އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚުޠުބާ ދެއްވަން ކޮޅަށް ހުންނަވަނިކޮށް، ހުކުރު ދުވަހެއްގައި “ދާރުލް ޤަޟާ” އާ ވީ ފަރާތު ދޮރުން މީހަކު މިސްކިތަށް ވަދެގެން އައިސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ކުރިމަތިވާގޮތަށް ކޮޅަށް ހުއްޓި ހުރެ، އޭގެފަހުގައި ދަންނަވައިފިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! މުދާތައް(ޖަމަލުތައް) ހަލާކުވެއްޖެއެވެ. ގޮތް ހުސްވެއްޖެއެވެ. އަހަރެމެންނަށް ވާރޭ ވެއްސަވައިދެއްވުމަށް އެދި ﷲ އަށް ދަންނަވާދެއްވާށެވެ!” ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދެއަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރެއްވިއެވެ. “ޔާ ﷲ އަޅަމެންނަށް ވާރޭ ވެއްސަވާނދޭވެ! ޔާ ﷲ އަޅަމެންނަށް ވާރޭ ވެއްސަވާނދޭވެ! ޔާ ﷲ އަޅަމެންނަށް ވާރޭ ވެއްސަވާނދޭވެ!” އަނަސް(ޙަދީޘްގެ ރާވީ) ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. (އޭރު) އުޑުމަތީގައި ވިލާގަނޑެއް ނުވަތަ ވިލާކޮޅެއްހައި މިންވަރުވެސް އަހަރެމެންނަށް ފެންނަންނެތެވެ. އަހަރެމެންނާ ފަރުބަދަތަކާ ދެމެދުގައި އެއްވެސް ގެއެއް އަދި ޢިމާރާތެއްވެސް ނުވެއެވެ. ދެން އެކަލޭގެފާނުގެ ފަހަތްޕުޅުން (އުޑުން) އައްޑަނައެއްގެ ސިފަޖެހިފައިވާ ވިލާގަނޑެއް ފާޅުވެއްޖެއެވެ. ދެން އެ ވިލާގަނޑު އުޑުގެ މެދާހަމައަށް އައުމުން އެވިލާގަނޑު ފެތުރިގެންގޮސް ވާރޭވެހެން ފަށައިފިއެވެ. ﷲ ގަންދީ ބުނަމެވެ. ހަފުތާއެއް ވަންދެން އަހަރެމެން އިރު ނުދެކެމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚުޠުބާ ދެއްވަން ކޮޅަށް ހުންނަވަނިކޮށް، ހުކުރު ދުވަހުގައި އެއްކަލަ ދޮރުން މީހަކު ވަދެގެން އައިސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ކުރިމަތިވާގޮތަށް ކޮޅަށް ހުއްޓި ހުރެ، އޭގެފަހުގައި ދަންނަވައިފިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! މުދާތައް(ޖަމަލުތައް) ހަލާކުވެއްޖެއެވެ. ގޮތް ހުސްވެއްޖެއެވެ. އަހަރެމެންނަށް ވާރޭ ހުއްޓުވައިދެއްވުން އެދި ﷲ އަށް ދަންނަވާދެއްވާށެވެ!” އަނަސް ވިދާޅުވިއެވެ. “ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދެއަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރެއްވިއެވެ. “اَللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا. اللَّهُمَّ عَلَى الآكَامِ وَالظِّرَابِ, وَبُطُوْنِ الأَوْدِيَةِ, وَمَنَابِتِ الشَّجَرِ” “ޔާ ﷲ! އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް (މިހާރު) ނުވެއްސަވާނދޭވެ! ޔާ ﷲ! އުސްބިންތަކަށާއި، ފަރުބަދަތަކަށާއި، ވާދީތަކުގެ މެދުގައިވާ އަޑިގުޑަން ތަންތަނަށާއި އަދި ގަސްފަޅާ ތަންތަނަށް ވެއްސަވާނދޭވެ!” އަނަސް ވިދާޅުވިއެވެ. “ދެން ވާރޭ ހުއްޓިއްޖެއެވެ. އަހަރެމެން ނުކުމެ ހިނގައިގަތީ (ދީފައިވާ) އަވީގައެވެ.” ޝަރީކު ވިދާޅުވިއެވެ. “ފަހުން އައި މީހާއަކީ ފުރަތަމަވެސް އައިމީހާތޯ އަހަރެން އަނަސްއާ ސުވާލު ކުރީމެވެ.” އަނަސް ވިދާޅުވިއެވެ. “އަހަރެންނަކަށް ނޭނގެއެވެ.”
——

މާގިނައިން ވާރޭ ވެހޭނަމަ އުޑުމަތި ސާފުކޮށް ދެއްވުމަށް އެދި ކުރާދުޢާ
اَللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا. اللَّهُمَّ عَلَى الآكَامِ وَالظِّرَابِ, وَبُطُوْنِ الأَوْدِيَةِ, وَمَنَابِتِ الشَّجَرِ {رواه البخاري ومسلم}
“ޔާ ﷲ! އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ! އަދި އަޅަމެންގެ މައްޗަށް (މިހާރު) ނުވެއްސަވާނދޭވެ! ޔާ ﷲ! އުސްބިންތަކަށާއި، ފަރުބަދަތަކަށާއި، ވާދީތަކުގެ މެދުގައިވާ އަޑިގުޑަން ތަންތަނަށާއި އަދި ގަސްފަޅާ ތަންތަނަށް ވެއްސަވާނދޭވެ!”

 

މަސްދަރު: ޝާފިއު،އެމްވީ

ކިޔުންތެރިންގެ ހިޔާލު