ސިހުރުވެރިންނަކީ އިންސާނުންގެ ތެރެއިންވާ ސައިތާނުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ. އެގޮޕތުން ހުތުބާގައު ބުނީ ސިހުރަކީ ގަދީމީ ޒަމާންތަކުގައްޔާއި ޓެކްނޮލޮޖީއާއި ތަރައްޤީގެ މި ޒަމާނުގައިވެސް މީސްތަކުންގެ ގައިގައި ވަކި ހިއްޕާލައިފައިވާ ބިރުވެރި ބަލިމަޑު ކަމެކެވެ. ސިހުރުވެރިޔާ އަކީ އިންސީންގެ ސައިތާނުންގެ ތެރޭގައި ހިމެނޭ ސައިތާނެއް ކަމަށެވެ.

" ސިހުރުވެރިންނަކީ މީސްތަކުން ދެކެ ލޯބިވާނެ މީހެއް ނޫނެވެ. ސިހުރުވެރިޔާގެ ހިތުގައި އިންސާނުންނަށް ކުލުނެއް ނުހުންނާނެ. ސިހުރުވެރިޔާގެ މަގުސަދަކީ މީސްތަކުން ގިލަންވެރިކުރުވުމަށާއި، މީސްތަކުންނަށް ގޯނާ ކުރުމަށާއި، އޭނާގެ ޖީބު ތަނަވަސްކުރުން. އަދި މަކަރާއި ހީލަތުން އަގީދާ ބަލިކަށި މީހުންގެ ހިތްތަކާއި ކުޅުން" ހުތުބާގައި ބުނެފައިވެއެވެ.

މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށް ފަހުގައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

" މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށް ފަހު، އޭނާގެ އެކުވެރި ސައިތާނީ ޖިންނީންނާއި ދޯޅުވުމަށްޓަކައި މާތް ﷲ ހުއްދަ ނުކުރާ އަމަލުތަށް ކޮށްގެނެވެ" ހުތުބާގައި ބުނެފައިވެއެވެ..

އަދި ސިހުރުވެރިންގެ ބަސް ތެދުކުރާ މީހާ ސުވަރުގެ ނުވައްދަވާނެ ކަމަށް ރަސޫލާ ހަދީޡް ކުރައްވާފައިވެއެވެ.

ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ.

"ތިން މީހަކު ސުވަރުގެ ނުވަންނާނެތެވެ. އެއީ ރާބުއިމަށް ދެވިހިފާފައިވާ މީހާއާއި، ރަހިމުގެ ގުޅުން ކަނޑާމީހާއާއި، ސިހުރުވެރިންގެ ބަސް ތެދު ކުރާ މީހާއެވެ."

އަދި އުއްމަތުގެ ހުރިހާ އިލްމުވެރިން އިއްތިފާގުވާ ގޮތުގައި ސިހުރު ހެދުމަކީ ހަރާމް ކަމެއް ކަމަށާއި ސިހުރު ހެދުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ސިހުރު އުނގެނުމާއި ސިހުރު ދަސްކުރުމަކީވެސް ފާފައެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

އަދި އަބޫބަކުރުއް ޖައްސާސު ވިދާޅުވާ ގޮތުގައި ސަލަފުން އެއްބަސްވާ ގޮތުގައި ސިހުރުވެރިން މެރުން ވާޖިބްވެގެންވެއެވެ.

ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ކުރައްވާފައިވެއެވެ.

"ކާހިނެއްގެ ގާތަށް ނުވަތަ ފާލުބަލާ މީހެއްގެ ގާތަށް ގޮސް އެމީހަކު ބުނާ އެއްޗެއް ތެދުކޮށްފި މީހާ، ހަމަ ކަށަވަރުން މުހައްމަދުގެފާނުގެ މަށްޗަށް ބާއްވައިލެއްވުނު އެއްޗެއްސަށް ކާފަރުވެއްޖެއެވެ"

އަދި އިރުވައި ބެލުމާއި އަތްބެލުން ފަދަ ކަންކަމަކީވެސް ސިހުރު ހެދުން ފަދަ ނުބައި ފާފައެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

" މުސްލިމު އަހުންނޭވެ! އިރުވައި ބެލުމާއި ފާލުބެލުމާއި ރަމަލު ޖެހުމާއި، އަތްބެލުން ފަދަ އެންމެހާ ކަންކަމަކީ ހަމަ ސިހުރު ހާހޫރައާއި އެއްފަދަ ބޮޑެތި ފާފަތަކެވެ.

ސައިތާނުންގެ ކިބައިން ކަންތަށްތަކަށް އެނދުމަކީ އެމީހެއްގެ ދީމާއި ދުނިޔެއަށް ގެއްލުން ހުރި ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

" ސައިތާނުންގެ ކިބައިން ކަންތަށްތަކަށް އެނދުމަކީ އެމީހެއްގެ ދީމާއި ދުނިޔެއަށް ގެއްލުން ހުރި ކަމެއް ކަމެއް. ރަސޫލާ ހަދީޡްކުރައްވާފައިވެއެވެ. : އައްރާފެއްގެ ގާތަށް ގޮސް ކަމަކަށް އެދުނު މީހާގެ ކިބައިން ސާޅީސް ދުވަހުގެ ނަމާދު ގަބޫލު ނުކުރައްވާނެއެވެ."

އަދި ސިހުރުވެރިކަން ދުނިޔޭގައި އާންމުވެގެންދިޔައީ މާއްދިއްޔަތު އިސްކޮށް މާތްﷲގެ ހުކުމް ފުޅުތަކަށް ފާޅުގައި ގޮނެޖެހުމުން ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ. އަދި ސިހުރު ފެތުރުމަށް ބައެއް މީޑިއާތަކުން މަސައްކަތް ކުރުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ސިހުރު ހެދުމާއި ސިހުރާއި ގުޅުން ހުރި އެންމެހާ ކަންކަމުން ދުރުހެލިވުމަށް މީސްތަކުންނަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝާން

    އެހެންވީމަ އަސޭލާ ކާރިއަށް ދިޔައީ ވެސް ޝައިތާނެކޭތަ އެ ބުނަނީ؟

  2. މީ

    އަލްހަމްދު ލިﷲ ހުތުބާ މައުލޫ ރަނގަޅު

  3. ޖަމީލް އުސްމާން ގެމަނަފުށި ދާއިރާ

    މިސަރުކާރުގެ އިސްވެރިން ހިމެނޭ ސިހުރު ހެދުމުގައި އެމީހުންނަށް ހުކުމް ކުރަންޖެހޭ