ. ބަޖެޓް އެކުލަވާލަން ޖެހޭނީ އެ ޕްލޭންއާއި އެއް ގޮތަށް ކަމަށް ގާނޫނުގައި އޮންނަ އިރު ޕްލޭން ވެސް ނެތެވެ. ތަރައްގީގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެ ޕްލޭން މިހާރު ފެންނަން އޮންނާނެއެވެ. އެކަމަކު ހެޔޮ ނިޔަތެއް ނެތެވެ. ވަކި ބަޔަކު ރުއްސަން ކޮންމެ ފަހަރަކު ކޮންމެ ވެސް ބިނާއެއް ތަނަކު އަޅާލުމުގެ ވިސްނުން ނޫނީ ވިސްނުމެއް ސިޔާސީ ވެރިންގެ އޮތް ކަމަކަށް ނުފެނެއެވެ. މި އިންތިޚާބުން މި ފެންނަނީ އޭގެ ފުރިހަމަ މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަކުރަމް

    މިއިން އެނގެނީ ސިޔާސީ ލީޑަރުންގެ ވިސްނުންހުރި ދަށު ދަރަޖައެވެ. ސިޔާސީ ނިޒާމަށް ތަސައްރަފު ނުފުދޭކަމެވެ. ހެޔޮ ވެރިކަމުގެ ވާހަކަތަކަކީ ސިޔާސީ ޕޯޑިއަމްތައް ފަޅުފިލުވުމުގެ ނިޔަތުގައި ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ދަމާ ހާސަރުބޮނޑިއެއްކަމެވެ. ކަންކުރަނީ ގާނޫނުތަކަށް ބަލާލުމެއްނެތި އެވެރިއަކު ހިތަށްއެރިި ގޮތަކަށެވެ. ބޭނުމީ ވެރިކަމުގައި ތާއަބަދަށް ނުފައިބާ ތިބުމެވެ. ޚުދުމުޚުތާރުވެރިން ކަންކުރާ ބީދައިންނެވެ. ޑިމޮކްރަސީއަކީ ގާނޫނީވެރިކަމެވެ. އެކަން އަމަލުން ދައްކަން ނޭގޭ ބަޔަކު އެވާހަކަ ޑިމޮކްރަސީގެ ވާހަކަ ނުދައްކާށެވެ.

    23
  2. ފުޖޭރާ

    ކުރިން ބަޖެޓް ގަސްދަށުގެއަކީ ތީމުގެ މިހާރު މުލިއާގެ ތިމަމެން އެހެން މީހުނައް ވަނަން ކިޔައިގެން ހޯދި މޮޅަކުން އެމީހަކަށް މޮޅެއް ވާނެނަމަ މިވެރިކަމިވަރައް ރައްޔެތުން ބަވާ އެއްޗިހިނުކީސް ހިލަހިތެއް ނެތް ބަޔަކު ވެރިކަމުގަ ތިބިނަމަ މީހާރު އިސްތިއުފާދީފަ ވެރިކަން ރައްޔެތުންނާ ހަވާލް ކޮއްފީތާ ކިތައްމެ ދުވަހެކެވެ.

    21
  3. ހިޔަޅުން

    ރައްޔިތުހުންނޭ ހޭލަތިބޭތި ވެރިކަމަށް އަންނަން ކުރި ހުވަޔާ ވައުދު ނުފުއްދާ ވޯޓެއްގެ ބޭނުމުގަ ގާނޫނާ ގަވާދާހިލާފަށް ވުޖޫދުގާނެއް ލާރިން ކިހިނެއް މަސްރޫ ހިންގާނީ ގައުމުގެ މިނިވަންކަމާ އިންޑިޔާ ސިފައިން ބޭލުމަށް ބޭނުންވާ ދިވެހިރައްޔިތެއްވިއްޔާ މޑޕ އަށް ނުނޭ ނުނޭ ނޯވޯޓް ނުދޭތި އިންޑިޔާ މިލިޓަރީ އައުޓު ތީ ހިޔަޅުން ވޯޓްލާނިމުނިމަ އެހިސާބުން ހަދާނެއް ނުހުންނާނޭ ދޮގުވައުފުތަށް ހަދާންނެތޭނެ ކަންތަށް ތަށް ކޮއްދެން ބުނެގެން ވޯތުނުދޭތި ހުސް މަކަރާ ހިޔަޅުން ޯ

    18
    1
  4. ހިހޫތަނުން

    އިންތިހާބު އަދި ލަސްކޯށްލަން ފެނޭ ، ކޮމަންޑޫ ދާއިރާގެ ހުރިހާ ރައްޔިތުން އެދޭ ކަންކަން ފުރިހަމަވަންދެން ! ރައްޔިތުންނޭވެ މީ އެބުނާ "ކަޅުހިލަދަލަށް ވަޅިވަންނަވަގުތު" ވަގުތުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ހިފޭތޯބަލާތި!

    23
  5. ސސ

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިއުޅެނީ !

    21
  6. ސަމާސާ

    ފުރިހަމަ ލިޔުމެއް.
    ދައުރު މެދުތެރެއިން މެމްބަރުން މަރުވުން މިއީ ރައްޔިތުންނަށް އެއްމެފައިދާވާނެގޮތްކަން ސިޔާސީ ޕާޓީތަކުގެ އަމަލުން ފެންނަނީ.
    ސުވާލަކީ ކޫއްޑޫ ވިލިނގިލި ބްރިޖް ނިމެއްޖެހޭ، އައްޑޫ ހުޅުދޫ ބްރިޖްވެސް ނިމުނީތޯ ؟ ކޮމަންޑޫ އެއަރޕޯޓްވެސް ނިމުނީތޯ.

    22
  7. ސަމާސާ

    ކޮމަންޑޫއަށް ރައީސް ވައުދުވި އެއަރޕޯޓް އަޅާނިންމާފައި މިއިންތިހާބަށް މަތިންދާ ބޯޓްގައި ދިޔަނަމަ ރައްޔިތުން ސުވާލެއްނުކުރާނެ. ވޯޓް ވިދާޅުވި ބޭފުޅަކަށް އަޅާނެ.
    މިހާރު ތިދައްކާވާހަކަ ގަބޫލުކުރާނެ ފަރާތެއް ނެތް

    21
    1
  8. ނިޒާރުބެ

    ނޫސްވެރިން އިންތިހާބުތަކަށް އެންޓިކެމްޕެއިން ކޮށްލަން ކުޅަދާނަކަން މި ރިޕޯޓުން ފެނިއްޖެ

    3
    27
  9. މ

    ހުސް ރައްޔިތުންގެ ލޮލުގަ ދަޅަ އަޅުވަނީ.... ކޮބައިތޯ އަޅައިދޭން ވައުދުވި ހޮސްޕިޓަލް، މާލެ ދާކަށް ބޭނުމެއް ނޫން ބަލިވާ ކޮންމެ ފަހަރަކު... މާލެދާން ހާދަ ހަރަދު ބޮޑޭ.

    17
  10. ދުމައިން

    ކޮއްކޮމެންނަށް ހަނދުމަ ނެތުނީއެވެ. ރާއްޖޭގެ ދާޚިލީ ކަންކަމާ ނުހަނު ދޯޅު އަވައްޓެރި ގައުމެއް އޮވެއެވެ. އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބާ، މަޖިލިސް އިންތިޚާބާ ކައުންސިލް އިންތިޚާބުގަވެސް އެބައިމީހުން އަމަލީގޮތުން ހަރަކާތްތެރިވިއެވެ. ފައިސާ ޚަރަދުކުރިއެވެ. ޚާއްސަކޮށް މަޖިލިސް އިންތިޚާބުގައި ވަކި ވަކި ދާއިރާތަށް ނަގާ ސްޕޮންސާ ކުރިއެވެ. ދިއުޅިއެއްނުވާ މެމްބަރުންތަކެއް ތިޔަތަނަށް ވަދެގެން ތިއުޅެނީ އެމަގުންނެވެ. ތިޔަ 256 މިލިއަންރުފިޔާ އެއީ ތިމަންމެންގެ ހިލޭއެހީ އޭ ބުނާއަޑު ނުހަނުއަވަހަށް އިވޭނެތެވެ. އަދި މަސައްކަތް ހަވާލުކުރަން ޑޯނާ އެދިލެއްވި ޙާލަތްތަކުގެތެރެއިން މާލިޔަތު ގާނޫނުގެ އެއްކަނުން ދެވެން އޮންނަ ދައުލަތުގެހިއްސާ އޮންނަ ކުންފުންޏަށް ޕްރޮޖެކްޓުދިނީއެވެ. ވައްސަލާމް ކިޔާ ދެއަތް ފޮޅާލުން ނޫންގޮތެއް ހޯދާށެވެ. މިއަވައްޓެރި ޑުރެކިއުލާގެ ކިބައިން ގައުމު ސަލާމަތް ކުރާށެވެ. މިއީ ތިޔަ ސަރުކާރު 2މެމްބަރުންނަށްވެސް ނޫނެކޭ ބުނަންޖެހޭ ސަބަބެވެ.

    14
  11. އަލީ

    މިވެރިން ވެރިކަމަށް އައީމާ ވެރިކަން ކުރުންވެސް މިވަނީ ބޮޑުޖޯކަކަށް! ތަރައްޤީ ހޯދައިދޭށޭ ކިޔާ ސަރުކާރުގެ ޕާޓީކުދިންކުދިން ކުއްލިޔަކަށް މިހާރު އުޅުއްވާ ގޮތަކުން ޒާތެއްގެ ހިންނެކޭ އަންނަނީ، ދެން ރިޔާސީ އިންތިޙާބުގަ ފޯރި ހުންނާނެޔޭ، ރައްތަކަށް ލައްކަ ގިނަވައުދު ފުއްދަން އެބައޮތޭ! މިސަރުކާރުގެ އިޚްލާސްތެރި ކަމާމެއް ނެތްކަން މިސާފުވަނީ!

    15
  12. ޖާނޭ

    ސްލޮލިޙް ހަލުއިލިހަށް ބަދަލުވާން އުޅުނަސް އެކަންވެސް އެކުރެވެނީ ޤާނޫނާ ޚިލާފަށް ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ. ހަމދުމަފުޅު ބަހައްތަވާތި، ޤާނޫނު އަރާ ހަމަ ކުރާނެކަން

    16
  13. ރާއްޖެތެރެ

    އެމްޑީޕީ އަކީ ދޮގާ މަކަރާ އޮޅިވާލުން ގެންގުޅޭ މަކަރުވެރި ބައިގަނޑެ

  14. މަޖީދީމަގު

    މަށެއް ދުވަހަކުވެސް އެމްޑީޕީޔަ ވޯޓެއް ނުދޭނަން. ސަބުތައް ވަރައްގިނަ. ދިވެހިން ވިސްނަވާ

    3
    1
  15. ގާފަރޭ

    ހެޔޮނުވާނެ ޖާބިރު މަޖިލީހުން ބޭރުވާނެ ގޮތެއް ހަދައިދީބަލަ. އޭރުން ބައިއިލެކުޝަނުގައި މިރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ނިމިދާނެ. ސާވޭކޮށް ބަޖެޓުގައި ޖަހައި ހަދާތާ ކޮން ދުވަހެއް

  16. ޞަމަދު

    އެމްޑީޕީ އަކީ ވަރަށް ފާޅުގައި ބޮޑެތި އޮޅުވާލުމައި ހީލަތާއި މަކަރުން އިންޑިޔާ ިއން ނާއި ބޭރު ލާދީނީ މިޙުންގެ އަތުން ސލާން ޖަހާފެން ފައިސާ ނަގަައިގެން މި ގައުމުގެ ވެރިކަމަށް ފެންބޮވާގެންފަައިވާ ގައްދާރުންތަކެއްކަން ބަލާލިކޮންމެ ދިމާލަކުންވެސް އެހުރީފެންނަށް! މި ގައުމުގެ ގާނޫނެއް ގަވައިދެއް އެއްވެސް އިރެއްގައި ބަލާގަނެ އެއަށް ޢަމަލުކުރި ބައެއްނޫނ! މާދަމާވެސް މިއަދު ވެސް ނުކުރާނޭ! ތިޔަ ރަށާއި އަތޮޅުމީހުން ހޭ އަރާބަލަ! ބަޖެޓްގައި ނެތްކަމެއް ފެށިޔަށް އެކަން ނުކުރާނޭ! ނުކުރެވޭނޭ! އެމްޑީޕީ ގެ މެމްބަރ ހުއްޓާ ކީއްވެތޯނުވީ މި ތަަރައްގީ ސޯލިހު ގާތު އާއި ފައިސަލްނަސީމް ގާތު އަހާބަލަ! ކަނޑައެޅިގެން ދޮގު ހަދާނީ! މިއަދު ދެން އަލުންވެސް ގޮނޑި ދޭންވީ!؟؟؟؟؟؟؟؟؟؟؟ ނުވާނެ! މީ 100ޕ ގެެރެންޓީ އެިނގޭތޯ! ރައްޔތިުން މި ބަލާވެރިަކަމުން ސަލާމަޔްވޭ ކުދިންނޭ! އާދޭސްކޮށްފައި މިބުނަނީ!