ސަލާމް ކުރުމަކީ ކުރެވޭ ހެޔޮ ދުޢާއެކެވެ. އަދި ސަލާމްކޮށް އެއަށް ޖަވާބު ދިނުމަކީ ހެޔޮކަމުގެ ތިލަފަތަށް ބަރުވާނެ ކަމެއްވެސް މެއެވެ.

ސަލާމް ކުރުމުގެ އެންމެ ކުރު މިންވަރަކީ ألسَّلاَمُ عَلَيْكُمْ މި ފަދައިން ބުނުމެވެ. އަދި ޖަވާބުގެ އެންމެ ކުރު މިނަކީ وَعَلَيكُمُ السَّلاَمُ މި ފަދައިން ބުނުމެވެ. ސަލާމް ކުރުމާއި ސަލާމް ބަލައިގަތުމަކީ ދުޅަހެޔޮ މުޖުތަމައެއްގެ ސިފައެކެވެ. މުޖުތަމައު ކިލަބުވެ ހަލާކުވެގެން ދިޔުމުގެ އަސާސްތަކުގެ ތެރޭގައި އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުމާއި އަމިއްލަ އެދުން އިސްކުރުމާއި ސަލާމް ކުރުން ނެތިގެން ދިޔުން ހިމެނެއެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވީ ހިނދު ސަލާމް ކުރުމާއި ސަލާމް ބަލައިގަތުމުގެ ރީތި އާދަ މި މުޖުތަމައުގައި އަށަގަންނުވަން އެބަޖެހެއެވެ. އެހެނީ ޒަމާނީ އޮއިވަރުގައި ޖެހި މީހުންގެ ވިސްނުމާއި ފިކުރަށް އައިސްފައިވާ ބޮޑު އިންގިލާބުގެ ތެރޭގައި ސަލާމް ކުރުމާއި ސަލާމް ބަލައިގަތުން ފަދަ ރިވެތި އާދަތަކަތީ ކުރީގެ ބޯދާ އަދި "ކަޓު" އާދަތަކެއްކަމުގައި ގިނަ ބަޔަކު ދެކޭތީއެވެ.

ސަލާމް ކުރުމުގެ އިބާރާތް ފުރިހަމަވީ ވަރަކަށް އެކަމުން ލިބޭ ދަރުމައާއި ސަވާބު އިތުވާ ކަމަށް ރަސޫލާގެ ހަދީޡް ބަސްފުޅުތަކުންނާއި މާތްﷲގެ ފޮތް ކަމަށްވާ ޤުރުއާނުން ހާމަވެއެވެ.

މާތް ﷲ ރުއްސުންލެއްވި ޢިމްރާނު ބުނު ޙުސައިނުގެ އަރިހުން ރިވާވެގެން ވެއެވެ.

وَعَن عِمْرَانَ بْنِ حُصَيْنٍ قَالَ: { جَاءَ رَجُلٌ إِلىَ النَّبِيِّ r فَقَالَ: ألسَّلاَمُ عَلَيْكُمْ. فَرَدَّ عَلَيهِ ثُمَّ جَلَسَ. فَقَالَ النَّبِيُّ r عَشْرٌ (أي: كُتِبَ لَهُ عَشْرُ حَسَنَاتٍ)، ثُمَّ جَاءَ آخَرُ فَقَالَ: أَلسَّلاَمُ عَلَيْكَ وَرَحْمَةُ اللهِ ، فَرَدَّ عَلَيهِ فَجَلَسَ، فَقَالَ: عِشْرُونَ. ثُمَّ جَاءَ آخَرُ فَقَالَ: أَلسَّلاَمُ عَلَيْكَ وَرَحْمَةُ اللهِ وَبَركَاتُهُ، فَرَدَّ عَلَيْهِ فَجَلَسَ، فَقَالَ: ثَلاَثُونَ}

މާނައީ : "ކީރިތި ރަސޫލާ އަރިހަށް މީހަކު އައިސް اَلسَّلاَمُ عَلَيْكُمْ މިފަދައިން ބުނެ އޭނާ އެ ކަލޭގެފާނަށް ސަލާމް ކުރި އެވެ. ދެން އެ ކަލޭގެފާނު އޭނާގެ ސަލާމަށް ޖަވާބު ދެއްވައި އިށީނދެވަޑައިގަތެވެ. ދެން އެ ކަލޭގެފާނު ޙަދީސް ކުރެއްވި އެވެ. ދިހައެކެވެ. [އެ ބަހީ އޭނާއަށް 10ހެޔޮކަން ލިޔުއްވިއްޖެ އެވެ.] ދެން އެހެން މީހަކު އައިސް اَلسَّلاَمُ عَلَيْكَ وَرَحْمَةُ اللهِ މި ފަދައިން ބުނެ ކީރިތި ރަސޫލާއަށް ސަލާމް ކުރި އެވެ. ދެން އެ ކަލޭގެފާނު އޭނާއަށް ޖަވާބު ދެއްވައި އިށީނދެވަޑައިގަތެވެ. ދެން ޙަދީސް ކުރެއްވި އެވެ. ވިއްސެވެ. [އެ ބަހީ އޭނާއަށް 20ހެޔޮކަން ލިޔުއްވިއްޖެ އެވެ.] ދެން އެހެން މީހަކު އައިސް اَلسَّلاَمُ عَلَيْكَ وَرَحْمَةُ اللهِ وَبَركَاتُهُ މިފަދައިން ބުނެ ކީރިތި ރަސޫލާއަށް ސަލާމު ކުރި އެވެ. ދެން އެ ކަލޭގެފާނު އޭނާއަށް ޖަވާބު ދެއްވައި އިށީނދެވަޑައިގަތެވެ. ދެން ޙަދީސް ކުރެއްވި އެވެ. ތިރީހެވެ. [އެ ބަހީ އޭނާއަށް 30ހެޔޮކަން ލިޔުއްވިއްޖެ އެވެ.]"

ސަލާމް ކުރުމާއި ސަލާމް ބަލައިގަތުމަކީ އެކަކު އަނެކަކުދެކެ ލޯބިވާނެ ކަމެއް ކަމުގައި ރަސޫލާ ވަނީ ހަދީޡް ކުރައްވާފައެވެ. އަދި އެއީ ނަފްރަތުގެ ހުޅުކޮޅު ނިވާލަދޭނެ ކަމެއްވެސް މެއެވެ.

رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ޙަދީޘްފުޅުކުރެއްވިއެވެ.

“ތިޔަބައިމީހުން އީމާންވެއްޖައުމަށްދާންދެން ތިޔަބައިމީހުން ސުވަރުގެއަކަށް ނުވަންނާނެއެވެ. އަދި ތިޔަބައިމީހުން އެކަކުއަނެކަކަށް ލޯބިކޮށްފުމަށްދާންދެން ތިޔަބައިމީހުން އީމާންވިކަމުގައިނުވެއެވެ. ތިޔަބައިމީހުން އެކަމެއްކޮށްފިނަމަ ތިޔަބައިމީހުން އެކަކުއަނެކަކުދެކެ ލޯބިވާނެ ކަމެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބުނެދެއްވަންހެއްޔެވެ. ތިޔަބައިމީހުންގެ މެދުގައި ސަލާމް ޢާންމުކުރާށެވެ.” (رواه مسلم.)

ސަލާމް ކުރުމަކީ އިސްލާމްކަމުގެ އެންމެ ރިވެތި ސިފައެވެ. އެއީ ގަދަވެގެންވާ ސުންނަތެކެވެ. ސަލާމަށް ޖަވާބު ދިނުމަކީ ވާޖިބެކެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި މި މަތިވެތި އާދަ ނެތުނަ ނުދީ ދިރުވަން އެބަޖެހެއެވެ. ސަލާމުގެ އަޑުން މުޖުތަމައު ގުގުމާލަން އެބަޖެހެއެވެ.

ހިލޭ ފިރިހެނަކާއި ހިލޭ އަންހެނަކާއި އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުން ހުއްދަވެގެން ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު