މުސްލިމުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަކީ އެކަމުގެ ގެއްލުން މުޅި މުޖުތަކައަށް ކުރާނެ ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނެފައިވަނީ މުސްލިމުން އުޅެންވީ ގޮތާއި އެކަކު އަނެކަކަށް މުއާމަލާތް ކުރަންވީ ރީތި ގޮތްތަށް މާތްﷲ އަދި އެކަލާނގެ ރަސޫލާ ވަނީ އަންގަވާފައި ކަމަށާއި ލާބަޔާ މަންފާ ހުރީ އެގޮތް ދޫކޮށްނުލައި ކުރިއަށް ދިޔުމުން ކަމަށެވެ. އަދި އެކަންތައް ދޫކޮށްފި މީހާއަށް ވާނީ ގެއްލުމާ ހަލާކުކަން ހުތުބާގައި ބުނެފައި ވެއެވެ.
"މުސްލިމުންގެ މެދުގައި ދެކޮޅުވެރިކަމާއި، ފިތުނަ ފަސާދަ އުފެއްދުމަކީ، މުޖްތަމައު ބައިބައި ވެގެންދާނޭ ކަމެއް. އެކަކު އަނެކަށް، އެއްބަޔަކު އަނެއްބަޔަކަށް ނަފްރަތުވެ އެކުވެރިކަމުގެ ގުޅުން ކެނޑިގެންދާނޭ ކަމެއް. އެއީ އިސްލާމްދީން ހުއްދަ ކުރާ ކަަމެއް ނޫން. އެއީ އެކަމުގެ ގެއްލުން މުޅި މުޖްތަމައަށް ފޯރާނެތީ،" ހުތުބާގައި ބުނެފައިވެއެވެ.
މިކަމާއި ބެހޭ ގޮތުން މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ﷲއަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ!( ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރު ނެތި ހިގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ."
އިސްލާމްދީނަކީ އެއްބައިވަންތަކަމަށާއި އެއްބަޔަކު އަނެއްބަޔަކަށް ރަހުމު ކުރުމަށް ގޮވާލާ ދީން ވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފައެވެ. އަދި އިސްލާމްދީނަކީ އެކަކަށް ދަތި އުނދަގޫކަމެއް، ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ، އެމީހަކަށް އެހީތެރިވުމަށް ގޮވާލާދީން ކަމަށާއި އެކަކު އަނެކެއްގެ ހައްޤުތަކަށް ރައްކާތެރިވުމަށް އަމުރުކުރާ ދީންކަމަށްވެސް ހުތުބާގައިވަނީ ބުނެފައެވެ.
ކީރިތި ޤުރުޢާނުގައި މާތްﷲ އުންމަތުގެ އަފްރާދުން ސިފަކުރައްވާފައިވަނީ އެއްބަނޑު އެއްބަފާ އަޙުންތަކެއްގެ ގޮތުގައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މާތް ﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ :"މުއުމިނުން ވާކަން ކަށަވަރީ އަޙުންތަކެއް ކަމުގައެވެ."
ކީރިތި ރަސޫލާ މުހައްމަދުއް ޞައްލަﷲ އަލަޢިހި ވަސައްލަމަ މުޢުމިނުތަކުންގެ މިސާލު ޖައްސަވައިފައިވަނީ އެއް ހަށިގަނޑެެއްގެ މިސާލުންކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އެކަލޭނގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.:"މުއުމިނުން އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް ލޯބިވެ، ރަހުމުކޮށް، އޯގާވެރިވުމުގައި، އެއުރެންގެ މިސާލީ، އެއް ހަށިގަނޑެެއްގެ މިސާލެވެ. އެހަށިގަނޑުން ، ގުނަވަނެއްގައި ވޭން އަޅަން ފަށައިފިނަމަ، މުޅި ހަށިގަނޑު ހޭލާހުރުމުންނާއި، ހުންއައުމުން، އެ ގުނަވަނަކާއި އެއްބައިވަންކަން ޤާއިމް ކުރެއެވެ."
މުއުމިނަކު ދަތި ހާލެއްގައި ޖެހިފައިވަނިކޮށް އެމީހަކު އެކަމުން ސަލާމަތްކުރުމަށް މަސައްކަތްކޮށްދީ އެހީތެރިކަން ފޯރުކޮށްދިން މީހަކަށް ދަރުމައާއި ސަވާބު ހުރިކަން ރަސޫލާ ހަދީޡްކުރައްވާފައިވެއެވެ.
ރަސޫލާ ހަދީޡްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ."މުސްލިމަކީ އަނެއް މުސްލިމެއްގެ އަޙާއެވެ. އޭނާ އޭނާގެ އަޙާއަށް އަނިޔާއެއް ނުކުރާނެއެވެ. އަދި އޭނާގެ އަޙާ ދުޝްމަނުންނަށް ދޫކޮށެއް ނުލާނެއެވެ. އެމީހެއްގެ އަޙާގެ ބޭނުން ފުއްދައިދިނުމުގައި ދެމިހުންނަ މީހާގެ ބޭނުން ފުއްދަވައިދެއްވުމުގައި ﷲ ވޮޑިގެންވާނެތެވެ.އަދި މުސްލިމެއްގެ ކިބައިން ދަތި އުނދަގޫކަމެއް ދުރުކޮށްފިމީހާއަށް ޤިޔާމަތް ދުވަހުގެ ދަތި އުނދަގޫކަންތަށްތަކުގެ ތެރެއިން ކަމެއް މާތް ﷲ އެމީހެއްގެ ކިބައިން ދުރުކުރައްވާނެތެވެ. އަދި މުސްލިމެއްގެ އުނިކަން ފޮރުވައިފިމީހަކަށް މާތްﷲ އެމީހެއްގެ އުނިކަން ޤިޔާމަތް ދުވަހުން ފޮރުވައިދެއްވާނެތެވެ"
މިއަދުގެ ހުތުބާގައިވަނީ އިސްލާމީ އަހުވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް މުސްލިމުންނަށް ވަސިއްޔަތް ކޮށްފައެވެ.
މި ގައުމުގެ މީހުން ބޭނުންވާ ގޮތަކީ ތީ. މުޖުތަމައުގަ ހަމަޖެހުން އޮވެއްޖެނަމަ މިތާ ލާދީނިއްޔަތު ފަތުރަން ދަތިވާނެ. ގައުމުގަ ގިނައީ އޭގެ މީހުން. ވީމާ ހަމަޖެހިގެން މީހުން އުޅުނަކަ ނުދޭނެ.
ޔާމީނަށް ތިކަން އަންގާދިންނަމަ ތަންފުކެއް ރަގަޅުވީސް ކަންނޭގެ !