ނައިބު ރައީސް ޢަބްދުﷲ ޖިހާދު ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ސަރުކާރުގެ ދައުވަތަކަށް "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް އެންޑް ދަ ވޯރލްޑް ގަވަރމެންޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާ ވަޑައިގެންފިއެވެ.

މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ދުބާއީގައެވެ.

ރައީސް އޮފީހުން ވިދާޅުވީ ދަ ވޯރލްޑް ގަވަމެންޓް ސަމިޓް 2018 އަކީ ދުނިޔޭގެ ސަރުކާރުތަކުގެ ކުރިމަގު ބައްޓަން ކުރުމަށް ޚާއްސަކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ފޯރަމެކެވެ. ކޮންމެ އަހަރަކު ވެސް މި ސަމިޓްގެ އެޖެންޑާގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާ އީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހިމެނެއެވެ.

މީގެއިތުރުން މި ސަމިޓްގައި ސަރުކާރުތަކުގެ މެދުގައި އާ އިޖާދުތަކާއި، ޓެކްނޮލޮޖީއާއި ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރެވޭނެއެވެ. މި ސަމިޓްގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ފަންނީ މާހިރުންނާއި، އިންސާނީ ތަރައްޤީއަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ސަމިޓް ކުރިއަށްދާނީ އެކި ބޭފުޅުންގެ ވާހަކަފުޅުތަކާއި، ޤައުމީ ފެންވަރުގެ ލީޑަރުންގެ މެދުގައި ބޭއްވޭ ޕެނަލް ޑިސްކަޝަންސްތަކާއި، ދުނިޔޭގެ އެކިކަންކޮޅުތަކުންގެ ބައިނަލްއަޤުވާމީ ފަންނީ މާހިރުން ހިމެނޭ ގޮތަށެވެ. ގާތްގަނޑަކަށް 140 ޤައުމަކުން ހަތަރުހާހެއްހާ ބައިވެރިން މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.