އިއްދައަކީ ޝަރުއީ ކައިވެންޏަކަށް ފަހު ފިރިމީހާ މަރުވުމުން ނުވަތަ ވަރިވުމުން އެހެން ކައިވެންޏެއް ކުރުމާއި ދެމެދުގައި އަންހެން މީހާ މަޑުކުރަން ޖެހޭ ދުވަސްވަރަށް ކިޔާ ނަމެކެވެ.

ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުންނާއި ކީރިތި ޤުރުއާނުން ހާމަވާ ގޮތުގައި އިއްދައިގެ ބާވަތްތައް ހަތަކެކެވެ. އެގޮތުން އަންހެން މީހާ އިއްދައިގައި އިންނަން ޖެހޭ ބާވަތްތައް ނުވަތަ ހާލަތްތައް ތިރީގައި އެވަނީއެވެ.

ފުރަތަމަ ބާވަތަކީ ވަރިކުރި އިރު މާބަނޑު އަންހެނާ އެވެ. މިފަދަ އަންހެނާގެ ޢިއްދައަކީ ވިހެއުމެވެ. މިކަމާއި ގުޅިގެން މާތްﷲ ވަހީކުރައްވާފައިވާފައިވެއެވެ. ﴿وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ﴾ "އަދި މާބަނޑު އަންހެނުންގެ ޢިއްދަ އަކީ އެކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ."

ދެވަނަ ބާވަތަކީ ވަރިކުރި އިރު ޙައިޟު ނުވާ އަންހެނުންނެވެ. މިފަދަ އަންހެނުން 2 ބަޔަކަށް ބެހިގެންވާއިރު އެއީ ޢުމުރު ހަގުކަމުން ޙައިޟު ނުވާ އަންހެނުންނާއި ޢުމުރު ދޮށިވުމުގެ ސަބަބުން ޙައިޟު ނުވާ އަންހެނުންނެވެ. މި ދެ ބައިގެ އަންހެނުންގެ ޢިއްދަ ބަޔާންކޮށް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ﴾ "އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުއްމީދު ކެނޑިފައިވާ މީހުންނާ މެދުގައި، ތިޔަބައިމީހުން ޝައްކުކުރާ ނަމަ، ފަހެ އެކަނބަލުންގެ ޢިއްދައަކީ އަދި ޙައިޟުނުވާ މީހުންގެ ޢިއްދައަކީ ވެސް 3 މަސް ދުވަހެވެ."

ތިންވަނަ ބާވަތަކީ ވަރިކުރި އިރު ޙައިޟުވާ އަންހެނުންނެވެ. މިފަދަ އަންހެނުންގެ ޢިއްދައަކީ 3 ޤުރުއު އެވެ. (އެއީ 3 ފަހަރު ޙައިޟުވެ ޠާހިރުވުމެވެ.) މިކަމާއި ގުޅިގެން ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلاَثَةَ قُرُوَءٍ﴾ "އަދި ވަރިކޮށްފައިވާ އަންހެނުން އެކަނބަލުންގެ އަމިއްލަ ނަފްސު ތަކައިގެން 3 ޤުރުޢު ވަންދެން އިންތިޒާރު ކުރާ ހުށިކަމެކެވެ."

ހަތަރުވަނަ ބާވަތަކީ ފިރިމީހާ މަރުވެފައިވާ އަންހެނާ އެވެ. ﷲ އެ އަންހެނާގެ ޢިއްދަ ބަޔާންކުރައްވާ ވަޙީ ކުރެއްވި އެވެ. ﴿ وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا﴾ "އަދި ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާމީހުންގެ އަނބިން، އެކަނބަލުންގެ ނަފްސުތަކައިގެން 4 މަހާއި 10 ދުވަހު ޢިއްދައިގެ ގޮތުގައި އިންތިޒާރު ކުރާ ހުށި ކަމެވެ."

މަސްދަރު: އިސްލާމް ކިޔު އޭ