ފިރިހެނުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ އެމީހެއްގެ އަނބިމީހާއަށް ހެޔޮކޮށް ހިތާ މީހާ ކަމުގައި މިއަދުގެ ހުތުބާގައި ބުނެފިއެވެ.

އެގޮތުން އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ވަސިއްޔަތްކުރައްވާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ގުނަ ދަރުމައާއި ސަވާބު އެމީހަކަށް ލިބޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "ހެޔޮގޮތުގައި އެކަނބަލުންނާއި އެކުގައި އުޅޭށެވެ."

އަންހެނުންނަށް ހެޔޮކޮށް ހިތުމާއި ބެހޭ ގޮތުން ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބިމީހާއަށް ހެޔޮ މީހާއެވެ."

އަދި އެއްވެސް ދީނެއްގައި އަންހެނުންނަށް ދީފައިނުވާ ފަދަ މަތިވެރި މަގާމެއް އިސްލާމްދީނުގައި އަންހެނުނަށް ދީފައިވާ ކަމަށާއި މާތް ﷲ އިންސާނުން މަތިވެރި ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނަގައިވެއެވެ. "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާދަމުގެ ދަރިން މާތް ކުރެއްވީމެވެ."

އަންހެނުންގެ ނަމުން ނަން ދެވޭ ސޫރަތެއް މާތްވެގެންވާ ޤުރުއާނުގައި ވުމަކީ އިލްމުވެރިންގެ ނަޒަރުގައި އެކަބަލުންނަށް ލިބުނު މަތިވެރި ދަރަޖައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެ ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވާ ވަހީބަސްފުޅުގެ މާނައިގައިވެއެވެ.

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއށް ލިޔަބައިމީހުން ތަގުވާވެރިވާށެވެ! އެކަލާނގެއީ އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ! އަދި އެ ނަފްސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި އެ ދެކަނބަލުންގެ ކިބައިން ގިނަ ފިރިހެނުންނާއި ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ. އެކަލާނގެއީ އެކަލާނގެ މެދުވެރިކޮށް އެކަކު އަނެކަކާއި ސުވާލުކޮށް، ކަންކަމަށް އެދި އުޅޭ ރަސްކަލާނގެއެވެ. އަދި ތިމާގެ ކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކަންތަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

ފިރިހެން ދަރިންނަށް އޯގާތެރިވާ ފަދައިން އަންހެން ދަރިންނަށްވެސް އޯގާތެރިވާން ޖެހޭނެ ކަމަށާއި ތައުލީމާއި ތަރުބިއްޔަތު ދޭން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަންހެން ދަރީން ލިބި އެދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށްފި މީހަކަށް ނަރަކައިން ރައްކާތެރިވުމެއް ކަމުގައި އެދަރީންވެއެވެ.

އަންެހެން ކުދީންނަށް ތައުލީމު ދިނުމާއި ބެހޭ ގޮތުން ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޡް ކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަންހެން ދަރިއަކު ލިބި އެދަރިއަކަށް އިލްމު އުގައްނައިދީ ހެޔޮގޮތުގައި ތަރިބިއްޔަތުކޮށްދީފި މީހަކަށް ދެ ހެޔޮކަން ލިބިގެންވެއެވެ."

މީގެ އިތުރުން ކައިވެންޏަކީ އަންހެން ކުއްޖެއްގެ ހަޔާތުގައި އެންމެ މުހިންމު އެއްކަން ކަމަށާއި މިކަމަށް އިސްލާމްދީން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެެއްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަންހެން ކުދިން ރުހޭ މީހަކާއި ކައިވެނި ކުރުމުގެ ހުއްދަ ދީފައިވާ ފަދައިން އަންހެން ކުދިން ނުރުހޭ މީހުންނާއި މަޖުބޫރުން ކައިވެނިކުރުވުން ވަނީ ނަހީކުރައްވާފައެވެ

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް އަނިޔާވެރިވުމުގެ ގޮތުން އެކި ގޮތްގޮތަށް ވަރިކޮށް އުޅުން ކަމަށާއި، މީގެ ތެރޭގައި އިލާއު ކުރުމާއި ތިހާރުކުރުން ހިމެނޭ ކަމަށްވެސް ހުތުބާހައި ބުނެފައިވެއެވެ. ނަމަވެސް އިސްލާމްދީން އައުމަށްފަހު މާތްﷲ އަންހެނުންގެ މިހައްޤު ރައްކާތެރިކޮށްދެއްވާފއުވާ ކަމަށާއި ފިރިމީހާ އަނބިމީހާއަށް އަނިޔާވެރިވުން ނަހީކުރެއްވި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މާތް ﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިވެއެވެ. "ހެޔޮގޮތުގައި ތިޔަބައިމީހުން އެކަބަލުން ރުޖޫއަކޮށް ހިފަހަށްޓާށެވެ. ނުވަތަ ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ. އަދި ގެއްލުން ދިނުމުގެ ގޮތުން އަނިޔާވެރިވުމަށް އެކަނބަލުން ނުހިފާށްޓާށެވެ."

ހުތުބާގައި ވަނީ އަންހެނުންނަށް ހެޔޮކޮށް ހިތުމަށާއި އެކަނބަލުންނަށް އިހްސާންތެރިވުމަށް ވަސިއްޔަތްކޮށްފައެވެ.