އެއްވެސް ދިރުމެއް ނެތް ހަނަފަސް ވާދީއެއްގެ ގޮތުގައި މައްކާ އޮތް ހިނދު އެތަން ބަރަކާތްތެރިކުރައްވައި އަމާންތަނެއްކަމުގައި ލެއްވުމީ ޢާލަމްތަކުގެ ވެރި ﷲގެ ތަނަވަސް ރިޒްޤު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ރިޒްޤު ހޯދުމަށް މަސައްކަތް ކުރުން" މި މައުޟޫއަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނީ، ރިޒްޤަކީ ވިސްނުން ތޫނުވެގެން ނުވަތަ ތިމާގެ ބާރުވެރިކަމުން ލިބިގަނެވޭ އެއްޗެއް ނޫން ކަމަށާއި، އެކަލާނގެ ރިޒްޤު، އެކަލާނގެ މަޚްލޫޤުންގެ މެދުގައި ބައްސަވަނީ އެކަލާންގެ ދެނެވޮޑިގެންވާ ޙިކްމަތެއްގެ މަތިން ކަމަށެވެ.

އެގޮތުން ކުރީގައި އެއްވެސް ކާނާއެއް ނުލިބޭ ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް މައްކާއަކީ މިއަދު އެތައް މިލިއަން ބައެއްގެ ލޯބި އެރަށަކަށް ދީފައިވާ، ރިޒްޤު ތަނަވަސް ރަށަކަށް ވުމީ އެކަމުގެ މިސާލެއްކަމަށް މިއަދުގެ ޚުތުބާގައި ހާމަކޮށްފައި ވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މުއުމިނުންނަކީ ކާމިޔާބީގެ ސަބަބުތަކުގައި ހިފުމަށްފަހު ﷲގެ ޙަޟްރަތަށް ރުޖޫޢަވެ، އެމީހުންގެ ރިޒްޤުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރާ މީހުން ކަމަށާއި، ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ދައްކަވާފައި ވަނީ މި ނަމޫނާ ކަމަށެވެ.

އެގޮތުން އިބްރާހީމް އަލައިހިއްސަލާމް، އެކަލޭގެފާނުގެ އާއިލާ ހަނަފަސް ވާދީއަކަށް ދޫކޮށްލައްވައި، ގެފުޅު ކައިރީގައި ވަޒަންވެރި ކުރެއްވި ހިނދު، ﷲ އަށް ޝުކުރުވެރިވުމަށްޓަކައި އެބިމަށް މޭވާތަކުން ރިޒްޤު ދެއްވުމަށް ދުޢާކުރެއްވި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"މާތް ﷲ އިބްރާހީމްގެފާނުގެ ދުޢާ އިޖާބަކުރައްވާފައިވާގޮތް ނިކަން ބައްލަވާށެވެ! މިއަދު މައްކާއަކީ، މީސްތަކުންގެ އެތައް މިލިއަން ބައެއްގެ ލޯބި އެރަށަކަށް ދީފައިވާ ރިޒްޤު ތަނަވަސް ރަށެއް ނޫންތޯއެވެ! އެއީ އެރަށަށް ލެއްވި ބަރަކާތުގެ ސަބަބުންނެވެ. ފެހިކަމެއް ނެތް ހަނަފަސް ރަށުން މިއަދު ނުލިބޭ މޭވާއެއް ނެތެވެ. އެހެންކަމުން ކޮންމެ އެއްޗެއްގައި ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ!" ހުތުބާގައި ވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އިތުރަށް ވަނީ ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ފަޤީރުންނަށާއި މުހުތާދުވެރިންނަށް ހޭދަކޮށް، ދަތި ހާލު ޖެހިފައިވާ މީހާއަށް ލުއިފަސޭހަކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި އެގޮތަށް ޢަމަލުކުރާ މީހާއަށް މާތްﷲ ލުއި ފަސޭހަކޮށްދެއްވާނެ ކަމަށާއި، އެމީހެއްގެ ކަންބޮޑުވުންތައް އެކަލާނގެ ފިއްލަވައިދެއްވާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"ތެދުވެރިކަމާއި އެކު ރިޒްޤު ހޯދަން އެދޭ މިހާ އެކަމަށްޓަކައި ހިއްމަތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. އެމީހެއްގެ ކިބައިން ކަންނެތްކަން ފުހެލަން ޖެހޭނެއެވެ. ދުވަހަކުވެސް އުޑަކުން ރަނާއި ރިއްސެއް ނުވެއްސަވާނެތެވެ. އެމީހެއްގެ ރިޒްޤު ހޯދުމަށްޓަކައި މަސައްކަތްކުރާ މީހަކީ، ﷲގެ މަގުގައި ޖިހާދު ކުރާ މީހެއް ފަދައެވެ. ރިޒްޤު ހޯދުމަށްޓަކައި ޙައްޤު ގޮތުގައި މަސައްކަތް ކުރާ މީހާއަށް ﷲ ބަރަކާތް ލައްވާނެތެވެ. އޭނާ އޭނާގެ އުއްމީދުތަކާ ހަމައަށް ވާސިލްކޮށްދެއްވާނެތެވެ." މިއަދުގެ ހުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު