ކިތަންމެ މޮޅަށް، ކިތަންމެ ވަރަަކަށް ކަންކަން ރޭވިކަމުގައިވިޔަސް، އެކަމެއް މާތްﷲގެ އިރާދަފުޅުން މަތިން މެނުވީ ނުހިނގާނެކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

"މިންވަރަށް އީމާންވުން" މި މައުޟޫއަށް މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިއްވި ހުތުބާގައި، މިންވަރަށް އިމާންވުމުގެ ހެޔޮކަމާއި ގުޅޭގޮތުން ވަރަށް ބޮަޑަށް ވަނީ އަލުއަޅުވާލާފައެވެ. އެގޮތުން މިންވަރަށް އިމާންވާ މީހާ އޭނާގެ ހަޔާތް ހޭދަކުރަނީ ހިތްހަމަޖެހުމާއި އެކުގައި ކަމަށާއި، ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑު އަޅައިގެންނުދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ މީހަކީ ދަތި އުނދަގޫތަކުން ބަލިކަށި ނުވާނެ މީހެއްކަމަށްވެސް ހުތުބާގައި ވެއެވެ.

އަދި މިންވަރަށް އީމާންވުމުގެ ސަބަބުން ސުވަރުގޭގެ މަގުކޮށައިދޭނެ ކަަމަަށާއި، ﷲ ރަސޫލާ އަންގަވާފައިވާ ގޮތަށް އީމާންވެ އަގީދާ ވަރުގަދަކޮށްފި މީހާގެ ހަށިގަނޑާއި، ގުނަވަންތަކުން އެކަން ފައުޅުވެގެންދާނެކަމަށްވެސް ހުތުބާގައި ވެއެވެ.

މިއަދުގެ ހުތުބާގައި، ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވާކަމާއި، އެކަލާނގެ އިޒްނަފުޅާލައިގެން ނޫނީ މި ދުނިޔެ މަތީގައި އެއްވެސް ކަމެއް ނުވާނެކަމަށްވެސް ބުނެފައި ވެއެވެ. އަދި ﷲ އިރާދަފުޅާލައިގެން މެނުވީ އެއްވެސް ކަމެއް ހިޔާލުކޮށްގެން ނުވާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"އަޅުތަކުން ކިތަންމެ މޮޅަށް، ކިތަންމެ ވަރަަކަށް ކަންކަން ރޭވިކަމުގައިވިޔަސް، އެކަމެއް މާތްﷲގެ އިރާދަފުޅުން މަތިން މެނުވީ ނުހިނގާނެއެވެ". ހުތުބާގާއި ވެއެވެ.

އަދި މާތްﷲ ޝަރުއުކުރައްވާފައިވާ ކަންތައްތައް ކިޔަމަންވާން ޖެހޭނެކަމަށާއި، ﷲ އަމުރުކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ. ހެޔޮކަންތަކަށް ގޮވާލުމާއި، އިސްލާމް ދީނުގައި ނުބައި ކަންތައް ހުއްޓުވައި، ހަރާމް ކަންތައް ރަމާން ކަންތައްގޮތުގައި، ބަލައިގަނެ، ހަލާލް ކަންތައް ހަލާލު ކަމުގައި ބަލައިގަންނަން ޖެހޭކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ، ކުރިމަތިވާ މުސީބާތްތަކުގައި އެކުލެވިގެން ވަނީ މުޅިން އުނދަގޫ ކަންތައްތައް ނޫން ކަމަށާއި، ނުބައި ކަމެއް ނުވަތަ މުސީބާތެއް ފެނުނަސް، އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ހެޔޮކަންތައް ވާކަމަށެވެ. އަދި އެފަދަ މުސީބާތްތަކަށް ކެތްތެރިވުމަށް ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީ

    ވަރަށް ފުރިހަމަ ހުތުބާއެއް. އެންމެނަށް ވެސް މިކަން ގަބޫލުކޮށް އިބުރަތް ހާސިލު ކުރެވޭ ފަދަ ބަސްތަކެއް.

  2. Anonymous

    Insha Allah ibu ge verikamakee varah heyo verikameh aamen....

  3. ސަމާ

    ތިކަންކަން އެހެރަ އިލްޔާސް ހުސޭން އަށް ކޮންމެވެސް ކުއްޖަކު ކިޔާދީބަލަ. އޭނަޔަށް ވުރެން ވަކު ބޮޑު ފިތުނަވެރިޔަކު މިރާއްޖޭގައި މިވަގުތު ހުރިހެނެއް ހިޔެއްނުވޭ. ފަހަރެއްގައި މިއަދު އިމާމްވެ ހުކުރުކުރަން ނުޖެހުމުގެ ސަބަބުން އެހެންމީހަކު ކިޔާދޭ ހުތުބާއެއް އަޑު އަހަން ޖެހިދާނެތީ އެބޭފުޅާ މިއަދު މިސްކިތަށް ދިއުމަށް އުޒުރު ވެރިވެފައިވެސް ހުރެދާނެ.