ކްރިސްޓިއަނުންގެ އީދު ކަމުގައިވާ މޭރީ ކްރިސްމަސްގެ ފާހަގަކުރުމަކީ ފާފައެއް ކަމަށާއި މުސްލިމުން އޭގެ ތަހުނިޔާ އަރިސްކުރުމަކީ ޝިރުކެއް ކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ، ޒާކިރް ނައިކް ވިދާޅުވެއްޖެއެވެ.

ޒާކިރް ނައިކް މިހެން ވިދާޅުވެފައިވަނީ ކްރިސްމަސް ދުވަހާއި ގުޅޭ ގޮތުން  އޭނާ ނެރުއްވި ބަޔާނެއްގައެވެ. ޔަހޫދީން ކްރިސްމަސް ފާހަގަކުރަމުން އަންނަނީ ސަލާމްލެއްވި އިސާގެފާނުގެ އީދުމީލާދާ ގުޅުވައިގެންނެވެ.

ޑރ .ޒާކިރު ނައިކް ވިދާޅުވީ ކްރިސްމަސްގެ އެއްވެސް ހަރަކާތެއްގައި މުސްލިމުން ބައިވެރިވެގެން ނުވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ތަހުނިޔާވެސް އަރިސްކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްލިމުންނަށް ވަނީ ދެ އީދުކަމަށް ރަސޫލާ  الله  صلى الله عليه وسلم ހަދީޡް ކުރައްވާފައިވެއެވެ.

((إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْأَضْحَى، وَيَوْمَ الْفِطْرِ)) [أخرجه ابو داود، وصححه الألباني]

މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް އެދެދުވަސް އެއަށްވުރެ ހެޔޮ ދެދުވަހަށް ބަދަލުކޮށްދެއްވާފައި ވެއެވެ. އެއީ ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ.”

އަދިވެސް ރަސޫލު الله صلى الله عليه وسلمމުސްލިމުންގެ ދެޢީދުންކުރެ އެއް ޢީދު ދުވަހު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

((إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا)) [أخرجه البخاري ومسلم]

މާނައީ: “ކޮންމެ ބަޔަކަށްވެސް ޢީދެއް ވެއެވެ. އަދި މިއީ އަހަރުމެން މުސްލިމުންގެ ޢީދެވެ.” (ޙަދީޘް ރިވާ ކުރައްވާފައިވަނީ ބުޚާރީއާއި މުސްލިމްއެވެ.)

މި ދެޙަދީޘުން ދަލީލުކޮށްދެނީ މުސްލިމުންނަށްވަނީ ހަމައެކަނި އެމީހުންގެ ދެ ޢީދު ދުވަސް އެކަނި ކަމެވެ. އަދި އެނޫން އެހެން ދީންތަކުގެ މީހުންގެ ޢީދުތައް ފާހަގަކޮށް ހެދުމަކީ އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ.

އަދި ކާފަރުން އެކުވެރީންކަމުގައި ހަދައި އެމީހުންގެ ކިބައިން އެހީއާއި ވާޤިއެދި އެމީހުންނާއި ވައްތަރުވެގެންފި މީހަކުވަނީ އެމީހުންގެ ތެރެއިންވާ މީހެއްކަމުގައި الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި ވެއެވެ

(يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لا يَهْدِي الْقَوْمَ الظَّالِمِينَ) [سورة المائدة 51]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން އެކުވެރީންކަމުގައި ނުހަދާށެވެ. އެމީހުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެކުވެރީންނެވެ. ފަހެ ތިޔަބައިމީހުންކުރެ އެމީހުންނަކީ އެކުވެރީންކަމުގައި ހަދާ މީހުން ދަންނައެވެ. އެމީހަކު ވާކަންކަށަވަރީ އެމީހުންގެތެރެއިންވާ މީހެއް ކަމުގައެވެ. ހަމަކަށަވަރުން އަނިޔާވެރީންނަށް ﷲ ތަޢާލާ ހިދާޔަތް ނުދައްކަވާ ހުއްޓެވެ.”

ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)) [أخرجه أبو داود وصححه الألباني]

މާނައަކީ: “ބަޔަކާ ވައްތަރުވެގެންފި މީހަކު ވަނީ އެބައިމީހުންގެ ތެރެއިންނެވެ.”

ކްރިސްމަސް ދުވަހު އެކަކު ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވ.ބޭނުންތެރި ލިޔުމެއް..ޝުކުރިއްޔާ ވަގުތު..

  2. ކިޔުންތެރިއެއް

    ފިތުނަ އުފެދޭ ވާހަކަ މަދުކޮށް މިކަހަލަ ހަބަރުތައް ގިނަކޮށްލާ..ވ.ރަނގަޅު ލިޔުންކޮޅެއް