ބުއްދިވެރިއަކީ އުޚުރަވީ ހަޔާތް ހަނދުމަކޮށް ދުނިޔޭގައި ހެޔޮ އަމަލުކުރާ މީހާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ. އެގޮތުން މިއަދުގެ ހުތުބާގައި ބުނީ އިންސާނާގެ ދުނިޔެވީ ހަޔާތް މާތް ﷲ ލައްވާފައިވަނީ އޭނާގެ އުޚުރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ ގޮތުގައިކަމަށެވެ.

"އިންސާނާގެ ދުންޏަވީ ހަޔާތް މާތް ﷲ ލައްވާފައިވަނީ އޭނާގެ އުޚްރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ ގޮތުގައެވެ. އެބިމުގައި އޭނާ ރަނގަޅު ގޮވާން ނުކޮށްފިނަމަ އޭނާގެ ވެރިރަސްކަލާނގެ ހަޟްރަތަށް އޭނާ ދާނީ ހުސްއަތާއެވެ. ބުއްދިވެރިއަކީ އުޚުރަވީ ހަޔާތް އަބަދުހެންމެ ހިތްހަމައްޗަށް ގެނެސް ލިބިފައިވާ ހަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހާއެވެ. ދުނިޔެއާއި އާޚިރަތަށް ޓަކައި މަސަައްކަތް ކުރާ މީހާއެވެ" ހުތުބާއިވެއެވެ.

ދުނިޔޭގެ ހަޤީގަތަކީ ވަރަށް ރީތި އެހެން ނަމަވެސް އެހާއަވަހަށް ހަލާލުވެ ފަނާނެދަނިވި ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި ހުތުބާގައިވަނީ ބުނެފައެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. "ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

އަދިވެސް އެކަލާނގެ ވަހީކުރެއްވިއެވެ."ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައި މެނުވީ ނުވެއެވެ"

ދުނިޔެއަކީ ވާދަވެރިތަނެއްކަމަށާއި މިދުނިޔޭގެ ހަޔާތަކީ ވަގުތީ ތަނެއްކަމުގައި ހުތުބާގައިވަނީ ބުނެފައެވެ. އަދި އަބަދަށް ދެމިގެންވާ ހަޤީޤީ ހަޔާތަކީ އުހުރަވީ ހަޔާތްކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދުނިޔެއަށް އިންސާނުން ފޮނުއްވެވީ ދުނިޔެ އިމާރާތްކޮށް، އާރާސްތުކޮށް، ފުރިހަމަގޮތުގައި މާތްﷲއަށް އީމާންވެ، ދުނިޔެއިން ފައިދާ ލިބިގަތުމާއި އެކު އުޚުރަވީ ހަޔާތަށް ތައްޔާރުވެ އެހަޔާތް ކާމިޔާބުކުރާނެ ހެޔޮ އަމަލުތައް ކޮށް އުޅުމަށް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. "ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ."

އަދި އުޚުރަވީ ހަޔާތް ބާއްޖަވެރިކުރަން އެދޭ މީހާ އެކަމަށް ދުނިޔޭގައި މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. "ފަހެ އެމީހެއްގެ ވެރިރަސްކަލާނގެއާއި ބައްދަލުވާން އެދޭހާ (ދަންނާށެވެ) ފަހެ، އެމީހާ ސާލިހު އަމަލުން އަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާ ހުށިކަމެވެ."

ދުނިޔޭގެ ހަޔާތް މާތްﷲ ސިފަކުރައްވާފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ފަހުރުވެރިވާ ތަނެއްގެ ގޮތުގައެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއްކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާއި މެދު އެކަކު އަނެކަކަށްވުރެ ގިނަކަމަށް ބުނެ މޮޅުވާހަކަ ދެއްކުމެއްކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން އަޖައިބުކޮށްފައިވެއެވެ. ދެން އެގަސްތަށް ހިކިދެއެވެ. ދެން އެގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި ވަނީ ގަދަވެގެންވާ އަޒާބެވެ. އަދި ﷲގެ ހަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

މާތްﷲ ދެއްވާފައިވާ އުމުރުގެ ބޭނުން ހެޔޮގޮތިގައި ހިފުމަށް ހުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ.

މާތްﷲ ރުއްސުންލެއްވި އިބްނު އުމަރު ވިދާޅުވެފައިވެއެވެ. "ހަވީރު ވެއްޖެނަމަ ހެނދުނު ވަންދެން ތިބާ ދުނިޔޭގައި ހުންނާނެ ކަމަށް އިންތިޒާރު ނުކުރާށެވެ! އަދި ހެނދުވެއްޖެ ނަމަ ހަވީރުވަންދެން ތިބާ ދުނިޔޭގައި ހުންނާނެ ކަމަށް އިންތިޒާރު ނުކުރާށެވެ! ތިބާ ބަލިވުމުގެ ކުރިން، ސިއްހަތު ރަނގަޅަށް ހުންނަ ދުވަސްތަކުގެ ބޭނުން ( ހެޔޮގޮތުގައި) ހިފާށެވެ! އަދި މަރުވުމުގެ ކުރިން ދިރިހުރުމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!

ހުތުބާ ނިންމާލަމުން ބުނެފައިވަނީ އިންސާނުން ދުނިޔޭގެ އެދުންތަކަށް ހެއްލިދަނީ ދުނިޔޭގައި ހިތްފަސޭހަކަމާއި ތަނަވަސްކަމުގައި އުޅުމުގެ ބޭނުމުގައި ކަމަށާއި އިންސާނުންގެ ދިރިއުޅުން ތަނަވަސްވާނީ މާތްﷲ އަށް ތަޤުވާވެރިވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދެން ޕާޓީއާ ހެދި ހޭދެބައިވެ ދުނިޔެމަތިން ހަނދާންނެތި ޓުވީޓު ކުރުމަ އަބަދު އުޅޭ ލޫކަސް ޖަލީލުއާ ތޮއްޔިބު އައް ވާނީ ކިހިނެތްތަ