ރާއްޖޭގެ ކޯޓަކުން، ޒިނޭކުރި މުހުސަނެއްގެ މައްޗަށް ރަޖަމު ކުރަން ކުރި ހުކުމާ ގުޅިގެން އެތަކެއް ގޮތަކަށް ވާހަކަ ދެކެވެން ފެށިއެވެ. ފަހުން، ސުޕްރީމް ކޯޓުން ހުކުމް ބާޠިލު ކުރުމާ ގުޅިގެންވެސް އެތައް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އެގޮތުން، އެއީ ޤުރުއާނުގައި ބަޔާންވެގެންވާ ޙުކުމެއް ނޫންކަމަށްވެސް ބުނަމުން ދިޔައެވެ.

އެހެންނަމަވެސް، އިސްލާމީ ޝަރީއަތުގެ ދެވަނަ އުސޫލުކަމުގައިވާ ސުންނަތުން، އެއްވެސް ޝައްކެއް ނެތް މިންވަރަށް، އެއީ ޝަރުއީ ޙުކުމްފުޅެއްކަން އެނގެއެވެ.

އެގޮތުން، ރަޖަމުގެ ޙައްދާ ބެހޭގޮތުން ތަފްޞީލީ ނަޒަރަކުން ބަލާލާނަމެވެ.

ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަޖަމުގެ ޙައްދަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމުގެ ސުންނަތުން، ޤަޠްޢީކޮށް ސާބިތުވެފައިވާ ޙުކުމެކެވެ. އޭގެ މާނައަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެހައްދާ ބެހޭގޮތުން ރަސޫލާގެ އަރިހުން ޙުކުމް ބަޔާންވެފައިވުމެވެ. ޙަދީޘް ޢިލްމުވެރިން ކައިރީގައި، މި ބަސްފުޅަކީ ސީދާ ކީރިތި ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމުގެ މާތް ތާހިރު ދޫފުޅުން ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްކަމަށް ސައްތައިން ސައްތަ ޔަޤީންވާ ދަރަޖައަށް ދިއުމެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަޖަމު ކުރުމާ ބެހޭގޮތުން އޮންނަ ރަސޫލާގެ ހަދީޘްފުޅު މި ދަރަޖައަށް ވަނީ ގޮސްފައެވެ.

ގިނަ ޢިލްމުވެރިން އަރިހުގައި ރަޖަމުގެ ޙައްދު އޮންނަ ޙަދީޘްފުޅަކީ މުތަވާތިރު ދަރަޖައިގެ ޙަދީޘް ފުޅެކެވެ. ދެން ހިމެނެނީ އާޙާދު ހަދީޘް ފުޅުތަކެވެ.

މުތަވާތިރުގެ އިސްތިލާޙަކީ، މާތް ނަބިއްޔާ ޞައްލަﷲ އަލައިޙި ވަސައްލަމުގެ އަރިހުން އެ ޙަދީޘްފުޅެއް ރިވާ ކުރެއްވުމުގައި، އެތަކެއް ބައިވަރު ޞަޙާބީންނެއް އެ ޙަދީޘްފުޅު ރިވާ ކުރެއްވުމާއެކު، އެ ޞަޙާބީންގެ ފަރާތުންވެސް އެތަކެއް ބައިވަރު ޠާބިޢީންނެއް ރިވާކުރެއްވުމާއި، މިބީދައިން ގޮސް، މުޅި ޙަދީޘް ރިވާކުރައްވާފައިވާ ސިލްސިލާގެ ކޮންމެ ބަރިއެއްގައި އެތަކެއް ބައިވަރު ރާވީންތަކެއް ރިވާކުރެއްވުމުގެ ސަބަބުން، ބަޔަކު އިއްތިފާޤުވެ ދޮގު ހަދަން ފުރުޞަތެއް ނެތް ދަރަޖައަށް އެ ޙަދީޘްފުޅެއް ރިވާވެގެން އައުމެވެ.

މި ޒަމާނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަޖަމުގެ ޙަދީޘްފުޅަކީ މުތަވާތިރު ޙަދީޘްފުޅެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި، މުތަވާތިރު މި މައުޟޫޢަށް ފޮތް ލިޔުއްވާފައިވާ ޢިލްމުވެރިން ހިމެނެއެވެ. އޭގެ ތެރޭގައި، އިމާމު ޖަލާލުއްދީން އައްސުޔޫޠީ (911ހ) ހިމެނިވަޑައިގަންނަވައެވެ. އަލްމުރުތަޟާ އައްޒަބީދީ (1205ހ)، އެކަލޭގެފާނުގެ ފޮތް " لقط الآليء المتناثرة في الأحاديث المتواترة" ގައި 47 ވަނަ ޙަދީޘްފުޅުގެ ގޮތުގައި ހިމަނުއްވާފައި ވާއިރު، މުޙައްމަދު ބުނު ޖަޢުފަރު އަލްކިއްތާނީ (1345ހ)، އެކަލޭގެފާނުގެ ފޮތް " نظم المتناثرة في الحديث المتواتر " ގައި ރަޖަމުގެ ޙައްދާ ބެހޭ ޙަދީޘްފުޅު 182 ވަނަ ޙަދީޘްފުޅުގެ ގޮތުގައި ހިމަނުއްވާފައިވެއެވެ.

މިހުރިހާ ފޮތްތަކަކީވެސް މުތަވާތިރު ޙަދީޘްފުޅުތައް ހިމަނުއްވާފައިވާ ފޮތްތަކެއްކަން ފާހަގަކޮށްލެވެއެވެ. މި ތިން ފޮތުގައިވެސް ފާހަގަކޮށްލަން ޖެހޭ މުހިންމު ކަމަކީ، މި ތިން ބޭކަލުންވެސް ގެންނަވާފައިވަނީ މާޢިޒު ރަޟިޔަﷲ އަންހަގެ މައްޗަށް ރަޖަމްގެ ޙުކުމް ޤާއިމުކުރެވުނު ރިވާޔަތްތައް ކަމެކެވެ. މިއީ، ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމުގެ ޙަޔާތްފުޅުގައި ހިނގި މިފަދަ ރަޖަމުގެ އެއް ޙަދީޘާއެވެ.

އެހެންނަމަވެސް މިފަދަ އެހެން ޙާދިސާތައްވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ހިނގާފައިވެއެވެ. މީގެއިތުރުންވެސް، އެކަލޭގެފާނުގެ ޒަމާނުގައި އަލްޣާމިދިއްޔާއާއި، އަލްޖުހައިނިއްޔާއާއި ދެ ޔަހޫދީއެއްގެ މައްޗަށް ރަޖަމުގެ ޙައްދު ޤާއިމުކުރެވިފައިވެއެވެ. މާޢިޒުގެ ޙާދިޘާ 18 އަށްވުރެ ގިނަ ޞަޙާބީން ރިވާކުރައްވާފައިވެއެވެ. އަދި މި ޙަދީޘްފުޅުތައް ޞަޙީޙު ބުޚާރީއާއި މުސްލިމްއާއި އެހެނިހެން ހަދީޘް ފޮތްތަކުގައި ޞައްޙަ ސަނަދުން ރިވާވެފައިވެއެވެ. މިއީ، ރަޖަމުގެ ޙާދިޘާތަކުގެ ތެރެއިން އެއް ޙާދިޘާއެވެ. އެހެނީ، ރަޖަމުގެ ޙައްދާ ބެހޭގޮތުން ރިވާވެގެންވާ ހުރިހާ ޙަދީޘްފުޅުތަކަށް ބަލާއިރު، ރިވާޔަތްތައް މިއަށްވުރެސް ގިނަވެ އިތުރުވެފައިވެއެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅަށްފަހު، އިސްލާމީ ދައުލަތުގެ ޚަލީފާކަން ކުރެއްވި ހަތަރު ޚަލީފާއިންގެ ޚަލީފާކަމުގައިވެސް ރަޖަމުގެ ޙައްދު ޤާއިމް ކުރައްވާފައިވެއެވެ. ހަމައެހެންމެ، އެބޭކަލުންނާއި އެހެން ސަހާބީންގެ އަރިހުން ސާބިތުވެފައިވާ އަޘަރުތައް އިމާމު ބުޚާރީ އާއި އިމާމު މުސްލިމްވެސް ބަޔާން ކުރައްވާފައިވެއެވެ.

ރަޖަމުގެ ޙައްދަކީ މުތަވާތިރު ޙައްދެއްކަމަށް އިމާމު އިބްނު ޢަބްދުލްބައްރުވެސް ބަޔާންކުރައްވާފައިވެއެވެ. އަދި ހަމައެހެންމެ، މާލިކީ މަޒުހަބުގެ ބޮޑު އިމާމެއްކަމުގައިވާ އައްޤަރާފީ، އެކަލޭގެފާނުގެ ފޮތުގައި، (الذخيرة ގައި) އެކަންކަމަށް އިންކާރު ކުރުމުން ދީނުން ބޭރުވާނެ ކަންކަމުގެ ތެރޭގައި ރަޖަމުގެ ޙުކުމްވެސް ހިމަނުއްވާފައިވެއެވެ. އެހެނީ، ރަޖަމުގެ ޙުކުމަކީ، އިސްލާމްދީނުގައި ޤަޠްޢީކޮށް ޘާބިތުވާ ޙުކުމެއްކަމަށްވާތީއެވެ. ދީނުގައި ޘާބިތުވާ އެއްވެސް ޙުކުމަކަށް އިންކާރު ކުރުމަކީ މުރުތައްދުވާނޭ ކަމެކެވެ.

އިސްވެ ބަޔާން ކުރެވުނު ކަންކަމުން، ރަޖަމުގެ ޙައްދަކީ ދީނުގައި ނެތް ޙައްދެއްކަމުގައި ބުނާ ފަރާތްތަކަށް ޖަވާބެއް ލިބިގެން ގޮސްފައިވާނެއެވެ. ހަމައެހެންމެ، މިއީ ދީނީ އުސޫލުތަކާއި ހުކުމްފުޅުތަކަށް ގޮން ޖަހާ، ސުވާލު އުފައްދާ ފަރާތްތަކަށްވެސް ރަނގަޅު ރައްދަކަށް ވާނެކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ތޯހިރު

    ކީރިތި ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމުގެ މާތް ތާހިރު ދޫފުޅަށް ވުރެން އެއްވެސް މީހެއްގެ ދުލެއް ތާހިރެއް ނުވާނެއެއްނު؟

  2. ޢަލީ ނާޞިރު

    ﷲގެ ޙުކުމަށް އިންކާރު ނުކުރޭ! އެޙުކުމް ޤާއިމް ނުކުރާ ސަރުކާރަކީ ނުވަތަ ޤާނޫނަކީ ބާޠިލް އެއްޗެއް.... ޢެ ޙުކުމަށް އިންކާރު ކުރުމަކީ މުރުތައްދުވުން.... މިކަމަށް އެންމެން އަޑުއުފުލާ!

  3. Anonymous

    މާޝާﷲ ވަރައް ފުރިހަމަ ލިުމެއް

  4. ޑޮންޑީ

    ބޭނުންވަނީ ކީރިތި ގުރުއާނުގެ އާޔަތުން...

    • ވާނުވާ

      ކީރިތި ގުރުއާން އެގެނީ ނަމާދު ކުރަން ޖެހޭނެކަން... ނަމަދު ކުރާނެ ގޮތް އަދި ނަމާދުގައި ވަނީ ކިތައް ރަކުވައް ކަން އެގިގެން ދަނީ ރަސޫލާގެ ސުއްނަތުން..

    • ކަމާލު

      ކީރިތި ޤުރްއާނުގަ އޮތް ހުރިހާ ޙުކުމަކަށް އެބަ ޢަމަލު ކުރަމު ތޯ؟

      ކީރިތި ޤުރްއާނުގައޭ އޮތީ ރަސޫލާ صلى الله عليه وسلم އަށްް ކިޔަމަންވާން [އާލި ޢމްރާން (3) ސޫރަތުގެ 132 ވަނަ އާޔަތް ބައްލަވާ]

      ކީރިތި ޤުރްއާނުގައޭ އޮތީ ރަސޫލާ صلى الله عليه وسلم އެކަލޭގެ ފާނުގެންނެވި ހުރިހާ އެއްޗެއްގަ ހިފަހައްޓަން. [ޙަޝރު (59) ސޫރަތުގެ 7ވަނަ އާޔަތް ބައްލަވާ]

      ކީރިތި ޤުރްއާނުގައޭ އޮތީ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާ ބަސްފުޅުތަކަކީ ވަޙީއޭ [ނަޖުމު (53) ސޫރަތުގެ 3-4 ވަނަ އާޔަތް ބައްލަވާ]

      ކީރިތި ޤުރްއާނަށްް ޢަމަލު ކުރައްވަންޏާ ހުންނަވާނީ ރަނގަޅަށް

  5. ީޕީޖޭ

    ވަރަށް ބޮޑަށް ޝުކުރިއްޔާ..ﷲ އަކްބަރު

  6. ޜަނާ

    ތި އުޅޭ ގިނަ ގާނޫނު ކިޔަވައިގެން އުޅޭ މީހުނަކީ އިަސްލާމް ދީން ދަންނަ ބަޔެއް ނޫން އަދި އެމީހުން ބޭނުމެއްވެސް ނުވާނެ ދީނުގަ ކަން އޮންނަ ގޮތް އޮޅުންފިލުވާކަށް ވެސް ފަހަރެއްގަވެސް އެއަށް އަމަލް.ކުރަން ޖެހިދާނެތީވެސް

  7. އަލްޖިބްރާ

    އިސްލާމްދީނުގެ ހުކުމް ތަކާއިބެހޭ މޮޅެތިވާހަކަ ދައްކާ ދަންނަބޭކަލުންގެ އަރިހުން އަހާލަން އޮތީ ، އިސްލާމީ ޝަރީޢަތުގެ ކުރިމައްޗަށް މީހަކު ހާޒިރު ކުރެވި އެމީހަކާއި ސުވާލުކުރެވުމުން ސީދާ ތެދުބަހުން ޖަވާބު ނުދީ ، ތިމާމެން އަމިއްލައަށް ހަދާފައިވާ ޤާނޫނެއްގެ ނުކުތާއެއް ބޭނުން ކޮށް ޝަރީއަތުގައި ހަނުހުންނަން އިސްލާމްދީނުގައި އެއްވެސް ހުކުމެއް ކަޑައެޅިފައިވާނަމަ އެހުކުމެއް އަންނަގޮތް ތަފްސީލު ކޮށްދިނުމަށެވެ.

  8. ޢާހް

    ﷲގެ ރަސޫލާ ޒިނޭގެ ހުކުމް ތަންފީޒް ކުރެއްވީ އާޔައް މަންސޫޚް ކުރެެްވުމުގެ ފަހ ންތޯ ނޫނީ ކުރިންތޯ؟ މަންސޫޚް ކުރެއްވުމުގެ ފަހުން އެކަހަލަ ހާދިސާއެއް ހިގިތޯ؟ ނުހިގާ ނަމަ އަމަލުކުރަން ޖެހެނީ ފަހުގެ ހުކުމް އޮއްވާ މަންސޫޚް ކުރއްވާފައިވާ ކުރީގެ ހުކުމަށްތޯ؟ ޜަސޫލާގެ މައްޗަށް ދޮގެއް ހަދާމީހާ ނަރަކައިނަ ޖާގަ ކަށަވަރުކޮށްފިކަމަށް ހަދީސް ކުރއްވާފައިވަނީ، ވީމާ ހަދީސެއް އާޔަތެއްގެ މައްޗަށް އިސްކުރުމުގެ ހުކުމަކީ ކޮބައިތޯ؟؟ މިކަންތައްތަކަށް ރިސާޗް ކުރެްވާފަ ނުލިޔުއްވަނީ ކީއްވެތޯ؟؟

  9. ފަތީން

    ގަލުން ތަޅާ މީހަކު މަރަން ދީނަކު ނޯވޭ. ބޯގޯސް ވާހަކަ ނުދައްކާ.

    • ބުއްދި

      ގަލުން ތަޅަން ނޯންނަންޏާ އިންޑިޔާއިން ކުދި ހިލަ ގެނެވިދާނެ. އެކަމަކު ތިޔަ ބުނާ މަންސޫޚުވިޔަސް އަމަލު ކުރަން ޖެހޭނެ ކަމަށް އޮތް ހަދީސަކާއި އެ ހަދީސް ލިޔުނު މީހަކާއި އެ ހަދީސް ތިލަވި ދުވަސްވަރެއް ބުނެދެވިދާނެއެއްނު؟ އެބަހުއްޓެއްނު ހަދީސްކަމަށް ބުނެވޭ ކިތަންމެ އަރަބި ލިޔުންތަކެއް؟

      • ފަތީން

        ހަދީސްވެސް ހުރީ އެމީހަކު ބޭނުންވާ ކަންކަމަށް ބާރުދޭން ހަދާފަ. ހުސް ފޭކް.

    • ނަން

      ދީނީ ޢިލްމްވެރިންގެ ބަސް ނުވިކޭ ޒަމާނަށް އައީތޯއްޗެ.

      • އަލީ

        ދީނީ އިލްމު ވެރިންނޭ ކިޔައިގެންއުޅޭ ބަޔެއްގެ ބަސްނުވިކެނީ

  10. ަޕައި

    ރަޖަމުގެ ޙައްދުގެ ޙަޤީޤަތް އެނގޭނެ، އެނގުނަސް ގިނައީ ރަޖަމު ކުރަން ޖެހޭ މީހުންނަށް ވާތީ ނޭގޭ ކަމަށް ހަދާލަނީ.

    • ނޮކް

      ﷲ ގަންދީ ބުނަން ޒިނޭ އަކީ ނުބައިވެގެންވާ އަމަލެއް. މުސްލިމުން އެއަމަލާގާތް ނުވުން ހުއްޓެވެ. ނަމަވެސް ކުދިގަލުންތަޅާ މީހަކު ރަޖަމް ކުރުން އެއީ ނުހަނު ބޮޑު ވޭންދެނިވި އިންސާނަކަށް އެމަރުން މަރަން ކެއްވެސް ނުކުރެވޭ ވަރު މަރެއް. ކީރިތި ގުރުއާނުގައި މިމަރުގެ ވާހަކަނެތް.

  11. ވިސްނާ2

    ﷲސ.ގެ ޤާނޫނަކީ އެމެއް މަތީ ޤާނޫނު. އެމީހުންގެ މަޖިލީސްތަކުން އެކަލާންގެ ޤާނޫނުގެ މަޗަށް ޤާނޫނު ހަދާ އަދި އެމީހުންގެ ކޯޓު ތަކުން އެއަށް ޙުކުމްކޮށް އަދި އެމީހުންގެ ފުލުހުން އެ ތަންފީޒުކޮށްހަދާއިރު ތިބާ އެމީހުން އިހްތިޔާރުކޮށް ވޯޓު ދިނުމުން ތިބާވެސް އެޝިރުކުގަ ބައިވެރި ވެވުނީ. ސޫރަތު އަށްނިސާގެ 60 ވަނަ އާޔަ ވިދާޅުވެލައްވާ!

  12. ޢަހްމަދު

    މުސްލިމު އަހުންނޭ...ކީރިތި ގުރުއާނުގައި އޮވޭ ނޭގޭ އެއްޗެއްވާނަމަ އިލްމްވެރިން ކައިރިން އޮޅުންފިލުވުމަށް. ކީރިތި ގުރުއާނުގައި އޮވޭ ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ ގެ ބަސްފުޅުގެ މައްޗަށް ބަސް ނުބުނުމަށް. ކީރިތި ގުރުއާނުގައި އޮވޭ މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އޭގެ މާނަ ފުރިހަމަޔަށް އެނގުން ނުވާ އާޔަތްތަކެެއްވާކަމައް، ލޮބުވެތި މުސްލިމް އަހުންނޭ ރަނގަޅަށް ފުންކޮށް ކަންކަމުގައި ވިސްނާށެވެ. ބައިބައިވެ ކަންކަމުގައި ޝައްކު އުފެއްދުމުގެ އެއްވެސް އާރެެއް ބާރެެއް އަޅުގަނޑުމެން މި ނިކަމެެތި އަހުންނައް ނެތެވެ. މާތް ﷲ އަށް ތަޣްވާވެރި ވާށެވެ. މާތް ﷲ އަށް ބިރުވެތިވާށެވެ..

    • އަލީ

      އިލްމް ވެރިންކައިރިން އޮޅުންފިލުވަން އޮވޭ،،، އެ ވަރުގެ ތެދުވެރި ﷲ އަށް ބިރުވެތިވާ އިލްމްވެރިން މިހާރު އެބައުޅޭތޯ

  13. ާަހެރީ

    ޥަރައްނުރަަގަލު

  14. އަބްދޫ

    ޔަހޫދީންނާއި ނަސާރަ އިން އެމީހުންގެ ފޮތް ތައުރަތާއި އިންޖީލަށް ބަދަލުގެނައި ނަމަވެސް މި ހުކުމ ފުލަކީ ތައުރާތައި އިންޖިލުގައި މަތްﷲ ބާވައިލައްވާފައިވާ ހުކުމްފުޅެއް. ރަސުލުﷲ ގެފާނު ގެ ހަޔާތްޕުޅުގަ އެކަލެގެ ފާނު ތައުރަތައިން އިންޖީލުގައިވަ މި ހުކުމްފުޅު ތަންފީޒު ކުރެއްވީ.މި އުންމަތުގެ ރަސުލާ ނިންމަވަ އެއްވެސް ކަމެއް އެއީ އެކަލެގެ ފާނުގެ އަމިއްލަފުޅު ނިންމެވުމެއްނޫން.ރާސޫލާގެ ނިންމެވުމަކީ މާތްﷲ އެކަލޭގެފާނަށް ކުރައްވާ އަމުރުފުޅު.ރަސުލާގެ ސުންނަތަކީ ވެސް މުސްލިމުން ތަބާވެ އައަށް އަމަލުކުރަންންޖެހޭ ބައެއް.