މި މައްސަލައާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފުހުއްޓެވެ.
1- ތެދުވާނީ ޤަމަތްދޭން ފެށުމާ އެކުގައެވެ. (ޢަތާ އަދި ޒުހުރީ)
2- ތެދުވާނީ ޙައްޔަ ޢަލައްޞަލާތި މިފަދައިން ކީމައެވެ. (އަބޫ ޙަނީފާ)
3- ތެދުވާނީ ޤަމަތްދީ ނިމުނީމައެވެ. (ޝާފިޢީ)
4- ތެދުވުމަށް ވަކި ވަޤުތެއް ކަނޑައެޅިފައެއް ނެތެވެ. ޤަމަތް ފެށުމާއެކު ނުވަތަ ޤަމަތުގެ މެދުތެރެއިން ނުވަތަ ޤަމަތްދީ ނިމުމުން ތެދުވިޔަސް މައްސަލައެއް ނެތެވެ. (މާލިކީ މަޛްހަބު)
5- ތެދުވުން ސުންނަތް ވެގެންވަނީ ޤަދް ޤާމަތިއްޞަލާތި މި ކަލިމަ ކީމައެވެ. އެއީ އިމާމާ ފެންނަން ހުރި ނަމައެވެ. އިމާމާ ފެންނަން ނެތް ނަމަ ޤަމަތް ދިން ކަމުގައިވިޔަސް ތެދުވާނީ އިމާމު މީހާ ފެނުނީމައެވެ. (އިމާމު އަޙްމަދު)
މިއިން އެއްވެސް ބަސްފުޅަކަށް ސުންނަތުގައި ދަލީލެއް ނެތެވެ. އެއީ އެބޭކަލުން ކުރައްވާފައިވާ އިޖުތިހާދެކެވެ.
މިކަން ތަނަވަސް ވެގެންވެއެވެ. ޤަމަތް ދޭން ފެށުމާއެކު، ނުވަތަ ޤަމަތް ދެމުން ދަނިކޮށް، ނުވަތަ ޤަމަތް ދީ ނިމުމުންވެސް ތެދުވެވިދާނެއެވެ. އެކަމަކު ސުންނަތުގައި މިކަމާބެހޭގޮތުން އޮންނަ އެހެން ކަމެއް އޮވެއެވެ. އެއީ ޤަމަތްދޭ މީހާ ޤަމަތް ދިން އިރުވެސް އިމާމު މީހާ ޙާޟިރުނުވާނަމަ ތެދުވާކަށް ނުޖެހޭނެއެވެ. ތެދުވާނީ އިމާމު މީހާ ފެނުނީމައެވެ.
عن أبي قتادة رضي الله قال : قال رسول الله صلى الله عليه وسلم (إِذَا أُقِيمَتْ الصَّلَاةُ فَلَا تَقُومُوا حَتَّى تَرَوْنِي) رواه البخاري (637) ومسلم (604) وفي رواية لمسلم : (حَتَّى تَرَوْنِي قَدْ خَرَجْتُ) .
އަބޫ ޤަތާދާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ނަމާދަށް ޤަމަތްދެވުނު ކަމުގައިވިޔަސް އަހަރެން ތިޔަބައިމީހުންނަށް ނުފެންނަނީސް ތިޔަބައިމީހުން ނުތެދުވާށެވެ.” އަދި މުސްލިމް ގެ ރިވާޔަތުގައި ވަނީ އަހަރެން (ގެއިން) ނަމާދަށް ނުކުންނަނިކޮށް ތިޔަބައިމީހުންނަށް ނުފެންނަނީސް (ނުތެދުވާށެވެ.)
ނޯޓް: ދިވެހި ރާއްޖޭގައި ޢާއްމުގޮތެއްގައި ބަންގި ގޮވާ މީހާ ނަމާދު ކުރި ކަމުގައިވިޔަސް، އަސްލު ސުންނަތުގައި ވާރިދުވެފައިވަނީ ބަންގި ގޮވާ މީހާ އަދި އިމާމު މީހާ މީ ވަކި ދެމީހެއް ކަމަށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އިމާމެވެ. ބަންގި ގޮވައި ޤަމަތް ދެއްވަނީ އިބްނު އުއްމު މަކްތޫމް ނުވަތަ ބިލާލު ރަޟިޔަﷲ ޢަންހެވެ. އިމާމާ ނުފެންނަނީސް ނުތެދުވުމަށް މި އޮންނަނީ މިފަދައިން ކަންތައްކުރާ ޖަމާޢަތްތަކުގައެވެ. އަދި ގެއިން ނުކުންނަނިކޮށް ނުފެންނަނީސް އޭ އެ އޮތް ބަސްފުޅުގެ މުރާދަކީ ނަބިއްޔާގެ ގެ ކޮޅާ މިސްކިތްކޮޅާ އެއީ ވަރަށް ކައިރީގައި ހުރި (ގެކޮޅުން ނުކުންނައިރަށް މިސްކިތަށް ވަދެވޭހާ ކައިރީގައި ހުރި) ދެތަން ކަމުގައިވާތީ އެގޮތަށް ޢަމަލުކުރުމެވެ.
ޝައިޚު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރެވުނެވެ، “ނަމާދަށް ޤަމަތް ދިނުމުން ތެދުވުމަށް ސުންނަތުގައި ކަނޑައެޅިފައިވާ ވަކި ވަޤުތެއް އޮވޭތޯއެވެ.”
ޖަވާބުގައި ވިދާޅުވިއެވެ. “ތެދުވާންވީ ވަކި ވަޤުތެއް ސުންނަތުގައި ކަނޑައެޅިފައެއް ނުވެއެވެ. “އަހަރެން ފެނުމުން ނޫނީ ތިޔަބައިމީހުން ނުތެދުވާށޭ” އެންގެވުން މެނުވީއެވެ. ޤަމަތް ދޭން ފެށުމުން ތެދުވިކަމުގައިވިޔަސް، ޤަމަތް ދެމުން ދަނިކޮށް ތެދުވި ކަމުގައިވިޔަސް، ޤަމަތްދީ ނިމުމުން ތެދުވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މި ހުރިހާ ގޮތަކީވެސް ހުއްދަ ގޮތްތަކެވެ.” “مجموع فتاوى ابن عثيمين” (13/8) .

މަސްދަރު: ޝާފިޢު.އެމްވީ

ކިޔުންތެރިންގެ ހިޔާލު