ޓްރާންސްޕޭރެންސީ މޯލްޑިވްސް އަކީ ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލުމުގައި ރާއްޖޭގައި ވަރަށް ހަރަކާތްތެރިކޮށް ފެނުނު ޖަމިއްޔާ އެކެވެ. އަދި އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކުމުގައި ވެސް އެޖަމިއްޔާގެ ނަން މަޝްހޫރެވެ. ނަމަވެސް ފާއިތުވި ދެތިން އަހަރު މިޖަމިއްޔާގެ ޚަބަރެއް ކުރިއާއި އަޅައި ބަލާއިރު ނުވެއެވެ. ދަމަކުން ބަޑިއެއް ޖަހާހެއް ޓްރާންސްޕޭރެންސީގެ ޚަބަރެއް ވީނަމަވެސް މީގެ ކުރިން ހުރި ހަރަކާތްތެރިކަމެއް ނެތެވެ.

ޓްރާންސްޕޭރެންސީގެ ޚަބަރެއް ނުވެ އޮތުމަށް ފަހު މީގެ ހަފްތާއެއްހައި ދުވަސް ކުރިން ކުއްލިއަކަށް މިޖަމިއްޔާގެ ޚަބަރެއް ވެއްޖެއެވެ. ސަރުކާރުން ށ.އަތޮޅު ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އިއުލާން ކުރުމާއިއެކު ޓްރާންސްޕޭރެންސީ އަށް ހީވީ "ދެއީދު އެކުގައި އައިހެންނެވެ." ވަރުގަދަ ބަޔާނެއް ނެރެ ސަރުކާރަށް ފާޑުކިޔައި ފިއެވެ. އިއްތިފާގަކުން މިބަޔާން ނެރުނު ވަގުތު މިދިމާވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ކޮމިޝަންގެ މެންބަރު ކަމުން ވަކިވި ވަގުތާއިއެވެ.

ޝިއުނާ އޭސީސީގެ މެންބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. އޭރު ޝިއުނާގެ ހަރަކާތްތެރިކަމާއި އެކަމަނާ ދެއްކެވި ވާހަކަފުޅުތަކަކީ މިހާރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނާއި މިސަރުކާރު ގެންނަން މަސައްކަތް ކުރި މީހުންނަށް ވަރަށް ކަމުދިޔަ ވާހަކަތަކެކެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އޭސީސީގެ މެންބަރަކަށް ވެވަޑައިގެން އެކޮމިޝަންގެ ރައީސް ކަމަށް ޝިއުނާ ވަޑައިގެންނެވުމުގެ ކުރީގެ ހަނދާންތައް އާކޮށްލަން ހިނގާށެވެ.

2016 ވަނަ އަހަރުގެ ޑިސެމްބަރ 07 ވަނަ ދުވަހު މާލޭގައި ޓްރާންސްޕޭރެންސީން ބޭއްވި ހިއުމަން ރައިޓްސް ކޮންފަރެންސްގައި ޝިއުނާ ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަނީ ގެއްލިފައި ކަމަށާއި އެފަދަ އިތުރު ހާދިސާއެއް ހިނގަންދެން މަޑުކުރެވޭކަށް ނެތްކަމަށެވެ.

ޝިއުނާ އޭސީސީ އާއި ހަވާލުވިއިރު އޭނާގެ ބޮލުގައި އެޅިފައި އޮތް އެޒިންމާއަކަށް ރިލްވާންގެ މައްސަލަ އަށް ނުފޫޒު ފޯރުވައިގެން ތަހްގީގު އަނބުރާލުމަށް މަސައްކަތް ކުރި ކަމަށް ކުރިން ކުރި ތުހުމަތުތަކުގެ ހަގީގަތް ހޯދުން ނުހިމެނުނީ ކީއްވެ ހެއްޔެވެ؟ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަކީ އޭސީސީގެ އެންމެ ބޮޑު އެއްޒިންމާ ކަމަށް ވާއިރު ރިލްވާނާއި ޔާމީންގެ މައްސަލައިގެ ވާހަކަ ދައްކަވައިގެން މަގާމު ކަށަވަރު ކުރައްވާފައިވާ ކުރިން އެމައްސަލަތަކުގެ ތަހްގީގަށް ވެގެން ދިޔަ ގޮތް ޝިއުނާ ނުބެއްލެވީ ކީއްވެ ހެއްޔެވެ؟

ރިލްވާނާއި ޔާމީން އަދި އިތުރު އެތައް މައްސަލައެއް ތަހްގީގު ކުރަން އޮތް ރިޔާސީ ކޮމިޝަނަކީ ވެސް ދައުލަތުގެ މުއައްސަސާއެކެވެ. ދައުލަތުގެ މުއައްސަސާއެއްގެ ހައިސިއްޔަތު އެކޮމިޝަނަށް ލިބުމާއިއެކު އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމުގެ ޒިންމާ އެހެން މުއައްސަސާތަކާއި ވެސް ހަވާލު ވާނެއެވެ. ނަމަވެސް ތިން އަހަރު ވެގެން ދިޔައިރު ރިޔާސީ ކޮމިޝަނަށް ނުނެރެވުނު ނަތީޖާ އާއި އަދި ނަތީޖާ ނުނެރެވުނު ސަބަބު ދެނެގަންނަން ޝިއުނާ އިސްވެ ހުންނަވައިގެން ކުރެއްވީ ކޮންކަމެއް ހެއްޔެވެ؟ ޝިއުނާ ކަމަނާގެ ޒިންމާ އަދާކުރެއްވުމުގައި ކުރެއްވި ކަންކަމުގެ "ޓްރާންސްޕޭރެންޓް ކަން" ނުފެންނަނީ ކީއްވެ ހެއްޔެވެ؟

އެންމެ ފަހުން އޭސީސީގެ މެންބަރުކަން ކުރެއްވި ބޭފުޅުންގެ އެންމެ ބޮޑު ފޭލިއާއަކީ އެމްއެމްޕީއާރްސީގެ މައްސަލަ އެވެ. އެމްއެމްޕީއާރްސީ މައްސަލައިގެ ތަހްގީގު ކޮޅެއްގައި ނުޖެހި، އަދިވެސް ގިނަ ބަޔަކު އެތިބީ މިނިވަންކަމާއިއެކުއެވެ. ރައްޔިތުންގެ ފައިސާ އިން އެމީހުން ހޯދި މުއްސަނދި ކަމުގައި ދުވަސް ގުނާލަ ގުނާލައި ދުނިޔޭގެ ހަތަރު ބިތައް ދަތުރުކޮށް އެންމެ އަގުބޮޑެތި ގައުމުތަކުގައި ދިރިއުޅުން ކުރިއަށް ގެންދިއުމުގައެވެ. ނުވަތަ ހުޅުމާލޭ އެންމެ އަގުބޮޑު ލަގްޒަރީ ފްލެޓްތަކުން ފްލެޓެއްގެ ޕެންޓް ހައުސްގައެވެ.

ޝިއުނާގެ ބެލެހެއްޓުމުގެ ދަށުން ވެސް އޭސީސީ ބައިވެރިވެގެން އެމްއެމްޕީއާރްސީ މައްސަލަ ތިން އަހަރު ވަންދެން ތަހްގީގު ކޮށްފިއެވެ. އަތުޖެހުނު އިތުރު "ވަގެއް ނެތެވެ." ހޯދުނު އިތުރު ހޯދުމެއް ނެތެވެ. ކާމިޔާބު ކުރެވުނު އިތުރު މައްސަލައެއް ނެތެވެ. ވަރަށް ސާފުކޮށް ފެންނަން އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވެސް އަތްދަށުން ދެމިގެން ދިޔަ އެއްސަބަބަކީ އޭސީސީ އަށް ވެސް ތަހްގީގު ފުރިހަމަ ކުރެވިފައި ނެތުމެވެ. ޝިއުނާ މަގާމާއި ހަވާލުވުމަށް ފަހު ވެސް އެމައްސަލައިގެ ތަހްގީގު ފުރިހަމަ ކުރަން އިތުރު ވަގުތު ލިބުނެވެ. ނަމަވެސް ކުރެވުނު ހަމައެންމެ ކަމެއް ވެސް ނެތެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ދައުލަތުގެ އިދާރާތަކުން އެވިދާޅުވާ ކުރީ ސަރުކާރުގެ ބޭފުޅުންނާއި މިސަރުކާރުގެ ބޭފުޅުންނާއި ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިން ވެސް ހޭލަމޭލަވެ އެބައުޅުއްވައެވެ. އެބޭފުޅަކު އެބޭފުޅެއްގެ ވަޒީފާގައެވެ. އެއިން ބޭފުޅެއްގެ "ގައިގަ އަތްލެވޭ ވަރަށް" އޭސީސީ އަށް ތަހްގީގު ކުރިއަކަށް ނުގެންދެވުނެވެ. ރިޔާސީ ކޮމިޝަނުން ކުރާ މަސައްކަތައް ވެސް އޭސީސީ އަށް ދެވުނު އެއްބާރުލުމެއް ނެތެވެ.

މިސަރުކާރުގެ ވެންޓިލޭޓަރު މައްސަލަ އަކީ އޭސީސީ އިން ނިކަން ބޮޑު ޝައުގުވެރިކަމެއް ދިން މައްސަލައެކެވެ. ނަމަވެސް ހުރިހާ ގަލެއް ފުރޮޅައިގެން ވެސް ކުށްވެރިޔަނު އަތުލެވޭ ގޮތެއް ނުވިއެވެ. ޝައްކާއި ވަހުމުގެ މައްޗަށް ދޭތެރެއަކުން ކޮންމެވެސް ބަޔާނެއް ތައްޔާރުކޮށް މީޑިއާތަކުން ޝިއުނާ ޖާގަ ހޯއްދެވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ.

ޝިއުނާ އޭސީސީގެ ރައީސްގެ ބާރާއި ނުފޫޒުގައި އިނާޔަތުގައި އިންނެވިއިރު ޓްރާންސްޕޭރެންސީ އަށް ރާއްޖޭގައި ހިނގާ އެއްވެސް ކަމެއް ނުފެންނަ ފަދައެވެ. ބައެއް ފަހަރު ބަޔާނެއް ނެރުނަސް މާއޮއްޓަރެއް ހުރި ވާހަކައެއް ނުދައްކައެވެ. ބަޔާންތައް ފެނުނީ ވަރަށް "ވަޅޯތާފަނާ ގޮތަކަށެވެ." ނަމަވެސް ޝިއުނާ އަށް އޭސީސީގެ މަގާމު ގެއްލުމާއިއެކު ޓްރާންސްޕޭރެންސީގެ ވަރު ޖެހިއްޖެއެވެ.

ރައްޔިތުން ބޭނުން ވަނީ ހުސް ވާހަކައެއް ނޫނެވެ. ރައްޔިތުން ބޭނުން ވަނީ ނަތީޖާއެވެ. ނަތީޖާ ނެރެން ފުރުސަތު ލިބުމުގެ ކުރިން ވާހަކަދައްކައި ކަންކަން ކުރަން ޝިއުނާ އަށް ފުރުސަތު ލިބުނެވެ. އެފުރުސަތައް ފަހު ނަތީޖާ ނެރެން ވެސް ފުރުސަތު ލިބިއްޖެނަމަ ނަމަވެސް ނަތީޖާ ނެރެން ބާރާއި އިހްތިޔާރާއި އެކު ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ކޮރަޕްޝަން ހުއްޓުވަން ޖެހެއެވެ. ނަމަވެސް ކޮރަޕްޝަން ހުއްޓުވޭނީ ވެސް ނުފޫޒެއް ނެތި އަމަލު ކުރެވޭ ބަޔަކަށެވެ. ދައްކާ ވާހަކައަށް ވުރެ އަމަލު ގިނަ ބަޔަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފައިސޫ

    ތީ ހުސް ޔޫކޭ އިން ބަޔަކު މީހުން ލައްވައި އުފައްދާފައި ހުންނަ އެންޖީއޯތައް. އެއީ އެމީހުންގެ ނުފޫޒު އޭގެތެރެއިން ގައުމުގެ ޔެރެއަށް ވައްދަން އުފައްދާފަ ހުންނަ ދޮރީށިތައް. އެތަންތާގެ ލާފަތިބޭނީވެސް ޔޫކޭއިން ކިޔަވާފަތިބޭ މީހުން. ހަގީގީ ފެންވަރެއްވެސް ގިނަ ފަހަރު ނުހުރޭ. އެކަމަކު އެވޮޑުތަކާއި އެއްޗެހިދީ މައްޝޫރުކޮއްފަ މަގާމުތަކައް ލައްވުއަނީ. ދެން ފެންނަނީ މަގާމުތަކުގެ މައްސޫލިއްޔަތާއި ޒިންމާއަދާނުކުރެވީ އިދާރާ ބޮއްސުންލާތަން.

    33
    1
  2. އަސީލް

    ޔޫކޭ މީހަކާ އިނދެގެންވެސް މީނާ އުޅެނީ.. ތީ ހުސް ޔޫކޭގެ ނުފޫޒު މިތަނައް ވައްދަން ތިބޭ އެޖެންޓުން.

    34
    1
  3. ފައިޒާ

    ނަޝީދުމެންނާއި ގުޅިގެން ޔޫކޭއިން މިތާގަ ތިޔަޒާތުގެ އެޖެންޓުން އުފައްދައިގެން ކުޑަ ކޮމިއުނިޓީއެއް ހަދާފަ އޮންނަނީ. ދެން އޭގަ މިތިބެނީ އެކިކަހަލަ ނަންނަމުގަ ހަދާފ ތިބޭ އެންޖީއޯތައް. އެ އެންޖީއޯތައް ބޭނުން ކުރެވެނީ ރާއްޖޭގެ ގާނޫނުތައް ސެކިއުލަރ ކުރަންށާއި މުސްތަގުބަކުގައި މިތާގަ އެހެންދީންތަކައް ފުރުސަތު ހުޅުވާލުނައް ބާރުއެޅުމަށާއި އެމީހުންގެ މި އެޖެންޑާއަށް ތާއީފު ކުރާ ސަރުކާރުތަކައް އެކިކަހަލަ ގޮތްގޮތުން ސަޕޯޓު ކުރުމަށާއި އަދި އެ އެޖެންޑާއާއި ދެކޮޅު ސަރުކާރުތަކަށް ޖެއްސުން ކުރުމާއި ރާއްޖެ ލާދީނީ ކުރަން އެކިއެކި ސޯސަލް އިންޖިނިއަރިން މަސައްކަތް ހިންގުނާއި ކޮމިއުނިޓީއަށް ޖާސޫސު ކުރުމެވެ. އެހެންނުން.

    27
    1
  4. ސސ

    އިންސާނީ ހައްޤު ފެންނަނީ އަދި އޮންނަނީ އަބަދުވެސް އެއްފަޅި ބޮޑުކޮށް އަނެއް ފަޅިޔަށް ކުޑަކޮށް، މަގޭ ފަޅި ބޮޑުކޮށް އަބަދުވެސް އޮންނަން މަބޭނުންވަނީ !

    30
    1
  5. ޢަލީ

    ޓްރާންސްޕެރެންސީ ތިޔައީ ވަރަށް ބަޔަސް ބަޔަކު ހިންގާ ވަކި އަތަކަށް ޖެހިފަ އޮންނަ ބައެއް

    32
    1
  6. ލޮލް

    ޝިއުނާމެންނަކީ އެއްވެސް އިޚުލާސްތެރިކަމެއްނެތި ހަމައެކަނި ރުފިޔާ ފައިސާކޮޅަކަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރާބައެއް.

    26
    1
  7. މ

    ސްޓެލްކޯ އަދި ފެނަކަިގެ ބޮޑެތި ކަރަޕްޝަންތައް އޭސީސީއަށް ހުށަހެޅީމާ ވެސް ޝިއުނާމެންނަން ނުބެލުނު
    ޜައީސް އޮފީހުގެ އޯޑަރަށް ބިރުން ބަލަން ނުކެރުނީ...ކެރަފާ ނަސީމްގެ ކަރަޕްޝަން ވެސް އޮތީ ވަޅުލާފައި

    33
    2
  8. ޙަސަނާ

    އެހެން ތަންތަނުން ކުރާ ތަޙުޤީޤުތައް ކުރަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަކީ އޭސީސީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން. ތަންދޮރު އެނގިގެން އެއްޗެހި ލިޔެބަލަ.

    5
    8
  9. މުރީދު

    ޝައްކާއި ވަހުމް މާބޮޑަށް ބޮލަށްވަނީމަ ނެރެވޭނެ ނަތީޖާއެއް ނޯންމާނެ

    16
    1
  10. ކޮރަލް

    ދީނައް ފުރައްސާރަ ކުރާ ބަޔަކު މަޑުން ހުރީ އެމީހުން ބޭނުން ވާ ގާނޫނު ތަކެއް ހަދާ ތީ އެވެ.

    17
    1
  11. އަހަންމަދު

    އަދިވެސް މިކަހަލަ އަންހެނުން
    އިސްމަޤާމުތަކަށް އައްޔަންކުރުން
    އިތުރުކުރަންވީ!

    12
    1