1960 ގެ އަހަރުތަކުގެ ތެރޭގައި އޭނާއަކީ އެންމެ މަޝްހޫރު ފަންނާނުންގެ ފޮޓޯ ނެގުމަށް ހަރަކާތްތެރިވި މީހެކެވެ. އޭރު ދުނިޔޭގައި އެންމެ މަޝްހޫރު މީހުންގެ ފޮޓޯތައް، އޭނާގެ ކެމެރާ އިން ކުރަހާފައިވެއެެވެ. ބޮބް ޑައިލަން އިން ފެށިގެން ގޮސް ރޯލިންގ ސްޓޯންްސްގެ ފޮޓޯތައްވެސް އޭނާ ކުރަހާފައިވެއެވެ.

1970 ގެ ފަހުކޮޅު، އޭނާގެ ޝައުގުވެރިކަން ދީލާފައިވަނީ މުޅިން އެހެން ދިމާއަކަށެވެ. އެއީ ކައިރީގައި މި އޮތް އިންޑިޔާގެ އެކި ކަންކަން ހޯދުމެވެ. އިންޑިޔާގައި އަޖައިބުތަކާއި، އިންޑިޔާގެ މޮޅުކަން ހޯދުމަށެވެ. އެހެންނަމަވެސް، އިންޑިޔާގެ ކަންކަން ހޯދުމަށް ކުރި މަސައްކަތް، އޭނާގެ ނަގައިގެން ގެންގޮސް ބެހެއްޓީ އަދި މުޅި އެހެން ހިސާބެއްގައެވެ. އެއީ އޭނާގެ ޙަޔާތް މުޅިން އެއްކޮށް ބަދަލުކޮށްލި ހިސާބެވެ.

އިންޑިޔާ އަށް ގޮސް އުޅުނު އުޅުމުގެ ތެރޭގައި އިސްލާމް ދީނާމެދު އޭނާގެ ހިތުގައި ޚާއްޞަ ނަޒަރެއް ދެވެން ފެށުނެވެ. އިސްލާމް ދީނުގެ ރީތިކަމާއި، ދީނުގެ ފުރިހަމަކަން އޭނާގެ ހިތަށް ވެރިވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އެނބުރި އުފަން، އިނގިރޭސިވިލާތަށް ގޮސް މުސްލިމަކަށްވިއެވެ. ކުރިން ކިއަމުން އައި ޕީޓަރ ސެންޑާސްގެ ނަން އަބްދުލް އަދީމް އަށް ބަދަލު ކުރިއެވެ.

އިސްލާމްކަން ޤަބޫލުކުރިކަމުގައިވިޔަސް އޭނާ ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ބަދަލެއް ނުކުރެއެވެ. އެހެންނަމަވެސް، ފަންނާނުންގެ ފަހަތުން ދުވުމުގެ ބަދަލުގައި، ހަލާލު ގޮތުގައި އެކަމުން އާމްދަނީ އެއް ހޯދޭނެ މަގު އޭނާ ހޯދިއެވެ. ފޮޓޯގްރަފީއަކީ އޭނާ އިސްލާމްކަމުގެ ތެރެއަށް ވެއްދި ކަންތައްތަކަމުން، އެކަން ދޫކޮށްލާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

1971 ވަނަ އަހަރު ޕީޓަރ ނުވަތަ އަދީމަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދި މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ މަންޒަރުތައް ފޮޓޯ ނެގުމުގެ ހުއްދަ ލިބިފައިވާ މަދު މީހުންގެ ތެރެއިން އެކަކެވެ. ބޮޑެތި ފޮތްފޮތުގައި އޭނާ އޭރު ނަގާފައިވާ ފޮޓޯތައް ޖަހާފައިވެއެވެ. އަދި އެދުވަސްވަރު ކުރި މަސައްކަތްތަކަށް އޭނާ ވަރަށް އުފާވެ، ފަޚުރުވެރުވެސްވެއެވެ.